ދީނީ ލިޔުންދީން

އަންހެން ކުދިންނަށް ތަޢުލީމު ނުދިނުމަކީ ހުޅަނގުގެ ބޯދާ ފިކުރެއް! - ދެވަނަ ބައި

ފުރަތަމަ ބައި ވިދާޅުވުމަށް

އުންމު ދަރްދާ

އުންމު ދަރްދާ އަކީ ދިމިޝްޤުގެ މަޝްހޫރު އުމަވީ މިސްކިތާއި ފަލަސްޠީންގެ އޫރުޝަލީމް (ޖެރޫސަލަމް) ގެ އުސްތާޛާއެކެވެ. އެކަމަނާގެ ކްލާސްތަކަށް ބޮޑެތި އިމާމުންނާއި، ފިޤްޙް ޢިލްމުވެރިންނާއި ޙަދީޘް ޢިލްމުވެރިން ވަޑައިގެން ޢިލްމު ޙާޞިލްކުރެއްވިއެވެ. މަތިވެރި ޚަލީފާ ޢަބްދުލް މަލިކް ބިން މަރްވާން އަކީ ޢަބްދުﷲ ބިން ޢުމަރު (ރަޟިޔަﷲ ޢަންހ) ގެ ޚާއްޞަ ޓީޗިންގ ހުއްދަ ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ.

އެއީ ސްޕެއިން (އަންދަލުސް) އިން ފެށިގެން އިންޑިޔާ އާއި ހަމަޔަށް އޮތް މާސިންގާ ބިޔަ ސަރަޙައްދުގެ އޭރުގެ ވެރިޔާއެވެ. އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހް) އަށް، އެކަލޭގެފާނަށްފަހު ދެން ދީނުގެ ޙުކުމްތައް ހޯދުމަށް ދާންވީ ކޮން ބޭކަލެއްގެ އަރިހަށްތޯ ސުވާލު ހުށަހެޅުމުން ވިދާޅުވިއެވެ. "މަރްވާން އަށް (ޢަބްދުލް މަލިކު ކިޔާ) ދަރިކަލަކު ވެއެވެ. އޭނާގެ ގާތަށް ދާށެވެ. އެއީ ފިޤްޙު ޢިލްމުވެރިއެކެވެ." މިގޮތުގެމަތީން ޢުމަރުގެފާނުގެ ދަރިކަލުން، ސަޙާބީންގެ ތެރޭގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ޢިލްމުވެރިޔާ ޢަބްދުﷲ ބިން ޢުމަރު (ރަޟިޔަﷲ ޢަންހް) ވަނީ ޢަބްދުލް މަލިކް ބުން މަރްވާން އެންޑޯޒް ކުރައްވާފައެވެ. އެހެނަސް ޚުދު އެކަލޭގެފާނުވެސް އުންމު ދަރްދާގެ ކްލާސްތަކަށް ވަޑައިގެން ޢިލްމު ޙާޞިލް ކުރެއްވިއެވެ. އެކަމަކަށް އެކަލޭގެފާނު ލަދުވެތިވެ ވަޑައި ނުގަންނަވައެވެ. އެހެނީ އެކަމަނާގެ ޢިލްމު އެހާވެސް މަތިވެރިވެ ފުރިހަމަވެގެން ވެއެވެ.

ފާޠިމާ ބިންތު އިބްރާހީމް ބިން ޖައުހަރު

ކަށަވަރުވެ ޔަޤީންވާ އެއް ކަމަކީ މި ދީނުގެ އެންމެ މުޤައްދަސް އެއް ބިނާ އަކީ މަދީނާގައިވާ އަލް މަސްޖިދުއް ނަބަވީ ކަމެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. އެއީ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މިސްކިތްކޮޅެވެ. އަދި އެއީ މި ބިންމަތީގައި ފައިންޕުޅު ބީއްސެވި އެންމެ މަތިވެރި އިންސާނާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޤަބުރުފުޅު އެތަނެއްގައިވާ ބިނާއެވެ. ފާޠިމާ ބިންތު އިބްރާހީމް ބިން ޖައުހަރަކީ އިމާމް ބުޚާރީގެ އުސްތާޛާއެކެވެ. އެކަމަނާގެ މަޝްހޫރު ދަރިވަރުންގެ ތެރޭގައި އިމާމް ޛަހަބީ އާއި އިމާމް ޝުބްޤީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެކަމަނާގެ ޢިލްމީ މަޝްހޫރުކަމުގެ ވާހަކަތޯއެވެ. އަޑު އައްސަވާށެވެ. ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރެއްވުމަށްޓަކައި އެކަމަނާ މައްކާއަށް ކުރި ދަތުރުގައި މަދީނާއަށް ޒިޔާރަތް ކުރެއްވިއެވެ. އެ ޚަބަރު ހަމަ ލިބުމާއެކު މަދީނާގައި އޭރު ތިއްބެވި ޙަދީޘް ޢިލްމުވެރިން އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި ﷲގެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މިސްކިތްކޮޅުގައި ކިޔަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އިބްނު ރުޝައިދު އަލް ސުބްޤީ އެކަމަނާގެ ކްލާހެއް ސިފަކޮށްދެއްވަނީ މިފަދައިންނެވެ. "ކްލާހަށް ހާޟިރުވެވަޑައިގެން ތިއްބެވި (އެކަމަނާގެ) ހުރިހާ ދަރިވަރުންނަށް ވަކިވަކީން އެ ބޭކަލަކު ވިދާޅުވެދެއްވި ޙަދީޘްތަކަށް ލިޔެދެއްވައި، ސޮއި ކުރައްވައި އެކަމަނާގެ ބަސްފުޅު ބަޔާން ކުރެއްވުމުގެ ލައިސަންސް ނުވަތަ އިޖާޒާ ދެއްވިއެވެ."

ޢައިޝާ ބިންތު ޢަބްދުލްހާދީ

ދިމިޝްޤުގެ މައި މިސްކިތުގައި އެކަމަނާ ޢާއްމުކޮށް ކިޔަވައިދެއްވިއެވެ. އެއިރުގެ ސުލްޠާން އެކަމަނާ ވަނީ ޙަދީޘްގެ އިސް ޢިލްމުވެރިޔާގެ މަޤާމަށް ޢައްޔަން ކުރައްވާފައެވެ. އިމާމް ބުޚާރީ އެއްކުރެއްވި ޙަދީޘްތައް އެކަމަނާ އުނގަންނަވައިދެއްވިއެވެ. އެ ދުވަސްވަރު މުޅި އެ މުޖުތަމަޢުގެ ޢިލްމީ ޒިންމާ އުފުލާނެ އެކަމަނާއަށްވުރެ ވަކި މަތިވެރި ފިރިހެނަކު މުޅި ދިމިޝްޤަށްވެސް ލިބިފައި ނެތެވެ. ފަހުގެ ޒަމާނުގެ ޙަދީޘް ޢިލްމުވެރިންގެ ތެރޭގައި އެންމެ ބޮންތީގައި ހުންނެވިކަމަށް ވަރަށް ގިނަ ޢިލްމުވެރީން އިއްތިފާޤުވާ އިބްނު ޙަޖަރު އަލް އަސްޤަލާނީ ވަނީ ދިމިޝްޤަށް ދަތުރުކުރައްވައި، އެކަމަނާގެ ކިބައިން 100 (ސަތޭކަ) އަށްވުރެ ގިނަ ފޮތް އުނގެނިވަޑައިގެންފައެވެ. ވިސްނަވާށެވެ. އެކަމަނާ ލިޔުއްވި ފޮތްތަކުގެ ނަންތައް އެކަނިވެސް ކިޔާލަން އެނގޭނެ މީހަކު މިއަދު މި އުންމަތުގައި ދާދި މަދުވާނެއެވެ.

މި ހުރިހާ ކަމެއްގެ އިތުރުން އެކަމަނާގެ ދުވަސްވަރުގެ ޙަދީޘް ރާވީންގެ ތެރޭގައި އެންމެ ވަރުގަދަ، މޮޅު އަދި އިތުބާރުހިފޭ ސަނަދެއް ލިބިގެންވަނީ އެކަމަނާއަށެވެ. އެ ސަނަދު ސީދާ ގޮސް ގުޅިފައިވަނީ ﷲގެ މަތިވެރިވެގެންވާ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާއެވެ. އިތުބާރު ހިފޭ ރާވީންގެ ތެރެއިންލާފައެވެ. އެކަމަނާއާއި އިމާމް ބުޚާރީއާއި ދެމެދު 8 (އަށެއް) ރާވީން ވިއެވެ. އިމާމް ބުޚާރީއާއި ކީރިތި މާތް މަތިވެރި ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާއި ދެމެދު 3 (ތިނެއް) ނުވަތަ 4 (ހަތަރެއް) ނުވަތަ އަނެއްބައި ފަހަރު 5 (ފަހެއް) ރާވީން ވިއެވެ. މިއާއި އެއްވަރުގެ ނުވަތަ މިއަށްވުރެ ކުރު ރާވީންގެ ސިލްސިލާއެއް އެ ދުވަސްވަރު ޢައިޝާ ބިންތު ޢަބްދުލްހާދީ އަށް މެނުވީ ލިބިގެނެއް ނުވެއެވެ.

ކުރިޔަށް ވަޑައިގެންނެވުމުގެ ކުރިން ލޯ މަރާލާށެވެ. ފަސް ސިކުންތަށްފަހު ލޯ ހުޅުވާލައްވާށެވެ. އަދި ނަފްސާއި ސުވާލު ކޮށްލައްވާށެވެ.

ޢުޘްމާން ބުން ޢައްފާން (ރަޟިޔަﷲ ޢަންހ) ޤުރުއާން ގެ 6 (ހައެއް) ނުވަތަ 7 (ހަތެއް) މުސްޙަފް ހެއްދެވުމަށް އެ ފޮތުގެ އަސްލު ކޮޕީ ގެންނަވަންދެން އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު އެ ފޮތް ބެލެހެއްޓެވީ ކާކުތޯއެވެ؟ އެއީ އަންހެން ސާހިބާއެއް ނޫންތޯއެވެ؟ އާދޭހެވެ. އެއީ އުންމުލް މުއުމިނީން ޙަފްސާ ބިންތު ޢުމަރު (ރަޟިޔަﷲ ޢަންހ) އެވެ. އެއަށްފަހު ޙަދީޘްގެ އެންމެ މުހިއްމު މަޢުލޫމާތުތައް އަހަރެމެންނާއި ހަމަޔަށް އައުމުގައި އަންހެން ކަނބަލުންގެ ޙިއްސާ ފަހެ ފިރިހެނުންނަށްވުރެ ދެރަތޯއެވެ؟

-          ނުނިމޭ -

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *