ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރޭގައި އިންސާނާ ހުންނަ ވަގުތަކީ ޝައިޠާނާގެ ނުފޫޒް އޭނާގެ މައްޗަށް އެންމެ ގަދަވާނެ ވަގުތު ކަމަށް އައްޝައިޚް އަހްމަދު ރިމާޒް ވިދާޅުވެއްޖެއެވެ.
ޝެއިޚް ރިމާޒް މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ބޭއްވި ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ވަނީ މިކަންކަމާއި ކުރިމަތިލާނެ ގޮތުގެ އިރުޝާދު ދެއްވާފައިވާ ކަމަށާއި އެންމެ ފުރަތަމަ ވެސް ދަންނަން ޖެހޭނެ ކަމަކީ ހުރިހާ ކަމަކީވެސް ﷲ ސުބްހާނަހޫ ވަތަޢާލާ ތަޤުދީރުގައި ލިޔުއްވާފައިވާ ކަންތައްތައް ކަން ހަނދާން ކުރުމެވެ.
ދެވަނަ ކަމަކަށް މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަން ޤަބޫލުކުރުމެވެ. އަދި ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެކި އެކި ގޮތްގޮތުން އިމްތިޙާން ކުރައްވާނެ ކަމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. ތިމަން އިލާހު ނުބައި ކަންތައްތަކާއި ހެޔޮ ކަންތައްތައް މެދުވެރި ކުރައްވާ ތިޔަބައިމީހުން އިމްތިޙާން ކުރައްވާ ހުށީމެވެ.
ތިންވަނަ ކަމަކީ މިފަދަ މުސީބާތްތަކުން ލިބެން އޮތް ޘަވާބާއި ދަރުމަ އަށް ވިސްނުމެވެ. މިގޮތުން އިންސާނާއަށް މުސީބާތެއް ދިމާ ވުމުން ދެގޮތަކަށް ޢަމަލު ކުރެއެވެ. އެއްބަޔަކީ އެމުސީބާތުގެ ސަބަބުން ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި ދީނާ ދުރުވާ މީހުންނެވެ. ދެވަނަ ބަޔަކީ މުޞީބާތުން ވެސް ޘަވާބާއި ދަރުމަ ހޯދައިގަންނަ މީހުންނެވެ. އެފަދަ މީހުން އެކަމުގައި ކެތްތެރިވެ ޘާބިތުވެއެވެ.
ހަތަރުވަނަ ކަމަކަށް އިސްވެ ގޮސްފައިވާ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ސިޔަރަތް އަޑުއެހުމެވެ. އެބޭކަލުންނަށް ކުރިމަތިވެ ވަޑައިގެންނެވި މުސީބާތުގެ ވަގުތުގައި އެބޭކަލުން ކެތްތެރިވެ ވަޑައިގެންނެވި ގޮތް އަޑުއެހުމުން އަޅުގަނޑުމެންނަށް މުސީބާތެއް ކުރިމަތި ވެއްޖެނަމަ އެކަމުގައި ކެތްތެރިވެ ސާބިތުވާން އެނގޭނެއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މިދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ﷲ ސުބްހާނަހޫ ވަތަޢާލާގެ ހަޒްރަތަށް ދުޢާ ދަންނަވާ އެއިލާހުގެ ހަޒްރަތުން މަދަދަށް އެދި ދަންނަވާ، ނަމާދާއި ކެތްތެރި ކަމުން ވާގި ލިބިގަނެ، ﷲ ސުބްހާނަހޫ ވަތަޢާލާއަށް ޒިކުރު ކޮށް ހިތްތަކަށް ހަމަޖެހުން ހޯދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ.
ޚިޔާލު