އިސްލާމީ ޝަރީޢަތުގައި ކެއުން ބުއިމުގެ އަދަބުތަކެއް ހަމަޖައްސަވާފައި ވެއެވެ. އެކަން ބެހިގެން ވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
ފުރަތަމަ: ކެއުމުގެ ކުރީގެ އަދަބުތައް:
1. ކެއުމުގެ ކުރިން ދެއަތްތިލަ ދޮވުން. ބޭނުމަކީ އަތުގައި ހުންނަ ހަޑި އެއްޗެއްގެ ސަބަބުން ކާނާ ޚަރާބު ވިޔަ ނުދިނުމެވެ.
2. މެހްމާނެއްގެ ގޮތުގައި ހުންނަ ވަގުތުގައި މެހްމާންދާރީ ދޭ ފަރާތުން ކާއެއްޗެތި ހުށަހެޅުމުން ލަސްނުކޮށް ކެއުން. މެހްމާންދާރީ އަދާ ކުރުމުގެ ގޮތުން ވީހާވެސް އަވަހަކަށް މެހްމާނަށް ކާން ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އަދި މެހްމާނުގެ ކިބައިގާ ހުންނަން ޖެހޭ ރިވެތި ޞިފަ އަކީ ކާއެއްޗެއްތި ހުށަހެޅުމުން ލަސްނުކޮށް އަވަހަށް ކެއުމެވެ.
3. ކެއުމުގެ ކުރިން ބިސްމިﷲ ކިޔުން. އިމާމް ތިރްމިޛީ، އަބޫދާވޫދު އަދި އިބްނު މާޖާ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. عن أُمُّ كُلْثُومٍ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ تَعَالَى فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ "މާނައަކީ: މާތް ﷲ ރުއްސުންލެއްވި އުއްމު ކުލްޘޫމް އާއި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު ކާން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔާ ހުށި ކަމެވެ. ކާން ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަން ހަނދާން ނެތި ނުކިޔިއްޖެނަމަ (بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ) މިފަދައިން ކިޔާ ހުށި ކަމެވެ.
ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : " يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلُّ مِمَّا يَلِيك "رواه البخاري ( 3576 ) ومسلم ( 2022( މާނާއަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަބީ ސަލަމާގެ ކިބައިން ރިވާ ވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަ ކުއްޖަކު ކަމުގައި ތިމަންނާ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ދަރިފުޅާ އެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާ އަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ."
ދެވަނަ: ކެއުމުގެ ތެރޭގައި ފަރުވާ ބަހައްޓަންވީ އަދަބުތައް:
ކަނާ އަތުން ކެއުން. فعَنْ ابْنِ عُمَرَ رضي الله عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ : " لا يَأْكُلَن أَحَدٌ مِنْكُمْ بِشِمَالِهِ ، وَلَا يَشْرَبَنَّ بِهَا ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِهَا " رواه مسلم ( 2020 ) މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު ވާ އަތުން ކައި ނުހަދާށެވެ. އަދި ވާ އަތުން އެއްޗެތި ބޮއި ނުހަދާށެވެ. ހަމަކަށަވަރުން ޝައިޠާނާ ކައި ބޮއި ހަދަނީ ވާއަތުންނެވެ."
ނަމަވެސް ބަލި ޙާލަތު ހުރި ގޮތުން ކަނާ އަތުން ކެއުމަށް ޢުޛުރުވެރި ވެއްޖެ މީހާ ވާ އަތުން ކައި ބޮއި ހެދުމަކުން މައްސަލަ އެއް ނެތެވެ.
2. ތަށީގެ ކައިރިން ކެއުން. ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : " يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلُّ مِمَّا يَلِيك "رواه البخاري ( 3576 ) ومسلم ( 2022( މާނާއަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަބީ ސަލަމާގެ ކިބައިން ރިވާ ވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަ ކުއްޖަކު ކަމުގައި ތިމަންނާ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ދަރިފުޅާ އެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާ އަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ."
ކައި ނިމިގެން ރީތިކޮށް އަތް ދޮވެ ސާފު ކޮށްލުން. އިބްނު ރުސްލާން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ބޮޑަށް އެދެވިގެން ވަނީ ސައިބޯނި، ޝޭމްޕޫ ނުވަތަ އެނޫންވެސް އެއްޗެއް ބޭނުން ކޮށްގެން އަތް ދޮވުމެވެ. (ތުޙްފަތުލް އަޙްވަޛީ 5/485). ކެއުމުގެ ކުރިންނާއި ފަހުންވެސް އަތް ދޮވުމަކީ އެދެވިގެންވާ ކަމެކެވެ. ވުޟޫ މަތީގައި ހުރި ނަމަވެސް ކެއުމުގެ ކުރިން އަތް ދެވެލުން އެދެވިގެން ވެއެވެ.
ކައި ނިމިގެން އަނގަ ދޮވެލުން. މިއީ އެދެވިގެންވާ ކަމެކެވެ. لِمَا رَوَى بَشِيرُ بْنُ يَسَارٍ عَنْ سُوَيْد بْنِ النُّعْمَانِ أَنَّهُ أَخْبَرَهُ أَنَّهُمْ كَانُوا مَعَ النَّبِيِّ صلى الله عليه وسلم بِالصَّهْبَاءِ - وَهِيَ عَلَى رَوْحَةٍ مِنْ خَيْبَرَ - فَحَضَرَتْ الصَّلاةُ ، فَدَعَا بِطَعَامٍ فَلَمْ يَجِدْهُ إلا سَوِيقًا فَلَاكَ مِنْهُ ، فَلُكْنَا مَعَهُ ثُمَّ دَعَا بِمَاءٍ فَمَضْمَضَ ، ثُمَّ صَلَّى وَصَلَّيْنَا وَلَمْ يَتَوَضَّأْ ، رواه البخاري (5390). މާތް ﷲ ރުއްސުންލެއްވި ސުވައިދު ބިން ނުޢްމާން ގެ ކިބައިން ބަޟީރު ބިން ޔަސާރު ރިވާ ކުރައްވާފައި ވެއެވެ. ސުވައިދު ބިން އައްނުޢްމާނު ވިދާޅުވިއެވެ. އެބޭފުޅުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި "ޞަހްބާ" އޭ ނަމަކަށް ކިޔުނު ރަށެއްގައި ތިއްބެވިއެވެ. އެއީ ޚައިބަރުގެ ރަށްބޭރުގައި އޮންނަ ރަށެކެވެ. ނަމާދު ވަގުތު ވަދެއްޖެ އެވެ. ކާ އެއްޗެތި ގެނައުމަށް ގޮވާލެވުނެވެ. "ސަވީގު" ނަމަކަށް ކިޔޭ ކާއެއްޗެއް ގެނެވުނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަރިހުގައި ތިއްބެވި ޞަޙާބީން އެއިން ފަރިއްކުޅުއްވިއެވެ. އެއަށްފަހު ފެންފޮދެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. ފެން ގެނެވުމުން އެކަލޭގެފާނު އަނގަ ދޮވެލެއްވިއެވެ. އަދި އެކަލޭގެފާނު ނަމާދު ކުރެއްވިއެވެ. ފަހަތްޕުޅުގައި ޞަޙާބީންވެސް ނަމާދު ކުރެއްވިއެވެ. އިތުރު ވުޟޫ އެއް ނުކުރައްވައެވެ."
މެހްމާންދާރީ އަދާ ކޮށްދިން ފަރާތަށް ހެޔޮ ދުޢާ ކޮށް ދިނުން. فَقَدْ رَوَى أَنَسٌ أَنَّ النَّبِيَّ صلى الله عليه وسلم جَاءَ إلَى سَعْدِ بْنِ عُبَادَةَ فَجَاءَ بِخُبْزٍ وَزَيْتٍ فَأَكَلَ ، ثُمَّ قَالَ النَّبِيُّ صلى الله عليه وسلم : " أَفْطَرَ عِنْدَكُمْ الصَّائِمُونَ ، وَأَكَلَ طَعَامَكُمْ الْأَبْرَارُ ، وَصَلَّتْ عَلَيْكُمْ الْمَلائِكَةُ " ، رواه أبو داود ( 3854) މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. ސަޢުދު ބިން ޢުބާދާގެ އަރިހަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒިޔާރަތް ކުރެއްވިއެވެ. އެހިނދު ރޮށްޓާއި ތެޔޮ ގެނެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަރިއްކުޅުއްވިއެވެ. އަދި އެއަށްފަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވިއެވެ. " أَفْطَرَ عِنْدَكُمْ الصَّائِمُونَ ، وَأَكَلَ طَعَامَكُمْ الْأَبْرَارُ ، وَصَلَّتْ عَلَيْكُمْ الْمَلائِكَةُ " "ތިޔަބައިމީހުންނާއި އެކު ރޯދަވެރިން ރޯދަ ވިއްލައިފިއެވެ. ތިޔަބައިމީހުންގެ ކާނާ އިން ހެޔޮލަފާ މީހުން ކައިފިއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަލާއިކަތުން ދުޢާ ކުރައްވައިފިއެވެ."
ތިން އިނގިލިން ކެއުން. ސުންނަތް ގޮތަކީ ތިން އިނގިލިން ކެއުމެވެ. ސަމުސަލުން ކެއުމަކީވެސް އެންމެ ރަގަޅު ކަމެކެވެ.
ކާމޭޒު މައްޗަށް ވެއްޓޭ އެތިކޮޅު ކެއުން. ސަބަބަކީ ކާއެއްޗެތީގެ ބަރަކާތް ވަނީ ކޮން އެތިކޮޅެއްގައި ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ފަހަރުގައި މޭޒު މައްޗަށް ވެއްޓިފައި ހުންނަ އެތިކޮޅަކީ ބަރަކާތް ލެއްވިގެންވާ އެތިކޮޅު ކަމުގައިވެސް ވެދާނެއެވެ. لحديث أَنَس ابن مالك أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ الثَّلَاثَ قَالَ وَقَالَ إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا الْأَذَى وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَأَمَرَنَا أَنْ نَسْلُتَ الْقَصْعَةَ قَالَ : " فَإِنَّكُمْ لا تَدْرُونَ فِي أَيِّ طَعَامِكُمْ الْبَرَكَةُ " رواه مسلم ( 2034 ) މާނައަކީ: މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާ ވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަރީއްކުޅުއްވައިފިނަމަ ތިން އިނގިލި ލޮވެލައްވައެވެ. އަދި ތިޔަބައިމީހުން ކުރެ މީހަކު ކާން ހުރި އެއްޗެއް ވެއްޓިއްޖެނަމަ އޭގައި ހުރި ހަޑި އެއް ސާފުކޮށްލުމަށް ފަހު ކާލާށެވެ. އަދި ޝައިޠާނާ އަށް ދޫކޮށް ނުލާށެވެ. އަދި ތަށީގައި ބާކީ ހުންނަ ކާއެއްޗެތި އިނގިލިން ސާފުކޮށްލުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވިއެވެ. ތިޔަބައިމީހުންގެ ކާއެއްޗެތީގައި ބަރަކާތް ލެއްވިގެން ވަނީ ކޮން ހިސާބަކު ކަމެއް ތިޔައިގެ ތެރެއިން އެއްވެސް މިހަކަށް ނޭނގެއެވެ."
ތަނެއްގައި ލެނގިގެން ހުރެ ނުކެއުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لا آكُلُ وأنا مُتَّكِئ) رواه البخاري، މާނައަކީ: "ލެނގިގެން ހުރެ ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަރީއް ނުކުޅުއްވަމެވެ." ލެނގުމުގެ މާނަ ކުރުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ވެފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ އެއްފަރާތަކަށް އަރިވެގެން ހުރުމެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ވާތް ފަރާތަށް ލެނބިގެން ހުރުން ކަމަށެވެ.
ކާގަޑީގައި ޟަރޫރީ ޙާލަތެއް މެދުވެރި ވެގެން މެނުވީ ކުޅު ޖަހާ ނުހެދުން.
ޖަމާޢަތެއްގެ ބަޔަކާއި އެކުގައި ކެއުން.
ތިންވަނަ: ކައުމުގެ ފަހުގައި ކަންތައް ބަހައްޓަންވީ ގޮތުގެ އަދަބު ތައް:
ކައި ނިމިގެން ﷲ އަށް ޙަމްދުކޮށް، އެކަމަށްޓަކައި ސުންނަތުން ވާރިދުވެފައިވާ ދުޢާ ކިޔުން އެދެވިގެން ވެއެވެ. މިގޮތުން އަންނަނިވި ދުޢާ ކިޔިދާނެއެވެ.
اَلْحَمْدُ لِلَّهِ الَّذِيْ أَطْعَمَنِيْ هَذَا, الطَّعَامَ وَرَزَقَنِيْهِ, مِنْ غَيْرِ حَوْلٍ مِنِّيْ وَلاَ قُوَّةٍ) މާނައަކީ:
"އެއްމެހާ ޙަމްދެއް ހުރީ ﷲ އަށެވެ. އެކަލާނގެއީ މިއަޅާއަށް މިކާނާދެއްވި އިލާހެވެ. އަދި މިއަޅާގެ އެއްވެސް އާރެއް ބާރެއް ނެތި މިއަޅާއަށް އެ ކާނާ ދެއްވި އިލާހެވެ."
ހަތަރުވަނަ: ކެއުމުގެ ޢާއްމު އަދަބުތައް:
1. ކާއެއްޗިއްސަށް ފާޑު ނުކިޔުން. رَوَى أَبُو هُرَيْرَةَ رضي الله عنه قَالَ : " مَا عَابَ النَّبِيُّ صلى الله عليه وسلم طَعَامًا قَطُّ ، إنْ اشْتَهَاهُ أَكَلَهُ ، وَإِنْ كَرِهَهُ تَرَكَهُ " رواه البخاري ( 3370 ) ومسلم ( 2046 ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ ކިބައިން ރިވާވެގެން ވެއެވެ. "ދުވަހަކުވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކާ އެއްޗިއްސަށް ފާޑު ވިދާޅެއް ނުވެއެވެ. އެކަލޭގެފާނު ހިތްޕުޅާވާ އެއްޗެއް ހުރެއްޖެނަމަ ފަރިއްކުޅުއްވައެވެ. ހިތްޕުޅާ ނުވާ އެއްޗެއް ހުރެއްޖެނަމަ ދޫކޮށްލައްވައެވެ."
މިތަނުގައި ފާޑު ވިދާޅުނުވާ ކާ އެއްޗިއްސޭ އޮތް ބަހުގެ މުރާދަކީ ޙަލާލު ކާ ތަކެއްޗެވެ. ޙަރާމް ތަކެއްޗަށް ފާޑު ވިދާޅުވެ، އެތަކެތިން ދުރުހެލި ވުމަށް މީސްތަކުންނަށް އަމުރު ކުރެއްވިއެވެ.
2. ބަނޑު ފުރާ ނުކެއުން. އެންމެ ރަގަޅު ގޮތަކީ ބަނޑު ތިންބަޔަށް ބެހުމެވެ. ކެއުމަށް ބަޔަކާއި، ބުއިމަށް ބަޔަކާއި، ނޭވާލުމަށް ބަޔެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ ، بِحَسْبِ ابْنِ آدَمَ أَكَلَاتٌ يُقِمْنَ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ " رواه الترمذي ( 2380 ) وابن ماجه (3349) މާނައަކީ: "އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ތަނެއް ނުފުރައެވެ. އާދަމުގެ ދަރިޔާގެ މައިބަދަ ސީދާކޮށްލެވޭ ވަރަށް ކެއުމުން ފުދެއެވެ. އެވަރު ހިތްހަމަ ނުޖެހޭނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި އަނެއް ތިން ބަޔަށް ދިޔާ ތަކެތި ބޯށެވެ. އަދި ނޭވާ ލުމަށް އަނެއް ތިންބައި ބަހައްޓާށެވެ."
3. ރަން ރިހީގެ ތަށިން ކައި ބޮއި ނުހެދުން. އެހެނީ އެކަމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لا تَلْبَسُوا الْحَرِيرَ وَلا الدِّيبَاجَ وَلا تَشْرَبُوا فِي آنِيَةِ الذَّهَبِ وَالْفِضَّةِ وَلا تَأْكُلُوا فِي صِحَافِهَا فَإِنَّهَا لَهُمْ فِي الدُّنْيَا ولنا في الآخرة " رواه البخاري ( 5426 ) ومسلم ( 2067) މާނައަކީ: "ތިޔަބައިމީހުން ފަށުވި އާއި ފަށުވި ފޭރާން ނުލާ ހުށި ކަމެވެ. އަދި ރަނާއި ރިހިން ތައްޔާރު ކޮށްފައިވާ ތަށިތަކުން ކައިބޮއި ނުހަދާށެވެ. އެތަކެއްޗަކީ ދުނިޔެމަތީގައި އެބައިމީހުންނަށް ހުރި ތަކެއްޗެވެ. އަދި އާޚިރަތުގައި އަހަރުމެންނަށެވެ." والله أعلم.

















ޚިޔާލު