ރާއްޖޭގެ ޚަބަރު

ދީނީ ތަޤްރީރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން ރައިސް ނަޝީދު ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައިފި

ދީނީ ތަޤްރީރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދާ ދީނީ ޢިލްމުވެރިންގެ އަގުވައްޓާލުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް، މަދަނީ ޖަމްޢިއްޔާތަކުން ރައިސް ނަޝީދުއަށް ގޮވާލައިފިއެވެ.

މަދަނީ ޖަމްޢިއްޔާތަކުން މިހެން ގޮވާލައިފައިވަނީ އެޖަމްޢިއްޔާތަކުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ. މަދަނީ 10 ޖަމްޢިއްޔާ އެކުވެގެން ނެރެފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައިވަނީ މާރޗް 26 ވީ ހުކުރު ދުވަހު ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޤައުމާއި މުޚާޠަބު ކުރައްވާ ދެއްވާފައިވާ ރޭޑިޔޯ ޚިޠާބުގައި ދީނީ ޢިލްމުވެރިންދެއްވާ ދީނީ ތަޤްރީރުތަކުގައި އަންހެނުންނަށް ނިކަމެތިކަން ލިބޭހެން ވާހަކަ ދައްކާކަމަށާއި ދީނީ ދަރުސްތަކުގައި ދައްކާވާހަކަ ތަކާއި އިދިކޮޅު ހަދާ ފަރާތްތަކަށް އެދަރުސްތަކާއި ދެކޮޅަށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ދިނުުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާ ގޮވާލެއްވުން އެޖަމްޢިއްޔާތަކުން ކުއްވެރި ކުރާކަމަށެވެ. އަދި މިމޭރުމުން ރައިސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކަކީ އެކަންކަން އޮތްގޮތް ސާފުކޮށްދިނުމަށް ޢިލްމުވެރިންނަށް ލިބުނު ފުރުޞަތެއްކަމަށްބުނެ އެމްޑީޕީއިން ރައީސް ނަޝީދުގެ ލާދީނީ މިޢަމަލު ފޮރުވުމަށް މަސައްކަތް ކުރި ކުރުންވެސް ކުށްވެރި ކުއްވެރި ކުރާކަމަށް ނޫސްބަޔާނުގައި ހާމަކުރައްވާފައިވެއެވެ. މިނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ދީނީ ކަންކަން އޮންނަންޖެހޭގޮތް ބުނެދިނުމުގެ ފުރުޞަތު ހުޅުވާލުމުގެ ބޭނުމުގައި ކަމަށްބުނެ، ޖެހިލުމެއްނެތި ދީނާއި އިދިކޮޅު ވާހަކަތައް ދެއްކުމަކީ ހަމަބުއްދީގައިތިބި ބަޔަަކަށް ޤަބޫލުކުރެވޭފަދަ ފަލްސަފާއެއް ނޫން ކަމުގައިވެސް މިނޫސްބާޔާނުގައި ހާމަކުރައްވާފައިވެއެވެ.

ދީނީ ތަޤްރީރުތަކުގައި ޢިލްމުވެރިން ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކަކީ ކީރިތި ޤުރްއާނުންނާއި މާތްރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ މައްޗަށް ބިނާކުރައްވައިގެން ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކެއްކަމަށާއި. ޚާއްޞަގޮތެއްގައި ސުވަރުގެޔާއި ނަރަކައިގެ ވާހަކަ ދައްކަވާމުންނޭ ވިދާޅުވަމުން، ރާއްޖޭގެ މަޝްހޫރު ދެޢިލްމުވެރިންކަމަށްވާ އައްޝައިޚް އިލްޔާސް ޙުސައިންނާއި އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު މިމައުޟޫއަށް ދެއްވާފައިވާ ދެ ތަޤްރީރުގައި އަންހެނުންނަށް ބަދުބަސް ބުނެފައިވާކަމަށް ވިދާޅުވަމުން، މުޅިޤައުމުގައި އިސްލާމް ދީނާއި ދެކޮޅު އަންހެންވަންތަ (ފެމިނިސްޓް) ޚިޔާލުތައް  ދިރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައިސްނަޝީދުގެ ޢަމަލާ ބަހުން ހިތްވަރު ދެއްވާފައިވާކަން މިޖަމްޢިއްޔާތަކުން ނެރެފައިވާ ނޫސްބަޔާނުގައި ފާހނގަކުރައްވާފައިވެއެވެ.

ޑިމޮކުރަސީއާއި މިނިވަން ކަމުގެ ނަމުގައި މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކުން ނެރެފައިވާ ނޫސްބަޔާނަށް ރައްދުދެއްވަމުން މިނޫސް ބަޔާނުގައި، ހާމަކުރައްވާފައިވަނީ މަދަނީ ބައެއް ޖަމްޢިއްޔާތައް ކަމަށްބުނެ ދީނުގެ ނަމުގައި އަންހެނުން ނިކަމެތިކުރަނީ ކަމަށް ބަޔާންކޮށް ދީނީ ކަންކަމާއި ބީރައްޓެހި  ބައެއް ޖަމްޢިއްޔާތަކަކުން ނެރެފައިވާ ނޫސްބަޔާނެއްގައިވާ ވާހަތަކަކީ ދިވެހި ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި، މުސްލިމުން ދައްކައިގެންވާނޭފަދަ ވާހަކަތަކެއް ނޫންކަމަށާއި، އިސްލާމްދީނަށް މަލާމާތާއި ފުރައްސާރަ ރައްދުވާފަދަގޮތަކަށް ޢިބާރާތްކޮށް ދީނުގެ ޤަދަރުކުޑަކޮށް ލިޔެފައިވާ މިނޫސްބަޔާން ބާޠިލުކޮށް މިދެންނެވި ޖަމްޢިއްޔާތަކުގެ އެންމެހައި މެންބަރުންނާއި ރައީސް ނަޝީދު ޙައްޤުގެ މަގަށް ރުޖޫޢަވެ ތައުބާވުމަށްވެސް މިޖަމްޢިއްޔާތަކުން ގޮވާލައިފައިވެއެވެ.

މިނޫސްބަޔާން ނެރުމުގައި ބައިވެރިވާ ޖަމްޢިއްޔާތަކަކީ، މޯލްޑިވިއަން ސޮސައިޓީ ފޯ އިސްލާމިކް ރިސާރޗް،   ޖަމްޢިއްޔަތުއްސަލާމް، ޖަމްޢިއްޔަތުލް މުސްލިޙީން، ޖަމްޢިއްޔަތުލް މުއައްޙިދީން، ދިޔަމިގިލީ މަސްވެރިންގެ ކުރިމަގު، އިހަވަންދޫ ޑިވްލަޕްމަންޓް ސޮސައިޓީ، ޖަމްޢިއްޔަތުއް ނޫރު،  ޖަމްޢިއްޔަތުއް ތައިސީރު އަދި  ތިމަރަފުށީ އެކުވެރިންގެ އައުރޫޙް އެވެ.

ނޫސްބަޔާން ވިދާޅުވޭ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *