އައްތިބްޔާނުގެ ފަރާތުން އެކުލަވާލައްވާފައިވާ ޢަރަބި - ދިވެހި ރަދީފުގެ އެޕްލިކޭޝަން ގޫގުލް ޕްލޭސޮޓޯރަށް ނެރެފިއެވެ.
އައްތިބްޔާނުގެ ރަސްމީ ފޭސްބުކް ޞަފްޙާގައި އިއްޔެ ލިޔުއްވާފައިވާ ގޮތުގައި އެބޭފުޅުން ނެރުއްވާފައިވާ މިއެޕްލިކޭޝަނަކީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ މަޢުހަދު ތަޢުލީމުއް ލުޣަތިލް ޢަރަބިއްޔާ (ޢަރަބި ބަސް އުގަންނައިދޭ އިންސްޓިޓިޔުޓު) ގައި ޢަރަބި ބަސް ކިޔަވައިދެއްވުމަށް ބޭނުން ކުރައްވާ ފޮތްބައިގައި އެކުލެވިގެންވާ ކަލިމަތަކުގެ ދިވެހި ތަރުޖަމާއެވެ. މިގޮތުން މިއެޕްލިކޭޝަނުގައި މިވަގުތު ތަރުޖަމާ ކުރެވިފައިވަނީ މިޢަރަބި ފޮތްބައިގެ ކިތާބުއް ތަދުރީބާތު (ފަރިތަކުރުންތައް އެކުލެވޭ) ފޮތުގެ ފުރަތަމަ ބައިގެ (މަދީނާ އަރަބިކް ބުކް 1 ގެ) ކަލިމަތަކުގެ ތަރުޖަމާއެވެ.
މީގެ އިތުރުން އައްތިބްޔާނުން މަޢުލޫމާތު ދެއްވާ ގޮތުގައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިއެޕްލިކޭޝަންގެ އާ އަޕްޑޭޓެއް ނިކުންނާނެއެވެ. އަދި އަޕްޑޭޓުވާ އިރު މަދީނާ އަރަބިކް ބުކްގެ ތިންވަނަ ބައިގެ ކަލިމަތައް ހިމެނިގެންދާނެކަމަށާއި، އެއީ ގާތްގަނޑަކަށް 2000 ބަސް ކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
މިފޮތް ބައި ތަރުޖަމާ ކުރައްވާފައިވަނީ މަދީނާ އިސްލާމިކް ޔުނިވާރސިޓީއިން ޝަރީޢާ އިސްލާމިއްޔާ ކިޔަވާ ވިދާޅުވެފައިވާ އައްޝައިޚު ޝުޢައިބު ނާޡިމެވެ. ޝައިޚު ތަރުޖަމާ ކުރެއްވި މިރަދީފު ތައްޔާރު ކުރެވިފައިވަނީ މިއެޕްލިކޭޝަނުގައި ޢަރަބި، އިނގިރޭސިން ނުވަތަ ދިވެހި މިތިންބަހުން ކުރެ ކޮންމެ ބަހަކުންވެސް ކަލިމަ ލިޔެލުމުން އޭގެ މާނަ އަނެއް ދެބަހުން އަންނ ގޮތަށެވެ.
އައްތިބްޔާނުގެ ފަރާތުން މީގެ ކުރިންވެސް ވަނީ ތުއްތުކުދީންގެ ނަން އެކުލެވޭ އެޕްލިކޭޝަނަކާއި، ނަމާދުގެ ޛިކުރުތަކާއި ދުޢާތައް ތަރުޖަމާއާއި އެކު ބަލާލެވޭފަދަ އެޕްލިކޭޝަނެއް ނެރުއްވާފައެވެ.
މިއެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމަށް މިލިންކަށް ވަންނަވާ!
އަދި އައްތިބްޔާނުގެ ފޭސްބުކް ޞަފްޙާއަށް ވެންނެވުމަށް މިލިންކަށް ވަންނަވާ!

















ޚިޔާލު