ﷲ ސުބްޙަނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެއްމެ ހެޔޮ ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހައެއްގެ ދުވަސްތައްކަމަށް ޝައިޚު އަނީލު ވިދާޅުވެއްޖެއެވެ.
އައްޝައިޚު މުޙައްމަދު އަނީލު މިހެން ވިދާޅުވެފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމުރާއިން ރޭގައި ބާއްވަވާފައިވާ ދަރުސެއްގައި، "މިފުރުޞަތު ނަގާނުލައްވާ: މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚު ވިދާޅުވެފައިވާ ގޮތުގައި އަހަރުގެ ތެރޭގެ ދުވަސްތަކުގެ ތެރެއިން، އެއްބައި ދުވަސްތައް އަނެއްބައި ދުވަސްތައް މާތް ކުރެއްވުމަކީ އެކަލާނގެ އަޅުތަކުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. މިގޮތުން އެއްމެ ހެޔޮ ދުވަސްތަކުގެ ގޮތުގައި ޙައްޖު މަހުގެ ފުރަތަމަ 10 އެއް ލައްވަވާފައިވާއިރު، މި ދިހަ ދުވަހުގެ ތެރެއިންވެސް ޙައްޖު މަހުގެ 9 ވަނަ ދުވަސް (ޢަރަފާތް ދުވަސް) ޚާއްޞަ ކުރައްވާފައިވާ ކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.
"އެއީ އެދުވަހަކަށް އިރުއަރާ އޮއްސޭ ދުވަސްތަކުގެ ތެރެއިން އެއްމެ މާތް ދުވަސް. އެއީ އެދުވަހެއްގައި ﷲ ސުބްޙަނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ނަރަކަ ވާޖިބުވެފައިވާ އަޅުންތަކެއް އެއްމެ ގިނައިން، އެއްދުވަހެއްގައި (އެނަރަކައިން) މިންޖު ކުރައްވާ ދުވަސް. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަޅުތަކުންނާއި މެދު ފަޚުރުވެވޮޑީގެންނެވުމަށްޓަކައި، އެކަލާނގެ އަޅުތަކުންނާއި ކުއްތަންވެވޮޑިގެންވާ ދުވަސް." ޝައިޚު ވިދާޅުވެފައިވެއެވެ.
ޝައިޚު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުގައި ޢަރަފާތް ދުވަހުގެ ދުޢާއަކީ އެއްމެ މާތްވެގެންވާ ދުޢާކަމަށްވެސް ބަޔާންވެގެންވާ ކަމަށް ވިދާޅުވެފައިވެއެވެ.
ޝައިޚުގެ ވާހަކަފުޅުގައި ވިދާޅުވެފައިވާ ގޮތުގައި ޢަރަފާތް ބިމަށް ދިޔުމުގެ ނިޢުމަތް ނުލިބުނު ކަމުގައި ވިޔަސް، އެދުވަހުގެ މާތްކަމުން މުސްލިމުން މަޙްރޫމު ނުވުމުގެ ގޮތުން، މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އުންގަންނަވާދެއްވާފައިވަނީ އެދުވަހު ރޯދަ ހިފުމަށް ކަމަށެވެ. އަދި ހަމަ އެފަދައިން، ޙައްޖު ދުވަހު ތަކުބީރު ކިޔުމާއި، ތަހުލީލު ކިޔުމާއި، ތަޙްމީދު ކުރުމަށް ޝައިޚުވަނީ ބާރުއަޅުއްވާފައެވެ. އަދި ގާތްތިމާގެ ރަޙްމަތްތެރިންނަށް، ޙައްޖު މަހުގެ ރޯދައިގެ މާތްކަން އުންގަންނާދީ، އެމަޢުލޫމާތު ފޯރުކޮށްދީގެން، އެކަމުގެ ޘަވާބާއި ދަރުމަ ހޯދުމަށްވެސް ޝައިޚުގެ ވާހަކަފުޅުގައިވަނީ ހިތްވަރުދެއްވާފައެވެ.
މިދަރުސް އަޑުއެއްސެވުމަށް މިލިންކަށް ވަންނަވާ!
ޚިޔާލު