ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ކީރިތި ޤުރްއާން ކިޔެވުމަކީ އަޅުކަމެއް: ޝެއިޚް އިލްޔާސް ހުސެއިން

Keerithi Quran Kiyevumakee Alhukameh: Sheikh Ilyas Hussain

 

ކީރިތި ޤުރްއާން ކިޔެވުމަކީ އަޅުކަމެއް ކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ބޭއްވި ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚްގެ ވާހަކަފުޅުގައި އިތުރަށް ބަޔާން ކުރައްވާފައި ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ މާތް ކަމާއި ކީރިތި ޤުރްއާނަކީ ﷲގެ ކަލާމްފުޅު ކަމެވެ. އަދި މުސްލިމުންގެ ދުސްތޫރެވެ. ﷲ ސުބްހަނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ހަމަކަށަވަރުން އެ ޤުރްއާނަކީ އެންމެ ސީދާކަން ބޮޑުވެގެންވާ މަގަށް މަގު ދައްކާ ފޮތެވެ. އަދި އީމާންވެ ހެޔޮ ޢަމަލު ކުރާ މީހުންނަށް ބޮޑުވެގެންވާ ޘަވާބާއި ދަރުމަ ދެއްވާ ކަމުގެ އުފާވެރި ޚަބަރު ދެއްވާ ކަމެވެ.

އަދިވެސް ވިދާޅުވިއެވެ. ޜަސޫލާ ޙަދީޘް ކުރެއްވި ހަދިޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ކީރިތި ޤުރްއާނުން އަކުރެއް ކިޔަވައިފި މީހަކަށް ﷲ ހެޔޮކަމެއް ދެއްވައެވެ. އެހެޔޮކަން ދިހަގުނައަށް އިތުރުކޮށް ދެއްވައެވެ. ތިމަން ނަބިއްޔާ އަލިފް ލާމް މީމް އަކީ އަކުރެއް ކަމަށް ޙަދީޘެއް ނުކުރައްވަމެވެ. ނަމަވެސް އަލިފަކީ އަކުރެއް ލާމަކީ އަކުރެއް މީމަކީ އަކުރެކެވެ. އެހެންކަމުން ކީރިތި ޤުރްއާނުން އަކުރެއް ކިޔަވައިފި މީހަކަށް އޭގެ ޘަވާބާއި ދަރުމަ ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވައެވެ. އަޅުގަނޑުމެން އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ވަނީ އެފޮތުގައި ބަޔާން ކޮށްދެއްވާފައެވެ.

އަޅުގަނޑުމެން ޤުރްއާން ކިޔެވުމުގެ އަސްލު މަޤްސަދަކީ އާޔަތްތަކާއި މެދު ވިސްނާ ފިކުރު ކުރުން ކަމަށާއި އޭގެ ސަބަބުން ޢަމަލު ކުރަން ފަސޭހަވެ، އީމާންކަން ތާޒާވެ، ﷲގެ ޙަޒްރަތުގައި އޭނާގެ މަޤާމް މަތިވެރި ވެގެން ދާނެކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ދުޢާ ކުރައްވާފައި ވަނީ ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ޤުރްއާން ތަދައްބުރާއި އެކީ ކިޔެވުމަށް ޝައުޤުވެރި ވާނެ ބައެއް ކަމުގައި ލެއްވުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *