ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ.
މިދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގައި ވަނީ: "صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ " މާނައީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. رواه مسلم
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ.
ރަސޫލުﷲ صلى الله عليه وسلم މަދީނާ އަށް ހިޖުރައަށް ވަޑައިގެންނެވި އިރު މަދީނާގައި ތިބި ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެހިނދު އެބައިމީހުން ދެންނެވިއެވެ. هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ ، فَصَامَهُ مُوسَى މިއީ ރަނގަޅު ދުވަހެކެވެ. މިއީ ﷲ ތަޢާލާ، ބަނީ އިސްރާއީލު ބާގައިގެ މީހުން އެބައިމީހުންގެ ޢަދުއްވުގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންވެ މޫސާ ޢަލައިހިއްސަލާމް ރޯދަ ހިއްޕެވިއެވެ.
އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. فَأَنَا أَحَقُّ بِمُوسَى مِنْكُمْ ފަހެ ތިޔަބައިމީހުންނަށްވުރެ ބޮޑަށް މޫސާ ޢަލައިހިއްސަލާމަށް (ﷲ އެދެއްވި ނިޢުމަތަށް ޝުކުރުވެރިވެ ވަޑައިގެންނެވުން ) ޙައްޤުވެގެންވަނީ ތިމަން ކަލޭގެފާނެވެ.
އެއަށްފަހު އެދުވަހު ރޯދަ ހިއްޕަވައި، އެރޯދަ ހިފުމަށް (މުސްލިމުންނަށް) އަމުރު ކުރެއްވިއެވެ. رواه البخاري
ޔަހޫދީންނާއި ތަފާތުވުމުގެ ގޮތުން އެދުވަހުގެ ރޯދަ ހިފުމަށް ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ ތިރީގައި މި ދަންނަވާ ދެގޮތުގެ ތެރެއިން ގޮތަކަށް އެ ރޯދަ ހިފުމަށެވެ. އެހެނީ ޔަހޫދީން ރޯދަ ހިފައި އުޅުނީ މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ.
1- މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަ ހިފުން. ނުވަތަ
2- މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަދުވަހު ރޯދަ ހިފުން.
3- މުޙައްރަމް މަހުގެ 9 ، 10 އަދި 11 މި ތިން ދުވަހު ރޯދަ ހިފުން.
މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ 10 ވަނަ ދުވަހާއި ) ދިމާ ވަނީ 2018 ސެޕްޓެމްބަރ މަހުގެ 20 ވާ ބުރާސްފަތި ދުވަހާއެވެ. އެހެން ކަމުން މި މަތިވެރި ސުންނަތް އަދާކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ވީއެވެ.
އެއް ގޮތަކީ ސެޕްޓެމްބަރ މަހުގެ 19 ވާ ބުދަ ދުވަހާއި 20 ވާ ބުރާސްފަތި ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 9ވަނަ ދުވަހާއި 10ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.
އަނެއް ގޮތަކީ ސެޕްޓެމްބަރ މަހުގެ 20 ވާ ބުރާސްފަތި ދުވަހާއި 21 ވާ ހުކުރު ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 10ވަނަ ދުވަހާއި 11ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.
ނުވަތަ ސެޕްޓެމްބަރ މަހުގެ 19 ވާ ބުދަ ދުވަހާއި 20 ވާ ބުރާސްފަތި ދުވަހާއި 21 ވާ ހުކުރު ދުވަހު ރޯދަ ހިފުމެވެ. (އެއީ މުޙައްރަމް 9، 10، 11 މި ތިން ދުވަހެވެ.)
އެހެން ކަމުން ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަވަސްވެވަޑައިގެންނެވުމަށް ނަސޭހަތްތެރިވަމެވެ. އަދި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް މިދުވަހުގެ ރޯދަ ހިފުމަށް ބާރު އަޅުއްވައި އިރުޝާދު ދެއްވާށެވެ.
ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.
އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކާށެވެ.
އީމެއިލް ކުރާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅާށެވެ. ފޭސްބުކްގައި ޝެއާ ކުރައްވާށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން
ަަަައާމީން!
މާޝާﷲ
ހާދަ ރަނގަޅޭ ، އަޅުގަނޑް މެންނަށްޓަކައި ތިޔަ ބޭފުޅުން ތިކުރައްވާ ބުރަ މަސައްކަތްތަކަށް >
ރަގަޅު ކަމެއް ކިތަންމެ ހާވެސް އެކަ،މަކު މިޔުޒިކުގެ ވާހަކަ އެއް ނަމަ ގަބޫލްކުރާނެ ޒުވާނުން ގިނަ ވާނެ
އާމީން…
ިއިންޝާﷲ