އަރަބިދުނިޔެ

އިސްރާޢީލުން އިންސާނުންގެ ގުނަވަންތައް ވަގަށްނަގާ ކަމަށް އެއްބަސްވެއްޖެ

ލިޔުނީ: އިބްރާހިމް ނާޒިމް

ޔަހުދީ ދައުލަތުން މަރުވެފައި ތިބޭ ފަލަސްޠީނު މީހުންގެ ގުނަވަންތައް ވަގަށްނަގާކަމަށް އެއްބަސްވެއްޖެ އެވެ. މިކަންތައް އެބައިމީހުން ކުރަނީ މަރުވެފައިވާ މީހާގެ އާއިލާގެ އެއްވެސް ހުއްދައެއް ނެތި އެވެ. މިކަމެއް އިސްރާޢީލުން ކުރަމުން އަންނަތާ މިހާރު 19 ވަރަކަށް އަހަރު ފާއިތުވެފައި ވެއެވެ. ޠަލްއަބީބުގެ އަބޫ ކާބިރު ފޮރެންޒިކް އިންސްޓިޓިއުޓްގެ ވެރިޔަކަށް ހުރި ޖެހޫދާ ހިސް އެއްބަސްވެފައިވާ ގޮތުގައި އެތަނުގައި މަސައްކަތްކުރާ މީހުން ފަލަސްޠީނު މީހުންގެ ހަށިތަކުން ހަމާއި، ލޮލުގެ ކޯނިޔާ އާއި، ހިތުގެ ލޭހޮޅިތަކާއި، ކަށިތައް ވެސް ވަގަށްނަގާފައި ވެއެވެ. ފަލަސްޠީނު މީހުންގެ އިތުރުން ޔަހޫދީ ޤައުމަށް މަސައްކަތު މީހުންގެ ގޮތުގައި ގެނެސްގެން އުޅޭ ބިދޭސީންގެ ހަށިތަކުން ވެސް ގުނަވަންތައް ވަގަށްނަގާފައި ވެއެވެ.

އަލްޖަޒީރާ ނިއުސް ޗެނަލް އިން ކުރި ސުވާލެއްގެ ޖަވާބުގައި ނޭންސީ ޝެޕާ ހިޔުސް ބުނެފައި ވަނީ މިގޮތުން ވަގަށްނެގޭ ގުނަވަންތައް ބޭނުންކުރެވެނީ ހޮސްޕިޓަލްތަކުގައި ހިންގާ ގުނަވަންތައް ބަދަލުކުރުމުގެ މަސައްކަތަށް ކަމަށެވެ. މިގޮތުން އިސްރާޢީލުގެ ޢަސްކަރިއްޔާގައި ހިމެނޭ ސިފައިންނަށް ލިބޭ ޒަޚަމްތަކާއި، އަނިޔާތަކަށް ފަރުވާކުރުމަށް އިސްކަންދެވެ އެވެ. މި އިންޓަވިޔު ވަނީ އިސްރާޢީލްގެ ޗެނަލް 2 ޓެލެވިޜަނުން ވެސް ދުރަށް ދައްކާފަ އެވެ. އިންޓަވިޔު ނިންމާލަމުން ދުނިޔޭގެ މީސްތަކުންނަށް އޮޅުވާލުމަށްޓައި ޔަހޫދީ ދައުލަތުގެ ޢަސްކަރިއްޔާ އާއި ހަވާލާދީ ބުނެފައިވަނީ މި ކަންތައް މީގެ ދިހަ އަހަރު ކުރިން ވަނީ ހުއްޓާލާފައި ކަމަށެވެ.

ކެލިފޯނިޔާ-ބާރކްލޭ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ނޭންސީ ޝެޕާ ހިޔުސް ބުނެފައި ވަނީ އޭނާ ހެސް އާއި ކުރި އިންޓަވިޔު ދުނިޔެއަށް ހާމަކުރީ ސަބަބުތަކެއް ހުރެގެންނެވެ. އެއްކަމަކީ ދާދި ފަހުން ސްވީޑުންގެ ނޫހަކުން ވަނީ އިސްރާޢީލުން އިންސާނުންގެ ގުނަވަންތައް ވަގަށްނަގާކަމަށް ބުނެ އެތައް ތުހުމަތުތަކެއްކޮށްފަ އެވެ. ސްވީޑުންގެ Aftonbladet ނަމަކަށް ކިޔުނު ނޫހުގައި ލިޔެފައިވާގޮތުން އިސްރާޢީލުގެ ސިފައިން ވަނީ ފަލަސްޠީނު މީހުން މެރުމަށްފަހު އެމީހުންގެ ގުނަވަންތައް ވަގަށްނަގާފަ އެވެ. މިކަމާއި ގުޅިގެން އިސްރާޢީލުން އައި ރުޅީގައި ބުނެފައި ވަނީ ސްވީޑުން އިން ޔަހޫދީންނާއި ޖައްސާލައިގެން އުޅެނީ ކަމުގަ އެވެ. އެ ނޫހުގައި މި ވާހަކަތައް ލިޔުނު ޑޮނަލްޑް ބޮސްޓްރަމް އަލްޖަޒީރާ އަށް ޚަބަރުދެމުން ބުނެފައިވަނީ، ވާނުވާއެއް ނޭނގި ފަލަސްޠީނު މީހުން ގެއްލޭ ކަމަށާއި އެއަށްފަހު ދެން އެމީހުން ފެންނަނީ މަރުވެގެން 'ޕޯސްޓްމޯޓަމް' ހަދާފައި އޮއްވާ ކަމަށެވެ.

ނޭންސީ ޝެޕާ ހިޔުސް ބުނާގޮތުން ގުނަވަންތައް ވަގަށްނެގުމުގައި އިސްރާޢީލުން ބޭނުންކުރާ މީހުންނަކީ ޔަހޫދީ ސިފައިންގެ ކުއްލި ހަމަލާތަކުގައި މަރުވާ ފަލަސްޠީނު މީހުންނެވެ. އަދި މިކަން ކުރަނީ ސިފައިންގެ ޑޮކްޓަރުންނެވެ. މިކަން ޔަޤީންކޮށް ބުނަން އެނގޭކަމަށް ވެސް ޝެޕާ ހިޔުސް ބުނެފައި ވެއެވެ. އާދައިގެ ޒަޚަމެއްވެގެން ފަރުވާއަށް ގެންދެވޭ މީހުން ދެން ފެންނަނީ ގެނެސް އާއިލާ އާއި ވަޅުލަން ހަވާލުކުރެވޭތަނެވެ. އޭރު މީހާގެ ގައިގެ އެތަންމިތަން ހުންނަނީ ފަހާފަ އެވެ. ބެލޭވޭގޮތުން ކިޑްނީ އާއި ހިތާއި އަދި ދެ ލޯ ވެސް އޮންނަނީ ނަގާފަ އެވެ. ދެ ލޯ ނެގިކަން ސިއްރުކުރުމުގެ ގޮތުން ލޯ ނުހުޅުވޭނެގޮތަށް އޮންނަނީ ބާރުގަދަ ތެރަސްފަދަ އެއްޗެއް ލައިގެން ތަތްކޮށްފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *