އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން އަޤުޞާ މިސްކިތުގެ އިމާމް ޝައިހް އަކްރަމް ސުއައިދު ޞަބްރީ ހައްޔަރުކޮށްފިއެވެ. އިމާމް ޞަބްރީ ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ ގުދުސްގެ ގޭގައި އާއިލާއާއިއެކު ހުންނަވަނިކޮށެވެ.
އުމުރުފުޅުން82 އަހަރުގެ ޞަބްރީ އަކީ1996 ވަނަ އަހަރުން2006 ވަނަ އަހަރަށް ފަލަސްތީންގެ އެންމެ އިސް މުފްތީގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅާއެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އިސްރާއީލް ސިފައިން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
އާއިލާ އިން މައުލޫމާތު ދެއްވާ ގޮތުގައި ޞަބްރީ ހައްޔަރުކުރި ސަބަބެއް އިސްރާއީލް ސިފައިން ބުނެއެއް ނުދެއެވެ. އޭނާ ހައްޔަރު ކުރީ ހުކުރު ނަމާދަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށް ކަމަށް އަނބިކަނބަލުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
1973 ވަނަ އަހަރުން ފެށިގެން އަޤުޞާ މިސްކިތުގައި ހުކުރު ހުތުބާ އާއްމުކޮށް ދެއްވަނީ ޞަބްރީއެވެ. ނަމަވެސް2000 ވަނަ އަހަރު ފަލަސްތީންގެ ދެވަނަ އިންތިފާޟާ ފެށުމުން އަޤުޞާ މިސްކިތް ހުންނަ ސަރަހައްދަށް ޞަބްރީ ވަނުން މަނާ ކުރިއެވެ.
ބުދަ ދުވަހު އިސްރާއީލްގެ ސިފައިން ކުއްލިއަކަށް އަޤުޞާ މިސްކިތުގެ ތެރެއަށް ވަދެ މިސްކިތް ތެރޭގައި ތިބި ފަލަސްތީންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ހައްޔަރު ކޮށްފައި ވެއެވެ.

















ޚިޔާލު