ހިދާޔަތް ލިބުން އެދޭނަމަ ﷲގެ ޙަޒްރަތުގައި ގިނަގިނައިން ދަންނަވަން ޖެހޭކަމަށް ޝެއިޚް އިމްރާން މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޝެއިޚް އިމްރާން މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ބާއްވާ ސިލްސިލާ ދަރުސް ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ ހިދާޔަތުގެ ނިޢުމަތަކީ ﷲ ތަޢާލާ އެއިލާހު އިރާދަ ކުރެއްވި އަޅަކަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެއް ކަމަށެވެ. އަދި ﷲ ތަޢާލާ ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ކަލޭގެފާނަށް ވެސް ކަލޭގެފާފާނު ލޯބިފުޅުވާ މީހަކަށް ހިދާޔަތެއް ނުދެއްކެވޭނެއެވެ. އެހެނަސް ﷲ ތަޢާލާ އިރާދަ ކުރައްވާފި އަޅަކަށް ހިދާޔަތް ދައްކަވައެވެ.
އަދިވެސް ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ޙައްޤު މަގު ދެއްކެވިއެވެ. ޙައްޤުގެ މަތީގައި ތިބި މީސްތަކުންނަށް ހެޔޮގޮތް ބުނެދޭން މަސައްކަތް ކުރެއެވެ. އެހެނަސް ހިދާޔަތް ދައްކަވަނީ ﷲ އެވެ. އަދި ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ ޢަލީގެފާނަށް ދުޢާއެއް ދަސްކޮށްދެއްވާފައެވެ. އެދުޢާއަކީ اللهم اهدني وسددني މިއެވެ. މާނައަކީ އޭ ﷲ މިއަޅާއަށް ހިދާޔަތު ދައްކަވާންދޭވެ. އަދި މިއަޅާއަށް ސީދާވެގެންވާ މަގު ދައްކަވާންދޭވެ.
މީގެ އިތުރުން ރަސޫލާ ދަމުނަމާދަށް ތެދުވެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ހިދާޔަތް ދެއްކެވުން އެދި ދުޢާ ކުރައްވައެވެ. އަދި އަޅުގަނޑުމެންނަށް ވިތުރީގެ ޤުނޫތުގައި ހިދާޔަތް ދެއްކެވުން އެދި ދުޢާ ކުރުމަށް އިރުޝާދު ދެއްވާފައި ވެއެވެ. އަދި ހަމަ އެހެންމެ ގިނަ ގިނައިން ތައުބާ ވުމާއި ހެޔޮ ޢަމަލު ކުރުން ގިނަ ކުރުމާއި ﷲ އާއި އެކަލާނގެ ރަސޫލާ އަށް ކިޔަމަންގަނެ ހައްޤުގެ މަގަށް ތައުބާވެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. އެއިރުން ﷲ ތަޢާލާ މިނިޢުމަތް ދެއްވާ މިނިޢުމަތް އިތުރުކޮށް ދެއްވާނެއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ އަޅުގަނޑުމެންނަށް މިކަމުގައި ތައުފީޤު ދެއްވާ، ޙައްޤުގެ މަގަށް މަގު ދައްކަވާ، ޙައްޤުގެ މަގުގައި ޘާބިތުވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު