އަރަބިދުނިޔެ

ޔަހޫދީން ހުޅަނގު އައްސޭރީގެ މިސްކިތެއް އަންދާލައިފި

ލިޔުނީ: އަލްއަޚް އިބްރާހީމް ނާޒިމް

ފަލަސްޠީނުގައި މުސްލިމުންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޞަހުޔޫނީންގެ މީހުން ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ހުޅުޖަހައި އަންދާލައިފި އެވެ. ހައްދުފަހަނާއަޅާފައިވާ ޔަހޫދީންގެ މިބައިގަނޑު މިސްކިތުގެ ތެރެއަށް ވަދެގަނެ އެތަނުގައިވާ ތަކެތި ތަޅާ ސުންނާފަތިކޮށް، ޤުރުއާން މުސްޙަފްތައް ވީދައި ހަދާފައި މިސްކިތުގައި އަލިފާންޖެހީ އެވެ. މިކަންކުރި ޔަހޫދީންނަކީ ހުޅަނގު އައްސޭރީގައިވާ މުސްލިމުންގެ ބިންތަކަށް ވެރިވެގަންނަން އައިސްގެން އުޅޭ ހަތިޔާރުއެޅި ޒަޔަނިސްޓުންނެވެ.

އަންދާލެވުނު މިސްކިތް ހުންނަނީ ހުޅަނގު އައްސޭރީގެ އަވަށެއްކަމުގައިވާ ޔަސޫފްގަ އެވެ. އެތަނަށް ޔަހޫދީންތައް ވަދެގަތީ ރޭގަނޑެއްގަ އެވެ. ވަދެ މިސްކިތުގެ ފާރުގައި ސްޕްރޭ ދަވާދުން ނުބައި އެއްޗެހި ލިޔެ، މިސްކިތުގެ ލައިބްރަރީގައި ހުޅުޖެހީ އެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ފަލަސްޠީނު މީހުން އިސްރާޢީލްގެ ސަރުކާރުގައި އެދުމުން ބުނެފައި ވަނީ އެކަމައިގެން އުޅޭނެ ކަމަށެވެ. މިހެން ބުނިއިރު އެކަންކުރި މީހުންގެ ތެރެއިން އެކަކު ކަމުގައިވާ 17 އަހަރުގެ ޔަހޫދީ ޒުވާނަކު ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. މިކަމާއި ގުޅިގެން ފަލަސްޠީނު މީހުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށުމުން އިސްރާޢީލްގެ ފުލުހުން ވަނީ އެބައިމީހުންނަށް ކަރުނަގޭހުން ހަމަލާދީފަ އެވެ.

ހުޅަނގު އައްސޭރިން ޔަހޫދީ ޒަޔަނިސްޓުންނަށް ދިރިއުޅޭނެ ގޯތިގެދޮރު ބޭނުންވާކަމަށް ބުނެ މުސްލިމް ޢަރަބީން އެބައިމީހުންގެ ގެދޮރުން ބޭރުކުރުމުގެ ޙަރަކާތެއް އިސްރާޢީލުން ވަނީ ފަށައިގެންފަ އެވެ. މިކަމާއި ގުޅިގެން ޤުދުސް އާއި ހުޅަނގު އައްސޭރީގައި ވަނީ ހަމަނުޖެހުން އިތުރުވާން ފަށާފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ހައްދުފަހަނާއަޅާފައިވާ ޔަހޫދީންގެ މީހުން ވަނީ މަސްޖިދުލް އަޤްޞާގެ ތަންތަނަށް ގެއްލުންތަކެއް ދީފަ އެވެ. އެ މިސްކިތަކީ މުސްލިމުންނަށް ޙުރުމަށްތެރިވެގެންވާ މާތް ތަނެއްކާމާއިމެދު ޝައްކުކުރާނެ އިސްލާމަކު ނުހުންނާނެ އެވެ. އެކަމަކު އިސްލާމީ ދުނިޔޭގައިވާ މުސްލިމް ޤައުމުތަކަށް ކުރެވުނު ހަމައެކަނި ކަމަކީ އެކަން 'ކުއްވެރިކޮށްލުމެވެ'. ނުވަތަ އެކަމާމެދު 'ރުޅިވެރިކަން' ފާޅުކޮށްލުމެވެ.

ޔަހޫދީންނާއި މުސްލިމުންގެ މެދުގައި ތަޅާފޮޅުން އިތުރުވަމުންދާތީ އިސްރާޢީލްގެ ފަރާތުން ވަނީ 'ވަގުތީގޮތުން' މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަން ގެދޮރުއެޅުން ހުއްޓާލާފައިވާކަމަށް އިޢުލާންކޮށްފަ އެވެ. މިގޮތުން އެކަން މެދުކަނޑާލީ އެންމެ 10 މަސްދުވަހުގެ މުއްދަތަށްކަމަށް ބުނެފައި ވެއެވެ. އެކަމަކުވެސް ޞަހުޔޫނީންގެ މީހުންތައް ވަނީ މިކަމާއި ރުޅިއައިސްފަ އެވެ. އެހެންކަމުން ޔަހޫދީން ފަލަސްޠީނު ރައްޔިތުންނަށް ހަމަލާތައްދިނުން ވަނީ އިތުރުކޮށްފަ އެވެ. މިކަމާއި ފަލަސްޠީނުގެ ވެރިން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ފަލަސްޠީނުގެ އޮފިޝަލުން ބުނާގޮތުގައި އިސްރާޢީލްގެ ސަލާމަތީ ބާރުތައް ވަނީ މިފަދަ ކަންތައްތަކުން ޢަރަބީން ހިމާޔަށްކޮށްދިނުމަށް ނުކުޅެދިފަ އެވެ.

އިސްރާޢީލުން ފަލަސްޠީނުގެ މުސްލިމް ޢަރަބީންގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރާނެކަން އެންމެންނަށް ވެސް އެނގެ އެވެ. މިހެން ކަންހުރިއިރު މަހުމޫދު ޢައްބާސްގެ ސަރުކާރުން އިސްރާޢީލް ސަރުކާރުގައި ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީ ވަޒަންވެރިންގެ ކިބައިން ހިމާޔަތްކޮށްދިނުމަށް ގޮވާލާގޮވާލުމަކީ ބޮޑު ޖޯކެކެވެ. ހައްދުފަހަނާއަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަމިއްލަ އަށް ދިފާޢުވާންޖެހޭނެ ކަމަށް ބުނެ އެބައިމީހުންނަށް ހަތިޔާރު ދީގެން އުޅެނީ ވެސް އިސްރާޢީލް ސަރުކާރުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *