ދީނީ ލިޔުންދީން

ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ ރަމަޟާން މަސް ލިބިގަތުން

ދަރުމަ އާއި މަޣްފިރަތުގެ މިމައްސަރުގައި، ނަމާދުކުރުމާއި ޤުރުއާން ކިޔެވުން، އަދި ރޯދަހިފުމަށް ނުކުޅެދިގެންވާ ޙާލު މުސްލިމު އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ޙައިޟާއި ނިފާސްގެ މުއްދަތު ތަޙައްމަލްކުރަންޖެހެއެވެ. މިގޮތުން އެހެން މުސްލިމް އަޚުންނާއި އުޚްތުން ތަރާވީޙް ނަމާދުކުރުމާއި އިޢްތިކާފާއި ޤުރުއާންކިޔެވުމުގައި ވަޤުތުތައް ގުނަމުންދާ މަންޒަރު ބެލުމަކީ މިފަދަ ޙާލަތެއްގައި އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ވެގެން ނުދާނެއެވެ. ނަމަވެސް އަންހެނާ ތަޙައްމަލްކުރަން ޖެހޭ މިފަދަ ދުވަސްތަކަކީ، ހަމައެކަނި ﷲސުބަޙާނަހޫ ވަތަޢާގެ ޤުދުރަތްތެރިކަމުގެ ތެރެއިން، އެކަލާނގެ އަންހެނާގެ ރައްކާތެރިކަމާއި ޢާފިޔަތަށްޓަކައި ލައްވަވާފައިވާ ދުވަސްތަކެއްކަމާއި މެދަކު ޝައްކެއްނެތެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި އިންސާނިއްޔަތަށް އަންގަވައިދެއްވާފައިވަނީ، އެކަލާނގެ އިންސާނާ ހައްދަވާފައިވަނީ އެންމެ ރިވެތި ޞޫރައިގައި ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ)) (سورة التين:4) މާނައީ، ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ.”

ޢާއިޝާ ރަޟިއަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. ” ޙައްޖުގެ އަޅުކަން އަދާކުރައްވަނިކޮށް ތިމަންކަމަނާގެ ޙައިޟާއި ކުރިމަތިލަންވަން ޖެހިވަޑައިގަތެވެ. އެހިނދު ތިމަންކަމަނާ ކީރިތިކުރަންވަން ފެއްޓެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަމަނާއަށް ވިދާޅުވިއެވެ. “ކަމަނާ އަށް ކިހިނެއްވީތޯއެވެ؟ ކަމަނާގެ ޙައިޟު ފެށުނީތޯއެވެ؟” ތިމަންކަމަނާ ދެންނެވީމެވެ. “އާދޭހެވެ.” އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” މިއީ ކީރިތިﷲ އާދަމްގެފާނުގެ އަންހެން ދަރިންނަށް ކުރައްވާފައިވާ ތަޤްދީރެވެ.”(الحاكم)

އެންމެ ފުރިހަމަ ތަބީޢަތުގައި އިންސާނާ ހެއްދެވި ޚާލިޤުވަންތަ އިލާހު ފިޔަވާ، އޭނާއަށް އެންމެ މޮޅު އިތުރުވެގެންވީ ގޮތް ދެެވޮޑިގެންވާނޭ އެހެން ފަރާތެއް ނުވާނެކަމީ ޝައްކެއްހުރިކަމެއް ނޫނެއެވެ. އެހެންކަމުން އެތައް ޙިކުމަތްތަކަކަށްޓަކައި އެކަލާނގެ އަންހެނާގާއި ފިތުރަތުގައި ލައްވާފައިވާ މިފަދަ ސިފަތަކާއި މެދު ހިތްހަމަނުޖެހުމުގެ ބަދަލްގައި، ޤަޟާ ޤަދަރަށް އީމާންވުމާއި އެކު އެކަލާނގެ އާއި ކުއްތަންވުމުގެ ކުޅަދާނަކަން ލިބިގެންވީ އެންމެ ފުރިހަމަ މިންވަރަކަށް ކުއްތައްވުމަށް ސަމާލުވާންޖެހެއެވެ.

އުންމުލް މުއުމިނީން މައިމޫނާ ރަޟިއަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. ” ތިމަންކަމަނާގެ ޙައިޟުގެ މުއްދަތުގެ ތެރޭގައި ނަމާދެއް ނުކުރައްވަމެވެ. ނަމަވެސް މަސްޖިދުއް ނަބަވީގެ ކައިރީގައި ކުނަލެއް އަޅުއްވައިގެން އޭގެމަތީގައި އިންވަމުއެވެ.”(البخاري)

ޙައިޟާއި ނިފާސްގެ ދުވަސްވަރުގައި ﷲތަޢާލާ އާއި ކުއްތަންވުމުގައި މުސްލިމު އުޚްތުންނަން ތަބާވެވިދާނޭ ބައެއް އުސޫލުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

  • ބަންގީގެ ވަޤުތުގައި، މުއައްޛިންގެ އަޑުދަށުން ބަންގީގެ ކަލިމަތަށް ތަކުރާރުކުރާށެވެ!
  • ބަންގި ގޮވާ ނިމުމުން ބަންގީގެ ދުޢާ ކިޔާށެވެ!
  • ބަންގީގެ ފަހުގައި، ޤަމާތްދިނުމާއި ދެމެދުގައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އެވަޤުތުގައި ކުރެވޭ ދުޢާ އިޖާބަކުރައްވާކަމުގައި ވާރިދުވެގެންވެއެވެ.
  • ހެނދުނު ނިދާ ހޭލުމާއި އެކު، ހެނދުނުގެ ވަޤުތުގައި ކިއުމަށް ވާރިދުވެގެންވާ ދުޢާތައް ކިއުމަކީ ކޮންމެ ދުވަހެއްގެ އާދައެއްކަމުގައި ހަދާށެވެ!
  • ހަވީރުގެ ވަޤުތުގައި ކިއުމަށް މޮޅު އިތުރުވެގެންވާ ދުޢާތައް އިރުއޮއްސުމުގެ ކުރިން ކިއުމަށް ސަމާލުކަންދޭށެވެ!
  • ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤް އަދި ސޫރަތުއް ނާސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު 3ފަހަރު ކިޔާލާށެވެ!
  • ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިއުމުގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑި އިރު ހޭދަކުރާށެވެ!
  • ދީނީ ދަރުސެއް އަޑުއެހުމަށްޓަކައި، ނުވަތަ ދީނީ ފޮތެއް ކިޔާލުމަށްޓަކައި ދުވާލުގެ ކޮންމެވެސް އެއް ވަޤުތެއް ޚާއްޞަކުރާށެވެ!
  • ﷲގެ ނަންފުޅުތައް(އަސްމާއުލް ޙުސްނާ) ގިނަގިނައިން  ކިއުންމަތީގައި ދެމިހުންނާށެވެ!
  • ﷲއަށް ޛިކްރުކުރުމުގައި އަބަދު ވެސް ދޫ ތެތްކަންމަތީގައި ބަހައްޓާށެވެ!
  • ތަނަވަސްކަން ތަންދިން މިންވަރަކުން ރޯދަވީއްލުމަށް މެހެމާނުންނަށް ދަޢުވަތުދޭށެވެ!
  • ތަރާވީޙު ނަމާދުގެ ވަޤުތުގައި ކީރިތި ޤުރުއާން އަޑުއެހުމުގައި ހޭދަކުރާށެވެ! މާތްﷲ އިރާދަކުރެއްވިއްޔާ ތަރާވީޙުގައި ބައިވެރިވީ މީހަކާއި އެއްވަރަށް އަޖްރުދެއްވާނެއެވެ.
  • ނިދަން އޮށޯތުމަށްފަހު ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤި އަދި ސޫރަތުއް ނާސް ކިޔެވުމަށްފަހު، ދެއަތްތިލަ ޖޯޑުކޮށްލާ ދެއަތްތިލައަށް ފުމެލާށެވެ! އަދި ބޮލާއި މޫނުން ފެށިގެން މުޅި ހަށިގަނޑުގައި ތިން ފަހަރު އަތް އުނގުޅާލާށެވެ.(البخاري)
  • ނިދުމުގެ ކުރިން އާޔަތުލް ކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުމަށްފަހު ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔާށެވެ.
  • ރޭގަނޑުގެ އެންމެ ފަހު ދަމުގައި ތެދުވެ އެކަހެރިވެ އިސްތިޣްފާރުކޮށް، ޙާޖާތްތައް ފުއްދަވައިދެއްވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާދަންނަވާށެވެ! އެވަގުތަކީ އަޑުއައްސަވާ އިލާހު އަޅުތަކުންގެ ދުޢާތައް އިޖާބަކުރައްވާ، ފާފަފުއްސަވާ، ބޭނުންތައް ފުއްދަވާނޭކަމަށް ވަޢުދުވެވޮޑިގެންވާ ވަޤުތެވެ. (البخاري ومسلم)
  • އިންޓަރނެޓާއި އެނޫން ވެސް ވަޞީލަތްތައް ބޭނުންކޮށްގެން އިސްލާމްދީނުގެ ދަޢުވަތު ފެތުރުމުގައި މިދުވަސްތައް މަޝްޣޫލުކުރާށެވެ!
  • ގާތްތިމާގެ މީހުންނާއި، އަވައްޓެރިންނާއި، ރަޙްމަތްތެރިންނާއި ބަލިމީހުންނަށް ޒިޔާރަތްކޮށް ސަލާމްކުރުމާއި ހެޔޮދުޢާކުރުމާއި އެހީތެރިވުން ގިނަކުރާށެވެ!
  • ޞަދަޤާތްކުރުން ގިނަކުރާށެވެ!

މިރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފްސުތަކަށްވާ ތޯހިރުކަމެއްކަމުގައި ލައްވާށިއެވެ! އަދި އަޅުގަނޑުމެންގެ ފާފަތަކުންވާ ރައްކާތެރިކަމެއްކަމުގައި ލަހައްޓަވާށިއެވެ! އަޅުގަނޑުމެންގެ ހިތްތަކާއި ﷲސުބަޙާނަހޫ ވަތަޢާލާ އާއި ދެމެދުގައިވާ ގުޅުން ދުނިޔޭގައިވާ ހުރިހާއެއްޗަކަށްވުރެ ބާރުގަދަކުރައްވުމާއި އެކު، އެކަލާނގެ ޙަޟުރަތަށް މިކުރާ ދަތުރުގައި ސީދާ މަގުގައި ޡާބިތުކުރައްވާށިއެވެ! އާމީން!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *