ދުނިޔެ

ސްވާޒިލަންޑްގެ ފިރިހެނުން ޚިތާނު ކުރުމަށް އެޤައުމުގެ ރަސްގެފާނު އަންގަވައިފި

ލިޔުނީ: ޙުސައިން ރަޝީދު

ގްލޯބަލް ޕޯސްޓް: ދުނިޔޭގައި އެޗް. އައި. ވީ އިންފެކްޝަން ނިސްބަތުން އެންމެ ގިނަ ޤައުމުކަމަށްވާ ސްވާޒިލަންޑް ރަސްގެފާނު މުސަވާތީ 3، އެޤައުމުގެ ފިރިހެންވެރީން ޚިތާނުކުރުމަށް ގޮވާލައްވައިފިއެވެ. އެޤައުމުގެ 1.2 މިލިއަން ފިރިހެނުންގެ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަށް އެޗް. އައި. ވީ އެއިޑްސް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސްވާޒިލަންޑްގެ ރަސްގެފާނު މިކަމަށް ގޮވާލައްވާފައިވާއިމިވަނީ، ޚިތާނު ނުކޮށް ތިބޭ މީހުންނަށްވުރެ ޚިތާނު ކޮށްފައިވާ މީހުންނަށް އެއިޑްސް ބަލި ޖެހުމުގެ ނުރައްކާ 60 އިންސައްތަ ދަށްކަމަށް ކަމާބެހޭ ދިރާސާއެއްގައި ހާމަކޮށްފައިވަނިކޮށެވެ. އަދި އެމެރިކާ ސަރުކާރުގެ އެހީގައި އެޤައުމުގެ 14 އަހަރާއި 49 އަހަރާއި ދެމެދުގެ 80 އިންސައްތަ މީހުންނަށް އަމާޒުކޮށް ޚިތާނުކުރުމުގެ ޕްރޮގްރާމެއް ހިންގަން ރޭވިފައިވަނިކޮށެވެ. މިޕްރޮގްރާމްގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި 90 ހާސްމީހުން މިބަލިން ސަލާމަތްކުރެވި، ޞިއްޙީ ފަރުވާއަށް ހޭދަކުރެވޭ އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރެވޭނެކަމަށް ބެލެވެއެވެ.

ރަސްގެފާނު މުސަވާތީ މިކަމަށް ގޮވާލައްވާފައިވީނަމަވެސް، 13 އަނބިން ގެންގުޅުއްވާ ރަސްގެފާނު އަމިއްލަފުޅަށް ޚިތާނު ކުރައްވާނެކަމެއް ހާމަކޮށްފައެއްނުވެއެވެ.

އެއިޑްސް ބައްޔަކީ "ޓެރަރިސްޓް" ވައިރަހެއް ކަމަށް ސިފަކުރައްވަމުން ރަސްގެފާނުވަނީ އެޤައުމުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ދިރިއުޅުމާމެދު ރައްކާތެރިވެ، ބަލި ޖެހޭނޭފަދަ ކަންތައްތަކުން ދުރުވުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.

ރަސްގެފާނު ޚިތާނުކުރުމަށް ބާރުއަޅުއްވާ މިދެއްކެވި ވާހަކަފުޅުގެ ސަބަބުން ސަގާފީ ގޮތުން މިކަން ނުކޮށްތިބޭ މީހުންނަށްވެސް އިތުރު ހިތްވަރެއްލިބި، ޚިތާނުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނަށް އިތުރު ތަރުޙީބެއް ލިބިގެންދާނެކަމަށް މުރާސިލުން ހާމަކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ