ރާއްޖޭގެ ޚަބަރު

ފުލުހުންގެ މުޢައްޞަސާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޚާއްޞަ ދީނީ ދަރުސްއެއް ބާއްވައިފި

ލިޔުނީ: ހަސަން ޝިޔާޒް

މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ދީނީ ދަރުސް އެއް ބާއްވައިފިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިދަރުސް ބޭއްވިފައިވަނީ 2010 ސެޕްޓެމްބަރ 07 ވަނަ ދުވަހު 11:00 ން 12:00 ށް އިސްކަންދަރު ބިލްޑިންގގެ ތިއޭޓަރ ހޯލްގައެވެ.

ފުލުހުންގެ މުޢައްޞަސާގައި މަސައްކަތްކުރާ މުވައްޒފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް "ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް" އިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން ބޭއްވުނު މިދަރުސްގައި ވާހަކަފުޅު ދެއްކެވީ، ޝަރުޢީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްގެން ހުންނެވި އުޚްތެއްކަމުގައިވާ އަލްއުސްތާޛާ އަނާރާ ނަޢީމް ކަމަށް މަޢުލޫމާތު ލިބެއެވެ. މިދަރުސްގައި މައިގަނޑުގޮތެއްގައި އަނާރާ ނަޢީމް ވާހަކަފުޅު ދައްކަވާފައިވަނީ "ދިރިއުޅުމުގެ މަޤްޞަދާއި" ބެހޭ ގޮތުންނެވެ. އަނާރާ ނަޢީމްގެ ވާހަކަފުޅުގައި ﷲ ގެ ރުހިވޮޑިގަތުން ހޯދުމަކީ ދިރިއުޅުމުގެ މަޤްސަދުކަމުގައި ހަދަން ޖެހޭނެކަން ހަނދާން ކޮށްދެއްވިއެވެ.

މިދަރުސް އަށް ފަހު ބައިވެރިން ކުރި ސުވާލުތަކަށް އަނާރާ ނަޢީމް ޖަވާބު ދެއްވިއެވެ. މިދަރުސް އަށް ފުލުހުންގެ މުޢައްޞަސާގެ ގިނައަދަދެއްގެ އަންހެން މުވައްޒަފުން ޙާޟިރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ރާއްޖޭގައި ޤާއިމްވެފައިވާ ފުލުހުންނާއި، ސިފައިންގެ މުޢައްޞަސާ ފަދަ މުޢައްޞަޞާތަކާއި، އޮފީސްތަކުގައި މިފަދަ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުން އިތުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *