އަރަބިދުނިޔެދިއިސްލާމްދުނިޔެ

ޙަރަމައިން ރޭލްވޭ މަޝްރޫޢުގެ ދެވަނަ ފިޔަވައްސަށް 30.8 ބިލިއަން ރިޔާލް ޚަރަދުވާނެ: ސަޢޫދީ ސަރުކާރު

ޙަރަމައިން ރޭލްވޭ މަޝްރޫޢުގެ ކުރެހުމެއް

 

ޙަރަމައިން ރޭލްވޭ މަޝްރޫޢުގެ ކުރެހުމެއް

ސައޫދީ ސަރުކާރުން ފަށާފައިވާ ޙަރަމައިން ރޭލްވޭ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް 30.8 ބިލިއަން ރިޔާލް (8.2 ބިލިއަން އެމެރިކާ ޑޮލަރު) ޚަރަދުވާނޭކަމަށް އެޤައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ހައިސްޕީޑް ރޭލްވޭގެ ނިޒާމަކުން މާތްވެގެންވާ މައްކާ އާއި މަދީނާ ގުޅާލުމަށް ހަމަޖެހިފައިވެއެވެ. އަދި މިނިޒާމު ފުރިހަމަވާއިރު ޖިއްދާ އާއި ރާބިޣްވެސް ގުޅާލެވޭނެއެވެ.

އަލަށް ބޭނުންކުރަންފަށާ ރޭލްތަކުގެ ސަބަބުން މައްކާ އާއި ޖިއްދާއާއި ދޭތެރޭ ކުރާ ދަތުރުގެ ދިގުމިން 30 މިނެޓަށްވުރެ ކުރުވެގެންދާއިރު މަދީނާއާއި ޖިއްދާއާއި ދޭތެރޭ ކުރެވޭ ދަތުރު ދެ ގަޑިއިރަށްވުރެ ކުރުވެގެންދާނެއެވެ.

މިނިޒާމުގައި ސްޓޭޝަންތައް ޤާއިމްކުރެވޭނީ މައްކާ، މަދީނާ، ޖިއްދާ، ކިންގް ޢަބްދުﷲ އިކޮނޮމިކް ސިޓީ (ރާބިޣް) އަދި ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. މި ސްޓޭޝަންތައް ޤާއިމްކުރަން މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ނޫސް އެޖެންސީއަކުން ވަޒީރާ ޙަވާލާދީ ހާމަކުރެއްވިގޮތުގައި ދެވަނަ ފޭސްގެ މަސައްކަތްކުރުމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ މަޝްވަރާތައް މިހާރުވަނީ ނިމިފައެވެ. ދެވަނަ ފޭހުގެ މަސައްކަތް ކުރިއަށް ގެންދާނީ ސްޕެއިން އާއި ސައޫދީގެ 14 ކުންފުންޏެއްގެ މެދުގައި އުފައްދާފައިވާ އައްޝޫލާ ކޮންސޯޓިއަމުންނެވެ.

މި މަޝްރޫއުގެ މަސައްކަތް 3 އަހަރުތެރޭ ނިމޭނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ރޭލްވޭ ދަގަނޑުތައް އިމްޕޯޓްކޮށް ބެހެއްޓުމާއި، ސިގްނަލް ދޭން ބޭނުންކުރާނެ އާލާތްތަކާއި، މުވާޞަލާތީ ވަސީލަތްތަކާއި ކަރަންޓު ވިއުގަ ޤާއިމްކުރުމާއި، ރޭލްތައް އިމްޕޯޓްކުރުންވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމަށްފަހު، 12 އަހަރުވަންދެން ރޭލްވޭ ނިޒާމު ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތް އައްޝޫލާ ކޮންސޯޓިއަމުން ކުރިއަށް ގެންދާނެއެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވިގޮތުގައި ވާހަކަދެއްކުމަށް ތާވަލުކުރެވުނު ހުރިހާ ކަންތައްތަކަށްވެސް ސަރުކާރާއި ކޮންސޯޓިއަމްދޭތެރޭވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕްރޮޖެކްޓްގެ އަގާއި ދޭތެރޭ އެއްބސްވެވިފައިވާއިރު، 35 ރޭލް ސަޕްލައި ކުރުމަށްވެސް އެއްބަސްވެވިފައިވެއެވެ. މީގެ ކޮންމެ ރޭލެއްގައިވެސް ފަސްޓް ކްލާސް ބަޔަކާއި ރެސްޓޯރެންޓަށް ވަކި ބައެއް ހިމެނޭ ގޮތަށް، 13 ބައި އެކުލެވޭނެއެވެ.

 444 ކިލޯމީޓަރަށް ދެމިގެންދާ ރޭލްވޭގެ މިނިޒާމުގައި ބޭނުންކުރާނެ ރޭލްތަކުގައި، ޞިއްޙީ ޚިދުމަތްވެސް ޤާއިމްކުރެވިގެން ދާނެއެވެ.

ރޭލްވޭގެ މިނިޒާމަށް މީހުން ތަމްރީނުކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތައް ހިމެނޭ ޓްރެއިނިންގ ސެންޓަރެއްވެސް ޤާއިމްކުރާނެއެވެ. ސައޫދީ ސަރުކާރުން ވަނީ ރެއިލްވޭ ވަޒީފާތައް އަދާކުރާ މީހުންގެ 75 އިންސައްތައަކީ އެޤައުމުގެ މީހުން ކަމަށް ހެދުމަށް ޕްލޭނެއް އެކުލަވާލާފައެވެ. މީގެ އިތުރުން، މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި އިތުރު މަގުތައް ތަރައްޤީ ކުރުމާއި ޢުމްރާނީ އެހެނިހެން މަސައްކަތްތައްވެސް ކޮންސޯޓިއަމުން ކުރިއަށް ގެންދާނެއެވެ.

________

މަޞްދަރު: ޢަރަބް ނިއުސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *