ތުއްތު ކުދިންނަށް އަމާޒު ކުރެވިގެން "ކޮއްކޮމެންގެ ޢަޤީދާ ފޮތް" މިނަމުގައި ޚާއްޞަ ޢަޤީދާ ޕްރޮގްރާމެއް ފެށިއްޖެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ އަލްޤަޞީމް ޔުނިވާރސިޓީގެ ދަރިވަރު މުތީޢު އިސްމާޢީލު ހުށައަޅާ ދެއްވާ މިޕްރޮގްރާމް ޢާއްމުންނާއި ހަމައަށް ގެނެސްދެވެނީ މުތީޢުގެ ސޯޝަލް މީޑީޔާ ޕްލެޓްފޮރމެއް ކަމަށްވާ މެދުވެރިކުރައްވައެވެ. މި ޕްރޮގްރާމުގައި މައިގަނޑަކަށް ނެގިފައިވަނީ މުތީޢު ލިޔުއްވާފައިވާ ކޮއްކޮމެންގެ ޢަޤީދާ، މިފޮތުގައިވާ ސުވާލުތަކާއި ޖަވާބުތަކުގެ މައްޗަށެވެ. މިގޮތުން މުތީޢު ކޮންމެ ޕްރޮގްރާމެއްގައި މިފޮތުން ބައެއް ސުވާލު ނަންގަވާ އެސުވާލުތައް ޝަރަހަ ކުރައްވައެވެ.
މިފޮތުގެ މުޤައްދިމާގައި މުތީޢު ވިދާޅުވެފައިވާ ގޮތުގައި ފިކުރީ ގޮތުން މުސްލިމުންނަށް ކުރިމަތިވަމުން އަންނަ އެކި ކަހަލަ ޙަމަލާތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ އިރު، ރަގަޅު އިސްލާމީ ޢަޤީދާއެއްގެ މައްޗަށް ބިނާވެފައިވާ ޖީލަކަށް މިއުއްމަތް ބޭނުންޖެހިފައިވާ އިރު، މިފަދަ ޖީލެއް ބިނާ ކުރުމަށްޓަކައި އިސްލާމީ ރަގަޅު ތަޢުލީމީ ޢަޤީދާއަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން މުތީޢު މިފޮތުގައި ހިމަނުއްވާފައި ވަނީ ކުޑަކުދިންނަށް ކޮންމެހެން މުހިއްމު ޢަޤީދާގެ ސުވާލުތަކާއި ޖަވާބުތައް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
"ކޮއްކޮމެންގެ ޢަޤީދާ ފޮތް" މިޕްރޮގްރާމު ޔޫޓިއުބް މެދުވެރިކޮށް ހުރައަޅައިދެވޭނީ ﷲ ގެ އިރާދަފުޅާއި އެކު ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހެއްގައި ކަމަށް މުތީޢުގެ ޗެނަލުގައި ވިދާޅުވެފައިވެއެވެ. މުތީޢު ލިޔުއްވާފައިވާ ގޮތުގައި މިޕްރޮގްރާމުގައި ކިޔަވައިދޭ ފޮތާއި ޕްރޮގްރާމުގެ ކޮންޓެންޓު މުރާޖަޢާ ކުރައްވާނީ އައްޝައިޚު ޝަފީޢު ޢަބްދު ﷲ އެވެ.
މިޕްރޮގްރާމުގައި ކިޔަވައިދެވޭ ފޮތުގެ ލިންކު މުތީޢުގެ ޔޫޓިއުބް ޗެނަލުން ނުވަތަ މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.
އަދި މުތީޢުގެ ޔޫޓިއުބް ޗެނަލަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ މިލިންކަށް ފިއްތަވާލެއްވުމުން ވަދެވަޑައިގެންނެވޭނެއެވެ.
ޚިޔާލު