ދީނީ ލިޔުންދީން

އަންހެން ކުދިންނަށް ތަޢުލީމު ނުދިނުމަކީ ހުޅަނގުގެ ބޯދާ ފިކުރެއް!

މިއަދަކީ މި ހިނގާ 2014 ވަނަ އަހަރުގެ 130 ވަނަ ދުވަހެވެ. އަމިއްލަފުޅަށް ހަނދާނަށް ގެނެވޭތޯ މަސައްކަތް ކޮށްލައްވާށެވެ. އިސްލާމް ދީނަކީ އަންހެން ދަރީންނަށް އިހާނެތިކޮށް ހިތާ ދީނެއް ކަމުގައި ބުނާ ކިތައް ޚަބަރު، ކިތައް ރިޕޯޓް، ކިތައް ބުނުން ނުވަތަ ކިތައް ވީޑިއޯ ތިބާ ދެކެ، އަޑުއަހައިފީމުހެއްޔެވެ؟ ޢަދަދު ހިތްޕުޅުގައި ބާއްވަވާށެވެ. ފުން ނޭވާއެއް ލައްވައި ހަމަޖެހިވަޑައިގަންނަވާށެވެ. އެފަދަ ބުނުމަކީ ތެދު ނޫންކަން ޚުދު ތިބާ ޤަބޫލުކުރައްވަމުއެވެ. ސަބަބުތައް ބައިވަރު، އެހެން ނޫންތޯއެވެ؟ އިސްލާމް ދީން އައުމުގެ ކުރީގައި ދުނިޔޭގެ އާދަ އޮތީ އަންހެން ކުދިން ދިރި ތިއްބާ ވަޅުލުމުގެ މައްޗަށެވެ. ވިޔަފާރި މުދަލެއްގެ ގޮތުގައި ވިއްކައި މާލިއްޔަތުގެ ތެރެއަށް ލުމުގެ މައްޗަށެވެ. އެއީ އިންސާނުންތޯ ނުވަތަ ނޫންތޯ، އިންސާނުން ކަމުގައި ވާނަމަ އެ ކަނބަލުންނަށް ފުރާނައެއް ލިބިފައި ވޭތޯ ނުވަތަ ނޫންތޯ ޔޫރަޕުގައި ކުރެވުނު ބަހުސްތައް އެހުރީ ހާމަޔަށް ފެންނާށެވެ. ދައްކަން މި އުޅެނީ އަދި އެހެން ވާހަކައެކެވެ. ވަރަށް ތަފާތު ވާހަކައެކެވެ. އިސްލާމްދީން އައުމަށްފަހު، މި ދީނުގެ ކުރީކޮޅު، ދުނިޔޭގައި އޭރު ފެތުރިފައި ވި ވިހަގަދަ، ސުންޕާ ޤަބޫލުކުރުންތަކާއި ދެކޮޅަށް ތެދުވެ، ހޯދާފައިވާ ކާމިޔާބީތަކުގެ މުތްތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. އާއެކެވެ. އެއީ މުތްތަކެކެވެ. ނޫނެކެވެ. އެއަށްވުރެ މާ އަގުބޮޑު ޖަވާހިރުތަކެކެވެ.

ޤަބޫލުކުރައްވާށެވެ! މި އުންމަތް މިހާހިސާބަށް ރައްކާތެރިކުރެވިގެން މި އައީ ހަމަ އެކަނި ފިރިހެނުންގެ މަސައްކަތަކުން ނޫނެވެ. ފިރިހެނުންނާއި އެއް ހަމައެއްގައި، ޢިއްފަތްތެރިކަމުގެ އިންތައް ފަހަނައަޅައި ނުގޮސް އުންމަތުގެ އަގު ހުރި އަންހެން ދަރީން ކުރެއްވި މިންނެތް މަސައްކަތުގެ ސަބަބުންނެވެ. ޢިލްމީ ގޮތުންނޭ ތޯއެވެ؟ އާއެކެވެ. އުންމުލް މުއުމިނީން ޢާއިޝާ ބިންތު އަބޫބަކުރު، އަފްރާ ބިންތު ޢުބައިދު، އަސްމާ ބިންތު އަބޫބަކުރު، އަސްމާ ބިންތު ޔަޒީދު، ބަރަކާ، ފާޠިމާ ބިންތު އަލް ޚައްޠާބު، ހަމްނާ ބިންތު ޖަޙްޝް، ޚަވްލާ ބިންތު އަލް އަޒްވަރް، ނަސީބާ ބިންތު ކަޢުބު، އުންމު ސުލައިމް، ސަފިއްޔާ ބިންތު ޢަބްދުލް މުއްޠަލިބު، ސަލްމާ ބިންތު އުމައިސް އަދި ސުމައްޔާ ބިންތު ޚުއްބަތު (ރަޟިލަﷲ ޢަންހުމް) ފަދަ އެތައް ސަތޭކަ ނަމެއް މިގޮތުން ގެނެވިދާނެއެވެ.

ކާފަރުންގެ ބަހަށް ދޭނެ ރައްދަކަށް މި މިންވަރުވެސް ފުދެއެވެ. އެހެނަސް އެ ސަޙާބިއްޔާއިން އުންމަތަށް ދޫކުރެއްވި އަގުހުރި މޭވާތަކުގެ ތެރެއިން މިންވަރެއް މިތާގައި ގެނެސްދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. އެއީ އެކަނބަލުންގެ ފަހަށް ދޫކުރައްވާފައިވާ ޢިލްމުގެ ދިގުދެމިގެންވާ ކޯރުތަކުން ޢިލްމުގެ ރަހަ ބެއްލެވި އަންހެން ދަރީންގެ ކިބައިގައި ޢިލްމު ހުރި މިންވަރު ވަޒަންކޮށްލުމަށެވެ. އިމާމް ޛަހަބީ (ރަޙިމަހުﷲ) ވިދާޅުވެފައި ވެއެވެ. "ޙަދީޘް ހެދި މީހުންގެ ތެރޭގައި އެތައް އެތައް ފިރިހެނުންނެއް ވެއެވެ. އެހެނެއްކަމަކު އެންމެ އަންހެން ރާވީއެއްގެ މައްޗަށްވެސް ޙަދީޘް ހެދި ކަމުގެ ތުޙުމަތު ކުރެވިފައެއް ނެތެވެ."

އަމްރާ ބިންތު ޢަބްދުއްރަޙްމާން

ތާބިޢީން (ސަޙާބީންގެ ފަހުގެ ޖެނެރޭޝަން) ގެ ތެރޭގައި އެކަމަނާ އަކީ ވަރަށް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. އެއީ ފިޤްޙު ޢިލްމުވެރިއެކެވެ. ޙަދީޘް ޢިލްމުވެރިއެކެވެ. އަދި މުފްތީއެއްވެސް މެއެވެ. މަތިވެރިވެގެންވާ ޚަލީފާ ޢުމަރު ބުން ޢަބްދުލް ޢަޒީޒް (ޢުމަރުގެފާނުގެ ކާފަ ދަރިކަލުން) ވިދާޅުވެއެވެ. "ތިޔަބައިމީހުން ޙަދީޘް އުނގެނެން ބޭނުންނަމަ އަމްރާގެ ގާތަށް ދާށެވެ!" އިމާމް ޒުހުރީ ވިދާޅުވެފައި ވެއެވެ. "އަމްރާގެ ގާތަށް ދާށެވެ. އެކަމަނާ އަކީ ޙަދީޘް ޢިލްމުގެ ފުން ކަންވާރެކެވެ!"

އެކަމަނާގެ ދުވަސްވަރު މަދީނާގެ ޤާޟީގެ ކުރިފުޅުމައްޗަށް ސީރިޔާގެ ނަޞާރާ ވަގަކު އެއްޗެއް ވަގަށް ނެގި މައްސަލައެއް ހުށަހެޅުނެވެ. ވައްކަން ސާބިތު ވުމުން އެކަލޭގެ އަތް ކެނޑުމަށް ޤާޟީ އަމުރު ކުރެއްވިއެވެ. އެ ޚަބަރު އަމްރާ ބިންތު ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެނެނެވުމުން އެކަމަނާގެ ދަރިވަރަކަށް ވިދާޅުވިއެވެ. "ޤާޟީގެ އަރިހަށް ދާށެވެ. އަދި އެ ވަގަށް ނެގި އެތީގައި ދީނާރެއްގެ އަގު ހަމަވެގެން ނުވާތީ، އޭނާގެ އަތް ކެނޑުން ހުއްދަ ނުވާނެކަމަށް ތިމަން ކަމަނާ ވިދާޅުވި ވާހަކަ ދަންނަވާށެވެ." އެގޮތަށް ކަން ހިނގުމުން އިތުރު އެއްވެސް ސުވާލެއް ނެތި ޤާޟީ އެކަމަނާގެ ބަސްފުޅު ޤަބޫލުކުރެއްވިއެވެ. މި ވާހަކަ އިމާމް މާލިކް ގެ މުވައްޠާ ގައި ތަފްޞީލުކޮށްގެންނަވާފައި ވެއެވެ. އެކަލޭގެފާނުގެ ރަޢުޔަކަށްވެސް ހެއްދެވީ އެކަމަނާގެ ރަޢުޔެވެ.

ކުރިޔަށް ހުރި ބައިގައި އިތުރު މުތްތަކުގެ ވިދުމުގެ ވާހަކަ ގެނެވިގެންދާހުއްޓެވެ. އިންޝާﷲ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *