ރަމަޟާންމަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް ތައްޔާރުވާން ޖެހޭކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާން ކޮށްދީފިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ޖެހެއެވެ. ރަމަޟާން މަހަށް ތައްޔާރުވާން ޖެހެނީ މިބަރަކާތްތެރި މައްސަރުގެ ޙަޤީޤީ މަޤްޞަދު ޙާޞިލުކުރުމަށާއި މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ހެޔޮ ގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ހާސިލްކުރަން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
"ރަމަޟާން މަހުގެ ފުރިހަމަ ދަރުމަ ލިބިގަނެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތަށް، ކަންތައްތައް ރާވަން ޖެހެއެވެ. އާދައިގެ ގޮތުގައި ކުރަމުންދާ ބައެއް ކަންތައް ފަހަތަށް ޖައްސައިލައިފައެވެ. ހަމަ މި ބީދައިން މި ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބު ފުރިހަމަގޮތުގައި ހޯދުމަށްޓަކައި ތައްޔާރީތަކެއް ވާން އެބަޖެހެއެވެ. ޤުރްއާނުގެ މައްސަރެވެ. ޤުރްއާން ބާވައި ލެއްވުނީ މި ބަރަކާތްތެރި މައްސަރުގައެވެ. އެހެންކަމުން މި މައްސަރުގައި ކީރިތި ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއް ދީ، ކީރިތި ޤުރްއާން ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރަން ޖެހެއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ކިޔަވައި ދިނުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.
އަދި ތަރާވީޙު ނަމާދާއި ރޭ އަޅުކަން ކުރުމަށް ވެސް ސަމާލުކަން ދޭން ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ. ޚުޠުބާގައި ބުނެފައި ވަނީ "ތަރާވީޙު ނަމާދު އިމާމު މީހާއާ އެކު ނިމެންދެން ކޮށްފި މީހާ، މުޅި ރޭ އަޅުކަންކުރި މީހެއްގެ ގޮތުގައި ލިޔުއްވޭ ހުށްޓެވެ."
ޚިޔާލު