ދީނީ ލިޔުންދީން

الزلزلة ސޫރަތުގެ ތަފްސީރު

(إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾  ) "ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ."  މިތަނުގައި މިވާ ހެލިގަތުމުގެ މުރާދަކީ ގިޔާމަތުގެ ހެލުންގަނޑުގެ ވާހަކަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތުލް ޙައްޖުގެ 1 އަދި 2 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ﴿١﴾ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَـٰكِنَّ عَذَابَ اللَّـهِ شَدِيدٌ ﴿٢﴾  ) މާނައަކީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ."

(زِلْزَالَهَا  ) ކުރިން އެފަދަ އެއް ނުވާފަދަ ވަރުގަދަ ހެލިގަތުމެކެވެ. އެހިލިގަތުމުގެ ވަރުގަދަ ކަމުން މީސްތަކުން ތިބެނީ މަސްތުވެފައިވާ ބަޔެއްގެ ގޮތުގައެވެ. ޙަގީގަތުގައި މަސްތުނުވިނަމަވެސް، އެބައިމީހުން ތިބޭނީ މަސްތުވެފައި ފަދަ ގޮތަކަށެވެ. ސޫރަތުލް ޙައްޖުގެ ދެވަނަ އާޔަތުގައިވާ ގޮތަށެވެ. (وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَـٰكِنَّ عَذَابَ اللَّـهِ شَدِيدٌ ﴿٢﴾   ) މާނައަކީ: " އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ."

(وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ﴿٢﴾    ) "އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ."

މިތަނުގައި (أَثْقَالَهَا ) ގެ މުރާދަކީ ވަޅުލާފައިވާ ގަބުރުތަކެވެ. ސޫރަތުއް ޒުމަރުގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾  ) މާނައަކީ: " ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ."

ސޫރަތުލް މުޠައްފިފީންގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ﴿٦﴾  ) މާނައަކީ: " (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ."

(وَقَالَ الْإِنسَانُ مَا لَهَا ﴿٣﴾  ) " އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ."

މިތަނުގައި (الْإِنسَانُ ) ގެ މުރާދަކީ ހުރިހާ އިންސާނުންނެވެ.  ޙައިރާން ކަމާއި އެކު، ބިންގަނޑަށް ވެގެން އުޅެނީ ކިހިނެއްތޯ އިންސާނާ ސުވާލު ކުރާނެ ވާހަކަ އެވެ.

(يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾  )

(يَوْمَئِذٍ ) އެދުވަހު ބިންގަނޑު ހެލިގަންނަ ހިނދުގައި،

(تُحَدِّثُ أَخْبَارَهَا  ) އެބިން މަތީގައި މީސްތަކުން ކޮށްފައިވާ ހެޔޮކަންތަކާއި ނުބައިކަންތަކުގެ ޚަބަރު ދޭ ހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لا يَسْمَعُ صَوْتَهُ شَجَرٌ ، وَلا مَدَرٌ ، وَلا حَجَرٌ ، وَلا جِنٌّ ، وَلا إِنْسٌ إِلا شَهِدَ لَهُ  )[1] މާނައަކީ: "ބަންގިގޮވާ މީހާ ބަންގިގޮވާހިނދު، އެ އަޑުއަހާ ގަސްގަހާ ގެއްސާއި ހިލައާއި އެހެނިހެން ހުރިހާ ތަކެތިވެސް ޤިޔާމަތްދުވަހުގައި ހެކިވާނެއެވެ." އެހެންކަމުން ބިންމަތީގައި ހިންގި ކަންކަމާމެދު އެ ބިންގަނޑު ހެކިދެނީއެވެ. އެއީ ﷲ ގެ ޢަދުލުވެރިކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ. އެހެނީ މީސްތަކުންނަށް އެނގުންވާ ކަންކަމުގެ މައްޗަށް މެނުވީ ﷲ ތަޢާލާ އެބައިމީހުންނަށް ޢިޤާބު ނުދެއްވައެވެ. އެބައިމީހުން ނުހިއްޕަވަތެވެ. ﷲ ތަޢާލާ ހުރިހާ ކަމެއް ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ އަޅުތަކުންގެ މައްޗަށް ޙުއްޖަތެއްގެ ގޮތުގައި “ތިބާ މިވެނި އެވެނި ކަމެއް ކުރީމު ނޫންހޭ” ވަޙީކުރެއްވުން، ފުދިގެންވެއެވެ. އެކަމަކު އެއިލާހު އެ ބިންގަނޑު އަދި އެހެނިހެން ތަކެތި އެ ހެކި ދެއްވާގޮތަށް އިރާދަކުރައްވަނީ އެއީ ޢަދުލުވެރިކަން ޤާއިމުކުރެއްވުމުގެ ގޮތުންނެވެ. އަދި މުޖުރިމުން އެކަމަށް އިންކާރު ނުކުރުމަށްޓަކައެވެ. އެހެނީ މުޖުރިމުން އެބައިމީހުން ޝިރުކުކުރިކަމަށް ދެކޮޅު ހަދައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّا أَن قَالُوا وَاللَّـهِ رَبِّنَا مَا كُنَّا مُشْرِكِينَ ﴿[الأنعام: 23﴾ މާނައީ: “ދެން ތިމަންމެންގެ ރައްބު ﷲ ގަންދީ ބުނަމުއޭ، ޝަރީކުކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ.” އެހެނީ ތައުޙީދުގެ އަހުލުވެރިން ޢަޛާބުން ސަލާމަތްވާތަން އެބައިމީހުންނަށް ފެންނަހިނދު، އެބައިމީހުންވެސް ސަލާމަތްވާނޭކަމަށް ހީކޮށްގެން ޝިރުކުގެ ވާހަކަ ބުނެއެވެ. އެކަމަކު އެދުވަހުން ﷲ ތަޢާލާ އެބައިމީހުން އަނގަތަކުގައި ސިއްކަޖައްސަވާނެއެވެ. އަދި އެބައިމީހުން އަތްތައް އެދުވަހުގައި ވާހަކަ ދައްކާނެއެވެ. އެބައިމީހުންގެ ފައިތަކާއި އެބައިމީހުންގެ ގައިގެ ހަންވެސް އެދުވަހުގައި އެބައިމީހުން ކުޅަ ޢަމަލުތަކާބެހޭގޮތުން ހެކިވާނެއެވެ. ދެން އެހާރުން އެހެން ވާން ފެށުމުން އިންކާރު ކުރުމަކީ އެބައިމީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ އެބައިމީހުން އެކަމުގެ މައްޗަށް އިޤްރާރުވެ އިޢުތިރާފުވާނެއެވެ. އެކަމަކު އެދުވަހުގައި ހިތާމަކުރުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

(يَوْمَئِذٍ تُحَدِّثُ أَخْبَارَهَا)  މި އާޔަތަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުތަކުގެ (إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾ وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ﴿٢﴾ وَقَالَ الْإِنسَانُ مَا لَهَا ﴿٣﴾  ) ޖަވާބުއް ޝަރުޠެވެ.

(بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾)  މާނައީ: “އެއީ ކަލޭގެފާނުގެ ރައްބު، އެ ބިމަށް އެކަމަށް އަމުރު ކުރެއްވީތީއެވެ.”

އޭގެ މާނައަކީ ހަމަކަށަވަރުންވެސް ﷲ ތަޢާލާ އެބިމަށް އެކަމަށް ވަޙީކުރެއްވުމުގެ ސަބަބުންނެވެ. އެބިންގަނޑު އޭގެ ޚަބަރުތައް ކުރުމަށް އިޛުނަދެއްވުމުގެ ސަބަބުންނެވެ. ﷲ ތަޢާލާއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ﷲ ތަޢާލާ ކަމަކަށް އަމުރު ކުރައްވައިފިނަމަ އެކަމެއް ވެދެއެވެ. ޖަމާދާތުތަކަށް ވާހަކަ ދެއްކެވުމަށް އަމުރު ކުރެއްވުމުން އެ ޖަމާދާތުތައް ވާހަކަ ދައްކައެވެ. ސޫރަތު ފުއްޞިލަތްގެ 11 ވަނަ އާޔަތުގައި މާތް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾) މާނައީ: “ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެއިލާހު އިރާދަކުރެއްވިއެވެ. ފަހެ، އެއިލާހު އެ އުޑަށާއި، ބިމަށް ވަޙީކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ. އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمُ ، فَقَالَ : اكْتُبْ ، قَالَ : وَمَا أَكْتُبُ ، قَالَ : اكْتُبْ مَا هُوَ كَائِنٌ إِلَى يَوْمِ الْقِيَامَةِ  ) މާނައަކީ: "މާތް ﷲ އެންމެ ފުރަތަމަ އުފެއްދެވީ ގަލަމެވެ. އަދި އެގަލަމަށް ވަޙީ ކުރެއްވިއެވެ. "ލިޔާށެވެ." އެހިނދު ގަލަމް ދެންނެވިއެވެ. "ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟" ވަޙީ ކުރެއްވިއެވެ. "ގިޔާމަތާއި ޖެހެންދެންވާނޭ ހުރިހާ ކަމެއް ލިޔާށެވެ."

ސޫރަތު ޔާސީންގެ 65 ވަނަ އާޔަތުގައި މާތްﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.(الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ ). މާނައީ: "މިއަދު ތިމަންއިލާހު އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންއިލާހަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިގަތް ކަންތައްތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ."

ﷲ ޢައްޒަ ވަޖައްލަ އެއްޗަކަށް ނުވަތަ ފަރާތަކަށް ބަސްފުޅު ވަޙީކުރައްވައިފިނަމަ އެ އެއްޗެއް ﷲ ޢައްޒަ ވަޖައްލައާ ވާހަކަދައްކައެވެ.

(يَوْمَئِذٍ تُحَدِّثُ أَخْبَارَهَا)  “އަދި އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.” މި އާޔަތުގައި (يَوْمَئِذٍ) "އެދުވަހުންނޭ" އެ ބުނެވެނީ ބިންގަޑު އެންމެފަހުގެ ހެލިގަތުމުން ހެލިގަންނަ ދުވަހަށެވެ.

(يَصْدُرُ النَّاسُ أَشْتَاتاً) "އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ." ތަފާތު ޖަމާޢަތްތަކަކަށެވެ. ކޮންމެ ބަޔަކުވެސް މިސްރާބުޖަހާނީ އެބަޔަކަށް ކަނޑައެޅިފައިވާތަނަކާ ދިމާއަށެވެ. ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ނަރަކައާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ލަވަމުން ގަދަކަމުން އެނަރަކައާ ދިމާއަށް ގެންދެވޭނެއެވެ. އަމިއްލަ އިޚްތިޔާރުގައި ދާން ބޭނުންނުވިކަމުގައި ވިޔަސްމެއެވެ. ގަދަކަމުން ގެންދެވޭނެއެވެ. ސޫރަތު މަރްޔަމްގެ 85 އިން 87 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَـٰنِ وَفْدًا ﴿٨٥﴾ وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴿٨٦﴾ لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا ﴿٨٧﴾  ) މާނައަކީ: " تقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ. رحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ."

މީސްތަކުން ތަފާތު ބައިތަކަށް ޖަމާޢަތްތަކަށް ބެހޭނެއެވެ. ތަފާތުވެގެންވާ ގޮތުގައެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު މާތްކުރައްވާގޮތުގައެވެ. ސޫރަތުލް އިސްރާގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا ﴿٢١﴾  ) މާނައަކީ: "ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ."

(لِّيُرَوْا أَعْمَالَهُمْ ) ޖަމާޢަތް ޖަމާޢަތަށް މީހުން ދާސަބަބަކީ،  އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. އެބަހީ އެއުރެން އެގޮތަށް ބައިބަޔަށް އެ ގެނެވެނީ އެއުރެންނަށް އެއުރެންގެ ޢަމަލުތައް ދެއްކެވުމަށެވެ. އެބައިމީހުން ކުޅަ ޢަމަލުތައް ﷲ ތަޢާލާ އެބައިމީހުންނަށް ދައްކަވާނެއެވެ. ހެޔޮ ޢަމަލުތައް ކުޅަނަމަ ހެޔޮ ޢަމަލުތަކެވެ. ނުބައި ޢަމަލުތައް ނަމަ ނުބައި ޢަމަލުތަކެވެ. އެއީ ޙިސާބު ބެއްލެވުމާއި އޭނާގެ ޢަމަލުތަކުގެ ފަތް ދެއްވުމުންނެވެ. އިންސާނާއަށް އޭނާ ކުޅަ ޢަމަލުތަކުގެ ފަތް ދެއްވޭ ހުއްޓެވެ. އޭނާގެ ކަނާއަތަށް ނޫނީ އޭނާގެ ވާއަތަށެވެ. އޭގެފަހުގައި އޭނާގެ އެފަތުގައިވާ އެއްޗަކާ ބެހޭގޮތުން ޙިސާބުކުރެވޭހުއްޓެވެ. މުއުމިނު އަޅާއާ ﷲ ތަޢާލާ އެކަހެރިވެވޮޑިގެން އޭނާއަށް އޭނާގެ ފާފަތައް ﷲ ތަޢާލާ ހަނދުމަކޮށްދެއްވުމުން އޭނާ އޭނާގެ ފާފަތަކަށް އިޤުރާރުވާނެތެވެ. ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެއެވެ. “ތިބާ މިވެނި އެވެނި ކަމެއް ކުރީމު ނޫން ހެއްޔެވެ؟” އޭނާ އެކަންކަމަށް އެއްބަސްވެ އިޤުރާރުވެއްޖައުމަށް ދާންދެނެވެ. ދެން އޭނާ ކަންބޮޑުވާ ހިނދު ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. "ހަމަކަށަވަރުން ތިމަންއިލާހު ތިބާއަށް ދުނިޔޭގައި އެފާފަތައް ސިއްރުކޮށްދެއްވީމެވެ. އަދި މިއަދު ތިބާއަށް ތިމަންއިލާހު އެ ފާފަތައް ފުއްސަވާދެއްވާ ހުށީމެވެ." އަދި ކާފިރުވިމީހާ ދަންނައެވެ. އޭނާއާމެދު މި ގޮތަށް މުޢާމަލާތްނުކުރެވޭ ހުއްޓެވެ. އޭނާ ގޮވާ ނަގާނެތެވެ. ސޫރަތު ހޫދުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَقُولُ الْأَشْهَادُ هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ ﴿١٨﴾  ) މާނައަކީ: "އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ."

(لِّيُرَوْا أَعْمَالَهُمْ  ) "އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ."

މި ބަސްފުޅުގެ މުރާދުގައި ހުރިހާ ޢަމަލުތަކެއް ހިމެނިގެން ވެއެވެ. ބޮޑެތި ޢަމަލުތަކާއި ކުދި ޢަމަލުތަކެވެ. ހެޔޮކަންކަން ކުޅައުމުގެ ސަބަބުން އެއުރެންގެ ޢަމަލުތަކުން ﷲ ތަޢާލާ ފުއްސަވާދެއްވި ޢަމަލުތަކެއް މެނުވީއެވެ. ސޫރަތު ހޫދުގެ 114 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ   ) މާނައަކީ: "ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ."

އިންސާނާ އޭނާގެ ޢަމަލުތައް ދެކޭނެއެވެ. މަދު ޢަމަލުތަކާއި ގިނަ ޢަމަލުތަކެވެ. އޭނާއަށް އެ ޢަމަލުތަކުގެ ކަންކަން ސާފުގޮތުގައި ބަޔާންވެއްޖައުމަށް ދަންދެނެވެ. އޭނާއަށް ބުނެވޭނެއެވެ.
(اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا) [الإسراء: 64].
މާނައީ: “ތިބާގެ ފޮތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަށް ޙިސާބުކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސުފުދެއެވެ.”
އެހެންކަމުން، އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ ރުއްސަވާވޮޑިނުގަންނަވާ ކަންކަން ނުކުރުމެވެ. އެހެނީ އޭނާ ކުރާ ކަންކަން އަދި ބުނާ ބަސްތައް ލިޔެވެމުން ދާކަން އޭނާއަށް އެނގެއެވެ. އަދި އޭގެ ފަހުގައި އެ ކަންކަމާމެދު އޭނާ ޙިސާބުކުރެވޭނެ ކަންވެސް އޭނާއަށް އެނގެއެވެ.

(ނުނިމޭ)

[1]   صحيح ابن خزيمة » كِتَابُ الصَّلاةِ » جِمَاعُ أَبْوَابِ الأَذَانِ وَالإِقَامَةِ » بَابُ فَضْلِ الأَذَانِ ، وَرَفْعِ الصَّوْتِ بِهِ ، ... رقم الحديث: 390

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *