ކައިވެނި ރޫޅިފައި ތިބި އަންހެނުންނާއި ކައިވެނި ކުރުމަކީ ގިނަގުނަ ޘަވާބު ދެއްވާނެ ކަމެއް ކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާއީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް އިތުރަށް ވިދާޅުވި ގޮތުގައި ވަރިވެފައި ނުވަތަ ހުވަފަތްވެފައި ތިބޭ އަންހެނުންގެ ތެރޭގައި ތަޤްވާވެރިކަމާއި ދިރިއުޅުމުގައި ހަރުދަނާގޮތުން އެންމެ އަރައިތިބި އަންހެނުން ހިމެނޭކަމަށާއި، ކިތަންމެ ރަނގަޅު މީހެއްގެ ކައިވެނިވެސް ރޫޅިދާނެ ކަމަށެވެ. ކައިވެނި ރޫޅޭއިރަށް އެއީ އެމީހާގެ ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއް ކަމަށް ނުދެކުމަށެވެ.
އަދި ހަމަ އެހެންމެ ވަރިވެފައިވާ އަންހެނުންނާއި އަދި ހުވަފަތްވެފައިވާ އަންހެނުންނާއި ކައިވެނި ކުރުން އެއީ އެންމެ ރަނގަޅު އަންހެނުން ކަމުގައިވެސް ވެދާނެ ކަމަށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ކައިވެނިފުޅުތަކުންވެސް މިކަން އޮތީ ފެންނާށެވެ. އަދި ޢާއިޝަތުގެފާނު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުންނަށް ބެލުމުންވެސް މިކަން އެނގިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެކަނިވެރިވެ ނިކަމެތިވެފައި ތިބޭ އަންހެނުންނާއި ކައިވެނިކޮށް އެމީހުންގެ ޙަޔާތަށް އުފާވެރިކަމެއް ހޯދައިދިނުމަކީ މަތިވެރި އަޅުކަމެއް ކަަމަށާއި، އެމީހާގެ ދަރިން ތިބިނަމަ، އެއްވެސް އަމިއްލަ އެދުމެއް ކުރިއަށް ނުނެރެ އެދަރިންނަކީވެސް އަމިއްލަ ދަރިންކަމަށް ބަލައި ހެޔޮ ގޮތުގައި ބަލައި ބޮޑުކޮށްފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އެތައް ގޮތަކުން އެތައް ގުނައަކަށް އިތުރުވެގެން ދާނެކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވަނީ ކައިވެނި ކުރާނަމަ ހުވަފަތް އަންހެނުންނާއި ކައިވެނި ކުރުމަށާއި، ވަރިވާން ޖެހިފައިވާ އަންހެނުންނާއި ކައިވެނި ކުރުމަށެވެ. އެކަނބަލުންނަށް ލިބިފައިވާ ނިކަމެތިކަމުން ސަލާމަތްކޮށްދީ އެހީތެރިވާން މަސައްކަތް ކޮށް އެކަމުން ލިބެން އޮތް އެންމެ މަތިވެރި ޘަވާބާއި ދަރުމަ ހޯދަން ގަދައަޅައި މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ޚިޔާލު