މާތް ﷲގެ ދީނަށް، އެކަލާނގެ ސީދާވެގެންވާ ތެދުމަގަށް ގޮވާ މީހާއަށްވުރެ ވަކިން ހެޔޮ ބަސް ބުނާ މީހަކީ ކާކު ހެއްޔެވެ!؟ އެއަށްވުރެ ވަކިން ޝަރަފުވެރި ވަޒީފާއެއް އަދާކުރާ މީހަކީ ކާކު ހެއްޔެވެ!؟ އެއްމެ ހައްގު ގޮތުގައި ﷲގެ މަގަށް ގޮވައިލެއްވި ބޭކަލުންނަކީއެކަލާނގެ ރަސޫލުންނާއި ނަބިއްޔުންނެވެ. އެއަށްފަހު އެބޭކަލުންގެ ހިދާޔަތާއި ސުންނަތުގައި ހިތްޕެވި ޙަވާރިއްޔުންނާއި އަޞްޙާބުންނެވެ. އުންމަތުގެ ސަލަފުއްޞާލިޙުންނެވެ. އަދި އެމާތް ސަލަފުންގެ މަގުގައި ހިންގެވި ޢިލްމުވެރި އިމާމުންނެވެ. ﷲގެ އިޛުނަފުޅުން މިދީން އަޅުގަނޑުމެނާއި ހަމައަށް ފޯރާފައި މިވަނީ އިޚްލާޞްތެރި އިލްމުވެރި ފަހުލަވާނުންގެ ކެނޑިނޭޅި ކުރިއަށްދިޔަ ދަޢުވަތުގެ ސަބަބުންނެވެ. އަދި ޤިޔާމަތާއި ޖެހެންދެން އެފަދަ އިޚްލާޞްތެރި ޢިލްމުވެރިންގެ ދަޢުވަތު ދެމިގެންވާނެއެވެ. އިތުރުއެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. ((لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ لَا يَضُرُّهُمْ مَنْ خَالَفَهُمْ)) مسلم. “ހައްގުގައި ގަދަކަން ލިބިގެންވާ ޖަމާޢަތެއް ތިމަންކަލޭގެފާނުންގެ އުންމަތުގައި އަބަދުވެސް ދެމި އޮންނާނެއެވެ. އެބައިމީހުނާއި އިދިކޮޅު ވާ މީހުނަކަށް އެމީހުނަކަށް ގެއްލުމެއް ނުދެވޭނެއެވެ.”
ހައްގު ދަޢުވަތު
އެއްވެސް ދަޢުވަތަކަށް ކިޔާ ނަމެއްގެ ސަބަބުން އެދަޢުވަތެއް ހެޔޮ ނުވަތަ ނުބައެއް ނުވާނެއެވެ. ހައްގު ދަޢުވަތަކީ ހަމައެކަނި ﷲ އާއި އެކަލާނގެ ރަސޫލާގެ މަގަށް ދެވޭ ދާއުވަތެވެ. އިތުރު އެކަލޭގެފާނުންގެ އަރިހުން ޞައްހަވެގެންވެއެވެ. “އަދި ތިމަންކަލޭގެފާނުންގެ އުންމަތް ހަތްދިހަ ތިން ބަޔަށް ބައިވާނެއެވެ. އެއްމެ ބައެއް ފިޔަވައި އެހެން ހުރިހައި ބައެއް ވާހުށީ ނަރަކައިގައެވެ.” އަސްހާބުން ދެންނެވިއެވެ. އެއީ ކޮންބައެއް ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ((مَا أَنَا عَلَيْهِ وَأَصْحَابِي)) الترمذى. “އެއީ ތިމަންކަލޭގެފާނާއި އަސްހާބުން މިތިބި ގޮތްމަތީގައި ތިބޭ މީހުންނެވެ.” ޝައްކެއްނެތްގޮތުގައި ހައްގު ދަޢުވަތަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ޞައްހަ ސުންނަތާއި ސަލަފުންގެ އުސޫލާއި އެއްގޮތަށް ދެވޭ ދަޢުވަތެވެ. الفقرقة الناجية، الطائفة المنصورة އަދި أهل السنة والجماعة އަކީ އެއީއެވެ. ޤިޔާމަތަށް ދާންދެން އެޖަމާއަތަށް ތަބާވާ މީހުންނެވެ. އެއާއި ޚިލާފަށް ވަކި މީހެއްގެ ރައުޔަށް ނުވަތަ ވަކި މަޛުހަބަކަށް ނުވަތަ ތިމާއަށް ތަބާވާ މީހުން ގިނަކުރުމަށްޓަކައި ދެވޭ ދަޢުވަތަކީ ބާޠިލު ދަޢުވަތެވެ.
ދައުވަތުގެ ޝަރަފް
ﷲގެ މަގަށް ގޮވުމާއި އެކަލާނގެ ދީނަށް ދަޢުވަތު ދިނުމާއި އެކަމުގައި މަސައްކަތް ކުރުމަކީ އެއްމެ ޝަރަފުވެރި މަސަތްކަތެވެ. އެއްމެ މާތް ވަޒީފާއެވެ. އެއީ މަތިވެރި މާތް ރަސޫލުންނާއި ނަބިއްޔުންގެ ވަޒީފާއެވެ. މާތް ﷲގެ ވަޙީބަސްފުޅުގައި ވެއެވެ. މާނައަކީ: “ތިބާއީ މުސްލިމެއް ކަމުގައި ބުނެ، ޞާލިޙު ޢަމަލުކޮށް، ﷲ ގެ މަގަށް ގޮވައި ދަޢުވަތުދޭ މީހާއަށްވުރެ ވަކިން ހެޔޮ ބަހެއް ބުނާ މީހަކީ ކާކު ހެއްޔެވެ!؟” ޝައްކެއްނެއްގޮތުގައި އެބަޔަކީ ރަސޫލުންނާއި ނަބިއްޔުންނާއި އެބޭކަލުންގެ ވާރުތަވެރިންނެވެ. މީސްތަކުންނަށް ހިދާޔަތް ލިބުމަށް ދަހިވެތިވެ، އުންމަތަށް ނަޞޭޙަތްތެރި، ހެޔޮއެދޭ، އިޚްލާޞްތެރި ޢިލްމުވެރީންނެވެ.
ދާޢީންގެ ސިފަ
ދަޢުވަތަކީ މާތް ﷲ ހޮށްވަވައި އިޚްތިޔާރު ކުރައްވާފައިވާ ރަސޫލުންނާއި ނަބިއްޔުންގެ ވަޒީފާއެއް ކަމުގައި ވީއިރު، މިޝަރަފުވެރި މަސައްކަތައިގެން ނުކުންނަ މީހުންގެ ކިބައިގައި އެމާތް ރަސޫލުންގެ ރިވެތި ސިފަތައް ހުރުން ލާޒިމުވެގެން ވެއެވެ. އޭގެތެރެއިން އެއްމެ ފުރަތަމަ ސިފައަކީ އިޚްލާޞްތެރިކަމެވެ. އިޚްލާޞްތެރިކަމާއި ނުލައި އެއްވެސް ހެޔޮކަމެއް ގަބޫލު ނުވާނެއެވެ. އަނެއް ކަމަކީ އަޚްލާގެވެ. މިއުންމަތަށް މާތް ﷲ ކައުކުރެއްވެވި ދާޢީންގެ އިމާމު rގެ އަޚްލާގާއި މެދުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ވީ މަތިވެރިވެގެންވާ ޚުލްގެއްގެ މަތީގައެވެ.” ވީމައި ދާޢީއެއްގެ ކިބައިގައި ހުންނަންޖެހޭ އަނެއް މަތިވެރި ސިފައަކީ: މަޑުމޮޅިކަމާއި އޯގާތެރިކަމެވެ. އެއީ މިއުންމަތުގެ މަތިވެރި ދާޢީ ގެ މާތް ސިފަފުޅެވެ.
“ފަހެ ﷲގެ ރަހުމަތުން ކަލޭގެފާނު އެބައިމީހުނަށްޓަކައި މަޑުމޮޅި، އޯގާތެރި ބޭފުޅެއްކަމުގައި ވިއެވެ. އެހެނީ ކަލޭގެފާނީ ޚުލްގު ނުބައި، ހިތް ހިލަ ބޭފުޅެއްކަމުގައި ވީނަމަ އެބައިމީހުން ކަލޭގެފާނުންގެ އަރިހުން ފެއްސިއްޖައީހެވެ.” މިމަތިވެރި ސިފަތައް ލިބިގެން ނުވާ މީހަކީ މި ޝަރަފުވެރި މަސައްކަތުގައި އުޅުން އެކަށީގެންވާ މީހެއް ނޫނެވެ.
ދަޢުވަތުގެ އުސްލޫބު
ﷲގެ މަގަށް ދަޢުވަތު ދޭންޖެހޭގޮތާއި އެކަމުގެ އުސްލޫބު ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. މާނައަކީ: “ޙިކުމަތާއި، ރިވެތި ނަޞޭޙަތާއި އެކުގައި ކަލޭގެފާނުންގެ ރައްބުގެ މަގަށް ގޮވާށެވެ! އަދި އެއްމެ ރިވެތި މަގުން އެބައިމީހުންނާއި ޖަދަލުކުރާށެވެ! ހަމަކަށަވަރުން އެކަލާނގެ މަގުން ފުރެދިގެންވާ މީހުންނާއި ތެދުމަގުގައިވާ މީހުންނަކީ ކޮބައިކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.” سماحة الشيخ بن باز ވިދާޅުވެފައިވެއެވެ. “އެއީ ޙިކުމަތާއި އެކުގައި ދަޢުވަތު ދިނުމެވެ. އަޑު ނާހާ މީހުނަށް ރިވެތި މަގުން ނަޞޭޙަތްތެރިވުމެވެ. އޮޅުމެއް އަރައި ޖަދަލު ކުރާ ފަދަ މީހުންނާއި ރިވެތި މަގުން ޖަދަލު ކޮށް އެމީހުންގެ އޮޅުންތައް ސާފުކޮށްދިނުމެވެ. އެބައިމީހުންގެ މައްޗަށް ހަރުކަށިވެ، އަވަސްވެ ނުގަތުމެވެ. އަދިކިޔެއް ދާޢީގެ މައްޗަށް ލާޒިމުވެގެންވަނީ ކެތްތެރިކަމާއި އެކުގައި ހަރުކަށި ނުވެ އޮޅުންފިލުވައިދިނުމެވެ. [الدعوة إلى الله]
މާތް ﷲގެ އަޅުތަކުންގެ މައްޗަށް ކުފުރާއި ބިދުޢަތުގެ ހުކުމް ޖެހުމުގައި މަޝްޣޫލުވުމަކީ ދަޢުވަތުގައި ފަށާފައިވާ ނުބައި ކަމެކެވެ. މުސްލިމުންގެ މައްޗަށް ކުފުރުގެ ހުކުމް ޖެހުމާއި ސަލަފުއްޞާލިހުންނާއި ޢިލްމުވެރި އިމާމުންގެ މަގު ހިނގުމަށް މަސައްކަތް ކުރާ، އުންމަތަށް ހެޔޮއެދޭ، މިދީނަށްޓަކައި އެބައެއްގެ ދުލާއި ގަލަމާއި ވަގުތާއި މުދަލާއި ހުރިހައިކަމެއް ހޭދަކުރާ ސުންނަތުގެ ޢިލްމުވެރިންނާއި ދުޢާތުން އެއްމެން ނުވަތަ ގިނަބައެއްގެ މައްޗަށް ބިދުޢައާއި ފުރެދުމުގެ ހުކުމް ޖަހައި، އެމީހުންގެ ގާތުން އިލްމީ ފައިދާ ލިބުން މަނާކުރުމަކޮށް، ދަޢުވަތުގެ މަގު ބަންދުކޮރުމަކީ މާތް ސަލަފުންގެ ދަޢުވަތާއި މުޅިން ޚިލާފު ކަމެކެވެ. ނުބައިކަންބޮޑު ބިދުޢަތެކެވެ. އެއީ އިލްމީ ގޮތުން އުނި، އަޚްލާގުގެ ގޮތުން ދަށް، އިޚްލާޞްތެރިކަން މަދު ބަޔަކު މިފަހުޒަމާނުގައި ފަށައިފައިވާ ނުބައި މުންކަރާތެކެވެ. ﷲގެ މަގުން ފުރެދިގެންވާ މީހުންނާއި ތެދުމަގުގައިތިބި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. މާތް ﷲ ޙުރުމަތްތެރިކުރައްވާފައިވާ ޢިލްމުވެރިންގެ މަސް ކެއުމާއި، އެކަލާނގެ އަޅުތަކުންގެ މައްޗަށް ކުފުރާއި ބިދުޢަތާއި ފުރެދުމުގެ ހުކުމް ކުރުމަކީ ދީނުގައި އެއްމެ ނުރައްކާތެރި، ހައްސާސް މައްސަލައެވެ. ރާސިޚު، ބޮޑެތި ޢިލްމުވެރި އިމާމުން ފިޔަވައި ކުދިކުދި މީހުން ކުރުން ހެޔޮ ނުވާނެ ކަމެކެވެ. މިއުންމަތުގެ ކުރިއާޢި ފަހުގެ ބޮޑެތި ހުރިހައި ޢިލްމުވެރި ދުޢާތުންނަށް ބަލައިފި މީހަކަށް މިކަން މެންދުރުގެ އިރުފަދައިން ސާފުކޮށް ފެންނާނެއެވެ. ސަލަފުން ފަށައިގެން އުންމަތުގެ މަޝްހޫރު އިމާމުންނާއި ހަމައަށެވެ. شيخ الإسلام ابن تيمية އާއި شيخ الإسلام محمد بن عبد الوهاب ގެ ބަސްފުޅުތާއި އަދި މިފަހުގެ ބޮޑެތި އިމާމުންކުރެ ابن باز އާއި عثيمين އާއި الألباني ފަދަ އެއްމެހައި ޢިލްމުވެރިންނާއި އެބޭބޭފުޅުންގެ އެއްމެހައި ދަރިވަރުންގެ މަންހަޖާއި އުސްލޫބަކީ މިއެވެ. މިހާރު މަދީނާގެ މަޝްހޫރު ޢިލްވެރިއާ އަދި މަސްޖިދުއްނަބަވީ އާއި އަލް ޖާމިޢާ އިސްލާމިޔާގެ އެއްމެ ދުވަސްވީ އެއް މުދައްރިސް ކަމުގައިވާ سماحة الشيخ عبد المحسن العبادގެ ދެފޮތްކަމުގައިވާ “رفقا أهل السنة..” އާއި “الحث على السنة..” ބައްލަވާށެވެ!

















މިލިޔުމުގެ އާޔަތްތައް ރަގަޅުކުރެއްވުން އެދެން. ފޮންޓް މައްސަލައެއްހެން ހީވަނީ
ވަރަށް މުހިއްމު ލިޔުމެއް.
ބައެއް އާޔަތް ތައް ނުކިޔެވޭ.
ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީ ކުރާނީވެސް ސަލަފުއްޞާލިޙުން ކަންތައްތައް ކުރި ގޮތަށެވެ. މުޒާހަރާ އަކުން ނޫނެވެ.
އަޅުގަނޑު ތިވާހަކަ ތާއީދުކުރަމެވެ