ތިމާވެއްޓަށް ރައްކާތެރިވުމަކީ ޝަރްޢީ އަދި ވަޠަނީ ވާޖިބެއްކަމަށާއި، ތިމާވެއްޓަށް ގެއްލުން ދިނުމަކީ ބިމުގައި ފަސާދަ އުފެއްދުމެއްކަމަށް ދުކްތޫރު އަޙްމަދު ރަބީޢު ވިދާޅުވެއްޖެއެވެ. ދުކްތޫރު އަޙްމަދު ރަބީޢު މިހެން ވިދާޅުވެފައިވަނީ މިޞްރުގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެއްމެ މަތީ މަޖްލިހާއި ވަޒީރުލް އައުޤާފުން ރާއްވަވާ ހިންގަވަމުން ގެންދަވާ މުލްތަޤަލް ފިކްރިލް އިސްލާމީ، މިޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ޢާއްމު ނިޡާމުތަކަށް އިޙްތިރާމު ކުރުމާއި، ތިމާވެއްޓަށް ރައްކާތެރިވުން" މިނަމުގައި ބޭއްވުނު މިމުލްތަޤާގެ 8 ވަނަ ޕޮރްގުރާމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖާމިޢަތުލް އަޒްހަރުގެ ކުއްލިއްޔަތުއް ދަޢުވާގެ ކުރީގެ ޢަމީދު ދުކްތޫރު އަޙްމަދު ރަބީޢާއި، ވުޒާރަތުލް އައުޤާފުގެ ދީނީ ދިރާސާއާއި ބަޙުޘް ހެދުމާއި ބެހޭ މަރުކަޒުގެ މުދީރު، އައްޝައިޚު ޢަބްދުލް ފައްތާޙް ޖުމްޢައާއި، އައްނީލް އައްޘަޤާފާ މިޗެނަލްގެ ޕްރެޒެންޓަރު ޚާލިދު މަންޞޫރެވެ.
މިޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދުކްތޫރު އަޙްމަދު ރަބީޢު ވިދާޅުވެފައިވަނީ އިސްލާމް ދީން، ތިމާވެއްޓަށް އަހައްމިއްޔަތުކަން ދީ، އެއަށް ރައްކާތެރިވުމަށް ގޮވާލައްވާފައިވާ ކަމަށެވެ. އެހެނީ ތިމާވެއްޓަކީވެސް ﷲ ތަޢާލާގެ ކަލްޤުތަކުގެ ތެރެއިން ޚަލްޤެކެވެ. އަދި އެއްވެސް ޙާލެއްގައި ޚަލްޤުތަކުން އެއްބައެއްގެ މައްޗަށް އަނެއްބައެއް ގަދަވެގަތުމެއް ނުވެއެވެ. އެހެނަސް އަޅުގަނޑުމެންނަށް އެންގެވިގެންވަނީ އެވެށިން ފައިދާ ހޯދުމަށެވެ. އިންސާނާ ވެށީގައި ދިރިއުޅޭ ހިނދު އޭނާގެ ވެށި އޭނާއަށް ޚިދުމަތް ކުރާ ފަދައިން، އޭނާވެސް ވެއްޓަށް ޚިދުމަތް ކުރުންވެއެވެ.
އަދި ހަމައެހެންމެ ދުކްތޫރު ވިދާޅުވި ގޮތުގައި އިސްލާމްދީން ތިމާވެއްޓަށް ދެއްވާފައިވާ މިއަހައްމިއްޔަތުކަން އެހެނީ އިސްލާމްދީން ތިމާވެއްޓަސް ރައްކާތެރިވުމަށް ވަކި އުޞޫލުތަކެއް ކަނޑައަޅުއްވާފައިވުމެވެ. މިއުޞޫލުތައް ފެންނަ އެއްދިމާލަކީ އިސްލާމްދީން ޠަހާރަތާއި ސާފުޠާހިރު ކަމަށް، އަދި ޚާއްޞަކޮށް ތިމާ އުޅޭތަން ސާފުޠާހިރު ކުރުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުމެވެ.
މީގެ އިތުރުން ދުކްތޫރު ވިދާޅުވާ ގޮތުގައި ތިމާވެއްޓަށް ރައްކާތެރިވުންވަނީ ވަކި ބަޔަކަށް ނޫނެވެ. އެހެނަސް އެއީ އެންމެންގެ މަސްއޫލިއްޔަތެކެވެ. އެހެނީ އޭނާ ތިމާވެއްޓަށް ގެއްލުންދޭނަމަ އޭނާއަކީ ބިމުގައި ފަސާދަ ކުރާ މީހެކެވެ. އަދި ﷲ ތައާލާ ފަސާދަ ކުރައްވާ ބަޔަކު ދެކެ ލޯބިވޮޑިގެން ނުވެއެވެ. އަދި މާއްދީ ގޮތުންވެސް އަދި މަޢުނަވީ ގޮތުންވެސް ބިމުގައި ކުރެވޭ ފަސާދަ، ކޮންމެ ޞޫރައެއްގައި ކުރެވުނަސް، އެއީ ޤުރްއާން ނަހީކުރައްވާފައިވާ ކަމެއްކަމަށް ދުކްތޫރު ވިދާޅުވެފައިވެއެވެ.
މީގެ ދަލީލެއްގެ ގޮތުން ޝައިޚު ވިދާޅުވެފައިވެއެވެ. މާތް ﷲ ޥަޙީ ކުރެއްވިއެވެ. كُلُوا وَاشْرَبُوا مِن رِّزْقِ اللَّـهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٦٠﴾ މާނައީ: (އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިޔަބައިމީހުން، اللَّه ދެއްވި رزق ން ކައިބޮއި އުޅޭށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ!
ޚިޔާލު