ދުނިޔެ

ރަމަޟާން މަހު މިސްރުގެ ބައެއް މިސްކިތްތަކުގައި ބޮޑު ޖަމާޢަތުގައި ނަމާދު ކުރެވޭނެ 

ރަމަޟާން މަހު މިސްރުގެ ބައެއް މިސްކިތްތަކުގައި ބޮޑު ޖަމާޢަތުގައި ނަމާދު ކުރަން ހުއްދަދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށޭނީ އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ރަމަޟާން މަސް ވެސް ގިނަ ގައުމުތަކުގައި ކުރިއަށް ދާނީ ބަލިން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތަކާއިއެކުގައި ކަމަށް ލަފާކުރެވެއެވެ.

މިސްރު ސަރުކާރުން ބުނީ ރަމަޟާން މަހު އެގައުމުގެ ގިނަ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރަން ވެސް ހުއްދަ ދޭނެ ކަމަށާއި ނަމަވެސް މިސްކިތްތަކުގައި ބަލި ފެތުރިގެން ދިއުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. "އަޅުގަނޑުމެން ބާރުއަޅަނީ ތަރާވީހް ނަމާދު މިއަހަރު ވެސް ގޭގައި ކުރުމަށް. މިހާލަތުގައި އެއީ އެންމެ އެދެވިގެންވާ ގޮތް. ނަމަވެސް އަޅުގަނޑުމެން ވީވަރަކުން މިސްކިތައް ހުޅުވާލައި ނަމާދު ކުރަން ފުރުސަތު ދޭނަން." މިސްރުގެ އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިސްރަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ އެއްގައުމެވެ. މިސްރުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އެއްލައްކަ އައްޑިހަހާހަށް އަރައެވެ. ޖޫން މަހު އެގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު އޮގަސްޓްމަހުން ފެށިގެން ނޮވެމްބަރ މަހާއި ހަމައަށް ފައްސިވި މީހުންގެ އަދަދު ދަށްވިއެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައެވެ.

މިސްރުގައި ވެސް މިހާރު ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭން ފަށާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.

More in ދުނިޔެ