ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް، "މަސްޖިދުލް އީމާން"، އަންނަ ހުކުރު ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ ހުކުރު ނަމާދާއެކުއެވެ.
ވަޒީރު ޑރ. ޝަހީމް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތްތައް މަދުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މި މިސްކިތް ހުޅުވުމަކީ މުހިންމު ފިޔަވަޅެކެވެ. މި ސަރަހައްދުގައި ދާއިމީ އިތުރު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު ވަނީ ތައްޔާރުވެފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީގެ ކުރިން ބަޔާންކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ނަމާދުކުރުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމަށް ކުރާ މަސައްކަތެކެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައްވެސް ހިމެނޭނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއީ ރާއްޖޭގެ ދީނީ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...