ދިއިސްލާމްދީން

ނަބީބޭކަލުންގެ ވާހަކަ: އިދްރީސް ޢަލައިހިއްސަލާމް

ކީރިތި ޤުރްއާނުގައި އިދުރީސުގެފާނުގެ ނަން ދެފަހަރު ބަޔާން ކުރައްވައިފައިވެއެވެ. އެއީ މަރްޔަމް ސޫރަތުގައްޔާއި އަންބިޔާ އެސޫރަތުގައެވެ. މަރްޔަމް ސޫރަތުގައި ވާޙީ ކުރައްވައިފައިވަނީ ﴿وَاذْكُرْ فِي الْكِتَابِ إِدْرِيسَ إِنَّهُ كَانَ صِدِّيقًا نَّبِيًّا *وَرَفَعْنَاهُ مَكَانًا عَلِيًّا﴾ މާނައީ:"ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ."
މާތް اللهُ އިދުރީސުގެފާނަށް ޘާނާ ވަޙީ ކުރައްވައި އެކަލޭގެފާނަކީ ތެދުވެރިކަން ބޮޑު ބޭކަލެއްކަމުގައި ބަޔާން ކުރައްވައިފައިވެއެވެ. ނަސަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާގެ ނަސަބުފުޅުގެ މައިތަނބަކީ އިދުރީސުގެފާނެވެ." އަންބިޔާއު ސޫރަތުގައި ވަޙީ ކުރައްވައިފައިވަނީ ﴿وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ كُلٌّ مِّنَ الصَّابِرِينَ﴾ މާނައީ:"އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ."

އިދުރީސުގެފާނުގެ ފުރިހަމަ ނަންފުޅެއްކަމުގައި ފޮތްތަކުގައި ބަޔާންކޮށްފައިވަނީ (إدريس بن يَارِدُ، އަދި لُوْدُ بن مَهْلَائِيْلُ بن قَيْنَانُ بن اَنُوش بن شِيْثُ بن آدم عليه السلام) އެވެ. ތައުރާތުގައި އައިސް ފައިވަނީ خنوخ ނުވަތަ أخنوخ މިނަމުންނެވެ. އަދި ގްރީކު ބަހުން އިދުރީސުގެފާނުގެ ނަންފުޅަކީ أَرْمِيْسُ ނުވަތަ طَرْمِيْسُ، އަދި بَهْرَمِسْ اَلْحَكِيْمُ މިނަމުން ވެސް މުޚާޠަބު ކުރެވެއެވެ."

އުފަންވެވަޑައިގަތުން:
އިދުރީސުގެފާނު އުފަންވެވަޑައިގަތީ މިޞްރުގެ މަނޫފުގައި ކަމަށާއި، އެއަށް ފަހު ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކުރެއްވުމަށްފަހު އެނބުރި މިޞްރަށް ވަޑައިގެންނެވިކަމަށް ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢިރާޤުގެ ބާބިލްގައި ކަމަށާއި ބޮޑުފުޅުވީވެސް އެރަށުގައި ހުންނަވައިކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެއަށްފަހު މިޞްރަށް ވަޑައިގަތީކަމަށެވެ.
ނަބީބޭކަލުންގެ ތެރެއިން ތިންވަނަ އަށް ފޮނުއްވުނީ އިދުރީސުގެފާނެވެ. އެއީ އާދަމުގެފާނާއި ޝީޘުގެފާނަށް ފަހުއެވެ. މާތް اللهُ އެކަލޭގެފާނު ފޮނުއްވި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށެވެ. އަދި އިރުޝާދު ދެއްވުމަށެވެ. އިދުރީސުގެފާނަކީ އީމާންކަން ވަރުދަ ޞާލިޙު ޒާހިދު ތަޤްވާވެރި ބޭކަލެކެވެ. ދުވާލު ރޯދައަށް ހުންނަވައެވެ. އަދި މާތް اللهُ އަށް ތަސްބީޙަ ވިދާޅުވެއެވެ. އެކަލާނގެ ތަޤްދީސް ކުރައްވައި ރޭގަނޑު ދެބައިން ފަހުބައިގައި އަޅުކަމުގައި ހުންނަވައެވެ.
އިބުނު އިސްޙާޤު ބަޔާން ކުރައްވައިފައިވެއެވެ. "އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވީ އިދުރީސުގެފާނެވެ. އާދަމުގެފާނުގެ ދިރިއުޅުއްވުމުގެ ޙަޔާތުގެ ތިންސަތޭކައަށް އަހަރު އިދުރީސުގެފާނު ދެކެވަޑައިގަތެވެ. މީސްތަކުންގެ ތެރެއިން ޖަމާޢަތެއްގެ މީހުން ބުނެފައިވެއެވެ. معاوية بن الحكم السلمي ވިދާޅުވަނީ މިޙަދީޘްގައި އިޝާރަތް ކުރައްވައިފައިވަނީ އިދުރީސުގެފާނަށެވެ. معاوية بن الحكم السلمي ވިދާޅުވެފައިވެއެވެ. އެންމެ ފުރަތަމަ ވެލީގައި ލިޔުނު މީހަކާއި ބެހޭގޮތުން ސުވާލު ކީރިތި ރަސޫލާ އާއި ސުވާލު ކުރެވުނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. «كَانَ نَبِيٌّ مِنَ الأَنْبِيَاءِ يَخُطُّ فَمَنْ وَافَقَ مِثْلَ خَطِّهِ فَذَاكَ» މާނައީ:"ނަބީބޭކަލުންގެ ތެރެއިން ބޭކަލަކު ލިޔުއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ލިޔާލިޔުމާ އެ ލިޔުމާ އެއްވައްތަރު ވެއްޖެނަމަ، އެއީ އެ ލިޔުމެވެ."

މާތް اللهُ ވަޙީ ކުރައްވައިފައިވާ ﴿وَرَفَعْنَاهُ مَكَانًا عَلِيًّا﴾ މާނައީ:" އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ."
މިބަސްފުޅު ޞަޙީޙައިނި ގައި އިސްރާގެ ވާހަކަ ބާޔަން ކުރައްވައި ޘާބިތު ކުރައްވައި ފައިވެއެވެ. ހަތަރުވަނަ އުޑުން ކީރިތި ރަސޫލާ އެކަލޭގެފާނައި ބައްދަކުރެއްވިއެވެ.

އައުފީ، އިބުނު ޢައްބާސް ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. މާތް اللهُ އިދުރީސުގެފާނާއި މުޚާބު ކުރައްވައި ވަޙީ ކުރައްވައިފައިވާ ﴿وَرَفَعْنَاهُ مَكَانًا عَلِيًّا﴾ މާނައަކީ އިދުރީސުގެފާނު ހަވަނަ އުޑަށް އުފުއްލެވުމެވެ. އެކަލޭގެފާނު އަވަހާރަވި ހަވަނަ އުޑުގައެވެ. މިފަދައިން الضحاك ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އިމާމު މުސްލިމާއި ބުޚާރީ ރިވާކުރައްވައިފައިވާ ޙަދީޘްގައިވަނީ އެއީ ހަތަރު ވަނަ އުޑުކަމަށެވެ. މިއީ މުޖާހިދުގެ ވެސް ބަސްފުޅެވެ. ޙަސަނުން ބަޞަރީ ވިދާޅުވެފައިވެއެވެ. ﴿وَرَفَعْنَاهُ مَكَانًا عَلِيًّا﴾ މާނައަކީ ސުވަރުގެ އަށެވެ. ބައެއް މީހުން ބުނެފައިވަނީ އެކަލޭގެފާނުގެ ބައްޕާފުޅު مَهْلَائِيْلُ ގެ ޙަޔާތްޕުޅުގައި އުފުއްލެވުނު ކަމަށެވެ." (والله أعلم)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *