ތޫނިސްގައި 23 އަހަރުގެ ދިގު މުއްދަތެއްވާންދެން ވެރިކަން ކުރި ހުޅަނގުގެ ޕަޕެޓު ރައީސް ޒައިނުލް އާބިދީން ގެ ވެރިކަން ވައްޓާލުމަށްފަހު ތޫނިސްއަށް ގެންނަމުންދާ އިސްލާމީ ހެޔޮ ބަދަލު ތަކުގެ ތެރެއިން، އެ ޤައުމުގައި ބޭނުންކުރާ އައިޑީ ކާޑުގައި އަންހެނުން، ބުރުގާ އަޅައިގެން ނަގާ ފޮޓޯތައް ބޭނުންކުރުން ހުއްދަކޮށްފިއެވެ. މީލާދީން 1993 ވަނަ އަހަރުން ފެށިގެން ތޫނިސްގެ ސަރުކާރުގެ އޮފިސްތަކުގައި ބުރުގާ އަޅައިގެން އުޅުމާއި، އައިޑީ ކާޑުގައި އެފަދަ ފޮޓޯތައް ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ.
ޒައިނުލް އާބިދީންގެ ވެރިކަމުގެ ދުވަސްވަރު، އަންހެނެއް ބުރުގާ އަޅާނަމަ، ސަރުކާރުގެ އެއްވެސް އޮފީހަކަށް ވަންނަ އިރު ބުރުގާ ނޭޅުމަށް އެއްބަސްކުރުވާ ލިޔުމެއްގައި ސޮއެކުރުވައެވެ. މިއީ ޒައިނުލް އާބިދީންގެ ވެރިކަމުގައި އިސްލާމްދީން ނައްތާލުމަށް ކޮށްފައިވާ ކަންކަމުގެ ތެރެއިން އެންމެ ކަމެކެވެ. އޭނާގެ ވެރިކަމުގައި ނަމާދަށް ބަންގި ގޮވާ އަޑު ޓީވީއާއި، ރޭޑިއޯތައް މެދުވެރިކޮށް ދުރަށް ފޮނުވުންވެސް އޮތީ މަނާކޮށްފައެވެ. އެހެންނަމަވެސް އެ ޤައުމަށް މިއަހަރުގެ ޖެނުއަރީ މަހު ގެނެވުނު ތާރީހީ އިންޤިލާބަށްފަހު ބަންގި ދުރަށް އިވޭގޮތަށް ޓީވީންނާއި، ރޭޑިއޯއިން ފޮނުވަންވެސް ވަނީ ފެށިފައެވެ.
ފިރެހެނުން ތުނބުޅިއާއެކު ނަގާފައިވާ ފޮޓޯތައް އައިޑީކާޑުގައި ބޭނުންކުރުންވެސް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވަނީ ހުއްދަކޮށްފައެވެ. މި އިސްލާހުތައް އަންނަމުން ދިޔަ ނަމަވެސް، ސަރުކާރު އޮފީސްތަކުގައި ބުރުގާ އަޅައިގެން އުޅުން އަދިވެސް އޮތީ މަނާކަމެއްގެ ގޮތުގައެވެ. ނަމަވެސް ކައިރި މުސްތަޤްބަލެއްގައި އޮފީސްތަކުގައިވެސް ބުރުގާ އަޅައިގެން އުޅުމުގެ ހުއްދަ ލިބޭނެކަމަށް ދަނީ ބެލެވެމުންނެވެ.

















ޚިޔާލު