ފްރާންސްގެ މިސްކިތްތަކެއްގައި އޫރުގެ ބޯ ބެހެއްޓި މައްސަލައެއްގައި ފްރާންސްގެ މުސްލިމުންގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.
ފްރާންސްގެ ވެރިރަށް ޕެރިސް އާއި އެ ސަރަހައްދުގެ 9 މިސްކިތެއްގައި އޫރުގެ ބޯތައް ބަހައްޓާފައިވާ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށްވެސް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ފަތިހު، ޕެރިސްގެ ޖަވެލް މިސްކިތުގެ ދޮރުމަތީގައި ލޭ އުނގުޅާފައިވާ އޫރެއްގެ ބޯ ފެނުނެވެ. އެ ބޮލުގައި ފްރާންސްގެ ރައީސް މެކްރޯންގެ ނަން ނޫލަކުލައިން ލިޔެފައި ވެއެވެ. މި މިސްކިތަކީ ލުބްނާން، އަލްޖީރިއާ އަދި އީރާން ފަދަ ޤައުމުތަކުގެ މުސްލިމުން އަޅުކަން ކުރާ މިސްކިތެކެވެ.
މިސްކިތުގެ ރެކްޓަރ ނަޖާތު ބިން އަލީ އަލް ޖަޒީރާއަށް ވިދާޅުވި ގޮތުގައި މިއީ އެ މިސްކިތަށް މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ. ފަތިސް ނަމާދަށް އައި ނަމާދުވެރިން މި މަންޒަރު ފެނުމުން ވަރަށް ބޮޑަށް ކަންބޮޑުވެ ސިހުނެވެ.
ޕެރިސް ޕްރޮސެކިއުޓަރުގެ އޮފީހުން ހާމަކުރި ގޮތުގައި ސާބިއަން ނަންބަރު ޖަހާފައިވާ ކާރެއްގައި އައި ދެ މީހަކު ނޯމަންޑީ ސަރަހައްދުގެ ދަނޑުވެރިއެއްގެ އަތުން 10 އޫރުގެ ބޯ ގަނެފައިވެއެވެ.
ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި މި ދެ މީހުން އޫރުގެ ބޯތައް މިސްކިތްތަކުގައި ބެހެއްޓުމަށްފަހު ބެލްޖިއަމްގެ ބޯޑަރުން ފްރާންސްއިން ބޭރުވެފައިވެއެވެ. ޕެރިސް ޕްރޮސެކިއުޓަރ ލޯރް ބެކުއޯ ވިދާޅުވި ގޮތުގައި މި ޢަމަލުގެ މަޤްސަދަކީ ޤައުމުގެ އެއްބައިވަންތަކަން ނަގާލައި، މުޖުތަމަޢުގެ ތެރޭގައި ބައިބައިވުން އުފެއްދުމެވެ.

















advertisment
ޚިޔާލު