ރާއްޖޭގެ ޚަބަރުދަރުސް ޚަބަރުދީން

އިސްލާމީ ވެށި؛ ޖަމްޢިއްޔަތުއް ސަލަފުގެ މުޅިން އާ ޕްރޮގްރާމެއް

ޖަމްޢިއްޔަތުއް ސަލަފުން "އިސްލާމީ ވެށި" މިނަމުގައި މުޅިން އާ ޕްރޮގްރާމެއް ފައްޓަވައިފިއެވެ.

ފޭސްބުކް ލައިވް މެދުވެރިކުރައްވާ، ޖަމްޢިއްޔަތުއް ސަލަފުން ކުރިއަށް ގެންދަވާ އިސްލާމީ ވެށީގެ ސިލްސިލާ ޕްރޮގްރާމަކީ އިސްލާމީ މުޖްތަމަޢެއް ބިނާވާ އަސާސްތަކާއި، އެފަދަ މުޖްތަމަޢެއްގެ އަސާސީ ޞިފަތައް ދަސްކުރުމާއި އެކު، އެޞިފަތައް މުޖްތަމަޢުގައި އަށަގަންނަވަން، ފަރުދީ ގޮތެއްގައި، އަދި ޖަމަޢީ ގޮތެއްގައި ކުރެވޭނެ މަސައްކަތްތައް އުނގަންނަވާ ދެއްވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.

ޝައިޚު ސަމީރު މިޕްރޮގްރާމާއި މެދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮގްރާމުގައި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މިޤައުމު ދެމެހެއްޓުމަށް ފަރުދީ އަދި ޖަމަޢީ ގޮތެއްގައި ކުރެވިދާނެ މަސައްކަތްތަކަށް އަލިއަޅުވާލެވޭނެއެވެ. އަދި އިސްލާމީ ވެއްޓެއް ޤާއިމު ކުރުމަށް ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ، އަދި ނަމޫނާ ލިބިގަންނަންވީ ދަނޑިވަޅުތަކަށްވެސް ބަލާލެވޭނެއެވެ.

މީގެ އިތުރުން، މިޤައުމުގައި، އިސްލާމީ ވެއްޓަކާއި ނުގުޅޭ، އަޚްލާޤީ މައްސަލަތައް ފާޅުވަމުންދާތީ މިކަންކަމަށް އިސްލާމް ދީނުގައި އޮތް ހައްލާއި، އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަމަށްވެސް ބަލާލެވޭނެ ކަމަށް ޝައިޚު ވިދާޅުވެފައިވެއެވެ.

މިޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުވަނީ ރޭގެ 10:00 ގައި ފޭސްބުކް ލައިވް މެދުވެރި ކުރައްވާ ހުށައަޅުއްވާފައެވެ. ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވާފައިވަނީ އައްޝައިޚު ޙަސަން މޫސާ ފިކްރީ އާއި، އައްޝައިޚު ސަމީރެވެ. މިޕްރޮގްރާމު ކުރިއަށް އޮތް ތަނުގައި ދާނޭ ގޮތަށް އިޝާރާތް ކުރައްވާ، ޝައިޚު ސަމީރު ވިދާޅުވެފައިވާ ގޮތުގައި، އިސްލާމީ ވެށި މިސިލްސިލާ ކުރިއަށް ގެންދެވޭނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި، އަދި ރާއްޖެއިން ބޭރުގައި ޝައިޚުންނަށް ގުޅުއްވައިގެންނެވެ. ހަމަ މިއާއި އެކު، ޢާއްމު ބޭފުޅެއްގެ ސުވާލެއް ނުވަތަ ޙިއްސާ ކޮށްލައްވަން ބޭނުންފުޅުވާ މެސެޖެއް އޮތް ނަމަވެސް، ވައިބާ ބޭނުން ކުރައްވާ 9965666 މި ނަންބަރަށް މެސެޖެއް ފޮނުއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އެބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.

އިސްލާމީ ވެށި މިޕްރޮގްރާމަކީ، ޖަމްޢިއްޔަތުއް ސަލަފްގެ :މިޙާލަތުގައި" މިޕްރޮގްރާމު ނިމުމަކަށް އައުމާއި ވިދިގެން އެބޭފުޅުން ފެއްޓެވި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *