ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާއި ބައްދަލު ކުރީ އަޅުގަނޑުމެންނަށް އެމަހަށް ތައްޔާރު ނުވެވި އުޅެނިކޮށެވެ. ހަމައެހެންމެ އެމަސް ނިމިގެން މިދަނީވެސް އެމަހުގެ މަތިވެރިކަމާއި ދަރުމައާއި ޘަވާބު ހޯދައިގަތުމަށް އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރު ނުވެވި އުޅެނިކޮށެވެ. ފަހެ މިރަމަޟާން މަހުގެ ފައިދާ ލިބިގަތީ އަޅުގަނޑުމެންގެ ތެރެއިން ކިތައް އަޚުންނާއި އުޚްތުންނެއްތޯއެވެ؟
ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ކުރީކޮޅު މިސްކިތްތައް ފުރި ބާރުވެގެން ދިއުމަށްފަހު ދެން އައި ދުވަސްތަކާއި އެކު މަޑުމަޑުން މިހާރު މިސްކިތްތައް ވަނީ ފަޅުވާން ފަށާފައެވެ. ކުރީގައި ފުރި ބާރުވެގެން ޖާގަ ނުލިބުނު މިސްކިތްތަކުން މިހާރު ފެންނަމުންދަނީ ހާއަޅަމުންދާތަނެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އޮތީ ރަމަޟާން މަހުގެ ފަހުކޮޅަށް ދިޔަދިޔަހެން ހީވާގިލައި މިންނަތާއި އެކު އަޅުކަންކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. މިމަތިވެރި މައްސަރުގެ ނިދާ އިއްވަވައި ކީރިތި ނަބިއްޔާ محمد صلّى الله عليه وسلّم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ.
"يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ" (رواه الترمذي)
މާނައީ: "އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ތިބާ މިމަހުގައި ހެޔޮކަންތައްތަކާއި ކުރިމަތިލާށެވެ. އަދި އޭ ނުބައިކަމަށް އެދޭ މީހާއެވެ. މިމަހުގައި ތިބާ ނުބައިކަންތައްތައް ނުކޮށް ހުއްޓާލާށެވެ."
ކޮންމެއަކަސް މިހާރު އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ މިބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. އެރެއެއްގައި ކުރާ އަޅުކަންތައް އެއްހާސް މައްސަރަށްވުރެވެސް ހެޔޮކަން ބޮޑުވެގެންވާ، ލައެލަތުލް ޤަދްރި ވިލޭރޭ ހިމެނެނީ މިދުވަސްތަކުގެ ތެރެއިން އަންނަ އޮނަހިރި ރެއެއްގައެވެ.
މިިމަހުގެ ފާއިތުވެ ދިޔަތަނުގައި ރަނގަޅަށް އަޅުކަމާއިގެން ނޫޅެވުނު ކަމުގައިވިޔަސް ފަހު ދިހައިގެ މިދުވަސް ތަކުގައި، ޚާއްޞަކޮށް އޮނަހިރި ރޭތަކުގައި ހިތްވަރާއި ޖޯޝާއިއެކު ގަދައަޅާ މަސައްކަތް ކުރަން އެބަޖެހެއެވެ. އާދެ އެއީ އެރެއެއްގައި ކީރިތި ޤުރުއާން ބާއްވާލެއްވުނު ލައެލަތުލް ޤަދްރި ވިލޭރޭ ލިބިގަތުމަށްޓަކައެވެ. އަޅުގަނޑުމެންނަށް ވިސްނާ ނުލެވުނު ކަމުގައިވިޔަސް އެރޭ އަޅުކަމުގައި ހޭދަ ކުރެވިއްޖެނަމަ އެއީ 83 އަހަރާއި އެތައް މަހެއް އަޅުކަމުގައި ހޭދަ ކުރުމުގެ ޘަވާބު ލިބޭނޭ ރެއެކެވެ. ލައެލަތުލް ޤަދްރިވިލޭރެއާއި ބެހޭގޮތުން ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ސޫރަތެއް ބާއްވާލައްވާފައެވެ. އެއީ سورة الْقَدْرِ އެވެ.
إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1)
ހަމަކަށަވަރުން ތިމަން ﷲ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2)
ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3)
ލައިލަތުލްޤަދްރި ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (4)
މަލާއިކަތްބޭކަލުންނާއި ޖިބްރީގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛްނަފުޅާއެކު (ކަނޑައަޅުއްވާފައިވާ) ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ.
سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ (5)
އެރެއަކީ ފަޖުލައްޖައުމަށްދާންދެން ސަލާމަތްކަންލިބިގެންވާ ރެއެކެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަޅުގަނޑުމެންނަށް ލައެލަތުލް ޤަދްރި ވިލޭރޭ ލިބިދާނޭ ކަމަށް ހީނުކުރަނީ ހެއްޔެވެ؟ ދަންނާށެވެ. އެރެއަކީ ގަދައަޅާ މަސައްކަތްކޮށްފި ހަމަ ކޮންމެ މުސްލިމަކަށްވެސް ލިބޭނޭ ރެއެކެވެ. އަޅުގަނޑުމެންނަށް އެރޭ ލިބިދާނޭކަމުގައި އުއްމީދު ނުކުރެވެނީ ނުވަތަ ޝައްކު ކުރެވެނީ އަޅުގަނޑުމެން ﷲ އާއި ދޭތެރޭ އޮންނަ ޔަޤީންކަން ކުޑަ ކަމުންނެވެ. އަދި އެރޭ ލިބިގަތުމަށްޓަކައި ހިތުގައި ވަރުގަދަ ޢަޒުމެއްވެސް ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން އަޅުގަނޑުމެން ޔަޤީންކޮށް ޢަޒުމްވަރުގަދަކޮށް ގަދައަޅާ މަސައްކަތްކުރަންވީ އެރެއަކީ ހަމަ ލިބޭނޭ ރެއެއް ކަމުގައި ދެކިތިބެގެންނެވެ. އެރޭގެ ރޭއަޅުކަން ކޮށްފި މީހަކާއި ބެހޭގޮތުން ކީރިތި ރަސޫލާ محمد صلّى الله عليه وسلّم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"مَنْ قَامَ لَيْلَةَ القَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (متفق عليه)
"ލައެލަތުލް ޤަދްރި ވިލޭރޭ، އީމާންތެރިކަމާއިއެކު ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި އަޅުކަންކޮށްފި މީހާގެ ފާއިތުވެ ގޮސްފައިވާ ފާފައެއް ފޮހެވިއްޖެއެވެ."

















ޚިޔާލު