މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގެ މޭން އޮފް ދަ މެޗްގެ ޓްރޮފީ ބަނގުރާ އުފައްދާ ކުންފުންޏަކުން ސްޕޮންސަރ ކޮށްފައިވާތީ އެއާއި ހަވާލުވާން ދެކޮޅު ހަދައިފިއެވެ.
މިދިޔަ ހުކުރުދުވަހު މިޞްރާއި އުރުގުއޭ ބައްދަލުކުރި މެޗުގައި މޮޅު ކުޅުމެއްދައްކާ އެމެޗުގެ މޭން އޮފް ދަ މެޗަށް ހޮވިފައިވަނީ މިޞްރު ޓީމްގެ ގޯލް ބެލެހެއްޓި މުހައްމަދު އެލްޝަނާވީއެވެ. އެހެން ނަމަވެސް އޭނާވަނީ ބަނގުރާ އުފައްދާ ކުންފުންޏެއް ކަމުގައިވާ ބަޑްވެއިޒަރއިން ސްޕޮންސަރ ކޮށްފައިވާ މޭން އޮފް ދަ މެޗްގެ ޓްރޮފީއާއި ހަވާލުވާން ދެކޮޅު ހަދާފައެވެ.

ބަނގުރާ ބުއިމަށް ގެންގުޅޭ ތައްޓެއްގެ ބައްޓަމަށް ހަދާފައިވާ ރަތް ކުލައިގެ ޓްރޮފީގައި، ސްޕޮންސަރގެ ލޯގޯ ޖަހާފަ އިނދެއެވެ. ބަޑްވެއިޒަރއިން މޭން އޮފް ދަ މެޗްގެ ޓްރޮފީ ސްޕޮންސަރ ކޮށްފައިވާއިރު މިއަހަރުގެ މުބާރާތަށް ފީފާއަށް ބަނގުރާ ސަޕްލައި ކޮށްދިނުމަށް މިކުންފުންޏާއެކުވަނީ ސޮއި ކޮށްފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން މުބާރާތުގެ މެޗުތައް ކުޅޭވޭ ސްޓޭޑިއަމްތަކުގެ އެތެރެއާއި ބޭރުގާވެސް ވިއްކާނީ މިކުންފުނިން އުފައްދާ ބަނގުރަލުގެ ބާވަތްތަކެވެ.
މިއަހަރުގެ މުބާރާތުގައި މުސްލިމުންގެ މެޖޯރިޓީ އޮންނަ ހަތް ޤައުމަކުން ވާދަކުރެއެވެ. އެއީ ސައުދީ އަރަބިއާ، މިޞްރު، މޮރޮކޯ، އީރާން، ޓިއުނީޝިއާ، ސެނެގޯލް އަަދި ނައިޖީރިއާއެވެ. މިޤައުމުތަކުގެ ޓީމްތަކުގެ އިތުރުން އެހެން ޤައުމަތަކުގެ ޓީމް ތަކުގައިވެސް މުސްލިމް ކުޅުންތެރިން ކުޅެމުންދާއިރު މޭން އޮފް ދަ މެޗްގެ ޓްރޮފީއާއި ހަވާލު ނުވުމުގެ ކަންތައް ފެންމަތިވެދާނެ ގޮތަކާމެދު މިހާރުވެސް ޓްވިޓަރ ފަދަ ތަންތަނުގައި އަންނަނީ ބަހުސް ކުރަމުންނެވެ.
މުހައްމަދު އެލްޝަނާވީއަކީ މިފަހަރުގެ މުބާރާތުގައި މޭން އޮފް ދަ މެޗް ލިބުނު ފުރަތަމަ މުސްލިމް ކުޅުންތެރިޔާއެވެ.

















ޚިޔާލު