ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޞިހުރަކީ މުޅި މުޖުތަމަޢަށް ހުރި ނުރައްކަަލެއް: ޝެއިޚް ޠައްޔިބު

އައްޝައިޚް މުޙައްމަދު ޠައްޔިބް ދަރުސެއް ދެއްވަނީ - ދިއިސްލާމް ފައިލް ފޮޓޯ

ޞިހުރަކީ މުޅި މުޖުތަމަޢަށް ހުރި ނުރައްކަަލެއްކަމަށް އައްޝައިޚް މުހައްމަދު ޠައްޔިބު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ޝައިޠާނާ އެދޭ ކަންކަން ކޮށް އެއަށް ކިޔަމަން ވާނަމަ އެމީހުން އެކަން ކުރަން އަވަސްވެގަނޭ. ޞިހުރަކީ މުޅި މުޖުތަމަޢަށް ހުރި ނުރައްކަަލެއް. ޞިހުރުގެ ސަބަބުން ފިތުނަ ފަސާދަ އުފެދޭތީ ޢިލްމުވެރީން ވަނީ ޞިހުރުވެރީންނަކީ ޤަތުލުކުރަން ޖެހޭ ބައެއް ކަމުގައި ބުނެފައި."ކަމަށް ޝެއިޚް ޠައްޔިބު ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މިގޮތަށް ރާވައިގެން އިންސާނުންގެ ތެރެއިން ޞިހުރު ހަދާ މީހުން ޝައިޠާނުންގެ ތެރެއިންވާ ޝައިޠާނާއާއި ދެމީހުން ދެމެދު އެކަން ކުރާނެ ގޮތަކާއިމެދު އެއްބަސްވާ"ކަމަށާއި "ޞިހުރުވެރިޔާ ޝައިޠާނާ އެބުނާ ގޮތަށް އޭނާ އަށް ކިޔަމަންތެރިވާ މިންވަރަކަށް ޝައިޠާނާ އިންސާނާއަށް އެކަމުގައި އެހީތެރިވެދޭ"ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

"ޝައްކެއްނެތް ގޮތުގައި މިފަދައިން ޢަމަލުތައް ހިންގާ މީހުން މިގޮތައް ޢަމަލުތައް ހިންގަނީ ﷲ ތަޢާލާއަށް ވަކީލު ކުރުމާއި ﷲ ތަޢާލާއަށް އިޢުތިމާދު ވުމާއި، ދުޢާ ކުރުމާއި، އެއްކައުވަންތަ ކުރުމާއި، މިހުރިހާ ކަމެއް އެއްފަރާތަކަށް ޖައްސާލުމަށްފަހު ސީދާ ޝައިޠާނާއަށް އިޢުތިމާދު ވަނީ އޭނާގެ ފަރާތުން ކަންކަން ވުމަށްޓަކައި." ކަމަށާއި "ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަަމަގެ މަތިވެރި ސުންނަތުންނާއި ކީރިތި ޤުރުއާނުން މިފަދަ ކަންތައްތަކާއި ކުރިމަތިލާނެ ގޮތް، މިކަހަލަ ކަންކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް، މިކަހަލަ ކަމެއް ދިމާވެއްޖެނަމަ އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފައިވާ"ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

ޞިހުރުން ސަލާމަތް ވުމަށްޓަކައި ޞިހުރުވެރީންގެ ގާތަށް ދިޔުމަކީވެސް މާތްވެގެންވާ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއްކަމަށާއި ކަހީނެއް ކައިރިއަށް ގޮސްފިނަމަ 40 ދުވަސް ވަންދެން ނަމާދު ޤަބޫލު ނުކުރައްވާނެ ކަމަށާއި، ޞިހުރުން ސަލާމަތް ވުމަށްޓަކައި ހުއްޓުމެއް މެދުކެޑުމެއް ނެތި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިއުމާއި، އާޔަތުލްކުރުސި ކިޔެވުމަށް ޝެއިޚް ނަސޭހަތްދެއްވިއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *