އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ މުގައްދަސް ތަންތަނަށް އިޒްރޭލުން ދެމުންދާ ގެއްލުންތަކުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުވެއްޖެ އެވެ. މިފަހަރު ތަޅާލާފައިވަނީ ހުޅަނގު އައްސޭރީގެ ތޫބަސްގައިވާ މިސްކިތެކެވެ.
ދަ ޕަލެސްޓައިން ޓްރިބިއުން ޚަބަރުދޭ ގޮތުގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މި ޖަރީމާ ހިންގާފައިވަނީ އުރުދުން ވާދީގެ ތޫބަސްގައިވާ ބަދަވީންގެ އާބާދީއެއް ކަމަށްވާ ޚިރްބަތު ޔަރްޒާގައެވެ.
ވާދިލް މަލާޙް އަވަށު ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުގައި މި މިސްކިތް ސުންނާފަތި ކޮށްފައިވަނީ އަންގާރަ ދުވަހު ހެނދުނު، އިޒްރޭލުގެ ފަސް ސިފައިންގެ ބައިވެރިވުމާއެކު އަސްކަރީ ބުލްޑޯޒަރެއް ބޭނުން ކޮށްގެންނެވެ.
އިޒްރޭލުގެ ސިފައިން މި މިސްކިތް ތަޅާލުމުގެ ބަހަނާއެއްގެ ގޮތުން މިސްކިތް ބިނާކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމުގައި ބުނި ނަމަވެސް އެސަރަހައްދުގެ ފަލަސްތީނު ރައްޔިތުން ބުނަމުންދަނީ މި ޖަރީމާ އަކީ އިޒްރޭލުން އުރުދުން ވާދީގައި ހިންގަމުންދާ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމުގެ ކެމްޕޭންގެ ބައެއް ކަމަށެވެ. މި ކެމްޕޭންގައި އެސަރަހައްދުގެ އެތައް ރައްޔިތުންނަށް ވަނީ އެސަރަހައްދު ދޫކޮށް ދިޔުމަށް މަޖްބޫރު ކޮށްފައެވެ.
މިފަހަރު ހަލާކު މިކޮށްލި މިސްކިތަކީ ފާއިތުވެ ދިޔަ 7 މަސްދުވަހުގެ ތެރޭގައި އިޒްރޭލުން ހަލާކުކުރި 3 ވަނަ މިސްކިތެވެ.
އަދި މިޖަރީމާ ހިންގާފައި މިވަނީ ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ޚިލާފަށް އާބާދުކޮށްފައިވާ ހަރުކަށި ޔަހޫދީން ފަލަސްތީނު ރައްޔިތުންނާއި އެމީހުންގެ މުދަލާއި ގެދޮރަށް ހަމަލާ ދިނުމުގެ ހަރަކާތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ބައިނަލްއަގްވާމީ މުޖްތަމައުގެ ދެކޮޅުހެދުންތަކާއެކުވެސް އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ދަނީ އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީން ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރުމުގެ ޣައިރު ގާނޫނީ އަމަލު ހިންގަމުންނެވެ.
________
މަސްދަރު: ޕްރެސް ޓީވީ

















ޚިޔާލު