ޢައިރު މުސްލިމުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ކުރަމުންގެންދާ ސުވާލަކީ ދުނިޔެ އުފެއްދެވިގެން ވަނީ 6 ދުވަހުންތޯ ނުވަތަ 8 ދުވަހުންތޯ އެވެ. އެބައިމީހުން މި ސުވާލު އުފައްދަމުން ގެންދަނީ ޤުރުއާނުގައި ﷲ ތަޢާލާ 4 އާޔަތެއްގައި އުޑާއި ބިން ހެއްދެވިގެން ވަނީ ޖުމްލަ 6 ދުވަހުން ކަމަށް ބަޔާން ކުރަށްވައި ވަޙީ ކުރައްވާފައި ވަނިކޮށް ޤުރުއާނުގެ އެހެން ސޫރަތެއްގެ އުޑާއި ބިން ހައްދަވާފައިވާ ގޮތުގެ ވާހަކަ ވަކި ވަކިން ބަޔާން ކުރައްވާފައި ވުމުން ނެވެ.ސައިންސްގެ އަސާސީ ޢިލްމެއްނެތި ކިޔާލި ކޮންމެ މީހަކަށް މި އާޔަތް ތައް ވަރަށް ފަސޭހައިން ފުށު އާ ގޮތް ވެދާނެ އެވެ . އެހެން ނަމަވެސް އަޅުގަނޑު ވަރަށް ފަސޭހަ ގޮތަކަށް މި ސުވާލު ޖަވާބު ފަހުމްވެދާނޭ ހެން ގެނެސްދެވޭ ތޯ މަސައްކަތް ކޮށްލާނަމެވެ. އެންމެ ފުރަތަމަ އުޑާއި ބިން ﷲ ތަޢާލާ އުފައްދަވާފައި ވަނީ 6 ދުވަހުން ކަމަށް އަންގަވާ ފައި ވާ އާޔަތް ތައް ތިރީގައި މިވަނީ އެވެ.
" ހަމަކަށަވަރުން ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއީ 6 ދުވަހުގެ ތެރޭގައި އުޑު ތަކާއި ބިން ހެއްދެވި ﷲ އެވެ. އެޔަށްފަހު އެކަލާނގެ ޢަރުޝުގެ މައްޗަށް އިސްތަވާޢު ވެ ވޮޑިގެންނެވިއެވެ. އަދި އެކަލާންގެ ރޭގަނޑުން ދުވާލު ފުރޮޅާ ލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސް ކަމާއެކު (އަނެކަށްޗެއް) ހޯދައި ގަނެ އެވެ. އަދި އިރާއި ހަނދާއި ތަރިތަށް އެކަލާނގެ އަމުރު ފުޅަށް ކިޔަމަން ކުރަށްވާފައިވަ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރު ކުރެއްވުން ވަނީ، އެކަލާނގެ އަށް ޙާއްސަ ވެގެން ނެވެ. އިލްމު ތަކުގެ ވެރި ﷲ މަތިވެރިވެ ވޮޑިގެންފި އެވެ. " (އަޢްރާފް 54 )
" ހަމަކަށަވަރުން ތިޔަ ބައިމީހުންގެ ވެރި ރަސްކަލާނގެއީ ﷲ އެވެ. އެކަލާނގެ އީ އުޑު ތަކާއި ބިން 6 ދުވަހު ތެރޭގައި ހެއްދެވި ރަސްކަލާނގެ އެވެ. ދެން ޢަރުޝުގެ މަށްޗަށް އެކަލާނގެ އިސްތަވާޢު ވެ ވޮޑިގެން ވިއެވެ. އެކަލާނގެ (އެންމެހާ) ކަންތައްތަށް މިންވަރު ކުރަށްވައި ތަދުބީރު ކުރައްވަތެވެ. އެކަލާނގެ އިޒުނަ ފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް ޝަފާއަތްތެރި ވާނޭ) ޝަފާއަތް ތެރިޔަކު ނުވެ އެވެ. އެއީ ތިޔަބައި މީހުންގެ ވެރި ﷲ އެވެ. ފަހެތިޔަބައި މީހުން އެކަލާނގެ އަށް އަޅުކަންކުރާ ށެވެ. ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ. " (ޔޫނުސް 3)
" އަދި އެކަލާނގެއީ 6 ދުވަހުގެ ތެރޭގައި އުޑު ތަކާއި ބިން ހެއްދެވި ރަސްކަލާނގެ އެވެ. އެކަލާނގެ ޢަރުޝު (އޭރު ) ވަނީ ފެންމަތީގައެވެ. (އެއީ ) ތިޔަބައި މީހުންގެ ތެރެއިން އެންމެ އަމަލު ރަނގަޅީ ކާކު ތޯ ބެއްލެވުމަށްޓަކައެވެ. އެއީ މަރުވުމަށްފަހު ހަމަ ކަށަވަރުން ތިޔަބައިމީހުން އަލުން ދިރުއްވައި މަޙްޝަރަށް ފޮނުއްވާނެޔޭ ކަލޭގެ ފާނު ވިދާޅު ވެއްޖެ ނަމަ ހަމަކަށަވަރުން ކާފަރުވީ މީހުންބުނާނެ ތެވެ. މިއީ ބަޔާންވެގެންވާ ޖާދޫ އެއްކަމުގައި ނޫނީ ނުވެ އެވެ." (ހޫދް 7 )
" އެކަލާންގެއީ އުޑުތަކާ ބިމާ އެދެމެދުގަ ވާހާ އެއްޗެއް ހަދުވަހު ތެރޭގައި ހެއްދެވި ރަސްކަލާނގެ އެވެ. ދެން ޢަރުޝުގެ މައްޗައް އެކަލާނގެ އިސްތަވާޢުވެ ވޮޑިގަތެވެ. އެކަލާނގެއީ ރަހްމާނު ވަންތަރަސްކަލާނގެ އެވެ. ފަހެ އެކަލާނގެއާ މެދު މޮޅަށް ޙަބަރު ދަންނަފަރާތަކާ ކަލޭގެފާނު ސުވާލުކުރަށްވާށެވެ." (ފުރުޤާން 59 )
މަތީގައި ބަޔާންވެ ދިޔަ ހަތަރު އާޔަތުން އަޅުގަނޑު މެންނަށް ފެންނަން އެޔޮތީ ﷲ ސުބުޙާނަހޫ ވަތައާލާ އުޑާއި ބިމާއި އެދެމެދުގައި ވާހާ އެއްޗެއް އުފައްދަވާފައި ވަނީ ހަދުވަހުގެ ތެރޭގައި ކަމެވެ. މި ލިޔުން ކިޔަމުންގެންދާ އިރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ މަތީގައި ބަޔާންވެ ދިޔަ ހަތަރު އާޔަތުގައި ވެސް ﷲ ތަޢާލާ ވަޙީ ކުރައްވަނީ އުޑާއި ، ބިން (ދެތަން) އެކުގައި އުފެއްދެވުމަށް 6 ދުވަސް އިރާދަ ކުރެއްވި ވާހަކަ އެވެ. އެހެން ނަމަވެސް ދެން ޖެހިގެން މި އަންނަ އާޔަތްތަކުން ބަޔެއްމީހުންނަށް އޮޅުންއަރާ ގޮތްވަނީ އެވެ. ސަބަބަކީ "ފުއްޞިލަތު" ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 12 ވަނަ އާޔަތާ ދޭތެރޭ ، ﷲ ތަޢާލާ ވަނީ އުޑާއި ބިން ހެއްދެވި ތަފާތު މަރުހަލާތައް ވަކި ވަކިން އެނގޭނޭހެން ވަޙީ ކުރައްވާފައެވެ. އެގޮތުން ވަކި ވަކިން އުޑާއި ބިން ހެއްދެވިގެންވާ މަރުހަލާ ތަކާއި ދުވަސް ތައް ބަޔާން ކުރައްވާފައި ވަނީ މިފަދަ އިންނެވެ ؛
" ކަލޭގެފާނު ވިދާޅުވާށެވެ . ހަމަކަށަަވަރުން 2 ދުވަހު ތެރޭގައި ބިންހެއްދެވި ރަސްކަލާނގެ ޔަށް ތިޔަބައިމީހުން ކާފަރުވެ، އަދި އެކަލާނގެޔަށް ތިޔަބައިމީހުން ޝަރީކުން ތަކެއްލަނީ ހެއްޔެވެ. އެކަލާނގެއީ ޢިލްމު ތަކުގެ ވެރިރަސްކަލާނގެ އެވެ. " (ފުއްޞިލަތު 9)
" އަދި އެކަލާނގެ ފުރިހަމަ 4 ދުވަހުގެ ތެރޭގައި އެބިމުގެ މަތީގައި އުފުލިފައިވާ ހަރުލައި ހުންނަ ފަރުބަދަތައް ލައްވައި، އަދި އެބިމުގައި ބަރަކާތް ލައްވައި، އެބިމުގައިވާހާ ތަކެތީގެ ރިޒްގު މިންވަރު ކުރެއްވި އެވެ. އެއީ (އެދޭ) މީހުންނަށްޓަކައެވެ. " (ފުއްޞިލަތު 10)
"ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް އުޑު ހައްދަވައި، ފުރިހަމަ ކުރެއްވުމަށް އެކަލާނގެ އިރާދަ ކުރެއްވި އެވެ. ފަހެ އެކަލާނގެ އެ އުޑަށާއި ބިމަށް ވަޙީކުރެއްވި އެވެ. ރުހުމުގައި ވިޔަސް ނުރުހުމުގައިވިޔަސް ފުރާފުރިހަމަ ވެގެން އަންނާށެވެ. އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތު ވެއްޖައީމެވެ." (ފުއްޞިލަތު 11)
" ފަހެ 2 ދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް އެ އުޑެއްގެ ކަންތައް ތަދުބީރު ކުރައްވައި އެންގެވި އެވެ. އަދި ބައްތި ތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރީ އުޑު ޒީނައްތެރި ކުރައްވައި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ ޢަޒީޒު ވަންތަ މޮޅަށްދެނެ ވޮޑިގެންވާ ރަސްކަލާންގެ މިންވަރު ކުރައްވާފައި ވާ ގޮތެވެ." (ފުއްސިލަތު 12)
އިސްވެދިޔަ އާޔައްތަކަށް ބަލައިލުމުން ވަކި ވަކިން ކޮންމެ އާޔަތެއްގައި ބަޔާން ކުރައްވާފައި ވާ ދުވަސްތައް އެއްކޮށްލައިފި ނަމަ ޖުމްލަ 2+4+2=8 ދުވަސް ވާނެ އެވެ. މިއީ ޢައިރު މުސްލިމުންގެ މައިގަނޑު ބަހުޘެވެ. އެހެން ނަމަވެސް ބުއްދި އާ ސައިންސްގެ ހަމަތަކުން ވިސްނާލައިފި މީހަކަށް މި އާޔަތް ތަކުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ އިލްމީ ހަޤީގަތް ތައް އެނގިގެންދާނެ އެވެ.
ފުއްޞިލަތު ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ 2 ދުވަހުގެ ތެރޭގައި ބިންހެއްދެވި ވާހަކަ އެވެ. ދެން ޖެހިގެން އައި އާޔަތުގައި ﷲ ވަޙީ ކުރައްވަނީ ފަރުބަދަ ހައްދަވައި އަދި ރިޒްޤް މިންވަރު ކުރެއްވީ 4 ދުވަހުގެ ތެރޭގައި ކަމެވެ. މިހިސާބުން2+4=6 ޖުމްލަ ހަދުވަސް ހަމަ ވެއްޖެ އެވެ. އެހެންކަމުން ސުވާލު އުދެފިގެންދަނީ އޭގެ ފަހުން ﷲ ތަޢާލާ ފުއްޞިލަތު ސޫރަތުގެ 12 ވަނަ އާޔަތުގައި ބަޔާންކުރައްވާ އުޑު ހެއްދެވުމަށް ނެންގެވި 2 ދުވަހަކީ ކޮން ދެދުވަހެއްބާ އެވެ؟
ޖަވާބު ވަރަށް ވެސް ފަސޭހަ އެވެ. ކޮންމެ ގޮތެއްވިޔަސް ސައިންސްގެ އަލީ ގައި އަޅުގަނޑުމެންނަށް އިނދެގެންދަނީ ގަސްގަހާގެހި ހެދި ބޮޑުވަމުން އަންނަނީ " ފޮޓޯ ސިންތަސިސް " ގެ ނިޒާމުގެ ދަށުންނެވެ. " ފޮޓޯ ސިންތަސިސް " ގެ ނިޒާމަކީ ގަސްގަހާގެހި އިރުގެ އަލި ބޭނުންކޮށްގެން އެޔަށް ބޭނުންވާ ކާނާ އުފެއްދުމެވެ.
އެހެންކަމުން ބިން 2 ދުވަހުގެ ތެރޭގައި ހެއްދެވުމަށްފަހު ގަސްފަޅުއްވައި ރިޒްޤް ތަނަވަސް ކުރެއްވުމަށްޓަކައި ނެންގެވި 4 ދުވަހުގެ ތެރޭގައި އުޑު ހެއްދެވުމަށް ނެންގެވި 2 ދުވަސް ހިމެނެން ޖެހެ އެވެ. އެހެން ނޫންނަމަ ބިންހައްދަވައި އުޑާނުލައި ގަސްގަހާގެހި ހެއްދެވި ނަމަ އެގަސްތަކަށް ފުރިހަމައަށް ކާނާ ލިބޭނޭ ނިޒާމެއް ނޯންނާނެ ކަން ޔަގީނެވެ. އަދި ކިޔެއް ، ގަސްގަހާގެހި އިރުގެ ޔޫ.ވީ ދޯދި ތަކުގެ ސަބަބުން އަނދާއަޅިއަށްވެ ދާހުއްޓެވެ. އަދުގެ ދުނިޔޭގައި ވެސް މިފަދަ މަންޒަރު ތައްފެންނަ ލެއް މަދެއްނޫނެވެ. " ގްލޯބަލް ވާރމިންގެ " ނުވަތަ ދުނިޔެ ހޫނުވުމުގެ ސަބަބުން ރޯވެ އަންދަމުންދަނީ ކިތައްޖަންގަލި ތޯއެވެ.
އެހެން ކަމުން ފަރުބަދަ ތަކާއި ގަސްގަހާގެހި ލެއްވުމަށް އިރާދަ ކުރެއްވި 4 ދުވަހުގެ ތެރޭގައި އުޑުހެއްދެވުމަސް އިރާދަ ކުރެއްވި 2 ދުވަސް ވެސް ހިމެނޭނެ އެވެ. އޭގެ ފަހުގައި ދުވަސްތައް ތަރުތީބު ވެގެން ދާނީ ތިރީގައިވާ އުސޫލުގެ މަތިންނެވެ.
2 (ބިން ހެއްދެވުމަށް) + 4 ( އުޑުއުފެއްދުމަށް 2 ދުވަސް ، ފަރުބަދަ އާއި ގަސްގަހާގެއްސާއި ރިޒްޤު ލެއްވުމަށް 2 ދުވަސް ) = ޖުމްލަ 6 ދުވަހެވެ.
އެހެން ކަމުން މިފަދައިން އުޑާއި ބިން ހެއްދެވުމަށް ކުޅަދުންވަންތަ އިލާހުގެ ޢިލްމާ މެދު ޝައްކު ކުރާނޭ ފުރުޞަތެއް އަޅުގަނޑުމެން ކަލަހަ އުނި ސިކުނޑި ތަކެއް ލިބިފައިވަ ބަޔަކަށް އެބަ އޮތް ހެއްޔެވެ.
ލިޔުނީ ؛ ޝައުން ޝަރީފް
















މަށަށް ވަރަށް ކަމުދޭ މި ލިޔުން، އެކަމަކު އެއްބަޔަކު ބުނެދާނެ ކުރީގެ އެއްވެސް ތަފްސީރު ޢިލްމުވެރިޔަކު މިވާހަކަ މިހެން ދެއްކިބާވައޭ، އެއީ ވެސް އެއްބަޔަކު ދެކޭ ގޮތް މައްސަލައެއް ނޫންތާ، މައްސަލައަކީ އެކަކު އަނެކެއްގެ ރައުޔަށް އިޙްތިރާމެއް ނުކުރާތީދޯ.
ައޭރުގެ 1 ދުވަހަކީ މިހާރުގެ ކިތައް ދުވަސްތަ؟
ޖަޒާކަﷲ ޚައިރް. ވަރަށް ރަނގަޅު ލިޔުމެއް.
ވަރަށް ފުރިހަމަ ލިޔުމެއް.
ވަރަށް ރަނގަޅު ލިޔުމެއް.. ގިނަ ބައެއްގެ ސުވާލުތަކަށް ޖަވާބު ލިބިފަ ހުންނާނީ…(ގަބޫލު ނުކުރާ)
ރަނގަޅު ލިޔުމެއް! މާ ދިގީ
ވަރަށް ފުރިހަމަ ލިޔުމެއް…..