ކީރިތި ޤުރްއާނާއެކު ވަގުތު ހޭދަކުރުމަކީ ވެސް ޛިކުރުމެއްކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކީރިތި ޤުރްއާން އާއެކީ ވަގުތު ހޭދަކުރުމުގެ މާނައަކީ ކީރިތި ޤުރްއާން ބަލައިގެން އާޔަތްތައް ކިޔަވާ، މާނަ ދަސްކޮށް، ތަފްސީރު ކިޔާ ދަސްކޮށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރު ކުރުން ކަމުގައެވެ.
މީގެ އިތުރުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ޤުރްއާނުގެ ސަބަބުން ﷲ ތަޢާލާ އެއްބަޔަކު ނިކަމެތިކުރައްވަވާނެ ކަމަށާއި އަނެއް ބަޔަކު މަތިވެރި ކުރައްވަވާނެ ކަމަށެވެ. އެ މަތިވެރި ކުރައްވަވަނީ ޤުރްއާން ކިޔަވައި ޢަމަލުކުރި މީހުންކަމަށާއި ނިކަމެތިކުރައްވަނީ ޤުރްއާން ކިޔެވިނަމަވެސް ޢަމަލުނުކުރާ މީހުންނެވެ.
އަދި ހަމަ އެހެންމެ ޤުރްއާން ކިޔަވައި އެއިގެ މާނަ ދަސްކޮށް އެއަށް ޢަމަަލުކޮށް އަދި އެހެން މީހުންނަށް އުނގަންނައިދީ ފާފަ ފުއްސަވާ ދެއްވެވުމަށް އެދޭ މީހާގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެ ކަމާއި އޭނާގެ ދަރަޖަ އުފުލެމުން ދާނެކަމެވެ. ނަމަވެސް ޤުރްއާނުގައި އޮތް އެއްޗެއް އެނގި އެއަށް އަމަލުނުކޮށް އަދި އެހެން މީހުންނަށް އަންގައިވެސް ނުދޭ މީހާއަށް ޤިޔާމަތް ދުވަހުން ސަލާމަތް ނުވެވޭނެ ކަމަށް ވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޝެއިޚް ވިދާޅުވެފައި ވަނީ ކީރިތި ޤުރުއާނާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ޛިކުރު ކުރެވޭ ވަގުތަކަށް ހެދުމަށް މަސައްކަތްކޮށް ދުނިޔޭގަ ހުރެގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަައަށް ވާސިލު ވުމަށްޓަކައި މަސައްކަތްކުރުމަށެވެ. އެއީ ކީރިތި ޤުރުއާނަކީ މިކަމަށް އޮތް އެންމެ ފަސޭހަ މަގު ކަމަށް ވާތީއެވެ.
ޚިޔާލު