ދީނީ ލިޔުންދީން

ޝައިޠާނާގެ މަގުގައި ކުރިއެރުމެއް ލިބުމުން އެކަން ﷲ އަށް ނިސްބަތްކުރުމަކީ އެކަލާނގެ އަށް ބުނެވޭ ބަދުބަހެކެވެ.

ކާމިޔާބާއި ނާކާމިޔާބަކީ ހަމަކޮންމެ މީހަކުވެސް ދުނިޔެމަތީގައި ތަޖުރިބާކުރާ އެއްޗެކެވެ. އެއީ ވަކި ބައެއްގެ ޙައްޤެއް ނޫނެވެ. އެކި މީހުންނަށް އެކަންތައް ތަޖުރިބާކުރެވޭނީ އެކި މިންވަރަށެވެ.

ކާމިޔާބެއް ލިބުމުން ނުވަތަ ތިމާއަށް އުފާވެރިކަމެއް ޙާޞިލުވުމުން ހަމަކޮންމެ މުސްލިމަކުވެސް ވަގުތުން ﷲ އަށް ޙަމްދުކުރަން ޖެހޭނެއެވެ. ސަބަބަކީ ހުރިހައި ހެވަކާއި މޮޅެއް އަންނަނީ އެކަލާނގެ ޙަޟްރަތުން ކަމަށް ވާތީއެވެ. ނަމަވެސް ޙަޤީޤީ ކާމިޔާބީ އަކީ ކޯއްޗެއްތޯ މިހާހިސާބުން ސުވާލު އުފެދެއެވެ.

ދާދިފަހުން ދިވެހި އަންހެން ލަވަކިޔުންތެރިއަކަށް އިންޑިއާގެ ފިލްމަކަށް ލަވަކިޔުމަށް ފުރުޞަތު ލިބުމުން އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި އެކަމުގެ ޚަބަރު އެންމެނަށް ދީފައިވެއެވެ. އަދި އެފުރުޞަތު އޭނާއަށްލިބުމުން އެކަމުގެ އުފަލުގައި الحمد لله އަދި الله أَكْبَر އޭ ގޮވާ އުފާފާޅުކޮށްފައި ވެއެވެ. އެއްވިސްނުމަކުން ދަންނަވާކަމަށްވަންޏާ ދެންނެވޭނީ މިއީ އޭނާގެ ހިތުތެރޭގައި އީމާންކަމުގެ ކޮންމެވެސް މިންވަރެއް ހުރުމުން ބުނި އެއްޗެއްކަމެވެ. އަނެއް ވިސްނުމަކުން ދަންނަވާކަމަށްވަންޏާ ދެންނެވޭނީ އޭނާ އެހެން އެބުނީ އޭނާގެ ޖާހިލުކަމުންކަމެވެ. ސަބަބަކީ ޙަރާމްކަމަކުން ކުރިއެރުމެއް ލިބުމުން ﷲ އަށް ޙަމްދު ކުރުން އެއީ ﷲ އަށް ބުނެވޭ ބަދުބަހެއްކަން އޭނާއަށް އެނގޭނަމަ އޭނާ އެހެން ނުބުނީސްކަން ކަށަވަރެވެ.

އާދެ ޝައްކެއްނެތެވެ. މިފަދަ ނޭއްގާނީ ކަންކަން ކުރުމުގެ ފުރުޞަތުތަކަކީ އިންސާނާއަށް ދުނިޔޭގައި ކުރިމަތިވާ އިމްތިޙާނުތަކެވެ. އެއްކޮޅުން ދުނިޔޭގައި މީހުންގެ ކުރިމަތީގައިލިބޭ މަޝްހޫރުކަމެވެ. އަނެއްކޮޅުން މާތް ﷲ ގެ ކޯފާއާއި ޢަޛާބެވެ. ބުއްދިވެރިޔާ އޭނާއަށް މިދުނިޔެއިން ލިބެންހުރި ވަގުތީ ފައިސާކޮޅަކަށްޓަކައި އޭނާގެ އުޚްރަވީޙަޔާތް ބަރުބާދެއްނުކުރާނެއެވެ. ވަގުތީ ޙަޔާތަކަށްޓަކައި ދާއިމީ ޙަޔާތެއް ޤުރުބާނެއްނުކުރާނެއެވެ.

ނަމަވެސް ބުއްދިވެރިއެއް ނޫންނަމަ މިފަދަ ޚަބަރެއް ލިބުމުން ތިމަން މިކުރާ މަސައްކަތަކީ މާތް ﷲ ގެ ޙަޟުރަތުގައި ރުހިވޮޑިގެންވާ ކަމެއްތޯ ސުވާލުކޮށް އިސްލާމްދީނުގައި އެކަން އޮތްގޮތް ބަލާކަށްވެސް ބޭނުމެއް ނުވާނެއެވެ. އެހެނީ އެފަދަމީހާ ބޭނުންވާނީ ޙަރާމްކަމަކަށްވިޔަސް އެކަންކުރާށެވެ! އެންމެފަހުން ޝައިޠާނާ ބުނާނެއެވެ. މިފަދަ ކަންކަމަކީ އަހަރެމެންގެ ތެރޭގައި ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ ކަންކަމެވެ. އެއީ ހަމަ މާތް ﷲ ހުއްދަކުރައްވާފައިވާ ކަންކަމެވެ. އަދި ބައެއްމީހުން ބުނެއެވެ. މީހާގެ އަޑަކީ ނިޢުމަތެކެވެ. ވީމާ ލަވަކިޔާ އެއަޑުގެ ރީތިކަން އިއްވަންވެސް ޖެހޭނެއެވެ.

މިފަދަ ޝައިޠާނީ ވިސްނުމެއް އޮތްނަމަ އެއީ މުޅިން ކުށްހީއެކެވެ. އަންހެނާގެ ތުއިއަޑުން ފިރިހެނުންނާ މުޚާޠަބުކުރުން ކީރިތި ޤުރްއާނުގައިވަނީ ޙަރާމްކުރެވިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. " يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِنَ النِّسَاءِ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَعْرُوفًا ( أحزاب 32) "އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަ ކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކުކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (اللَّهއަށް) تقوىވެރިވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތިއަޑަކުން ވާހަކަނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތިވެދާނެތީއެވެ. (އެބަހީ ހިތުގައި އެދުންވެރިކަން ހިނގާފާނެއަތީއެވެ.) އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!"

އިސްވެދިޔަ އާޔަތުގައި މާތްﷲ އެވަނީ އަންހެނުން ތުއިއަޑުން ވާހަކަދެއްކުން މަނާކުރައްވާފައެވެ. ދެން އަޑުތުއިކޮށް އަސަރުކުރުވާ ގޮތްގޮތް ބަލައިގެން ވައްތަރު ވައްތަރަށްކިޔާ ލަވަހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދިކިއެއްތަ އަންހެނުން ހިލޭ ފިރިހެނުންގެ ތެރެއަށް ނުކުމެ ފާޅުވެ އެކަނބަލުންގެ ޢިއްޒަތާއި އަބުރު ނަގާލުމަކީ މާތް ﷲ އެކަނބަލުންގެ ޢިއްޒަތާއި ޝަރަފަށްޓަކައި ޙަރާމްކުރައްވާފައިވާކަމަކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا (أحزاب 33) "އަދި ތިޔަ ކަނބަލުން، ތިޔަ ކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ އަންހެނުންފަދައިން ޒީނަތްތެރިވެ ފާޅުވެ ނޫޅޭށެވެ! އަދި ތިޔަ ކަނބަލުން ނަމާދު قائمކުރާށެވެ! އަދި ތިޔަ ކަނބަލުން زكاةދޭށެވެ! އަދި اللَّه އާއި، އެކަލާނގެ ރަސޫލާ އަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيتންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهرކުރެއްވުމަކުން ތިޔަބައިމީހުން طاهرކުރެއްވުމަށެވެ. "

އެއްވެސް ޙާލެއްގައި މިފަދަ ކަންކަމަކީ ބަޔަކު ކޮށްއުޅުނަސް ހުއްދަ ކަންކަމެއް ނޫނެވެ. އަދިކިއެއްތަ މިފަދަ ޝައިޠާނީ މަގުތަކުން ސަލާމަތްވުމަށް މާތް ﷲ ވަނީ މުޅި އިންސާނިއްޔަތަށް ވަޞިއްޔަތްކުރައްވާފައެވެ. މާތް ﷲ ވަޙީކުރެއްވިއްވިއެވެ.  يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ (  سورة الأعراف 27) "އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدمގެފާނާއި حوّاءގެފާނާއި) ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެފޭރާން ބާލައި، އެދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠާނުން ނުފެންނަހިނދުގައި، އެ ޝައިޠާނާއާއި، އޭނާގެ لشكرއަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠާނުން ލެއްވީމެވެ."

وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّهُ أَمَرَنَا بِهَا قُلْ إِنَّ اللَّهَ لَا يَأْمُرُ بِالْفَحْشَاءِ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ (سورة الأعراف28) "އެއުރެން فاحشކަމެއްކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمرކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحشކަމަކަށް ހަމަކަށަވަރުން، اللَّه ޢަމުރެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّهއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"

އޭ އުޚްތާއެވެ. ތިޔައީ ތިޔަ އުޚްތާއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. ނާކާމިޔާބީއެކެވެ. މިއުޒިކު ކުޅެ ލަވަކިޔުމަކީ ޙަރާމްކަމެއްކަން ކިތަންމެ ކުޑަކޮށް ވިސްނާލިޔަސް ތިޔަ އުޚްތާއަށް އެނގޭނެއެވެ. އެންމެ ރަނގަޅެވެ. ނިކަން ބުނެބަލާށެވެ. ހިލޭ ފިރިހެނުންތައް ކުރިމަތީ ނިވާކަންކުޑަ ހެދުންއަޅައިގެން ނެށުމަކީ އެކަމުން ޘަވާބާއިދަރުމަ ލިބޭނޭކަމެއްހެއްޔެވެ. ނޫނެކެވެ. އެއީ ﷲ ގެ ގަދަފަދަ ޢަޛާބު ލިބޭނެކަމެކެވެ. މަރުއައިސް ތިޔަ އުޚްތާއާއި ބައްދަލުކުރުމުގެ ކުރިން އަވަހަށް ތައުބާވާށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހިޕްހޮޕް ވެގެން މިއުޅޭ ލަވަކިއުން ތެރިންނަށް ބުނެލަން އޮތީ ޔަގީނުންވެސް ކަލޭމެން ނަރަކައިގައި ވެސް ހިޕްހޮޕް ވެގެން އުޅޭނެއެވެ. މިއީ ހަމަ ފާޑެއްގެ ހަޝިވިއްކުމެކެވެ. ވަގުތު ފާއިތު ނުވަނީސް ވިސްނާލާށެވެ.

Your email address will not be published. Required fields are marked *