لحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ޤިޔާމާއި ރުކޫޢުއާއި ސުޖޫދަކީ ނަމާދުގެ ރުކުންތަކެކެވެ. އެހެންކަމުން ކުޅަދާނަކަން ލިބިގެންވާމީހާ ކޮޅަށް ހުރެގެން ނަމާދުކުރަންވާނެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން އެކަމަށް ނުކުޅެދިއްޖެމީހާ ބިންމަތީގައި ނުވަތަ ގޮނޑިއެއްގައި އިށީނދެ އިނދެގެން ނަމާދުކުރުން ހުއްދަވެގެންވެއެވެ. ބަޤަރާ ސޫރަތުގެ 238 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
(حَافِظُوا عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ )
މާނަ: ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!
މާތްﷲ ރުއްސުންލެއްވި ޢިމްރާން ބިން ޙުސައިންގެ ކިބައިން ރިވާވެގެންވެއެވެ.
"ތިމަންކަލޭގެ ފާނުގެ ފުރަގަސްފަރާތުގެ ބަލި ހުރުމުގެ ސަބަބުން ނަމާދުކުރާނީ ކޮންގޮތަކަށްތޯ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.
(صَلِّ قَائِمًا , فَإِنْ لَمْ تَسْتَطِعْ فَقَاعِدًا , فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ)
މާނަ: "ކޮޅަށްހުރެ ނަމާދު ކުރާށެވެ. އެކަމަށް ކުޅަދާނަ ނުވެއްޖެނަމަ އިށީނދެ އިނދެގެންނެވެ. އެކަމަށްވެސް ކުޅަދާނަކަން ނުލިބިއްޖެނަމަ އޮށޯވެ އޮވެގެންނެވެ."
އިބްނު ޤުދާމާ رحمه الله ވިދާޅުވިއެވެ. "ކޮޅަށްހުރެގެން ނަމާދުކުުރުމަށް ނުކުޅެދިއްޖެމީހާ އިށީނދެ އިނދެގެން ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމުގައި ޢިލްމުވެރިން އިޖްމާޢު ވެލައްވައެވެ."
އިމާމް ނަވަވީ رحمه الله ވިދާޅުވިއެވެ. "ކޮޅަށްހުރެގެން ނަމާދުކުރުމަށް ނުކުޅެދިއްޖެމީހާ އިށީނދެ އިނދެގެން ނަމާދުކުރުން ހުއްދަވެގެންވާ ކަމުގައި އުއްމަތުގެ އިލްމުވެރިން އިޖްމާއުވެލައްވައެވެ. އަދި ފަހުން އެނަމާދުތައް އިޢާދަކުރަން ނުޖެހޭނެއެވެ. އަދި ކޮޅަށްހުރެ ނަމާދު ކުރުމެކޭ އެއްވަރަށް ދަރުމައާއި ޘަވާބުވެސް ލިބޭނެއެވެ. ސަބަބަކީ އޭނާއަކީ ޢުޒުރުވެރިއަކަށް ވީތީއެވެ."
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
(إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كُتِبَ لَهُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا)
މާނަ: "އަޅާ ބަލިވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ އޭނާ ރަށުގައި ޤާއިމްވެ ހުންނައިރު އަދި ރަނގަޅު ސިއްޙަތުގައިވީއިރު ކުރާ ކަންތައް ލިޔުއްވިގެންވެއެވެ."
މިކަމުގައި ސަމާލުވާންޖެހޭ ނުކުތާއަކީ ކޮޅަށްހުރެ ނަމާދުކުރުމަށް ނުކުޅެދުނު ކަމުގައިވީ ނަމަވެސް، ރުކޫޢު އަދި ސުޖޫދު އޭގެ އަސްލު ގޮތުގައި ކުރެވޭނަމަ އެމީހަކަށް ހުއްދަވެގެންވަނީ ހަމައެކަނި ޤިޔާމުގައި އިށީނދެ އިނުމެވެ. ހަމަ އެހެންމެ ރުކޫއު އަދި ސުޖޫދު ކުރުމަށް ނުކުޅެދި ޤިޔާމުގައި ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ ޤިޔާމުގައި ކޮޅަށް ހުންނަންވާނެއެވެ.
ޚުލާސާއަކީ އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް އެގޮތުގައި ކުރުމެވެ. އަދި ނުކުޅެދުންތެރި ވެއްޖެނަމަ ޢުޒުރުވެރިން ކުރާ ގޮތަށް ކުރާނީއެވެ. ނަމާދަށް ސަފު ހަދާއިރު ގޮނޑީގައި ތިބެގެން ނަމާދުކުރާ މީހުން މުޅި ނަމާދުގައިވެސް އިށީނދެ ތިބެގެން ނަމާދު ކުރާނަމަ ގޮނޑި ބަހައްޓާނީ ސަފާ އެއްވަރަށެވެ.
ނަމަވެސް ޤިޔާމުގައި ކޮޅަށް ހުރެފައި ރުކޫޢު އަދި ސުޖޫދުގައި އިށީނދެ އިންނަންޖެހޭނަމަ މީހާ ހުންނާނީ ސަފާ އެއްވަރަށެވެ. އަދި ގޮނޑި ތަންކޮޅެއް ފަހަތަށް ޖައްސާފައެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން ފަހަތުގައި ނަމާދުކުރަން ތިބޭ މީހުންނަށް އުނދަގުލެއް ފޯރައިގެން ނުވާނެއެވެ. އުނދަގުލެއް ފޯރާނަމަ ގޮނޑި ބަހައްޓާނީ ސަފާ އެއްވަރަށެވެ.
والله أعلم.
ޚިޔާލު