އިސްލާމީ ޝަރީޢަތް:
އޮޅުމެއްނެތް ގޮތުގައި އިސްލާމީ ޝަރީޢަތުގައި މަސްތުވާތަކެތީގެ ޙުކުމް ބަޔާންކުރާހިނދު، އިސްލާމީ ޝަރީޢަތަކީ ކޮބައިކަން އަޅުގަނޑުމެން ދަނެގަންނަންވާނެއެވެ، ވުމާއެކު އެންމެ ފުރަތަމަ އަޅުގަނޑުމެން މިބަލާލަނީ އިސްލާމީ ޝަރީޢަތަކީ ކޮބައިކަމެވެ.
ޢަރަބި ބަހުގައި ޝަރީޢަތުގެ މާނަ:
ޢަރަބި ބަހުގައި ޝަރީޢަތު ބޭނުންކޮށް އުޅޭ އެއްމާނައަކީ ތެދުމަގެވެ. މީގެ އިތުރުން މަންހަޖު، މިއްލަތު މި މާނައިގައިވެސް ބޭނުންކޮށް އުޅެއެވެ.
އިސްޠިލާޙީ މާނައިގައި އިސްލާމީ ޝަރީޢަތުގެ މާނަ:
އިސްޠިލާޙީ މާނައިގައި އިސްލާމީ ޝަރީޢަތުގެ މާނައަކީ ހަމައެކަނި ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމްގެ ޙަދީޘްތަކުން ނެގޭ ޙުކުމެވެ.
އެއީ ޢަޤީދާގެ ގޮތުންނާއި، ޢިބާދަތުގެ ގޮތުންނާއި، މުޢާމަލާތުގެ ގޮތުން ނިޒާމެއްކަމުގައި މާތް ﷲ އިންސާނުންނަށް ކަނޑައަޅައި ދެއްވި ގޮތެވެ. އަދި އެއީ މާތް ﷲ އާއި، އަޅާއާއި، ދެމެދު އޮންނަ ގުޅުންތަކާއި، ތަފާތު މުޖުތަމަޢުތަކުގައި މީސްތަކުންގެ މެދުގައި އޮންނަންވީ ގުޅުންތަކާއި، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބެނިވިގޮތް އެކުލެވިގެންވާ މަގެވެ. މާތް ﷲގެ ޝަރީޢަތަކީ އެންމެ ސީދާވެގެންވާ ޙައްޤު ތެދުމަގެވެ. މި މާނައިގައި ބަލާއިރު އިސްލާމީ ޝަރީޢަތަކީ މާތް ﷲގެ ޙަޟުރަތުން ކީރިތި ނަބިއްޔާ މީސްތަކުންނަށް ގެނެސްދެއްވި އެންމެހާ ޙުކުމްތަކެވެ. އަދި އެއްވެސް ވަޟުޢީ ޤާނޫނެއްވިއަސް، މީހެއްގެ ޚިޔާލެއްވެސް، ފިކުރެއްވެސް މީގައި ނުހިމެނޭނެއެވެ.
މަސްތުވާތަކެތި
މަސްތުވާތަކެތީގެ މާނަ
މަސްތުވާތަކެތީގެ ޙުކުމް ބަޔާން ކުރެވިގެންވަނީ ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާ صلي الله عليه وسلمގެ ޙަދީޘް ބަސްފުޅުތަކުން ކަމަށްވާތީ އެންމެ ފުރަތަމަ މިބަލާލަނީ ޢަރަބި ބަހުގައި މަސްތުވާތަކެތީގެ މާނައަށެވެ.
ޢަރަބި ބަހުގައި މަސްތުވާތަކެތީގެ މާނަ:
ޢަރަބި ބަހުގައި މަސްތުވާތަކެއްޗަށް ކިޔަނީ المخدرات އެވެ. މުޙައްދަރާތު މިބަސް ނެގިފައިވަނީ خدر މިބަހުންނެވެ. މަޞްދަރަކީ التخدير މިއެވެ. މާނައަކީ: ނިވާކަމެވެ. ނުވަތަ ފޮރުވުން ކަމުގައި ބުނެވެއެވެ. މިސާލު: يوم خدر ކަޅުވިލާތަކުގެ ސަބަބުން އުޑުމަތި ފޮރުވިފައިވާ ދުވަސް އަދި ليلة خدر އާދަޔާއި ޚިލާފަށް އަނދިރިކަން ވެރިވެފައިވާ ރޭގަނޑެވެ. އަދިވެސް ބުނެވެއެވެ. ރާބޯމީހާ މަސްތުވުމަށް އޭނަގެ ނަފުސު ކަންނެތް ކަމާއި ހަލާކުގެ ތެރެއަށް ވައްޓާލުމެވެ. ނުވަތަ ކަންނެތްކަން ވެރިވެ، އެކަމަށް މަގުފަހި ކުރުވުމެވެ. ނުވަތަ އެޙާލަތަކީ އޭނަގެ ހަށިގަނޑު ހަމަ ހިމޭންކަމުން ނިކަމެތިކަމަށް ގެނެސް ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާގައި ކަންނެތްކަން އިތުރުކުރުވާ އަދި ފަރުވާ ކުޑަކުރުވާ އަދި ނަފުސު ނިކަމެތިކުރުމާއެކު މިހާގެ އިޙުސާސްތަކާއި ޝުޢޫރުތަސް ގެއްލިދާ ސަބަބެވެ." [1]
ޤާނޫނީގޮތުން މަސްތުވާތަކެތި:
އެއީ އިންސާނާގެ ހަށިގަނޑު ހަލާކުގެ ތެރެއަށް ނުވަތަ މަސްތުވުމުގެ ތެރެއަށް ވައްޓާލުމަށް ބޭނުންކުރާ ކޮށްމެ އެއްޗެކެވެ. ނުވަތަ އޭނަގެ ނަފުސާއި ހަށިގަނޑު އަބަދުގެ އަބަދަށް ލޮޑުކޮށް ވަރުބަލިކޮށްލަން ބޭނުން ކުރާ ކޮށްމެ އެއްޗެކެވެ. އަދި ހަމައެހެއްމެ މިފަދަ ތަކެތީގެ ތެރޭގައި އެކަމަށް ބޭނުންކުރާ އާލަތްތަކާއި، އަދި އެކަމަށް ބޭނުންވާ ގަސްތައް ހެއްދުމާއި، އެތަކެތި ތައްޔާރު ކުރުންފަދަ ޤާނޫން ހުއްދަނުކުރާ ކޮށްމެ ކަމެއް ހިމެނެއެވެ." [2]
ޑޮކްޓަރީގޮތުން މަސްތުވާތަކެތި:
ޑޮކްޓަރީ ގޮތުން މަސްތުވާތަކެއްޗަކީ އެމާއްދާއެއްގެ ސަބަބުން އޭނަގެ ޠަބީޢަތައް ބަދަލު ގެންނަ ނުވަތަ ގެއްލުންދޭ ކޮށްމެ މާއްދާއެކެެވެ. ނުވަތަ އެބޭނުން ކުރުމުގެ ސަބަބުން އޭނަގެ ހަށިގަނޑާއި،ނަފުސު މަސްތުވުމުގެ ތެރެއަށް ގެނެސްގަންނަ ކޮށްމެ އެއްޗެކެވެ." [3]
މަސްތުވާ ތަކެތީގެ ބައެއް ބާވަތްތައް:
ބަނގުރާ
ރަލަކީ މަސްތުވާތަލެތީގެ މަންމައެވެ. ޢާއްމުގޮތެއްގައި ރާއުފައްދަނީ ކަދުރާއި، މޭބިސްކަދުރުގެ އިތުރުން ހަނޑޫގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. އެހެންކަމުން ރާ ބެލެވިފައިވަނީ ޙަލާލު ތަކެތިން އުފެއްދޭ ޙަރާމް އެއްޗެއްގޮތުގައެވެ.
މިއަދާހަމަޔަށް އައިއިރުވެސް ދުނިޔޭގައި ރަލުގެ މިންވަރު ދުވަހުން ދުވަހަށްދަނީ އިތުރުވަމުންނެވެ. މީގެ ބޮޑުބައެއް އުފައްދަނީ ދުނިޔޭގެ އުފެއްދުންތެރި ޤައުމުތަކުންނެވެ. ނަމަވެސް އޭގެ ބޮޑުބައެއް ބޭރުވަނީ ތިންވަނަ ދުނިޔޭގެ ޤައުމުތަކަށެވެ. މީގެ ތެރޭގައި އިސްލާމީ ޤައުމަތައް މަދެއް ނޫނެވެ.
އަފިހުން
އަފިހުނަކީ ވަރަށް ނުރައްކާތެރި ބާވަތެކެވެ. މި އުފައްދަނީ "ޙަޝްޙާޝް" އޭ ކިޔޭ ގަހުގެ ކިރު ބޭނުންކޮށްގެންނެވެ. އަފިހުން އެންމެ ފުރަތަމަ ހޯދީ ނަޕޯލިއަން ލަޝްކަރާއެކު ދަތުރުކުރެއްވި ކެމިސްޓްރީ ޢިލްމުވެރިއެއް ކަމަށްވާ "ސީގަން" އެވެ. ޔޫރަޕަށް މިގަސް ތަޢާރަފްވީ މީލާދީން 15 ވަނަ ސައްތައިގައެވެ. މިވައްތަރުގެ ގަސް ފެނިފައިވަނީ މިޞްރު، އީރާން، އަދި އޭޝިޔާންއެވެ.
ކޮކޭން
ކޮކޭން އުފައްދަނީ " ކޮކާ" އޭ ކިޔޭ ގަހުގެ ފަތުންނެވެ. މީގެ އަޞްލު ވަޠަނަކީ ދެކުނު އެމެރިކާއެވެ. މިޤައުމުން ތަފާތު ސަރަޙައްދުތަކަށް މިގަސް ގެންދެވުނެވެ. އޭގެ ތެރޭގައި ސްރީލަންކާ، ޖަމާއިކާ، އިންޑޮނޭޝިޔާގެ ޖާވާ ހިމަނެއެވެ. ޕެރޫގެ ރައްޔިތުން ވަރުބަލިކަމާ، ބަނޑުހައިހޫނުކަމާ، ކަރުހިއްކުމުން ސަލާމަތަްވުމަށްޓަކައި ކޮކާފަތް ހަފާ، ކައި ހަދައެވެ. މިފަތުން ކޮކޭން އުފެއްދީ "ރިޒީ" އާއި "ނީމަން" ކިޔުނު ދެމީހުންނެވެ. ސައިންޓިސްޓުން ބުނާގޮތުގައި ކޮކޭންގެ 0.50 ގްރާމް ކައިފިނަމަ އެމީހަކު ވަގުތުން މަރުވާނެއެވެ.
ކެނަބިސް
މިއީ ގަހެއްގެ ކިރުން އުފައްދާ ބާވަތެކެވެ. އެއީ "ކެނަބިސް" ގަހުގެ މާކޯޅިތަކުގެ ބުޑުގައި އުފެދިފައި ހުންނަ ކިރެވެ. މިބާވަތުގެ ގަސް ވަރަށް ގިނައިން އިންޑިޔާ، އީރާން، ގްރީކް، އަދި އެފްރިކާގައި ހެދިފައި ހުރެއެވެ. ކިރުގެ އިތުރުން ގަސްގަނޑު ހިއްކައިގެންވެސް މި ބޭނުންކުރެއެވެ. އެކި ޤައުމުތަކުގައި އެކިނަން މިއަށް ދެވިފައިވާއިރު، އޭޝިޔާގައި މިއަށްކިޔަނީ ޗަރާސްއެވެ. މެދުއިރުމަތީގައި ކިޔަނީ ޙަޝީޝް އެވެ.
ޙަޝިޝް
މިއީ މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ބާވަތެވެ. މި ބޭނުންކުރުމުން އަނބުރައިގަތުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި، ތުރުތުރު އެޅުމާއި، ކަންފަތް ބީރުވުމާއި، ބިރުގަތުމާއި، ކަންބޮޑުވުމާއި، ހާސްވުންފަދަ ބަލިތަކުގެ ޝިކާރަޔަކަށް ވެދެއެވެ. އަދި ކާހިތްކެނޑި ހަށިގަނޑުގެ ބާރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކެނޑިދެއެވެ.
ޢާއްމުކޮށް ޙަޝިޝް ބޭނުންކުރާ މީހުންގެ ފުއްޕާމޭގެ ހަލާކުވެ ޖިންސީ ގުނަވަނުގެ ބާރު ނެތިދެއެވެ. އަދި އަންހެނުން މާބަނޑު ދުވަސްވަރު މި ބޭނުންކުރާނަމަ ދަރިފުޅުގެ ސިފަހުތުރުވެ ގުނަވަންތައް އުނިވެދެއެވެ.
އިސްލާމީ ޝަރީޢަތުގައި މަސްތުވާތަކެތީގެ ޙުކުމް:
މިއަދު އަޅުގަނޑުމެން ނަންކިޔާ ފާޑުފާޑުގެ މަސްތުވާތެކެއްޗާއި ބެހޭގޮތުން އިސްލާމީ ޢިލްމުވެރިންގެ މެދުގައި ބަޙުޘްކުރެވި، އެކަމުގެ ޙުކުމް ނެރުއްވާފައިވަނީ ވަރަށް ފަހުންނެވެ. އެހެނީ އަޅުގަނޑުމެން މިއަދު ނަންކިޔާ މަސްތުވާތަކެއްޗަކީ ކުރީގައި މީސްތަކުންގެ މެދުގައި ޢާއްމުވެ ބޭނުންކުރެވެމުން އައި އެއްޗެއްނޫނެވެ. މާތް ނަބިއްޔާގެ صلي الله عليه وسلمގެ ޒަމާނުގައިވެސް މިދެންނެވި މަސްތުވާތަކެތި ބޭނުންކޮށް ނޫޅެއެވެ.
ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި ޖާހިލިއްޔަ ޒަމާނުގައްޔާއި، އިސްލާމްދީނުގެ ކުރީކޮޅުގައި މީސްތަކުންގެ ތެރޭގައި މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ،މަސްތުވާތަކެތީގެ މަންމަ ކަމުގައި ބެލެވޭ ރާ އެވެ. މިގޮތުން އިސްލާމްދީނުގައިވެސް އެންމެ ފުރަތަމަ މަސްތުވާ އެއްޗަކާއި ބެހޭގޮތުން ޙުކުމް ބަޔާން ކުރައްވާފައިވަނީ ރަލާއިމެދުގައެވެ. އެއަށްފަހު މީސްތަކުންގެ މެދުގައި މިއަދު ޢާއްމުވެފައިވާ މަސްތުވާތަކެތީ ބާވަތްތަކުގެ ޙުކުމް ޢިލްމުވެރިން ބަޔާންކޮށްދެއްވިއެވެ. އެއީ އިސްލާމީ ޝަރީޢަތުގައިވާ ރަލުގެ ޙުކުމުގެ މައްޗަށް ޤިޔާސް[4] ކުރައްވައިގެންނެވެ. އެހެންކަމުން އަޅުގަނޑުމެން ފުރަތަމަ ބަލާލާނީ މަސްތުވާ ތަކެތީގެ މަންމަ ކަމުގައިވާ ރާގެ ޙުކުމަށެވެ. އެއަށްފަހު މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތަކުގެ ޙުކުމް ޢިލްމުވެރިން ގެންނަވާފައިވާ ގޮތަށެވެ.
މަސްތުވާތަކެތީގެ މަންމަ ކަމުގައިވާ ރާގެ ޙުކުމް:
ރަލަކީ ޒަމާނުއްސުރެ މީސްތަކުންގެ މެދުގައި މަޤްބޫލު ބުއިމެކެވެ. ޔަހޫދީންނާއި ނަޞާރާއިންގެވެސް މަޤްބޫލު ބުއިމެކެވެ. އެބައިމީހުންގެ މުޤައްދަސް ޙަފްލާތަކާއި، އެހެނިހެން ޙަފްލާތަކުގެވެސް އެންމެ މަޤްބޫލު ބުއިމެވެ. އިސްލާމްދީން އައުމަށްފަހު ރާ ޙަރާމް ކުރެއްވުމާ ހަމައަށް މުސްލިމުންގެ މެދުގައިވެސް ވަރަށް މަޤްބޫލު ބުއިމެކެވެ.
މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި މަޤްބޫލު ބުއިމެއްގެ ގޮތުގައި ރާ ވީނަމަވެސް، ރަލަކީ އޭރުވެސް މަސްތުވާ އެއްޗެކެވެ. ޒަމާނުއްސުރެ މީސްތަކުން ދަންނަ މަސްތުވާ އެއްޗަކީ ރަލެވެ. މިއަދު އަޅުގަނޑުމެން ނަންކިޔަމުންދާ ފާޑުފާޑުގެ ހިކި މަސްތުވާ ތަކެއްޗާއި، ތެޔޮ މަސްތުވާ ތަކެއްޗަކީ ކުރީޒަމާނުގައި މީސްތަކުން ދަންނައެއްޗެއް ނޫނެނެވެ.
ހުރިހާ ނުބައިކަމެއްގެ އަޞްލު، އަދި ހުރިހާ ފާޙިޝު ޢަމަލުތަކުގެ މަންމަ ކަމުގައި ބެލެވޭ ރާ ބުއިމުގައި މުސްލިމުން ދުވަސްތައް ހޭދަކުރަމުން ގެންދަނިކޮށް މާތް ﷲ ރަލާ ބެހޭގޮތުން ފުރަތަމާ އާޔަތް ބާވައިލެއްވިއެވެ.
ފުރަތަމަ އާޔަތް
"وَمِنْ ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِي ذَلِكَ لَآَيَةً لِقَوْمٍ يَعْقِلُونَ."[5] މާނައީ" އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުން ކުރަމުއެވެ. ހަމަކަށަވަރުން ވިސްނާބަޔަކަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ." [6]
މިހާ ހިސާބުން މުސްލިމުން ރާބުއިންހުއްޓާ ނުލައެވެ. އެހެނީ މިހާހިސާބުން ރަލަކީ ޙަރާމް އެއްޗެއްގެ ގޮތުގައި އެބައިމީހުން ނުދެކެއެވެ. މި އާޔަތް ބާވައި ލެއްވުމުންވެސް މުސްލިމުން ދިޔައީ ރާ ބޮމުންނެވެ. އެހެނީ އެއީ އެބައި މީހުންނަށް ޙަލާލު އެއްޗެއްގޮތުގައި ވީތީއެވެ.
މާތް ނަބިއްޔާގެ ޞަޙާބީން ކަމުގައިވާ ޢުމަރުގެ ފާނާއި، މުޢާޒް، އަދި އެހެނިހެން ޞަޙާބިން ކިރިތި ނަބިއްޔާއަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ރަލާ ބެހޭގޮތުން ތިމަން ޞަޙާބީންނަށް ބަޔާން ކޮށްދެއްވާށެވެ. އެހެނީ ހަމަ ކަށަވަރުން ރަލަކީ ބުއްދިފިލައިދާ، މުދާ އިސްރާފުވާ އެއްޗެކެވެ. ދެން މާތް ﷲ ދެވަނަ އާޔަތް ބާވައިލެއްވިއެވެ.
ދެވަނަ އާޔަތް
"يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا" [7] މާނައީ: "ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ.! އެދެކަމުގައި ބޮޑުވެގެންވާ ފާފަވެރިކަމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާލިބިނެވި ގޮތްތަކެއްވެސް ވެއެވެ. އެދެކަމުގެ މަންފާއަށްވުރެ، އެދެކަމުގެ ފާފަވެރިކަން ބޮޑެވެ." [8]
މިހާހިސާބުން ރާބުއިމުން އެއްބަޔަކު މުޅިން ދުރުވެގަތެވެ. އެއީ، އިސްވެ ދެންނެވުނު އާޔަތުގައި ރަލުގައި ބޮޑު ފާފަވެރިކަމެއް ވާކަމުގައި ބަޔާންވުމުންނެވެ. ނަމަވެސް އަނެއްވަޔަކު ކުރިއެކޭ އެއްގޮތައް ރާބުއިމުގައި ދެމިތިބީއެވެ. އެއީ އިސްވެ ދެންނެވުނު އާޔަތުގައި، ރަލުގައި މީސްތަކުންނަށް ހިސާބަކަށް ނަފާލިބިނެވި ގޮތްތަކެއްވެސް ވާކަމުގައި ބަޔާންވެގެން ވީމައެވެ.
ދެން އެއްދުވަހަކުން މާތް ﷲ ރުއްސުންލެއްވި ޢަބްދުއްރަޙްމާނު ބުނި ޢައުފް، ޖާފަތެއް ތައްޔާރު ކުރައްވާ ޞަޙާބީންނަށް ދަޢުވަތު ދެއްވިއެވެ. މި ޖާފަތުގައި ބުއިމެއްގެ ގޮތުގައި ރާ ހުއްޓެވެ. ކެއުމުގެ ތެރޭގައި ބައެއް ޞަޙާބީން ރާފޮދު ހިއްޕެވުމުގެ ސަބަބުން މަސްތުވެ ވަޑައިގަތެވެ. އަދި އެ ޙާލަތުގައި ތިބެގެން މަޢްރިބް ނަމާދަށް ވަޑައިގަތެވެ. ދެން ޞަޙާބީން ނަމާދު ކުރެއްވުމުގައި ކީރިތި ޤުރުއާން ކިޔެވުމުގައި ބައެއް ކަލިމަތަށް ދޫކޮށްލުމަށްފަހި އެ ނަމާދުގައި ކިޔަވާފައިވެއެވެ. އެގޮތުން ކާފިރޫން ސޫރަތް ވިދާޅުވެފައިވަނީ މިފަދައިންނެވެ. قُلْ يَا أَيُّهَا الْكَافِرُونَ . أَعْبُدُ مَا تَعْبُدُونَ [9]. (لَا) ވިދާޅެއް ނުވެއެވެ. (لَا) ވިދާޅު ނުވުމުގެ ސަބަބުން ދެ އާޔަތުގެ މާނަ ކުރެވެނީ މިފަދައިންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އޭ ކާފިރުންނޭވެ! ތިޔަބައިމީހުން އަޅުކަން ކުރާތަކެއްޗަކަށް ތިމަންކަލޭގެފާނު އަޅުކަން ކުރައްވަމުއެވެ. ނަމަވެސް ކީރިތި ޤުރުޢާނުގައި މި 2 އާޔަތް ބާވައި ލައްވާފައި ވަނީ މިފަދައިންނެވެ. قُلْ يَا أَيُّهَا الْكَافِرُونَ . لَا أَعْبُدُ مَا تَعْبُدُونَ.[10] މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ. އޭކާފިރުންނޭވެ! ތިޔަބައިމީހުން އަޅުކަން ކުރާ ތަކެއްޗަކަށް ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމުއެވެ." [11]
މިކަންތައްތައް މިހެން ދިމާވުމާއި ވިދިގެން މާތް ﷲ ތިންވަނަ އާޔަތް ބާވައިލެއްވިއެވެ.
ތިންވަނަ އާޔަތް
"يَا أَيُّهَا الَّذِينَ آَمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ." [12] މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މަސްތުވެގެންތިބެ ނަމާދާއި ކާރިނުވާށެވެ! އެއީ، ( ނަމާދުގައި ) ތިޔަބައިމީހުން ކިޔާއެއްޗެއް ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ."[13]
މިހާހިސާބުން، ދެންވެސް ފެނިގެން ދިޔައީ އެއްބަޔަކު ރާބުއިމާ މުޅިން ދުރުހެލިވެގަތް ތަނެވެ. އެބައިމީހުން ބުނަމުންގެންދިޔައީ، ނަމާދާއި އެބައިމީހުނާ ދެމެދު ހުރަހަކަށްވާ އެއްވެސް އެއްޗަކީ ނަފާލިބިނިވި އެއްޗެއް ނޫންކަމުގައެވެ. ނަމަވެސް އަނެއްބަޔަކު ހަމައެކަނި ނަމާދު ވަގުތުގައި ރާބުއިމާ ދުރުހެލިވެގަތެވެ.
އެއްދުވަހަކު ޢަތަބާން ބުނި މާލިކު ކެއުމެއް، ނުވަތަ ޖާފަތެއް ތައްޔާރު ކުރިއެވެ. އަދި މުސްލިމުންގެ ތެރެއިން ބަޔަކަށް އެކެއުމަށް ދަޢުވަތުދެވުނެވެ. އޭގެ ތެރޭގައި ސަޢުދު ބުނި އަބީ ވައްޤާޞް ހިމެނެއެވެ. މިކެއުމުގައި ޖަމަލު ބޮލެއް ފިހެވިފައިވެއެވެ. ދެން އެބައިމީހުން އެބޮލުގެ މަސްކެއުމަށްފަހު، ބުއްދި ފިލައިދިއުމަށް ދާންދެން ރާބޮއެ އުޅުނެވެ. ދެން ލަވަކިޔާ އެބައިމީހުން ފަޚުރުވެރިވެ، ބޮޑާވެގެންވާ ޙާލު، އެބައިމީހުންނަށް މަދަޙަ ކިޔާ، އަންޞާރިއްޔަ ބޭކަލުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް ޅެންކިޔައި ހެދިއެވެ. ދެން އަންޞާރުންގެ ތެރެއިން މީހަކު އެޖަމަލުގެ ބޮލުގެ އިސްތަށިގަނޑުގަ ހިފާ ސަޢުދުގެ ބޮލުގައި ޖެހިއެވެ. މިކަމުގެ ޝަކުވާ މާތްނަބިއްޔާގެ އަރިހަށް ގެންދެވުނު ހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ، ރަލާބެހޭގޮތުން އަޅުގަނޑުމެނަށް ބަޔާންވެގެންވާ ސާފުޙުކުމެއް ބަޔާންކޮށްދެއްވާށިއެވެ. އެހިނދު ހަތަރުވަނަ އާޔަތް ބާވައިލެއްވުނެވެ.
ހަތަރުވަނަ އާޔަތް
"يَا أَيُّهَا الَّذِينَ آَمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ . إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنْتُمْ مُنْتَهُونَ"[14] މާނައީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގެންނާށެވެ! (އެއީ) އިޔަބައިމީހުން ދިންނަވައި ނަޞީބު މިބުމަށްޓަކައެވެ. .. ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދު ކުރުމަށް ތިޔަބއިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) "[15]
އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ބަޔާންވެއްޖެއެވެ. ދެންފެނިގެން ދިޔައީ، މަދީނާގެ މަގުތައް ރަލުގެ ކޯރުތަކަށް ބަދަލުވެގެން ދިޔަތަނެވެ. އިސްލާމީ އުންމަތަށް ރާ އަކީ ޙަރާމް އެއްޗެއްކަން މާތް ﷲ ތަބާރަކަ ވަތަޢާލާ ބަޔާންކޮށްދެއްވުމާއި ގުޅިގެން ހުރިހާ މުސްލިމުން ރަލާދުރުހެލިވެ، އަތުގައި ހުރިނަމަ ހުރި، ހުރިހާ ރަލެއް އުކާލީއެވެ."[16]
މި ތަރުތީބުން ރާ ޙަރާމް ކުރެއްވުމުގެ ޙިކުމަތެއްވެއެވެ. އެހެނީ މީސްތަކުން ރާބުއިމަށް އާދަވެފައިވާ މިންވަރު މާތް ﷲ ސުބުޙާނަހޫ ވަަތަޢާލާ މޮޅަށް ދެނަވޮޑިގެންވެއެވެ. އަދި އެއްފަހަރުން ރާ ޙާރާމްކުރެއްވިނަމަ، އެބައިމީހުންނަށް ދަތި އުނދަގޫތަކެއް ވާނެކަން އެކަލާންގެ މޮޅަށް ދެނަވޮޑިގެންވެއެވެ. އެހެންކަމުން މިގޮތައް މާތް ﷲ ރާ ޙަރާމް ކުރެއްވުމުގެ ޙިކުމަތަކީ އެކަލާނގެ އަޅުތަކުންނަށް އޯގާވެރިވެ ވޮޑިގެންވުމެވެ. [17]
އިސްވެ ދެންނެވުނު ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ އަލީގައި ރަލަކީ ޙަރާމްވެގެންވާ އެއްޗެއްކަމުގައި ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ.
ކީރިތި ނަބިއްޔާގެ ސުންނަތުން ރަލުގެ ޙުކުމް:
1- ما رواه ابن ماجه عن ابن عمر رضي الله عنهما قال: قال رسول الله صلي الله عليه وسلم: "لعن رسول الله صلي الله عليه وسلم في الخمر عشرة عاصرها و معتصرها وشاربها وحاملها والمحمولة إليه وساقيها وبائعها وآكل ثمنها و المشتري لها و المشتراة له."[18] މާނައީ މާތް ﷲ ރުއްސުންލެއް އިބްނު ޢުމަރުގެ އަރިހުން އިބްނު މާޖާ ރިވާކުރައްވާފައި ވެއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ރަލާ އެފަދަ މަސްތުވާ ތަކެއްޗާ ބެހިގެން 10 މީހަކު މާތް ﷲ ގެ ރަޙުމަތުން ދުރުކުރައްވާ، ލަޢުނަތްލެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ދުޢަ ކުރެއްވިއެވެ. އެއީ ރާ ތައްޔާރު ކުރާ މީހާއާ، ރާ ތައްޔާރުކޮށް ދިނުމަށް އެދޭމީހާ އާ، ރާ ބޯމީހާއާ، އެއްތަނުން އަނެއްތަނަށް ރާ އުފުލާމީހާއާ، އެމީހަކަށްޓައި ރާގެންގޮސްދެވޭ ފަރާތާ، ރާ ބޯންދޭމީހާއާ، ރާވިއްކާ މީހާއާ، ރަލުގެ ވިޔަފާރިކުރާ މީހާއާ، ރަލުގެ އާމްދަނީ ބޭނުންކުރާމީހާއާ، ރާ ގަންނަމީހާއާ، އެމީހަކަށްޓަކައި ރާގަނެދެވޭމީއެވެ."
މިޙަދީޘަށް ބަލާއިރު، މާތް ނަބިއްޔާ صلي الله عليه وسلم އުންމަތަށް ޚަބަރުދެއްވަނީ މާތް ﷲ ރަލަށް ލަޢުނަތް ލައްވާކަމާއި، އަދި ރާ ތައްޔާރު ކުރާ މީހާއާ، ރާ ތައްޔާރުކޮށް ދިނުމަށް އެދޭމީހާ އާ، ރާ ބޯމީހާއާ، އެއްތަނުން އަނެއްތަނަށް ރާ އުފުލާމީހާއާ، އެމީހަކަށްޓައި ރާގެންގޮސްދެވޭ ފަރާތާ، ރާ ބޯންދޭމީހާއާ، ރާވިއްކާ މީހާއާ، ރަލުގެ ވިޔަފާރިކުރާ މީހާއާ، ރަލުގެ އާމްދަނީ ބޭނުންކުރާމީހާއާ، ރާ ގަންނަމީހާއާ، އެމީހަކަށްޓަކައި ރާގަނެދެވޭމީހާއަށްވެސް ލަޢުނަތް ލައްވާކަމެވެ. މި ޙަދީޘް ހިމެނިގެންވަނީ ރާ އަކީ ޙަރާމް އެއްޗެއްކަން ޞަރީޙަކޮށް އެނގިގެންދާ ޙަދީޘެއް ކަމުގައެވެ. މިޙަދީޘަށް ބަލާއިރު ދެ ކަމަކަށް ލަޢުނަތް ލެއްވިގެންވާކަށް ފާހަގަކުރެވެއެވެ. އެއީ ރާއާއި، ރަލުގެ ބޭނުންކުރާ މީހާއެވެ. އެއީ ކޮންމެ ސިފައެއްގައި ރަލުގެ ބޭނުންކުރި މީހެއްކަމުގައި ވީނަމަވެސް އެމީހަކަށް މާތް ﷲ ލަޢުނަތް ލައްވައެވެ. މާތް ﷲ އޭގެ ޒާތުގައި ރަލަށް ލަޢުނަތް ލެއްވުމުން ދޭހަވެގެންދަނީ ރަލަކީ ޙަރާމް އެއްޗެއްކަމެވެ. އަދި ރާ ބޭނުންކުރާ މީހާއަށް ލަޢުނަތް ލެއްވިގެންވާ ކަމަށް އޮތުމުން ދޭހަވަނީ އެމީހެއްގެ މައްޗަށް ހަރުކަށި ވަޢީދުގެ ބަސްފުޅެއް އައިސްފައިވާ ކަމުގައެވެ. އެހެނީ މާތް ﷲ އެއްޗަކަށް ނުވަތަ ކަމަމަކަށް ލަޢުނަތް ލެއްވުމުން އޭގެ މާނައަކީ އެކަމަކީ ޙަރާމް ވެގެންވާ ކަމެއްކަމެވެ.
2- ما رواه مسلم وابن ماجه عن ابن أن النبي صلي الله عليه وسلم قال: "كل مسكر خمر و كل خمر حرام"[19] މާނައީ : މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން އިބްނު މާޖާ ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ކޮންމެ މަސްތުވާ އެއްޗަކީ ރާއެވެ. އަދި ރާއަކީ ޙަރާމްއެއްޗެކެވެ."
މިޙަދީޘަކީވެސް، ޙަދީޘުގެ ނައްޞުން ރާ ޙަރާމްވެގެންވާކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. ޙަދީޘުގައި ރަލަކީ ޙަރާމް އެއްޗެއްކަން ޞަރީޙަކޮށް ބަޔާންކޮށްދެއްވުނުގެ ގޮތުން ކޮންމެ މަސްތުވާ އެއްޗަކީ ރާކަމުގައި ޙަދީޘް ކުރެއްވުމަށްފަހު، ރަލަކީ ޙަރާމް އެއްޗެއްކަން ޔަޤީންކޮށްދިނުމުގެ ގޮތުން ޞަރީޙަ ޢިބާރާތުން އެއްވެސް އޮޅުމެއް، ޝައްކެއް ނުވާގޮތުގެ މަތިން ޙަދީޘް ކުރައްވާފައި ވެއެވެ.
3- ما رواه ابن ماجه عن أبي هريرة قال: قال رسول الله صلي الله عليه وسلم: "مدمن الخمر كعابد الوثن." [20] މާނައީ: މާތް ﷲ ރުއްސުންލެއްވި އަބީ ހުރައިރާގެ އަރިހުން އިބްނު މާޖާ ރިވާކުރައްވާފައި ވެއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ބަނގުރާ ބޯން އާދަވެފައިވާ މީހާ ބުދަށް އަޅުކަން ކުރާމީހެއް ފަދައެވެ."
ޝައްކެއްނެތް ގޮތުގައި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކޮށް ޝިރުކު ކުރުމީ އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އެއްވެސް އޮޅުމެއް ނެތްގޮތުގައި ބުދަށް އަޅުކަންކުރާ މީހާއަކީ ކާފަރެކެވެ. ހަމަ އެފަދައިން ރާ ބޯން އާދަވެފައިވާ މީހާ، މިޙަދީޘްގައި ސިފަކުރެވިގެންވަނީ ކާފަރެއްގެ ގޮތުގައެވެ. އެހެންކަމުން މި ޙަދީޘްގައި ރާބޯން އާދަވެފައިވާ މީހުންނަށް، ކާފަރުންނަށް ލިބޭނެ ވޭންދެނިވި ޢަޛާބުވާކަމުގެ ވަޢީދުގެ ބަސްފުޅުވާކަން ދަލީލުކޮށްދެއެވެ. ވީމާ މިކަމަކީ މާތް ﷲގެ ޙަޟުރަތުގައި ޙަރާމްކަމެއްކަން ޞަރީޙަކޮށް އެބަ އެނެގެއެވެ.
4- ما رواه ابن ماجه وأحمد عن ابن عمر أن النبي صلي الله عليه وسلم قال: " ما اسكر كثيره فقليله حرام" [21] މާނައީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން އަޙުމަދު އަދި އިބްނު މާޖާ ރިވާކުރައްވާފައިވެއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ގިނަ މިންވަރެއް ބޭނުންކުރުމުން މަސްތުވާ ކޮންމެ އެއްޗެއްގެ މަދުމިންވަރު (ކައިބޮއިހެދުން) ޙަރާމް ވާނެއެވެ."
މިޙަދީޘުން ރާ ޙަރާމްވަނީ އޭގެ ކިހާ މިންވަރެއް ބޭނުންކުރުމުންކަން ބަޔާންކޮށްދެއެވެ. އެގޮތުން މަސްތުވާ އެއްޗެއްގެ ކިތަންމެ ކުޑަމިންވަރެއް ބޭނުންކުރި ނަމަވެސް، އަދި ކިތަންމެ ގިނަ މިންވަރެއް ބޭނުންކުރިނަމަވެސް އެ އެއްޗެއް ޙަރާމްވާނެކަން ބަޔާންކޮށްދެއްވައެވެ. އެހެންކަމުން ރަލަކީ އޭގެ ޒާތުގައި ނުވަތަ ޠަބީޢަތުގައި މަސްތުވާ އެއްޗަކަށް ވީހިނދު، ރަލުގެ ކިތަންމެ ކުޑަމިންވަރެއް ބޭނުންކުރިނަމަވެސް އެމިންވަރެއް ޙަރާމްވާނެއެވެ.
5- ما رواه الجماعة إلا الترمزي عن ابن عمر أن الرسول صلي الله عليه وسلم قال: " " مَنْ شَرِبَ الْخَمْرَ فِي الدُّنْيَا حُرِمَهَا فِي الآخِرَةِ " [22] މާނައީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން، ތިރްމިޒީފިޔަވައި ޖަމާޢަތުލް މުޙައްދިޘީން ރިވާކުރައްވާފައިވެއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " ދުނިޔޭގައި ރާ ބުއިމަށްފަހު، އެކަމުން ތައުބާ ނުވާމީހާއަށް އާޚިރަތްދުވަހުން ރާ ޙަރާމްވެގެންވެއެވެ."
6- ރާބުއިމުގެ ނުބައިކަން ބަޔާން ކުރައްވަމުން ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "لا يشرب الخمر حين يشربها وهو مؤمن ." [23] މާނައީ: " ރާ ބޯމީހަކު މުއުމިނު ޙާލުގައި ހުރެ ރާނުބޮއެވެ."
7- އަދިވެސް މާތް ނަބިއްޔާ ރާ ބޯމީހުންގެ ނުބައިކަން ބަޔާންކުރައްވަމުން ޙަދީޘްކުރައްވާފައިވެއެވެ. "لا تعودوا شراب الخمر إدا مرضوا" [24] މާނައީ: " ރާބޯމީހުން ބަލިވުމުން އެމީހުންނަށް ގޮވާލަން ތިޔަބައިމީހުން ނުދާށެވެ."
8- ރަލަކީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިކަމުގައި މާތްނަބިއްޔާ ބަޔާންކޮށްދެއްވާފައިވެއެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "اجتنبوا الخمر . فإنها مفتاح كل شر" [25] މާނައީ: " ރާއަކީ ކޮންމެ ނުބައިކަމެއްގެ ތަޅުދަނޑިއެވެ.ތިޔަބައިމީހުން ރަލާ ދުރުހެލިވާށެވެ."
ޢިލްމުވެރިންގެ އިޖުމާޢުން ރަލުގެ ޙުކުމް:
ޝާމްކަރައިގެ އަހުލުވެރިންގެ ތެރެއިން ބަޔަކު ރާ ބުއިކަން އެނގުމުން ޔަޒީދުބުނި އަބީ ސުފިޔާން އެމީހުންނާ ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުން ރާ ބުއިންހެއްޔެވެ. އެބައިމީހުން ދެންނެވިއެވެ. މާތް ﷲ މިފަދައިން ޤުރުއާނުގައި ވަޙީކުރައްވާފައިވާތީ ރާ ބުއީމެވެ." لَيْسَ عَلَى الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا........."[26] މާނައީ: އީމާންވެ، ޞާލިހު ޢަމަލުތައް ކޮށްއުޅުނު މީހުންކައި ( ބޮއި) އުޅުނު އެއްޗަކާމެދު އެއުރެންގެ މައްޗަކަށް ކުށެއްނެތެވެ. "[27] ދެން ޔަޒީދުގެ ފާނު ޢުމަރުގެފާނަށް މިވާހަކަ ދެންނެވިއެވެ. އެ ހިންދު ޢުމަރުގެފާނު މިކަމާގުޅޭގޮތުން މީސްތަކުންނާ މަޝްވަރާ ކުރެއްވިއެވެ. ޢަލީގެފާނު ދެންނެވިއެވެ. އެބައިމީހުން މާތް ﷲ ޝަރަޢުކުރައްވާފައި ނުވާކަމެއް ގެނެސްފިއެވެ. އެބައިމީހުން އެކަމަކީ ޙަލާލުކަމެއްގޮތުގައި ޤަބޫލުކޮށްގެން ތިބެއްޖެނަމަ އެބައިމީހުން ޤަތުލުކުރާށެވެ. އަދި އެއީ ޙަރާމްކަމެއްކަމުގައި ދެކެފިނަމަ އަށްޑިހަ އެތިފަހަރުން އެމައިމީހުންނަށް ޙައްދު ޤާއިމުކުރާށެވެ. ދެން ޢުމަރުގެފާނު އަށްޑިހަ އެތިފަހުން އެބައިމިހުންގެ ޙައްދު ޤާއިމުކުރިއެވެ. މިއީ އިޖުމާއުން ރަލުގެ ޙުކުމަކީ ޙަރާމް ކަމުގައި ދަލީލުކޮށްދޭ ހެއްކެކެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުުގައި އިސްވެ ދެންނެވުނު އާޔަތުގައި އީމާންވެ، ޞާލިހު ޢަމަލުތައް ކޮށްއުޅުނު މީހުންކައި (ބޮއި) އުޅުނު އެއްޗަކާމެދު އެއުރެންގެ މައްޗަކަށް ކުށެއްނެތްކަމުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަހުގެ މުރާދަކީ ރާއާއި އެނޫންތަކެތި ޙަރާމް ކުރެއްވުމުގެ ކުރިން އެތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއްނެތްކަމުގައެވެ.[28]
ރާފަދައިން މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތަކުގެ ޙުކުމް:
މަސްތުވާތަކެތީގެ މަންމަ ކަމުގައިވާ ރަލަކީ ޙަރާމް އެއްޗެއްކަން ކީރިތި ޤުރުއާނުންނާއި، މާތް ރަސޫލާގެ ޙަދީޘްބަސްފުޅުތަކުންނާއި، އިޖުމާއުގެ އިތުރުން ޢިލްމުވެރިންގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް އެގިގެން ގޮއްސިއެވެ.
ރަލަކީ ޙަރާމް އެއްޗަކަށްވީ ފަދައިން މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތަކަކީވެސް ޙަރާމްވެގެންވާ އެއްޗެކެވެ. އެއީ ހިކިކޮށް އަދި ދިޔާކޮށް ހުރި އެއްޗެއްކަމުގައި ވީނަމަވެސް އެވެ. އެގޮތުން އަފިހުން، ކޮކޭން، ކެނަބިސް، ޙަޝީޝް، ހިރޮއިން އަދި މިނޫންވެސް މިފަދަ މަސްތުވާތަކެއްޗަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކުރެވިފައިވާ ތަކެއްޗެވެ. މިކަމާމެދު އެއްވެސް ޢިލްމުވެރިއަކު ޚިލާފުވެވަޑައިގެންފައެއް ނުވެއެވެ. މިކަމަށް ހެކިލިބިގެންވާ ވަރަށްގިނަ ދަލީލުތައް އެބަހުއްޓެވެ. އިސްވެ ދެންނެވިފައިވާނެ ފަދައިން މަސްތުވާތަކެތީގެ ޙުކުމް ޢިލްމުވެރިން ގެންނަވާފައިވަނީ ރަލުގެ ޙުކުމަށް ޤިޔާސް ކުރައްވައިގެންނެވެ. ވުމާއެކު، އިސްލާމީ ޝަރީޢަތުގައި ރާ ޙަރާމް ކަމަށް ދަލީލުކޮށްދޭ ކޮންމެ ދަލީލަކީ، މަސްތުވާތަކެއްޗަކީ ޙަރާމް އެއްޗެއްކަން ދަލީލުކޮށްދޭ ދަލީލުތަކެވެ. އެހެންކަމުން މީގެކުރިން ރާ އެއީ ޙަރާމް އެއްޗެއް ކަމުގައި ހެކިދައްކަމުން އަޅުގަނޑުމެން ގެނެސްފައިވާ ދަލީލުތަކަކީ ޢިލްމުވެރިން މަސްތުވާތަކެއްޗަކީ ޙަރާމް އެއްޗެއްކަމުގައި ހެކިދައްކަވާ ދަލީލުތަކެވެ. ނަމަވެއިތުރު ބައެއް ދަލީލުތަކަށް ބަލައިލާނަމެވެ.
1- ރާ ފިޔަވައި އެހެނިހެން އަމަލުކުރުވާ ތަކެއްޗާއި، ސިކުނޑި ހިމޭންކުރުވާ ތަކެއްޗަކީ އަމަލުކުރުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމުގައި ޖަދަލު ކުރުމުގެ ބޭނުމުގައި ދޭދޭ ބައެއްފަރާތްތަކުން ބުނެއުޅެއެވެ. މިފަދަ މީހުންނަށް ޖަވާބުދާރީ ވުމުގެ ގޮތުން އެއީ (ޚަބާއިޘް) ނުބައިވެގެންވާ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއްކަމުގައި ދެންނެވިދާނެއެވެ. ނުބައިވެގެންވާ ގެއްލުންދެނިވި ކޮންމެ އެއްޗަކީ އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރެވިފައިވާ އެއްޗެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ."[29] މާނައީ: " އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ. "[30]
2- ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. "اجتنبو الخمر فإنها أم الخباإث" [31] މާނައީ: "ތިޔަބައިމީހުން ރަލާ ދުރުހެލިވާށެވެ. ފަހެ ރަލަކީ ހުރިހާ ނުބައި ހަޑިހުތުރު ކަންތައްތަކުގެ މަންމައެވެ." މިޙަދީޘުން އެގިގެންވާ ގޮތުގައި ރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ. އެހެން އެކަން ވެފައިވަނީ ރާ ބުއިމުގެ ސަބަބުން މަސްތުވެ ތިމާއަށް ކުރެވޭ ނުކެރެވޭ ކަންތައް ނޭގޭހިސާބަށް ބުއްދިފިލައި ދިއުމުގެ ސަބަބުން ނުބައިވެގެންވާ އެންމެހާ ކަންތަކަށް އަރައިގަނެވޭތީއެވެ. ހަމަ މިފަދައިން މަސްތުވާތަކެތި ބޭނުން ކުރުމުނވެސްް ބުއްދިފަލައިގޮސް ނުބައިވެގެންވާ ހުރިހާ ނުބައިކަމަކަށް އަރައިގަނެވެއެވެ.
3- އަދި މަސްތުވާ ހިކި ކޮންމެ އެއްޗަކީ ރަލުގެ މިބަހުގެ ތެރޭގައި ހިމެނޭއެއްޗެއް ކަމަށް ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "الخمر ما خامر العقل" [32] މާނައީ: ރަލަކީ ހަމަބުއްދި ފިލުވާ ކޮންމެ އެއްޗެކެވެ.
މަސްތުވާ ހިކި ތަކެއްޗާއި ދިޔާ ތަކެއްޗަކީވެސް ބުއްދިއަށް ނުބައި އަސަރުތަކެއް ކުރުވާ އެއްޗެއްކަން އެއީ އެގިފާޅު ކަމެކެވެ. އެގޮތުން ދެއްކޭ ވާހަކަ އޮޅި، ކުރެވޭ ކަންތައްތައް ހޭނުޖެހި، ތަފާތު ޖަރީމާތަކާއި، އެކްސިޑެންޑްފަދަ ކަންކަން ބުއްދިފިލައި ދިއުމުން ކުރެވެއެވެ. ރާ ބޮއެ މަސްތުވުމުންވެސް ބުއްދިފިލައިގޮސް މިދެންނެވި ގޮތައް ކަންތައްތައް ވެދެއެވެ.
4- މަސްތުވާ ބައެއްތަކެއްޗަށް ބަހުގެ ގޮތުންބަލާއިރު "ޚަމްރު" (ރާ) ނުވަތަ " މުސްކިރު " ( އަމަލުކުރުވާ އެއްޗެހި ) ފަދަ ނަމެއް ނުދެވުނަސް އެއީ " މުފްތިރު " ( ސިކުނޑި ހިމޭންކުރުވާ އެއްޗެހި ) މިބަހަށްފެތޭ އެއްޗިއްސެވެ. عن أم سلمة أن النبي صلي الله عليه وسلم نهي عن كل مسر ومفتر.[33] މާނައީ އަމަލުކުރުވާ ކޮންމެ އެއްޗެއް އަދި ސިކުނޑިއަށް ހިމޭންކަމެއް ގެނެސްދޭ ކޮންމެ އެއްޗެއް، ރަސޫލާ ނަހީ ކުރެއްވިއެވެ.[34]
5- رسول صلي الله عليه وسلم ޙަދީޘް ކުރައްވައެވެ. "لا ضرر ولا ضرار" [35] މާނައީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމެއް އަދި އެހެން މީހުންނަށް ގެއްލުން ދިނުމެއްވެސް ނުވެއެވެ.[36]
ޝައްކެއްނެތް ގޮތުގައި މަސްތުވާ ތަކެތީ ބޭނުން ކުރުމީ އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި، އެހެނިހެން މީހުންނަށް އޭގެ ސަބަބުން ގެއްލުންވާ ކަމެކެވެ. ބައެއް ހާލަތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާމީހުން އޯވަ ޑޯޒް ވެގެން މަރުވެފައިވެސް އެބަހުއްޓެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ސަބަބުން މުޖުތަމަޢުގައި މަގުފޭރުމާއި، ވައްކަމާއި އަދި މިނޫންވެސް އެބައިމީހުންގެ ސަބަބުން އެހެންމީހުންނަށް ގެއްލުންލިބެނިވި އެތައްކަމެއް ވެއެވެ. ވީމާ މިޙަދީޘުންވެސް މަސްތުވާ ތަކެއްޗަކީ ޙަރާމް އެއްޗެއްކަން ސާބިތުވެއެވެ.
6- އިސްލާމީ ޝަރީޢަތަކީ މީސްތަކުންގެ މަޞްލަޙަތަށާއި، ޙައްޤުތަކަށް އެންމެ އިސްކަންދޭ ދީނެވެ. ވުމާއެކު އިސްލާމްދީން ޚާއްޞަގޮތެއްގައި އެކަންތައްތަކެއް ރައްކާތެރިކޮށް ޙިމާޔަތްކުރާ ފަސްކަމެއް (ކުއްލިއްޔާތުލް ޚަމްސާ) ވެއެވެ. އެއީ ދީން، ނަފުސު، ބުއްދި، ނަސްލު އަދި ބުއްދިއެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ މަސްތުވާތަކެއްޗާ މިކަމާހުރީ ކޮން ގުޅުމެއްތޯއެވެ. ޝައްކެއްނެތް ގޮތުގައި ދީނުގެ އެއްވެސް އަޅުކަމެއް މަސްތުވެގެންވާ ޙާލު ކުރުމުން ޞައްޙައެއް ނުވެއެވެ. އަދި މަސްތުވުމުގެ ސަބަބުން މާތް ﷲ މަތިން ހަނދުމަކުރުމުން އެއްކޮށް މީހާ ދުރުހެލި ކުރުވައެވެ.
ބުއްދި ޙިމާޔަތް ކުރުމާ މަސްތުވާތަކެތި ބޭނުންކުރުމާވެސް ފުށުއަރައެވެ. މަސްތުވެގެން ހުންނަ މީހެއްގެ ބުއްދިއެއް ނުހުންނާނެކަން ދުވާލުގެ އިރުފެންނަފަދައިން އެއްމެންވެސް ދަންނަކަމެކެވެ. މުދާ ރައްކާކުރުމަށް ބަލާއިރު މަސްތުވާތަކެތި ގަނެ އެތަކެތި ބޭނުންކުރުމީ ތިމާގެ މުދާ ބޭކާރުގޮތުގައި ހަލާކުކޮށްލެވޭ ހަލާކުކޮށްލުމެކެވެ. އެއީ ތިމާގެ މުދާ އިސްރާފުކުރެވޭ އިސްރާފުކުރުމެއްވެސް މެއެވެ. ޤައުމުގެ އިޤްތިޞާދަށްދެވޭ ބޮޑު ގެއްލުމެކެވެ. އަދި މަސްތުވެގެން ހުރެ މީހުންގެ މުދަލަށާއި ތަކެއްޗަށްވެސް ދެނީ ގެއްލުންދެމުންދެއެވެ. ނަސްލު ރައްކާތެރިކުރުމަށްބާލާއިރު މަސްތުވެގެންހުރެ ޒިނޭކުރުމީ ކުރަމުންދާ ކަންތައްތަކެވެ. މިއީ ނަސްލަށްހުރި ބޮޑު ބިރެކެވެ. އެހެންކަމުން މިމޭރުމުން ބެލިކަމުގައި ވީނަމަވެސް މަތުވާ ތަކެއްޗަކީ ދީނުގައި ޙަރާމްވެގެންވާ އެއްޗެކެވެ.
މަސްތުވާތަކެތި ބޭނުންކޮށްފިމީހާގެ މައްޗަށް ޙައްދު ޤާއިމުކުރުމުގެ ޝަރުތުތައް:
1- މުސްލިމަކު ކަމުގައިވުން،
މުސްލިމަކު ނޫން ޣައިރު މުސްލިމުން މަސްތުވާތަކެތި ބޭނުންކުރުމަކުން އެބައިމީހުންގެ މައްޗަށް ޙައްދު ޤާއިމުކުރުމެއް ނެތެވެ. އެހެނެއްކަމަކު މުސްލިމުންެގެ ކުރިމަތީގައި އެތަކެތި ބޭނުންކުރުމާއި، ވިއްކުމުގެ އިތުރުން މަގުމަތީގައި އެތަކެތި ބޭނުންކުރުން އެބައިމީހުންނަކަށް ހުއްދަވެގެނެއްނުވެއެވެ. އަދި އެފަދައިން ބޭނުންކުރާނަމަ، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކއި އެމީހަކު ތަޢުޒީރުކުރެވިދާނެއެވެ.
2- ބުއްދި ސަލާމަތުން ހުރުން،
މޮޔައިންގެ މައްޗަކަށް ޙައްދު ޤާއުމު ކުރުމެއްނުވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " رفع القلم عن ثلاثة: عن النائم حتى يستيقظ, وعن الصبي حتى يحتلم, وعن المجنون حتى يعقل." [37] މާނައީ: ތިންމީހެއްގެމަތިން ގަލަމްވަނީ އުފުލިގެންނެވެ. ނިދާފައިވާމީހާ ހޭލައިފުމަށްދާންދެން، ކުޑަކުއްޖާ ބާލިޣުވުމަށްދާންދެން، އަދި މޮޔަމީހާގެ މޮޔަކަންކަން ފިލައްޖަުމަށްދާންދެނެވެ.
3- ބާލިޢުވުން،
ބާލިޢު ނުވާ ކުޑަކުދިންގެ މައްޗަށްވެސް ޙައްދު ޤާއިމުކުރުމެއްނުވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "رفع القلم عن ثلاثة: عن النائم حتى يستيقظ, وعن الصبي حتى يحتلم, وعن المجنون حتى يعقل." [38] މާނައީ: ތިންމީހެއްގެމަތިން ގަލަމްވަނީ އުފުލިގެންނެވެ. ނިދާފައިވާމީހާ ހޭލައިފުމަށްދާންދެން، ކުޑަކުއްޖާ ބާލިޣުވުމަށްދާންދެން، އަދި މޮޔަމީހާގެ މޮޔަކަންކަން ފިލައްޖައުމަށްދާންދެނެވެ.
4- އަމިއްލަ އިޚްތިޔާރުގައި ކުރުން،
އަމިއްލަ އިޚްތިޔާރަކާ ނުލައި، މަޖްބޫރުކޮށްގެން ބޭނުންކޮށްފިމީހާގެ މައްޗަށް ޙައްދު ޤާއިމުކުރުމެއް ނުވެއެވެ. އޭނާގެ މައްޗަށް މަޖުބޫރު ކުރެވުނީ އަނގަބަހުން ބިރުދައްކައިގެން ވިޔަސް އަދި ތަޅާ އަނިޔާކޮށްގެން ނަމަވެސްއެވެ. މާތް ﷲ ރުއްސުންލެއްވި ޢައްބާސްގެފާނު ވިދާޅުވިއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ان الله تعالى تجاوزلى عن أمتى الخطأ والنسيان ومااستكرهوا عليه" [39] މާނައީ ތިމަންކަލޭގެފާނުންގެ އުންމަތުގެ މީހުންނަށް އޮޅިގެންކުރެވޭ ކަންތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތަކާއި، މަޖުބޫރު ކުރުވައިގެން ކުރާކަންތައްވަނީ ފޮހެވިގެންނެވެ.
5- މުޟްޠައްރު ކަމެއްނެތުން،
އަނގަހިންކުމާއި، ބޭސްފަރުވާއަށް މުޟްޠައްރުވެގެން ބޭނުންކުރުމަކުން ޙައްދު ޤާއިމު ކުރުމެއްނުވެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ބޭސްފަރުވާއަކަށްވެސް މަސްތުވާއެއްޗެއް ބޭނުން ކުރުމަކީ ޙަރާމްކަމެކެވެ. އެފަދަ މީހުންގެ ދަލީލަކީ މާތް ނަބިއްޔާގެ މި ޙަދީޘް ބަސްފުޅެވެ. "ان الله لم يجعل شفاءا فيما حرم عليكم" [40] މާނައީ: "ހަމަ ކަށަވަރުން މާތް ﷲ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވި އެއްޗެއްގައި ތިޔަބައިމީހުންގެ ( ބައްޔަކަށް) ޝިފާޢެއް ނުލައްވައެވެ. "
މުޟްޠައްރުކަމެއް އޮވެގެން ބޭނުންކުރުން ހުއްދަކަމަށްބުނާ ޢިލްމުވެރިންގެ ދަލީލަކީ ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ މިއާޔަތެވެ. "فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَحِيمٌ" [41] މާނައީ: "ފަހެ ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިޔުމެއްނެތި މަޖުބޫރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ، ހަމަކަށަވަރުން ކަލޭގެފާނުންގެ ވެރި ރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."[42]
6- ޝުބުހާއެއް ނެތުން،
މާތް ﷲ ރުއްސުންލެއްވި އަބީހުރައިރަތުގެފާނުންގެ ވިދާލުވިއެވެ. رسول الله صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "إدرؤوا الحدود من الشبهات" [43] މާނައީ ޙައްދުތައް ޝުބުހާތަކުން ދުރުކުރާށެވެ.
7- ޙަރާމްކަމެއްކަން އެގިގެންކުރުން،
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا"[44] މާނައީ: "ﷲ އެއްވެސް ނަފުސަކަށް އެނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ." [45]
މަސްތުވާތަކެތި ބޭނުންކުރާމީހާގެ މައްޗަށް ކަނޑައެޅިގެންވާ ޙައްދު
މަސްތުވާތަކެތި ބޭނުންކުރާމީހާގެ މައްޗަށް ކަނޑައެޅިފައިވާ ޙައްދާއި މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެއެވެ.
ފުރަތަމަ ރަޢުޔު
ޖުމްހޫރުން- ޙަނަފީންނާއި، މާލިކީން، އަދި ޝާފިޢީންގެ އިތުރުން ޙަންބަލީންގެ އެއްރިވާޔަތުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާމީހާގެ ޙައްދަކީ އަށްޑިހަ އެތިފަހަރުކަމުގައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ އަރިހުން ބައިހަޤީއާއި، އަޙުމަދު ރިވާކުރައްވާފައިވެއެވެ. " أن النبي صلي الله عليه وسلم أتي برجل قد شرب الخمر, فجلده بجريد نحو أربعين. قال: وفعله أبوبكر, فلما كان عمر استشار الناس. فقال له عبد الرحمن: اخف الحدود ثمانين. فأمربه عمر" [46] މާނައީ: رسول الله صلي الله عليه وسلم އަރިހަށް ރާ ބޮއެގެން ހުރި މީހަކު ގެނެވުނެވެ. އެހިނދު ގާތްގަނޑަކަށް 40 ފަހަރު އެމީހާގައި ޖެއްސެވިއެވެ. އަދި އަބޫބަކުރުގެ ފާނުވެސް އެފަދައިން ކަންތައް ކުރެއްވިއެވެ. އަދި ޢުމަރުގެފާނު މީސްތަކުންގެ ކިބައިން މަޝްވަރާހޯދި ހިނދު ޢަބްދުއްރަޙުމާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ޙައްދުގެ އެންމެ މަދު މިންވަރަކީ 80 އެތިފަހަރުއެވެ. ދެން ޢުމަރުގެފާނު އެފަދައިން އަމުރު ކުރެއްވިއެވެ.
ދެވަނަ ރަޢުޔު
ޝާފިޢީންގެ އަރިހު އެންމެ ރަނގަޅު ރިވާޔާތާއި، ޙަންބަލީގެ ދެވަނަ ރިވާޔަތާއި، އަބޫ ޘައުރީއާއި، އައްޡާހިރީގެ އަރިހުގައި މަސްތުވާތަކެތީގެ ޙައްދުގެ މިންވަރަކީ 40 އެތިފަހަރެވެ. އަދި ޙާކިމާއަށް ފެނިއްޖެ ޙާލަތެއްގައި 80 އެތިފަހަރު ޖެހުން ހުއްދައެވެ. މިބައިމީހުންގެ ދަލީލު ދައްކަވަނީ މާތްނަބިއްޔާގެ މި ޙަދީޘުންނެވެ. "أن النبى صلى الله عليه وسلم كان يضرب فى الخمر بالنعال والجريد اربعين, وجلد ابوبكر اربعين....." [47] މާނައީ: ހަމަކަށަވަރުން رسول الله صلي الله عليه وسلم ރާ ބޯމީހާގެ ގައިގައި 40 އެިތިފަހަރު ފައިވާނުންނާއި، އަދި އޮށިގަނޑުން ޖެއްސެވިއެވެ. އަދި ހަމަ އެފަދައިން އަބޫބަކުރުގެފާނު ޢަމަލު ކުރެއްވިއެވެ.
މި ރައުޔުގެ މީހުން ދެކިލައްވާގޮތުގައި މަސްތުވާތަކެތީގެ ޙައްދުގެ މިންވަރަކީ 40 އެތިފަހަރެވެ. 80 އެތިފަހަރު ޖެހެނީ ޙާކިމާއަށް ފެނިއްޖެ ޙާލަތެއްގައެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުން މީސްތަކުންގެ މެދުގައި ޢާއްމުވެ، ޙައްދުފަހަނަޅާދާ ނަމައެވެ.
މަސްތުވާތަކެތީގެ ޙައްދު ޤާއިމުކުރުމުގައި އިސްތިސްނާވާ ޙާލަތްތައް
1- ޟަރޫރީ ޙާލަތު،
ބަނޑުހައި ހޫނުކަމާއި ފެންބޮވައިގަނެގެން ފުރާނަޔަށްގެއްލުންވާ ޙާލަތުގައި މީހަކުވީ ހިނދު އޭނާޔަށް ލިބެންހުރީ ރާ ނުވަތަ އެފަދަ މަސްތުވާތަކެތީގެ ބާވަތެއްކަމުގައި ވާނަމަ، އޭނާގެ ފުރާނަ ސަލާމަތްކުރެވޭ މިންވަރަށް ރާ ނުވަތަ އެފަދަ މަސްތުވާތަކެތީގެ ބާވަތެއް ބޭނުންކުރެވިދާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا "[48] މާނައީ: " ﷲ އެއްވެސް ނަފުސަކަށް އެނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ."[49]
2- ބޭސްފަރުވާއަށް،
ބަލިވެގެންދިޔަ މީހެއްގެ ބޭސްފަރުވާއަށް އޭނާއަށް ބޭނުންވާ ބޭހަކީ އޭގައި މަސްތުވާތަކެތި އެކުލެވިގެންވާ، ނުވަތަ މަސްތުވާއެއްޗެއް ކަމުގައި ޑޮކްޓަރު ބުނެފި ޙާލަތުގައި އޭނާއަށް އެއެއްޗެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް އެކަން އެހެންކުރަން ޖެހޭނީ ބަދަލުގައި މަސްތުވާތަކެތީގެ މިންވަރު، ނުވަތަ މަސްތުވާއެއްޗެއް ހިމެނިފައިނުވާ އެހެން އެއްވެސް ބޭހެއް އެކަމުގެ ޝިފާޔަށް ލިބެންނެތިގެން ޟަރޫރީ ޙާލަތުގައެވެ.
3- އޮޕަރޭޝަންތަކުގައި،
ބަލިވެގެންދާ މީހެއް އޮޕަރޭޝަންކުރަން ޑޮކްޓަރ ބޭނުންވެއްޖެ ޙާލަތުގައި، އޭނާއަށް އެކަމުގެ ތަދު އިޙްސާސް ވިޔަނުދިނުމަށްޓަކައި ބޭނުންކުރަން ހަމައެކަނި ޑޮކްޓަރަށް ލިބިފައިވާ ވަޞީލަތަކީ މަސްތުވާއެއްޗެއްކަމުގައި ވެއްޖެ ޙާލަތެވެ. މިފަދަ ޙާލަތުގައި ޑޮކްޓަރު މަސްތުވާއެއްޗެއް އެމީހަކަށް ބޯންދިނުމަކުން، ނުވަތަ އިންޖެޝަނުގެ ޒަރިއްޔާއިން ހަށިގަނޑުގެ އެތެރެއަށް ފޮނުވަމަކުންވެސް މައްސަލައެއްނެތެވެ.
ޙައްދު ޘާބިތު ވުމުގެ ޝަރުތުތައް
1- ފުރިހަމަ ހެކިން،
ފުރިހަމަ ޘާބިތު ހެއްކަކީ ޢަދުލުވެރި ދެ ފިރިހެނުންގެ ހެކިބަހެވެ. "ޢުޘްމާނުގެފާނު ވަލީދު ބުނި ޢުޤުބަތުގެ ޙައްދު ޤާއިމުކުރެއްވީ ދެފިރިހެނުންގެ ހެކިބަހުންނެވެ."[50]
2- އިޤުރާރުވުން،
މަސްތުވާތަކެތި ބޭނުންކުރި މީހާ، އެމީހާ އެކަންކުރިކަމަށް އަމިއްލައަށް އިޢުތިރާފުވެއްޖެނަމަ އޭނާގެ މައްޗަށް ޙައްދު ޘާބިތުވާނެއެވެ.
މަސްތުވާތަކެތި އިންދުމާއި، އަދި އެތަކެތި ވިއްކުމާއި އޭގެ ނަފާ ހޯދުމުގެ ޙުކުމް
މޭބިސް ކަދުރު ކަމުގައިވިޔަސް، ކަދުރު ކަމުގައިވިޔަސް،އަދި ޙަޝިޝް، ނުވަތަ އަފިހުން ކަމުގައި ވިޔަސް، އެތަކެތި އިންދަނީ މަސްތުވާތަކެތި އުފެއްދުމުގެ ބޭނުމުުގައި ކަމަށްވަނީނަމަ އެކަމަކީ އިސްލާމްދީނުގައި ޙަރާމްވެގެންވާ ކަމެކެވެ. އަލްއިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. من لم ينكر المنكر بقلبه, ليس عنده من الإيمان حبة خردل.[51] މާނައީ: "އެމީހެއްގެ ހިތުގެ އަޑިން މުންކަރާތްތަކަށް އިންކާރުނުކުރާ މީހާގެ ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް ނުވެއެވެ. "
މަސްތުވާތަކެތި ވިއްކުމަކީ ވެސް ޙަރާމްކަމެކެވެ. މިކަމަށް ހެކިލިބޭ ވަރަށްގިނަ ޙަދީޘްތަކެއް މާތްނަބިއްޔާގެ އަރިހުން ވާރިދުވެފައެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން އަލްއިމާމު ބުޚާރީއާއި، މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. إن الله حرم بيع الخمر, والميتة, والخنزير, والاصنام. [52] މާނައީ: ހަމަކަށަވަރުން މާތް ﷲ ބުދާއި، އޫރުމަހާއި، މުޅަތަކެއްޗާއި، ރާ ވިއްކުން ޙަރާމްކުރެއްވިއެވެ. އަދިވެސް މާތް ﷲ ރުއްސުންލެއް އިބްނު ޢުމަރުގެ އަރިހުން އިބްނު މާޖާ ރިވާކުރައްވި ޙަދީޘެއްގައި ވެއެވެ. "لعن رسول الله صلي الله عليه وسلم في الخمر عشرة عاصرها و معتصرها وشاربها وحاملها والمحمولة إليه وساقيها وبائعها وآكل ثمنها و المشتري لها و المشتراة له." [53] މި ދެ ޙަދީޘް ބަސްފުޅަށްބަލާލުމުންވެސް ރާވިއްކުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާކަން އެބަ އިނގެއެވެ. އެހެންކަމުން ރާގެ ޙުކުމުން ޤިޔާސް ކުރައްވައިގެން މަސްތުވާތަކެތި ޙަރާމްކުރެއްވި އުމްމަތުގެ ޢިލްމުވެރިން ވިދާޅުވަނީ ރާ ވިއްކުން ޙަރާމް ވީފަދައިން މަސްތުވާތަކެތި ވިއްކުމަކީވެސް ޙަރާމް ކަމެކެވެ.
އަދި ހަމައެހެންމެ މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިދާއަކީވެސް ޙަރާމްވެގެންވާ އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ."وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ...." [54] މާނައީ "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލުގޮތުގައި ކައި ނޫޅޭށެވެ."[55] އަދި މާތް ނަބިއްޔާގެ ޙަދީޘްބަސްފުޅެއްގައި ވެއެވެ. "إن الله إذا حرم شيئا حرم ثمنه" [56] މާނައީ ހަމަކަށަވަރުން މާތް ﷲ އެއްޗެއް ޙަރާމްކުރައްވައިފިނަމަ އެއެއްޗެއްގެ އަގު ޙަރާމްކުރެއްވިއެވެ.
[4] ޤިޔާސް: މައްސަލައެއްގައި ޙުކުމް ބަޔާންކޮށްދޭ ނައްޞެއް އައިސްފައިނެތް މައްސަލައަކަށް އެމައްސަލައެއްގެ ޙުކުމް ބަޔާންކޮށްދޭ ނައްޞެއް އައިސްފައިވާ މައްސަލައެއްގެ ޙުކުމް ދިނުމެވެ. އެއީ އޭގެ މައްޗަށް ޢިއްލާ އެ ދެމައްސަލައިގައިވެސް ޙާޞިލުވެފައިވާތީއެވެ.
[5] ނަޙުލު ސޫރަތުގެ 67ވަނަ އާޔަތް
[6] ޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ 2007
[7] ބަޤަރާ ސޫރަތުގެ 219ވަނަ އާޔަތް
[8] ޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ 2007
[9] المسكرات اضرارها و احكامها
ކާފިރޫން ސޫރަތުގެ 1،2 ވަނަ އާޔަތް [10]
[11] ޤުރުޢާނުގެ ދިވެހިތަރުޖަމާ 2007
[12] ނިސާ ސޫރަތުގެ 43 ވަނަ އާޔަތް.
[13] ޤުރުޢާނުގެ ދިވެހިތަރުޖަމާ 2007
[14] މާއިދާ ސޫރަތުގެ 90، 91 ވަނަ އާޔަތް.
[15] ޤުރުޢާނުގެ ދިވެހިތަރުޖަމާ 2007
[16] المسكرات اضرارها و احكامها
[17] އަލްއިމާމުއް ތިރުމިޒީ
[18] ސުނަނު އިބްނު މާޖާ 2 / 1121 / 1122
[19] ޞަޙީހު މުސްލިމު 6 / 100
[20] ސުނަނު އިބްނު މާޖާ 2 / 1120
[21] ސުނަނު އިބްނު މާޖާ
[22] ޞަޙީޙުލް ބުޚާރީ 5747
[23] ޞަޙީޙުލް ބުޚާރީ 6858
[24] ޞަޙީޙުލް ބުޚާރީ
[25] البانى فى سلسلة الصحيحة 2798
[26] ސޫރަތުލް މާއިދާ 93 އާޔަތް
[27] ޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ 2007
[28] المسكرات و اضرارها واحكامها
[29] ސޫރަތުލް އަޢުރާފުގެ 157ވަނަ އާޔަތް
[30] ޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ 2007
[31] ރަވާހު އައްޠިބްރާނީ
[32] ޞަޙީޙުލް ބުޚާރީ
[33] ރަވާހު އަބޫދާވޫދު
[34] www. kavaasaa.com
[35] ސުނަނު އިބްނު މާޖާ
[36] www.kavaasaa.com
[37] ސުނަނު އައްތިރުމިޒީ 1488
[38] ސުނަނު އައްތިރުމިޒީ 1488
[39] ސުނަނު އިބްނު މާޖާ
[40] ސުނަނު އައްނިސާއީ
[41] ސޫރަތުލް އަންޢާމް 145
[42] ޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ 2007
[43] ޞަޙީޙުލް ބުޚާރީ
[44] ސޫރަތުލް ބަޤަރާ 286
[45] ޤުރުއާނުލްކަރީމުގެ ދިވެހި ތަރުޖަމާ 2007
[46] ސަޙީޙުލް މުސްލިމް 38(1706)
[47] ޞަޙީޙުލް ބުޚާރީ
[48] ސޫރަތުލް ބަޤަރާ 286
[49] ޤުރުއާނުގެ ދިވެހި ތަރުޖަމާ 2007
[50] ޙަދީޘް މުސްލިމް
[51] ޞަޙީޙް މުސްލިމު
[52] ޞަޙީޙް ބުޚާރީ، މުސްލިމު
[53] ސުނަނު އިބްނު މާޖާ
[54] ސޫރަތުލް ބަޤަރާ 188
[55] ޤުރުއާނުގެ ދިވެހި ތަރުޖަމާ 2007
[56] ސުނަނު އިބްނު މާޖާ

















ޚިޔާލު