ލީބިޔާގައި، ގައްޒާފީގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަމުން ދާ ފަރާތްތަކަށް ހަތިޔާރު ފޯރުކޯށްދިނުމަށް އިޓަލީން ބައިނަލް އަޤްވާމީ ދުނިޔެއަށް ގޮވާލައިފިއެވެ. އޭއެފްޕީ ނޫސް އެޖެންސީއާ ވާހަކަ ދައްކަވަމުން އިޓަލީ ވިލާތުގެ ހާރިޖީ ވަޒީރު މިއަދު ވިދާޅުވެފައިވަނީ، ގައްޒާފީއާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ހަތިޔާރު ފޯރުކޯށްދިނުމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރިޔަށް އެބަ ދާކަމަށެވެ.
ހާރިޖީ ވަޒީރު، މޮރިޒިއޯ މައްސާރީ އިތުރަށް ވިދާޅުވީ، އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ 1973 ވަނަ ގަރާރުގައި ވާގޮތުން، އާންމު ރައްޔިތުންގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ.
އިޓަލީން މިކަމަށް ގޮވާލިނަމަވެސް، ބެލްޖިއަމްގެ ހާރިޖީ ވަޒީރު މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ، އެ ނިންމުމަށް ބެލްޖިއަމުން ދެކޮޅު ހަދާ ކަމަށާއި، އ.ދ ގެ 1973 ވަނަ ގަރާރުގެ ދަށުންވެސް ހަތިޔާރު އެފަދައިން ފޯރުކޮށް ނުދެވޭނެކަމަށެވެ. މީގެ އިތުރުން ޖަރުމަނު ވިލާތުގެ ހާރިޖީ ވަޒީރުވެސް، މިކަމާ ގުޅޭގޮތުން ވާހަކަ ދަށްކަވަމުން ވިދާޅުވެފައިވަނީ، ލީބިޔާގައި ކުރިޔަށް ދާ ހަމަ ނުޖެހުންތައް ހަނގުރާމަކޮށްގެން ހައްލުކުރެވޭނެކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
ހަތިޔާރު ފޯރުކޮށްދިނުމާ މެދު ބަހުސް ކުރެވެމުން ދާ އިރު، އ.ދ ގެ 1973 ވަނަ ގަރާރުގެ ދަށުން ބާރު ލިބިގެން ކަމަށް ބުނެ، ލީބިޔާގެ ކުރީގެ ރަހުމަތްތެރީންކަމަށްވާ އެމެރިކާއާއި، އިނގިރޭސް ވިލާތާއި،ފަރަންސޭސް ވިލާތުގެ އިތުރުން ކެނެޑާއާއި، ޑެންމާކާއި، ބެލްޖިއަމް ގުޅިގެން މަރޗް 19 އިން ފެށިގެން އަންނަނީ، ވައިގެ މަގުން ލީބިޔާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ.

















masha hama yageen urope ge gaumutha uley oil ge dahivethi kameuga