ޒުވާން ދުވަސްވަރު ހެޔޮ ޢަމަލު ކުރުން މަތީގައި ދެމިހުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝެއިޚް މުހައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޅުގަނޑުމެން މި ދުނިޔެވީ ޙަޔާތުގައި ދުވަސްތައް ވޭތުކުރަމުން ދާއިރު މާދަމާ ޤިޔާމަތް ދުވަހުގެ ކާމިޔާބު ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް އެންމެ މުހިއްމު ދުވަސްވަރަކީ އަޅުގަނޑުމެންގެ ޒުވާން ދުވަސްވަރު ކަމަށެވެ. އަޅުގަނޑުމެންގެ ޒުވާން ދުވަސްވަރު ނުކުރި ޢަމަލެއް އަޅުގަނޑުމެން މުސްކުޅި ކަމާއި ހަމައަށް ފޯރުމަށްފަހު އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމަށެވެ.
ﷲ ތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވަނީ ތިމަން ﷲ އިންސާނާ ހެއްދެވީ އެންމެ ފުރިހަމަ ސޫރައިގައެވެ. އެއަށް ފަހު ތިމަން އިލާހު އޭނާ އެންމެ ނިކަމެތި ދަރަޖައަށް ރުޖޫޢަ ކުރައްވަމެވެ. ތަފްސީރު ޢިލްމުވެރީންގެ ތެރެއިން ޖަމާޢަތެއްގެ އަހުލުވެރީން ވިދާޅުވާ ގޮތުގައި މިއާޔަތުގައި އެންމެ ނިކަމެތި ދަރަޖައަށް ރުޖޫޢަ ކުރައްވަމޭ ބުނެވޭ ބަހުގެ މާނައަކީ މުސްކުޅި ކަމާއި ހަމައަށް އާރާއި ބާރު ދެއްވުމަށް ފަހު މުސްކުޅި ކަމާއި ހަމައަށް ފޮނުއްވުމެވެ.
ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ފަސް ކަމެއް ތިޔަބައި މީހުންނާ ކުރިމަތި ވުމުގެ ކުރީން ފަސް ކަމެއްގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ. އެއިގެ ތެރެއިން ވެސް އެއް ކަމަކަށް ބަޔާން ކުރައްވަނީ ތިޔަބައި މީހުން މުސްކުޅި ވުމުގެ ކުރީން ޒުވާން ކަމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމަށެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ވެސް ޒުވާން ދުވަސްވަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ޞާލިޙް އަޅުންތަކެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު