ރޭޕްކުރުން ހުއްޓުވުމަށްޓަކައި މައިންބަފައިންގެ ޒިންމާ ވަަރަށް ބޮޑުކަމަށް ޝެއިޚް މުހައްމަދު ޣާލިބް ވިދާޅުވެއްޖެއެވެ.
ޝެއިޚް ޣާލިބް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާ ކަމުގައިވާ އިސްލާމީ ވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚްގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައި ވަނީ ކޮންމެ މަސްއޫލުވެރި ފަރާތަކީވެސް އެމަސްއޫލުވެރި ފަރާތަކާއި ޙަވާލު ކުރެވިފައިވާ ކަންކަމާއި ބެހޭގޮތުން ސުވާލު ކުރެވޭނެ މީހެއް ކަމަށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަަސްފުޅެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ މަސްއޫލުވެރި ފަރާތެކެވެ. އަދި އެޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތާއި ބެހޭގޮތުން ތިބައިމީހުންގެ ތެރެއިން ކޮންމެ މީހަކާވެސް ސުވާލުކުރެވޭނެ ކަމުގައެވެ.
މީގެ އިތުރުން އެންމެ ފުރަތަމަ ކުއްޖާ ބޮޑުވެގެން އަންނައިރު އެކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވި އަދި ﷲ ތަޢާލާއަށް ތަޤްވާވެރިވުން އެކުއްޖަކަށް އުނގަންނައި ނުދެވުމުގެ ނަތީޖާއަކަށް ވަނީ ނުބައިވެގެންވާ ޖަރީމާތަކަށް ކުއްޖާ އަރައިގަތުމެވެ. އަދި ހަމަ އެހެންމެ ގިނަ ފަހަރަށް މިފަދަ ކަންކަން ވެގެން ދަނީ މައިންބަފައިންގެ އިހުމާލުންނެވެ. އެހެނީ މައިންބަފައިން އެކުއްޖާ އިސްލާމްދީނުގެ އުޞޫލްތަކަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައި ބޮޑު ކޮށްފިނަމަ މިފަދަ ކަންކަން މުޖުތަމަޢުން މިފެންނަ ގޮތަކަށް ފެނިގެން ނުދާނެކަމެވެ.
އަދިވެސް ވިދާޅުވިއެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ކޮންމެ ކުއްޖަކީވެސް ފިތުރަތުގެ ސާފުތާހިރުކަން މަތީގައި އުފަންވެގެން އަންނަ ކުއްޖެކެވެ. އެއަށް ފަހު އެކުއްޖާ ޔަހޫދީއަކަށް ވެސް ނުވަތަ ނަސާރާއަކަށް ވެސް ނުވަތަ މަޖޫސީއަކަށް ވެސް ހަދަނީ މައިންބަފައިންނެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވެފައި ވަނީ ދަރީންނަކީ މައިންބަފައިންނާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެމަސްއޫލިއްޔަތާއި ބެހޭ ގޮތުން ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެކަން ދަނެ އެކުއްޖާއަށް އިސްލާމީ ތަރުބިއްޔަތެއް ދޭން މަސައްކަތް ކުރަން ޖެހޭނެކަމަށެވެ.
ޚިޔާލު