ޙައްޖުވުމަށް ނިޔަތްގަނެގެން ނިކުންމީހާ އޭނާގެ ޙައްޖުންނާއި ޢުމްރާއިން ﷲގެ ވަޖްހުފުޅާއި އާޚިރަތް ދުވަހުގެ ބާއްޖަވެރިކަން އެދުމަކީ ވާޖިބުކަމެކެވެ. އެއާ ޚިލާފަށް ކަންދެއްކުމާއި، ފަޚުރުވެރިވެ ގަތުމަކީ ޙަރާމްކަމެކެވެ. އަޅުކަމަކަށް ސަވާބުލިބުމުގެ ބަދަލުގައި އަޛާބު ލިބެނިވި ކަންކަމެވެ.
ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "(196) ތިޔަބައިމީހުން ﷲއަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުންނަށް ހުރަސް އެޅިއްޖެނަމަ، ހަދްޔުގެ ތެރެއިން ތަނަވަސްވެ، ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. (ހަދްޔަކީ ގެރި، ބަކަރި، ޖަމަލުގެ ތެރެއިން ކަޢުބަތުﷲ ގެފުޅަށް ހަދިޔާކުރެވޭ ތަކެއްޗެވެ.) އަދި ހަދްޔު އެކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާންދެން، ތިޔަބައި މީހުން ބޯ ނުބާލާހުށިކަމެވެ. ފަހެ، ތިޔަބައި މީހުންގެ ތެރެއިން ބަލިވެއްޖެމީހާ، ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ، އެކަންކަމުގެ ސަބަބުން، ބޯ ބާލައިފިނަމަ، ފަހެ، ރޯދައިން ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން، ފިދްޔައެއް ދިނުންހުއްޓެވެ. ފަހެ، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ ޢުމްރާއަށްފަހު، ޙައްޖާއި ހަމައަށް ދާންދެން، އަރާމު ލިބިގެންފިމީހާ (އެބަހީ: ޙައްޖުގެ ދުވަސް ވަރުގައި ޢުމްރާގެ އަޅުކަންނިމި، އިޙްރާމުގެ ސަބަބުން ޙަރާމްވާ ކަންތައްތައް ހުއްދަ ވުމަށްފަހު، މައްކާގައިހުރެ އަލުން ޙައްޖަށް އިޙްރާމް ބަދެފިމީހާ) ހަދްޔުގެ ތެރެއިން، ތަނަވަސްވެލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. ފަހެ، އެނުލިބިއްޖެމީހާ، ޙައްޖުގެ ތެރޭގައި ތިންދުވަހު، އަދި ޙައްޖުން އެނބުރި އައުމަށްފަހު ހަތްދުވަހު ރޯދަހިފުންހުއްޓެވެ. އެއީ ފުރިހަމަ ވެގެންވާ ދިހަދުވަހެވެ. އެކަންއޮތީ އެމީހެއްގެ އަހުލުވެރީން ޙުރުމަތްތެރި ވެގެންވާ މިސްކިތްހުރި ރަށުގެ ވަޒަންވެރީން ކަމުގައި ނުވާމީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ހަމަކަށަވަރުން ﷲއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!(197) ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެމައްސަރުތަކުގައި ޙައްޖުގެ ފަރުޟު ކޮށްގެންފިމީހާ (ދަންނާށެވެ!) ފަހެ، ޙައްޖު ވުމުގެތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް، އަދި އަރާރުން ވުމެއްވެސްނެތެވެ. އަދި، ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާކޮންމެކަމެއް ﷲދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެމޮޅު ކޮއްތަކީ ތަޤްވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ!
(198) ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް، (އެބަހީ: ވިޔަފާރި ކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) އެދިގަތުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގެންފިނަމަ، އަލްމަޝްޢަރުލް ޙަރާމްގައި ﷲހަނދުމަކޮށް، (ތަލްބިޔާކިޔާ، ދުޢާކޮށް) އުޅޭށެވެ! އަދި އެކަލާނގެ ތިޔަބައި މީހުންނަށް ތެދުމަގު ދެއްކެވިފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުންވެފައިވަނީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
(199)ދެން، މީސްތަކުން (ޢަރަފާތުން މުޒުދަލިފާއަށް) އެނބުރިއަންނަ ފަދައިން ތިޔަބައިމީހުންވެސް، އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދޭށެވެ! ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަހީމުވަންތަ ރަސްކަލާނގެއެވެ.
(200) ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެ ހިނދެއްގައި، ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން، ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދާން ކުރުމަކުން، ތިޔަބައިމީހުން ﷲހަނދުމަކުރާށެވެ! އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް ހެޔޮކަން ދެއްވާދޭނވެ އޭ ކިޔައި ދުޢާކުރާމީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއްނެތެވެ.
(201) އަދި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން، އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާދޭނވެ އޭ އަދި ނަރަކައިގެ އަޛާބުން އަޅަމެން ދިންނަވާދޭނވެ އޭ ކިޔައި ދުޢާކުރާ މީހުންވެސް އެމީހުންގެ ތެރެއިންވެއެވެ.
(202) އެބައިމީހުން ހޯދައިގަތް ހެޔޮކަމުގެ ނަސީބު އެބައިމީހުންނަށް ހުއްޓެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.
(203) ޢަދަދު ކަނޑަ އެޅިގެންވާ ދުވަސްތަކެއްގައި (އެބަހީ: އައްޔާމުއް ތަޝްރީޤުގެ ތިންދުވަހު) ﷲ ހަނދުމަކޮށް (ތަކުބީރުކިޔައި) އުޅޭށެވެ! (އެއީ މިނާގައި ތިންދުވަހެވެ.) ފަހެ، ދެދުވަހުގެ ތެރޭގައި (އެނބުރި ދިޔުމަށް) އަވަސްވެގަތް މީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ މައްޗަކަށް ފާފައެއްނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށްވެސް ފާފައެއްނެތެވެ. އެއީ ތަޤްވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) މަޙުޝަރަށް ފޮނުއްވޭނީ އެކަލާނގެ ޙަޟްރަތަށްކަން ތިޔަބައިމީހުން ދަންނާށެވެ!” (ސޫރަތުލް ބަޤަރާ)
ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވެއްޖެމީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމަކީ ވާޖިބުކަމެކެވެ. ހަމައެފަދައިން ޢުމުރުން އެއްފަހަރު ޢުމްރާވުމަކީވެސް ވާޖިބުކަމެކެވެ. ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުން ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ. އެހެންކަމުން ޙައްޖާއި ޢުމްރާއާއި މިދެވާޖިބު ޙައްޖު ދަތުރުގައި އަދާކުރެވޭނެއެވެ. ޙައްޖު ތަމައްތުޢުގެ ވާހަކަ އަދި ފަހުން އަންނަ ހުއްޓެވެ. ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ ވުމަކީ ޙައްޖުވުމަށް ޚަރަދުކުރުމަށް ކުޅަދާނަ ވެގެންވުމާއި، ޞިއްޙީގޮތުން ކުޅަދާނަ ވެގެންވުމާއި މަގުއަމާން ވެގެންވުމެވެ. ޙައްޖު ވާޖިބުވުމުން ޙައްޖުވުމަށް އަވަސްވެގަތުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. އެއީ އޭނާއަށް ހުށަހެޅިދާނެކަމެއް އެއްވެސް މީހަކަށް އެގިގެން ނުވާކަމަށް ޓަކައެވެ. ފަހެ ބަލިވެސް ވެދާނެއެވެ. މަރުވެސް ވެދާނެއެވެ. އަންހެނުންގެ މައްޗަށްވެސް ޙައްޖާއި ޢުމްރާ ވާޖިބުވެގެންވެއެވެ. ޞައްޙަ ސަނަދަކުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޢާއިޝަތުގެފާނު، ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! އަންހެނުންވެސް ޖިހާދުކުރަން ޖެހޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެކަނބަލުންގެ މައްޗަށްއޮތީ ހަނގުރާމަ ކުރުމެއް ހިމެނިފައިނުވާ ޖިހާދެކެވެ. ޔަޢުނީ: ޙައްޖުވުމާއި ޢުމްރާވުމެވެ. މިޙަދީޘް ރިވާކުރެއްވީ އަޙުމަދުބުނު ޙަންބަލްއާއި އިބުނު މާޖާއެވެ.
ކޮންމެ މީހަކުމެ އެމީހެއްގެ ޢުމުރުން އެއްފަހަރު މެނުވީ ޙައްޖާއި ޢުމްރާ ވާޖިބު ވެގެނެއްނުވެއެވެ. ޢުމުރުން އެއްފަހަރަށްވުރެ ގިނައިން ޙައްޖާއި ޢުމްރާކޮށްފިމީހާގެ އެއަޅުކަން ހިމެނޭނީ ސުއްނަތް އަޅުކަމުގެ ތެރޭގައެވެ. ޙައްޖާއި ޢުމްރާ ގިނަކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ.
ދެންފަހެ، ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ޤަސްދުކޮށް ޢަޒުމްކަނޑައަޅައި ނުކުންނަމީހާ، ﷲއަށް ތަޤްވާވެރިވުމަށް އޭނާގެ އަހުލުވެރީންނަށް ވަޞިޔަތް ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަދި އޭނާގެ އަތުން ދަރަނީގެ ގޮތުން މީހުން ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ލިބެންޖެހޭ ތަކެއްޗާއި، މީހަކަށް އެއްޗެއް ދޭންވެފައިވާނަމަ އެ އެއްޗަކާއި، މިބާވަތުގެ މުޢާމަލާތުގެ ކަންތައްތައް ލިޔެ ހެކިކޮށް ހެދުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. އަދި ތެދުވެރި ތަޥްބާވުމަކީވެސް އޭނާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. އަދި އޭނާގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނުވަތަ ޢުމްރާގެ އަޅުކަން އަދާކުރުމަށް ހޭދަކުރާ ހޭދަކުރުމަކީ ޙަލާލުގޮތުގައި ހޯދާފައިހުރި ތަކެތި ކަމުގައިވުން ވާޖިބުވެގެންވެއެވެ. ފަހެ، މުސްލިމުން ކޮންމެ ހާލެއްގައިވެސް އަބަދުގެ އަބަދަށް ބޭނުންކުރަން ޖެހެނީ ޙަލާލު ތަކެއްޗެވެ. ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އަރަހުށި މާތްﷲއީ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ޙަލާލު އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ.
ޚިޔާލު