ދީނީ ލިޔުންދީން

البروج ސޫރަތުގެ ތަފްސީރު

(وَالسَّمَاءِ ذَاتِ الْبُرُوجِ ﴿١﴾  ) މިތަނުގައި "ވާވް" އަކީ ޙަރްފު ގަސަމް އެކެވެ. ﷲ ތަޢާލަ އުޑު ގަންދެއްވާ ހުވާ ވަޙީ ކުރައްވަނީއެވެ.

(الْبُرُوجِ  ) އަކީ "ބުރްޖް" ގެ ޖަމްޢު އެވެ. އެއީ އުސްތަންތަނެވެ. މިތަނުގައި "ބުރޫޖް" އޮތް ބަސްފުޅުގެ މުރާދަކީ ތަރިތަކާއި ޕްލެނެޓްތަކެވެ.

( ذَاتِ الْبُرُوجِ ) މުރާދަކީ "ބުރުޖު ތަކުގެ ވެރި އުޑެވެ."

ﷲ ސުބްޙާނަހޫ ވަތަޢާލާ މިއާޔަތުގައި ހުވާ ވަޙީ ކުރައްވަނީ ބުރުޖްތަކުގެ ވެރި އުޑު ގަންދެއްވައެވެ. އެކަލާންގެ މަޚްލޫގުން ކުރެ ކޮންމެ އެއްޗެއް ގަންދެއްވާވެސް ހުވާ ވަޙީ ކުރައްވައެވެ. ނަމަވެސް، މަޚްލޫގުން ހުވާކުރާނަމަ ކުރަންވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅެއް ނުވަތަ ޞިފަފުޅެއް ގަންދެއްވައެވެ. އެއްވެސް މަޚްލޫގެއް ގަންދީ ހުވާ ކުރުން ހުއްދަވެގެން ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( مَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ أَوْ لِيَصْمُتْ )[1] މާނައަކީ: "ހުވާ ކުރާނަމަ ﷲ ގަންދީ ހުވާ ކުރާށެވެ. ނޫންނަމަ ހަނު ހުންނާށެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ حَلَفَ بِغَيْرِ اللَّهِ ، فَقَدْ كَفَرَ ، أَوْ أَشْرَكَ  )[2]  މާނައަކީ: "ﷲ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާކޮށްފިމީހާ ކާފިރުވެއްޖެކަން ކަށަވަރެވެ. ނުވަތަ އޭނާ ޝިރްކުކޮށްފި ކަން ކަށަވަރެވެ."

(وَالْيَوْمِ الْمَوْعُودِ ﴿٢﴾  ) އެއީ ގިޔާމަތް ދުވަހެވެ. އެދުވަހަކީ އަންނާނެ ދުވަހެއްކަމަށް ﷲ ތަޢާލާ ވަނީ ވަޢްދުވެ ވަޑައިގެންފައެވެ. އަދި އެކަންވަނީ ބަޔާން ކުރައްވާފައެވެ. ސޫރަތުލް އަންބިޔާގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ ﴿١٠٤﴾  ) މާނައަކީ: " އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ."

(وَشَاهِدٍ وَمَشْهُودٍ ﴿٣﴾  ) ޝާހިދާއި މަޝްހޫދުގެ ތަފްސީރުގައި ޢިލްމުވެރިން ވަރަށް ގިނަ ގޮތްތައް ގެންނަވާފައިވެއެވެ. އެވާހަކަތަކުގެ ޚުލާޞާ އަކީ ހެކިދޭ ކޮންމެ އެއްޗަކާއި ހެކިވެވޭ ކޮންމެ އެއްޗެއް ގަންދެއްވާ ﷲ ހުވާ ވަޙީ ކުރައްވާފައިވާ ކަމެވެ. ހެކިވާ ފަރާތްތައް ވަރަށްވެސް ގިނަ އެވެ. އޭގެ ތެރޭގައި: މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިމެނެއެވެ. ސޫރަތުއް ނިސާގެ 41 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَـٰؤُلَاءِ شَهِيدًا ﴿٤١﴾  ) މާނައަކީ: " ފަހެ، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެ أمّة އެއްގެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (كافر ންގެ حال) ކޮންފަދަތޯއެވެ؟"

ހެކިވެރިންގެ ތެރޭގައި މިއުއްމަތްވެސް ހިމެނެއެވެ. ސޫރަތުލް ބަގަރާގެ 143 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ ) މާނައަކީ: " އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ."

އިންސާނުންގެ ގުނަވަންތައްވެސް ގިޔާމަތް ދުވަހުގައި ހެކިދޭނެއެވެ. ސޫރަތުއް ނޫރުގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ ﴿٢٤﴾  ) މާނައަކީ: "އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ."

މަލާއިކަތް ބޭކަލުންވެސް ހެކިވެވަޑައިގަންނަވާނެއެވެ. ސޫރަތުއް ނިސާގެ 166 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّـٰكِنِ اللَّـهُ يَشْهَدُ بِمَا أَنزَلَ إِلَيْكَ ۖ أَنزَلَهُ بِعِلْمِهِ ۖ وَالْمَلَائِكَةُ يَشْهَدُونَ ۚ وَكَفَىٰ بِاللَّـهِ شَهِيدًا ﴿١٦٦﴾  ) މާނައަކީ: " އެހެނެއްކަމަކު ކަލޭގެފާނަށް، اللَّه ބާވައިލެއްވި ފޮތާމެދު اللَّه ހެކިވެވޮޑިގެންވެއެވެ. އެ ފޮތް ބާވައިލެއްވީ، އެކަލާނގެ ދެނެވޮޑިގަތުމާއެކުގައެވެ. އަދި ملائكة ންވެސް (އެކަމަށް) ހެކިވެވަޑައިގަންނަވަތެވެ. ހެކިވެރިޔަކު ކަމުގައި اللَّه ފުދެއެވެ."

ޙައްގަށް ހެކިދިން ކޮންމެ އެއްޗެއް މި އާޔަތުގައި މިވާ "ޝާހިދު"ގެ ތެރެއަށް ވަންނާނެއެވެ.

މި އާޔަތުގައި މިވާ "މަޝްހޫދަ"ކީ ގިޔާމަތް ދުވަހެވެ. އަދި އެދުވަހުގައި ކުރިމަތިވާ ބިރުވެރި ކަމެވެ. ސޫރަތު ހޫދުގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ﴿١٠٣﴾  ) މާނައަކީ: " އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ."

(قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾)

(قُتِلَ) ގެ މާނައަކީ: ހަލާކު ކުރެއްވުމެވެ. އެއީ ލަޢްނަތް ލެއްވުން ކަމަށްވެސް ބައެއް ރިވާޔަތް ތަކުގައި އާދެއެވެ. ލަޢްނަތް ލެއްވުމުގެ މާނައަކީ: ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ.

(الْأُخْدُودِ) އަކީ ދިގަށް ކޮނެފައި ހުންނަ ވަޅުގަނޑެވެ.

( أَصْحَابُ الْأُخْدُودِ ) އަކީ މުއިމިނުން ދިރިތިއްބާ އަންދާލި ބަޔެކެވެ. މިބައި މީހުންނަކީ ޝާމް ކަރައިގެ ބަޔެއް ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ޔަމަންގެ ބަޔެއް ކަމުގައިވެސް ބުނެވެއެވެ. ކޮންމެ އަކަސް މިބައިމީހުން މަސައްކަތް ކުރަމުން ގެންދިޔައީ މުއިމިނުން އިސްލާމްދީން ދޫކޮށް މުރްތައްދުވޭތޯއެވެ. އެހެންނަމަވެސް، އެބައިމީހުންނަށް އެކަން ކާމިޔާބު ނުވުމުން ދެންކަންތައް ކުރި ގޮތަކީ ވަޅުގަނޑެއް ކޮނެފައި އެތަނަށް ދަރުއަޅާ އަލިފާން ރޯކޮށްފައި މުއިމިނުން އޭގެ ތެރެއަށްލާ އަންދަން ފެށީއެވެ.

(النَّارِ ذَاتِ الْوَقُودِ ﴿٥﴾   )  (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.

(ذَاتِ الْوَقُودِ  ) އަނދައަނދާ ހުރި ދަރު އަޅާ ފުރާފައި ހުރި ވަޅުގަޑެކެވެ.

(إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾  ) މުއިމިނުން ވަޅުގަޑަށްލާ އަންދަމުން ދިޔައިރުގައި އެބައިމީހުން ތިބީ އެމަންޒަރު ފެންނަ ހިސާބުގައި އިށީނދެ ސަކަރާތް ޖަހާށެވެ. އެމީހުންފަދަ އިންސާނުންތަކެއް އަލިފާނަށްލާ އަންދަމުން ދިޔައިރުގައި ވެސް އެއްވެސް ކަމެއް ނުކޮށް ކުޅިބަލަން ތިބީއެވެ. އެހެންކަމުން އެބައިމީހުން އެވަނީ އިންސާނީ ދަރަޖަތަކުން އެންމެ ދަށުދަރަޖަ އަށް ވެއްޓިފައެވެ.

( وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ﴿٧﴾  ) އެއަނިޔާތައް މުސްލިމުންނަށް ކުރަމުން ގެންދިޔައިރުގައި އެބައިމީހުން ތިބީ ކުޅިބަލާށެވެ. އެބައިމީހުންނަށް އެއިން އެއްވެސް ކަމެއް ވަންހަނާވެ ނޭނގިފައެއް ނެތެވެ. އެބައިމީހުން އެފަދަ ނުބައި ދަރަޖަ އަކަށް ގޮސްފައިވާތީވެ ﷲ ގެ ލަޢްނަތާއި ހަލާކު އެބައިމީހުންގެ މައްޗަށް ޙައްގުވެއްޖެއެވެ.

މިގޮތަށް އަލިފާންގަނޑަށް އެއްލާލެވުނު މުއިމިނުންގެ ތެރޭގައި ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު ހުއްޓެވެ. އެއަންހެންމީހާ އަލިފާންގަނޑަށް ދަރިފުޅާއި އެކު ވެއްޓެން ޖެހޭތީވެ އެކަމާ ބިރުން އުޅެން ހެދުމުން ދަރިފުޅު ބުންޏެވެ. "މަންމާއެވެ. ކެތްތެރިވާށެވެ. ހަމަކަށަވަރުން މަންމަ ތިހުރީ ޙައްގުގެ މަތީގައެވެ."

(وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّـهِ الْعَزِيزِ الْحَمِيدِ ﴿٨﴾  ) " އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ"

( الْعَزِيزِ ) އަކީ ބަލިކަށިވުމެއް ނުވާ ކުޅަދުންވަންތަ އިލާހެވެ. ސޫރަތުލް މުނާފިގޫންގެ 8 ވަނަ އާޔަތުގައި މުނާފިގުންނަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ. (يَقُولُونَ لَئِن رَّجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ ﴿٨﴾  ) މާނައަކީ: " އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި مدينة އަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ عزّة ތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެންނަކުން ނޫނެވެ.) عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނޭނގެތެވެ."

(الْحَمِيدِ  ) އައިސްފައިވަނީ "އަލްފަޢީލް" ގެ ވަޒަނަށެވެ. މާނައަކީ: "ހުރިހާ ޙާލަތެއްގައިވެސް ޙަމްދު ލިބިވޮޑިގެންވާ އިލާހެވެ." عَنْ عَائِشَةَ , قَالَتْ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِذَا رَأَى مَا يُحِبُّ , قَالَ : الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ , وَإِذَا رَأَى مَا يَكْرَهُ , قَالَ : الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ " .[3] އުއްމުލްމުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އުފާވެރި ކަމެއް މެދުވެރި ވެއްޖެނަމަ ވިދާޅުވެއެވެ. "އެކަލާންގެ ނިޢްމަތަކާއި އެކު ހެޔޮކަންތައް ފުރިހަމަވާ ﷲ އަށް ޙަމްދު ހުއްޓެވެ." އަދި އެކަލޭގެފާނު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ގޮތަކަށް ކަމެއް މެދުވެރި ވެއްޖެނަމަ ވިދާޅުވެއެވެ. "ހުރިހާ ޙާލަތެއްގައިވެސް ﷲ އަށް ޙަމްދު ހުއްޓެވެ."

އެހެންކަމުން އިންސާނުން ހިތްނޭދޭ ގޮތަކަށް ކަމެއް މެދުވެރިވީ ކަމުގައިވީނަމަވެސް ﷲ އަށް ޙަމްދުކޮށް، ކެތްތެރިވެ ދުޢާ ކުރަން ޖެހެއެވެ. ފަހަރެއްގައިވެސް މާޔޫސްވެގެން ދިރިއުޅުން މަތިން ފޫހިވެގެން އުޅޭކަށް ނުޖެހެއެވެ. ތިމާގެ ދުލުންވެސް، ހިތުންވެސް އަދި ޢަމަލުންވެސް ރުޅިވެރިކަން ފާޅުކޮށްގެން ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަލީ ރަޟިޔަﷲ ޢަންހަށް ދެއްވި ނަޞޭޙަތުގެ ބަސްފުޅުގައިވެއެވެ. (وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ ، وَالْفَرَجَ مَعَ الْكَرْبِ ، وَأَنَّ مَعَ الْعُسْرِ يُسْرًا  ) މާނައަކީ: "ދަންނާށެވެ. ހަމަކަށަވަރުން، ނަޞްރު ލިބުން އޮތީ ކެތްތެރި ކަމާއި އެކުގައެވެ. މުޞީބާތުން ސަލާމަތްވުން ވަނީ މުޞީބާތާއި އެކުގައެވެ. އަދި ހަމަކަށަވަރުން އުނދަގުލަކަށް ފަހު ފަސޭހަ އެއް ވާނެއެވެ،"

ހުރިހާ ޙާލަތެއްގައިވެސް ﷲ އަށް ޙަމްދު ކުރަން ޖެހެއެވެ. އުފާވެރި ޙާލަތުގައިވެސް ހިތާމަވެރި ޙާލަތުގައިވެސް އެވެ. ސަބަބަކީ އުފާވެރި ކަމެއް އަތުވެއްޖެނަމަ އެއީ ﷲ ގެ ޙަޟްރަތުން އަންނަ އިމްތިޙާނެކެވެ. ސޫރަތުލް އަންބިޔާގެ 35 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً) މާނައަކީ: "އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ."  

ސުލައިމާން ޢަލައިހިއްސަލާމް އަށް ބަލްގީސްގެ ޢަރްޝި ލިބިވަޑައިގަތުމުން ވިދާޅުވި ކަމަށް ސޫރަތުއް ނަމްލުގެ 40 ވަނަ އާޔަތުގައި އައިސްފައިވެއެވެ. (فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ) މާނައަކީ: " ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ."  އެހެންކަމުން ނިޢްމަތެއް ލިބޭ ހިނދު އެކަމާ އުފަލުންގޮސް ﷲ ގެ މަތިން ހަނދުމަ ނެތިވެ، ހިތްއެދޭހާ ގޮތަކަށް އުޅެގެން ނުވާނެއެވެ. މި ލިބުނު ނިޢްމަތަކީ ނުވަތަ އުފާވެރި ކަމަކީ ﷲ ތިމާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން ކުރިމަތި ކުރެއްވި ކަމެއްކަން ދަންނަން ވާނެއެވެ.

ތިބާ ހިތްނޭދޭ ފަދަ ގޮތަކަށް ކަންތައް މެދުވެރިވީ ކަމުގައިވީނަމަވެސް އެއީވެސް ﷲ ގެ ޙަޟްރަތުން ކުރިމަތި ކުރެއްވި އިމްތިޙާނެކެވެ. ތިބާ އަށް ކެތްތެރިވެވެނީ ކިހާވަރަކަށްތޯ ބެއްލެވުމަށެވެ. ކެތްތެރިވެއްޖެނަމަ ދެއްވާނެ ޖަޒާގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ﴿١٠﴾  ) މާނައަކީ: "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ."

(الْحَمِيدِ  ) ގެ މާނައަކީ "ޙާމިދު" ނުވަތަ "ޙަމްދު ކުރާ ފަރާތް" ކަމުގައި ވުންވެސް ޖާއިޒެވެ. އެހެނީ އެމީހަކަށް ޙަމްދު ޙައްގުވެގެންވާ ފަރާތްތަކަށް ﷲ ތަޢާލަ ޙަމްދު ކުރައްވައެވެ. އެކަލާންގެ ނަބިއްޔުންނާއި ރަސޫލުން އަދި ޞާލިޙުންނަށް ޘަނާގެ ބަސް ވަޙީ ކުރައްވައެވެ. އެހެންކަމުން ﷲ އީ ޙަމްދު ކުރައްވާ އަދި ޙަމްދު ލިބިވޮޑިގެންވާ އިލާހެވެ.

عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الْأَكْلَةَ ، فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا [4]" މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، އަޅާ އެއްޗެއް ކައިފިނަމަ އެއަށް ޙަމްދު ކުރުމާއި، އެއްޗެއް ބޮއިފިނަމަ އެއަށް ޙަމްދު ކުރުމަކީ ﷲ ރުހިވޮޑިގަންނަވާ ކަމެކެވެ."  ސަބަބަކީ ﷲ މިތަކެތި ނުދެއްވިނަމަ އިންސާނުންނަށް ނުލިބުނީސް ކަމަށްވާތީވެއެވެ. ސޫރަތުލް ވާގިޢާގެ 63 އިން 64 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَفَرَأَيْتُم مَّا تَحْرُثُونَ ﴿٦٣﴾ أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ ﴿٦٤﴾ ) މާނައަކީ: " ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟"  ﷲ އެތަކެތި ނުފެޅުއްވިނަމަ އިންސާނުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އެހެންވެ ސޫރަތުލް ވާގިޢާގެ 65 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ ﴿٦٥﴾ إِنَّا لَمُغْرَمُونَ ﴿٦٦﴾ بَلْ نَحْنُ َحْرُومُونَ ﴿٦٧﴾) މާނައަކީ: " ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيران ވެފައި ތިބެއްޖައީހެވެ. (ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ. އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) محروم ވެގެންވާ ބަޔަކީމުއެވެ."

އެއަށްފަހުގައި ބޯފެނުގެ ވާހަކަ ޛިކްރު ކުރައްވާ ސޫރަތުލް ވާގިޢާގެ 68 އިން 70 އަށް ވަޙީ ކުރައްވައެވެ. (أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ ﴿٦٨﴾ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ ﴿٦٩﴾ لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ ﴿٧٠﴾  ) މާނައަކީ: " ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟ ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟"

(الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٩﴾  )  އުޑާއި ބިމާއި އެދެމެދުގައިވާހާ ތަކެއްޗެއް މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. ﷲ ފިޔަވާ އެހެން އެއްވެސް ފަރާތެއް މިކަމުގައި ބައިވެރިއެއް ނުވެއެވެ. ސޫރަތުލް މާއިދާގެ 120 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لِلَّـهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٢٠﴾ ) މާނައަކީ: "އުޑުތަކާއި، ބިމާއި، އެތަންތާނގައި ވާހާ ތަކެއްޗެއްގެ މިލްކުވެރިކަންވަނީ، اللَّه އަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

އިންސާނުންގެ މިލްކިއްޔާތުގައިވާ ތަކެތީގެ ފުރިހަމަ މިލްކުވެރި ކަމެއް އިންސާނުންނަށް ލިބިގެން ނުވެއެވެ. އެހެނީ އެއީ ފުރިހަމަ މިލްކުވެރި ކަމެއް ނޫނެވެ. މިޘާލަކަށް: މީހެއްގެ މިލްކިއްޔާތުގައި ގެއެއް ހުރެފައި ކަމަކާ ނުލާ ގެތަޅާލަން އުޅެފިނަމަ އިސްލާމްދީން އެކަމަށް ހުރަސް އަޅައެވެ. ސަބަބަކީ އެކަމުގައި މުދާ އިސްރާފު ކުރުން ހިމެނޭތީވެއެވެ. އަދި މީހެއްގެ އަތުގައި ކާރެއް އޮވެފައި ގަޞްދުގައި ކާރުގައި ހުޅުޖަހާ އަންދާލައިފިނަމަ ގާޟީ އަށް އޭނާގެ މުދާ ޙަޖްރު ކުރުމުގެ ބާރު އިސްލާމްދީނުގައި ދެއްވައެވެ. ސަބަބަކީ ފައިސާ ހޭދަކުރުމުގައި އޭނާ ތަޞައްރުފް ނުފުދޭތީވެއެވެ. އެހެންކަމުން، އިންސާނުންގެ މިލްކިއްޔާތުގައިވާ ތަކެއްޗަކީ އުނި މިލްކިއްޔާތެކެވެ. ފުރިހަމަ މިލްކިއްޔާތުވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ.

(وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ  ) ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ކުރާ ހުރިހާ ކަމެއް ބައްލަވާ އެކަމަށް ހެކިވެވޮޑިގަންނަވައެވެ. އޭގެތެރޭގައި މުއިމިނުން ދިރިތިއްބާ އަންދަމުން ގެންދިޔަ ކަންތައްވެސް ހިމެނެއެވެ. އެކަމުގެ ޖަޒާ ގިޔާމަތް ދުވަހުގައި މާތް ﷲ އެބައިމީހުންނަށް ދެއްވާނެއެވެ.

(إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ﴿١٠﴾  ) ސަލަފްގެ ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. "މި އާޔަތުން ދޭހަވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙިލްމުވަންތަ ކަމެވެ. އެހެނީ އެކަލާންގެ އަޅުތަކުން އަންދަމުން ގެންދިޔަ އިރުގައިވެސް އެކަން ކުރި މީހުންނަށް ތައުބާގެ ދޮރު މިވަނީ ހުޅުއްވައި ދެއްވާފައެވެ."

(فَتَنُوا) މި ލަފްޡުގެ މާނަ ދެގޮތަކަށް މުފައްސިރުން ކުރައްވައެވެ.

  1. (فَتَنُوا) ގެ މާނައަކީ އަންދާލުމެވެ. ސޫރަތުއް ޛާރިޔާތުގެ 13 އަދި 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ ﴿١٣﴾ ذُوقُوا فِتْنَتَكُمْ هَـٰذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ ﴿١٤﴾  ) މާނައަކީ: "(އެއީ) ނަރަކައިގެ عذاب އަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ. (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ عذاب ގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު عذاب އެވެ." މިބައިމީހުންވެސް މުއިމިން ފިރިހެނުންނާއި މުއިމިން އަންހެނުން އަލިފާންގަޑުގައި އެންދީއެވެ.
  2. 2.     (فَتَنُوا) ގެ މާނައަކީ: ﷲ ގެ ދީނުން އެއްކިބާ ކުރުވުމެވެ.

ރާޖިޙް ގޮތް: މި މައްސަލާގައި ރާޖިޙް ގޮތަކީ މި ދެމާނާގައިވެސް މިއާޔަތް މާނަ ކުރެވިދާނެ ކަމެވެ. ސަބަބަކީ ގުރްއާނަކީ ވަރަށް މާނަފުން އެއްޗަކަށްވާތީވެއެވެ. އަދި ގުރްއާން ތަފްސީރު ކުރުމުގެ ގަވާޢިދުގައިވާ ގޮތުން އާޔަތެއްގެ މާނަ އެއްގޮތަކަށް ވުރެ ގިނަގޮތަށް ކުރެވޭނަމަ އެހުރިހާ ގޮތަކަށްވެސް އާޔަތުގެ މާނަ ކުރެވިދާނެއެވެ.  އެހެންކަމުން އާޔަތުގެ މާނައަކީ: އެބައިމީހުން މީސްތަކުންނަށް އީމާންވުމަށް ހުރަސް އެޅުމުގެ ގޮތުން އީމާންކަމުގެ އަހްލުވެރިން އަލިފާނަށްލާ އަންދަމުން ގެންދިޔަ ވާހަކަ އެވެ.

(ثُمَّ لَمْ يَتُوبُوا) އެބައިމީހުން ކުރަމުން ގެންދިޔަ ނުބައިކަންތައް ހުއްޓާލަ ﷲގެ މަގަށް ރުޖޫޢަ ނުވާނަމަ،

(فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ  ) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ. ސަބަބަކީ އެބައިމީހުން އީމާންކަމުގެ އަހްލުވެރިންނަށް އަލިފާނުގެ ޢަޛާބޫ ދީފައިވާތީވެއެވެ. އެހެންކަމުން ގިޔާމަތްދުވަހުގައި އެބައިމީހުންނަށް މާތް ﷲ އަލިފާނުގެ ޢަޛާބު ދެއްވާނެއެވެ. ނަމަވެސް، ދުނިޔެމަތީގައި މިއަންދާ އަލިފާނާއި ނަރަކައިގެ އަލިފާނާއި ހޫނުކަމުގައި ވަރަށް ބޮޑަށް ތަފާތުވާނެއެވެ. ދުނިޔޭގައި މިއަންދާ އަލިފާނަކީ ނަރަކައިގެ އަލިފާނަށް ވުރެ 99 ގުނަ ލުއި އަލިފާނެކެވެ.

އިސްވެދިޔަ އާޔަތްތަކުން ޢިބްރަތްތަކެއް ލިބެއެވެ. އޭގެ ތެރޭގައި:

  1.  ﷲ އެކަލާންގެ ވަލީވެރިންގެ މައްޗަށް އެކަލާންގެ ޢަދުއްވުން ފާކުރައްވަފާނެއެވެ. އެހެންކަމުން ކާފިރުން މުސްލިމުންގެ މައްޗަށް ގަދަވެގަނެ، މުސްލިމުންނަށް އަނިޔާކޮށް، މުސްލިމުންގެ މުދާ ފޭރި އުޅުނުކަމުގައިވީނަމަވެސް އެކަމާ ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. އަދި އެކަމާ މެދުގައި ޙައިރާންވާކަށް ވެސް ނުޖެހެއެވެ. އެކަމުގެ ފަހަތުގައި ބޮޑުވެގެންވާ ޙިކްމަތްތަކެއް ހިމެނެއެވެ. އަނިޔާ ލިބެމުންދާ މުއިމިނުންނަށް ﷲ ގެ ޙަޟްރަތުގައި މަތިވެރިވެގެންވާ ދަރުމަ ދެއްވާނެއެވެ. މި އަނިޔާވެރި ކާފިރުންނަށް ﷲ މުހްލަތެއް ދެއްވާ ދޫކޮށްލައްވާފައި ހުރިނަމަވެސް، އެއީ ދާއިމީ ކަމެއް ނޫނެވެ. އެމީހުންގެ ނިމުން އަންނާނެ ދުވަހެއްވެސްވެއެވެ.  އަދި އަނިޔާ ނުލިބި ސަލާމަތުން ތިބި މުސްލިމުންނަށް އެކަމުގައި ޢިބްރަތްތެރި ފިލާވަޅުތަކެއް ވެއެވެ. މިއަދު އަޅުގަޑުމެންނަށް އިވެމުންދަނީ މުސްލިމުންނަށް އިހާނެތިކޮށް ހިތޭ ވާހަކައެވެ. މުސްލިމުންނަށް އަނިޔާ ކުރެވެމުންދާ ވާހަކަ އެވެ. މުސްލިމުން ބަނޑަށް ޖައްސައިފި ވާހަކަ އެވެ. މުސްލިމުންނަށް ވީތީވެ ދެރަނިކަމެތި ގޮތްތައް ހެދެމުންދާ ވާހަކަ އެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިފަދަ ބޮޑު އަނިޔާ މުސްލިމުންނަށް ލިބެމުންދަނީ ކީއްވެގެންތޯއެވެ؟ ﷲ ތަޢާލާގެ ނަޞްރު ކޮބައިބާ އެވެ؟ ނަމަވެސް، ޖަވާބު ވަރަށް ސާފެވެ. މީގެ ކުރީގެ އުއްމަތްތަކުގައި އުޅުނު މުސްލިމުންނަށް ކަންތައް ދިމާވިގޮތުން ﷲ ވަނީ މިޘާލު ޖައްސަވާފައެވެ. މީގެ ކުރިން އުޅުނު މުއިމިނުންނަށް އެބައިމީހުންގެ ގައުމުގެ މީހުންވަނީ ދިރިތިއްބާ އަލިފާނުގެ ޢަޛާބު ދައްކާފައެވެ. ނަމަވެސް، އެއީ އަނިޔާ ލިބުނު މީހުންގެ ދަރަޖަ މަތިވެރި ކުރެއްވުމެކެވެ. އަދި އެބައިމީހުންގެ ފާފަތަކުގެ ކައްފާރާ އެއްވެސް މެއެވެ. އަދި ދެންތިބި މީހުންނަށް ޢިބްރަތެއްވެސް މެއެވެ. އަދި އެއީ ކާފިރުންނަށް ދެއްވޭ މުހްލަތެއްވެސް މެއެވެ. މުހްލަތު ހަމަވުމާއި އެކު ﷲ ތަޢާލާ ގަދަ ހިއްޕެވުމަކުން އެބައިމީހުން ހިއްޕަވާނެއެވެ.
  2. 2.   ކާފިރުން މުސްލިމުންނަށް އަނިޔާ ކުރަމުން ގެންދިޔައީ އެބައިމީހުން ﷲ އަށް އީމާންވާތީވެއެވެ. އެނޫން އެއްވެސް ކަމަކާ ގުޅިގެންނެއް ނޫނެވެ. ނަމަވެސް، އެއީ ކުށެއް ނޫނެވެ. އަދިކިއެއްތަ، އެއީ ޙައްގު ގޮތެވެ. އެކަމަށް އިންކާރުކޮށް ދެކޮޅު ހަދާ މީހާ އަށް އިންކާރުކޮށް އިޙްތިޖާޖް ކުރަންވީއެވެ. މާތް ﷲ މުސްލިމުންނަށް ނަޞްރު ދެއްވާ، ޢަދާވާތްތެރިންގެ މައްޗަށް ގަދަކަން ދެއްވާށި، އަދި ކާފިރުންގެ ނުބައި ރޭވުންތަކުން މުސްލިމުން ސަލާމަތް ކުރައްވާށި. އާމީން.
  3. 3.   މި އާޔަތްތަކުން ދޭހަވާ ގޮތުގައި ތައުބާ ވުމަކީ އިސްވެދިޔަ ފާފަތައް ފޮހެވޭ ކަމެކެވެ. ނަމަވެސް، ތައުބާ އަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލުވެވިގެންވާ "ނަޞޫޙް" ތައުބާ އަކަށް ވާނީ އެކަމުގައި ފަސްކަމެއް ހަމަވެގެންނެވެ. އެއީ:
  4. ﷲ އަށް އިޚްލާޞްތެރި ކަމާއި އެކުވާ ތައުބާއެއް ކަމުގައި ވުން. އޭނާ ތައުބާ ވަނީ ﷲ އަށް ބިރުވެތިވެ، އެކަލާންގެ ޙަޟްރަތުން އަތުވެދާނެ ކޯފާ އާއި ޢަޛާބަށް ރައްކާތެރިވެ، ދަރުމަ އާއި ޘަވާބަށް އެދިގެން ކަމުގައިވުމެވެ. ބައެއް މީހުން މީހުންގެ ފަރާތުން ލިބިދާނެ ރީތި ނަމަކަށް ޓަކައިވެސް ތައުބާވެއެވެ. ނޫންނަމަ މަލާމާތަކަށް ޓަކައިވެސް ތައުބާވެއެވެ. ނޫންނަމަ ވަކި ކަމެއް ޙާޞިލްކުރުމުގެ ބޭނުމުގައިވެސް ތައުބާވެއެވެ. ނޫންނަމަ ލިބިދާނެ ދުނިޔަވީ މަންފާ އަކަށް ޓަކައިވެސް ތައުބާވެއެވެ. މިފަދަ މީހުންގެ ކިބައިން ތައުބާ ގަބޫލު ނުކުރައްވާނެއެވެ. ސަބަބަކީ ތައުބާ އަކީ ﷲ އަށް ޓަކައި ޚާލިޞް ކަމާއި އެކު ވާ އެއްޗަކަށް ވާން ޖެހޭނެއެވެ. ދުނިޔަވީ ކަމަކަށް އެދިގެން ތައުބާ ވެއްޖެ މީހާ އާއި ބެހޭގޮތުން ސޫރަތު ހޫދުގެ 15 އަދި 16 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾  )  މާނައަކީ: " ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. އެއުރެންނީ آخرة ގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެންވެތެވެ."
  5. ކުރެވުނު ކުށާއި މެދުގައި ހިތާމަ ކުރުން. ﷲ ސުބްޙާނަހޫ ވަތަޢާލައީ ތިމަންނާ ހައްދަވާ ގެންގުޅުއްވާ ރިޒްގު ދެއްވާ ފަރާތް ކަމަށް ވީއިރުގައިވެސް ﷲ އަށް އުރެދެވިފައިވާތީވެ އެކަމާއި މެދުގައި ހިތާމަ ކުރަން ޖެހޭނެއެވެ.
  6. ކުރެވުނު ކަންތަކުން ދުރުހެލިވެ އެކަންތައް ދޫކޮށްލަން ޖެހެއެވެ. ސަބަބަކީ ކުށެއް ކުރުމުގައި ދެމިހުރެގެން ތައުބާ އެއް ނުވެވޭނެއެވެ. މިޘާލަކަށް ރިބާގެ މުޢާމަލާތް ކުރާ މީހަކު އެކަން ހުއްޓާނުލާ ހުރެ ތިމަންނާ މިކަމުން ތައުބާވަމޭ ނުވަތަ މިކަމުގެ ފާފަ ތިމަންނާގެ ކިބައިން ފުއްސަވާށޭ ކިތަންމެ ވަރަކަށް ދެންނެވިނަމަވެސް، އެކަން ދޫކޮށް ނުލާހާ ހިނދަކު ﷲ އޭނާގެ ތައުބާ ގަބޫލެއް ނުކުރައްވާނެއެވެ. ހަމައެފަދައިން ބަޔަކު މީހުންގެ ޙައްގަކަށް އަރައިގަނެވިފައިވާ ނަމަ އެޙައްގެއް އެބައިމީހުންނަށް ރައްދުކޮށްދޭން ޖެހޭނެއެވެ. މިޘާލަކަށް މީހެއްގެ މުދާ ނުޙައްގު ގޮތުގައި ޖަހައިގަނެފައި އެމީހާ އަށް އެޙައްގު އަދާކޮށް ނުދީ ހުރެ، ތިމަންނާ ތައުބާ ވެއްޖައީމުއޭ ކިތަންމެ ވަރަކަށް ބުނިނަމަވެސް، އެމީހެއްގެ ތައުބާ ﷲ ގަބޫލު ނުކުރައްވާނެއެވެ.
  7. ދެން އެފަދަ ކަމަކަށް އަރައި ނުގަތުމަށް ޢަޒުމް ކަނޑައަޅަން ޖެހޭނެއެވެ.
  8. ތައުބާ ވެފައިވަނީ ތައުބާ ގަބޫލު ކުރައްވާ ވަގުތުގައި ކަމުގައިވުން. ތައުބާ ގަބޫލު ނުކުރައްވާނެ ދެވަގުތެއްވެއެވެ. އެއީ:
  9. މަރު އައިސް ބައްދަލު ކުރާ ހިނދުވާ ތައުބާ. ސޫރަތުއް ނިސާގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَـٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٨﴾ ) މާނައަކީ: "އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." 

މަރު އައިސް އެމީހަކާ ބައްދަލުކޮށް، ޢަޛާބު ލޮލަށް ފެންނަ ހިނދު، ތިމަންނާ ތައުބާ ވެއްޖައީމުއޭ ބުނިނަމަވެސް އެމީހެއްގެ ތައުބާ ގަބޫލެއް ނުކުރައްވާނެއެވެ. މޫސާގެ ފާނުގެ ފިރްޢައުނަށްވެސް ކަންތައްވީ އެގޮތަށެވެ. އެވާހަކަތައް ބަޔާން ކުރައްވާ ސޫރަތު ޔޫނުސްގެ  90 އިން 92 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا ۖ حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَـٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ ﴿٩٠﴾ آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ ﴿٩١﴾ فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ ﴿٩٢﴾  ) މާނައަކީ: "ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسـرآءيـل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ. (އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ. ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، عبرة އެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ آية ތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ހެކިތަކާމެދު) غافل ވެގެންކަން ކަށަވަރެވެ."  ވުމާއި އެކު މަރުވުމުގެ ކުރިން ތައުބާވާން ޖެހެއެވެ. އެއްވެސް މީހަކަށް މަރުވާނެ ވަގުތެއް ނޭނގެއެވެ. ފުރިހަމަ ޞިއްޙަތުގައި ހުރެ ނިދަން އޮށޯންނަ މީހާ ނުހޭލައިގެން ބަލާއިރު މަރުވެފައި އޮވެގެން ހިނަވާ އަށިމައްޗަށް ލާން ޖެހިފައި އެބަހުއްޓެވެ. މަސައްކަތް ކުރަން ގޮނޑީގައި އިށީންނަ މީހާ އިރުކޮޅަކުން ހިނަވާ އަށްޓަށް ލާން ޖެހިފައި އެބަހުއްޓެވެ. މިއީ ހިނގާފައި ހުރި ކަންތަކެވެ. ވީމާ، ލަސްނުކޮށް ތައުބާވާން ޖެހެއެވެ.

  •  ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން ތައުބާވުން. ސޫރަތުލް އަންޢާމްގެ 158 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ ﴿١٥٨﴾   ) މާނައަކީ: "އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامة ގެ علامة ތައް) އަންނަ ދުވަހު، އޭގެކުރިން إيمان ވެފައި ނުވާނަމަ، ނުވަތަ إيمان ވެ ހެޔޮعمل ކޮށްފައި ނުވާނަމަ، އެއްވެސް نفس އަކަށް އެ نفس އެއްގެ إيمان އަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظار ކުރާނޫއެވެ."   މި އާޔަތުގައި "ބައެއް އާޔަތްތައް" އޮތް ބަސްފުޅުގެ މުރާދަކީ ހުޅަނގުފަރާތުން އިރުއެރުމެވެ.

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ﴿١١﴾) އިސްވެދިޔަ އާޔަތުގައި ކާފިރުންނަށް ދެއްވާ ޢިގާބުގެ ވާހަކަ ޛިކްރު ކުރެއްވުމަށްފަހުގައި މިއާޔަތުގައި މިބަޔާން ކުރައްވަނީ މުއިމިނުންނަށް ދެއްވާނެ މަތިވެރި އަޖްރުގެ ވާހަކައެވެ. މިއީ ކީރިތި ގުރްއާނުގެ އުސްލޫބުކެވެ. ނަރަކައިގެ ވާހަކަ ޛިކްރު ކުރެއްވުމަށް ފަހުގައި ސުވަރުގޭގެ ވާހަކަ ޛިކްރު ކުރައްވައެވެ. މުއިމިނުންގެ ޞިފަތަކުގެ ވާހަކަ ޛިކްރު ކުރެއްވުމަށް ފަހުގައި ކާފިރުންގެ ޞިފަތަކުގެ ވާހަކަވެސް ބަޔާން ކުރައްވައެވެ. ބޭނުމަކީ އުއްމީދާއި ބިރާއި ދެމެދުގައި އިންސާނާ ލެއްވުމެވެ. އިސްލާމް ކަމުގެ ނިޢްމަތް އެއީ ކިހާވަރެއްގެ ނިޢްމަތެއްކަން އިންސާނާ އަށް އިޙްސާސް ކުރެވުމާއި އެކު ހެޔޮ ޢަމަލު ކުރުމަށް އިތުރަށް މަސައްކަތް ކުރެއެވެ. އަދި ކާފިރުން ވުޖޫދުގައި ވުމުގެ ޙިކްމަތަކީ ކޮބައިކަން ދެނެގަނެވެއެވެ. އަދި އެބައިމީހުންގެ ޢަމަލުތަކުން ދުރުހެލިވާން މަސައްކަތް ކުރެއެވެ.

(إِنَّ الَّذِينَ آمَنُوا) ބަހުގެ ގޮތުން އީމާން ކަމަކީ ޤަބޫލު ކުރުމެވެ. ޝަރުޢުގައި އީމާން ކަމަކީ ހިތުން ތެދުކޮށް ދުލުން ކިޔައި ގުނަވަންތަކުން އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. މިގޮތުން އީމާން ކަމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަބަރު ދެއްވާފައިވާ އެންމެހައި ކަންތައްތައް ތެދުކޮށް ޤަބޫލުކޮށް އެއަށް ޢަމަލު ކުރުމެވެ. އިމާންކަމުގެ ރުކުން ތަކަކީ ޖިބްރީލް ޙަދީޘްގެ ނަމުން ނަންދެވިފައިވާ ޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ 6 ކަންތަކެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "أن تؤمن باللَّه وملائكته وكتبه ورسله واليوم الآخر؛ وتؤمن بالقدر خيره وشره" މާނައީ : "އީމާންކަމަކީ ﷲ އަށާއި މަލާއިކަތުންނަށާއި ﷲ ބާވައިލެއްވި ފޮތްތަކަށާއި އެއިލާހު ފޮނުއްވެވި ރަސޫލުބޭކަލުންނަށާއި އާޚިރަތް ދުވަހަށާއި ހޮޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ."

(وَعَمِلُوا الصَّالِحَاتِ  ) މިތަނުގައި ހެޔޮޢަމަލުތަކުގެ މުރާދަކީ ﷲ އަށް އިޚްލާޞްތެރިވުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މާތް ނަމޫނާގައި ހިފައިގެން ކުރެވޭ ޢަމަލުތަކެވެ. އެއްވެސް މީހަކު ހެޔޮޢަމަލެއް ކުރިކަމުގައިވީނަމަވެސް އެކަމެއްގައި ﷲ އާއި އެހެން ފަރާތެއް ބައިވެރިކޮށްފައިވާނަމަ އެއީ ރައްދުކުރެވިގެންވާ ޢަމަލުތަކެކެވެ.

.   عَنْ أَبِيْ أُمَامَةَ قَالَ: جَاءَ رَجُلٌ إِلَى رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: "أَرَأَيْتَ رَجُلاً غَزَا يَلْتَمِسُ الْأجْرَ وَالذِّكْرَ، مَا لَهُ ؟ فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لَا شَيْءَ لَهُ، فَأَعَادَهَا ثَلَاثَ مَرَّاتٍ، وَيَقُوْلُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لَا شَيْءَ لَهُ، ثُمَّ قَالَ: إِنَّ اللهَ عَزَّ وَجَلَّ لَا يَقْبَلُ مِنَ الْعَمَلِ إِلَّا مَا كَانَ لَهُ خَالِصاً، وَابْتُغِيَ بِهِ وَجْهُهُ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އެެއްދުވަހަކު މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ"، "މީހަކު ދަރުމަ އަށާއި އޭނާގެ ނަން މީސްތަކުންގެ ތެރޭގައި ޛިކްރު ކުރެވުމަށްއެދި ހަނގުރާމަކޮށްފި މީހަކަށް އޮތީ ކޮން ކަމެއްތޯއެވެ؟" ރަސޫލުﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. "އޭނާ އަށް އެއްވެސް އެއްޗެއް ނެތެވެ". އެމީހަކު ތިންފަހަރަށް ސުވާލު ތަކްރާރު ކުރެއްވުމުންވެސް ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އޭނާ އަށް އެއްވެސް އެއްޗެއް ނެތެވެ". އެއަށްފަހު ޙަދީޡް ކުރެއްވިއެވެ. "ހަމަކަށަވަރުން، ﷲ ގެ ވަޖުހުފުޅަށް އެދި، އިޚްލާޞްތެރިކަމާއި އެކު ކުޅަ އަމަލެއް މެނުވީ ﷲ ގަބޫލެއް ނުކުރައްވާނެއެވެ".

عَنْ شَدَّادِ بِنْ أَوْسٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "مَنْ صَامَ يُرَائِيْ فَقَدْ أَشْرَكَ، وَمَنْ صَلَّى يُرَائِيْ فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِيْ فَقَدْ أَشْرَكَ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އުވައިސް ގެ ކިބައިން ރިވާވެެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. "ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".

وَعَنْ مَحْمُوْدِ بِنْ لُبَيْدٍ قَالَ: خَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: "يَا أَيُّهَا النَّاسُ إِيَّاكُمْ وَشِرْكُ السَّرَائِرِ. قَالُوْا: يَا رَسُوْلَ اللهِ وَمَا شِرْكُ السَّرَائِرِ ؟ قَالَ: يَقُوْمُ الرَّجُلُ فَيُصَلِّيْ، فَيُزَيِّنُ صَلَاتَهُ جَاهِداً لِمَا يُرَى مِنْ نَظَرِ النَّاسِ إِلَيْهِ، فَذَلِكَ شِرْكُ السَّرَائِرِ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި  ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ".

عَنْ مَحْمُوْدِ بِنْ لُبَيْدٍ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ، قَالُوْا وَمَا الشِّرْكُ الْأَصْغَرُ يَا رَسُوْلَ اللهِ ؟ قَالَ: الرِّيَاءُ. يَقُوْلُ اللهُ عَزَّ وَجَلَّ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اِذْهَبُوْا إِلَى الَّذِيْنَ كُنْتُمْ تُرِاؤُوْنَ فِيْ الدُّنْيَا، فَانْظُرُوْا هَلْ تَجِدُوْنَ عِنْدَهُمْ جَزَاءً) މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުވެތިވަނީ ކުޑަ ޝިރްކާއި މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ".

وَعَنْ أَبِيْ سَعِيْدِ بِنْ أَبِيْ فُضَالَةَ رَضِيَ اللهُ عَنْهُ، وَكَانَ مِنَ الصَّحَابَةِ قَالَ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "إِذَا جَمَعَ اللهُ الْأَوَّلِيْنَ وَالْآخِرِيْنَ يَوْمَ الْقِيَامَةِ لِيَوْمٍ لَّا رَيْبَ فِيْهِ، نَادَى مُنَادٍ: مَنْ أَشْرَكَ فِيْ عَمَلِهِ لِلَّهِ أَحَداً فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِهِ، فَإِنَّ اللهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".

ހަމައެއާއި އެކު ހެޔޮ ޢަމަލުވާން ޖެހޭނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތަށް ކުރާ ކަމަކަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ )[5] މާނައަކީ: "ތިމަންކަލޭގެފާނުގެ ސުންނަތާއި ޚިލާފަށް ކަމެއްކޮށްފިމީހާގެ ޢަމަލުވަނީ އެމީހަކަށް ރައްދު ކުރެވިގެންނެވެ."

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ   ) މި އާޔަތުގައި ﷲ މިވަނީ އީމާންކަމާއި ހެޔޮޢަމަލާއި ގުޅުއްވާލައްވާފައެވެ. އެހެންކަމުން ހަމައެކަނި އީމާންވުމަކުން ނުފުދޭ ކަމެވެ. އީމާންކަމާއި އެކު ހެޔޮ ޢަމަލުވެސް ކުރަން ޖެހޭކަމެވެ.

(لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ   )

(لَهُمْ ) އެބައިމީހުން (މުއިމިނުން) އަށް ޓަކައި ﷲގެ ޙަޟްރަތުގައި

(جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ   ) މިސުވަރުގެތައް އެބައިމީހުންނަށް ލިބޭނީ ގިޔާމަތް ދުވަހު ﷲ ގެ ޙަޞްރަތަށް މަޙްޝަރު ކުރެއްވުމަށްފަހުގައެވެ. އެސުވަރުގެތައް ޞިފަކުރައްވާ ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾ ) މާނައަކީ: " ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ."

ގުދްސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لَا عَيْنٌ رَأَتْ ، وَلَا أُذُنٌ سَمِعَتْ ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ فَاقْرَءُوا إِنْ شِئْتُمْ فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ سورة السجدة آية 17  )[6] މާނައަކީ: "ތިމަން ﷲ ގެ ޞާލިޙް އަޅުތަކުންނަށް އެބައިމީހުންގެ ލޮލަށް ނުފެންނަ، އަދި ކަންފަތަށް އަޑުނާހާ، އަދި ހިތަށް ތަޞައްވުރުވެސް ނުކުރެވޭ ފަދަ ނިޢްމަތްތައް ތައްޔާރުކޮށްދެއްވީމެވެ. ތިޔަބައިމީހުން ބޭނުންނަމަ ސޫރަތު ސަޖްދާގެ 17 ވަނަ އާޔަތް ކިޔަވާށެވެ. (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾ ) މާނައަކީ: " ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ."

ސުވަރުގޭގެ ނިޢްމަތްތައް ބަޔާން ކޮށް ދެއްވަމުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. (ليس في الدنيا شيئ مما في الجنة إلا الأسماء فقط ) މާނައަކީ: "ސުވަރުގޭގައި ވާތަކެތިން ދުނިޔެމަތީގައި ވަނީ ހަމައެކަނި އެތަކެތީގެ ނަމެވެ."

(تَجْرِي مِن تَحْتِهَا الْأَنْهَارُ   ) އެސުވަރުގެ ތަކުގެ ދަށުން އާރު ހިނގަހިނގާ ހުންނާނެއެވެ.

މިއާރުތަކުގެ ތަފްޞީލު ބަޔާން ކުރައްވާ ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾  ) މާނައަކީ: " تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"

(ذَٰلِكَ الْفَوْزُ الْكَبِيرُ )

(ذَٰلِكَ ) އިޝާރާތް ކުރައްވަނީ ސުވަރުގެ އަށެވެ.

(الْفَوْزُ الْكَبِيرُ  ) ބޮޑުވެގެންވާ ކާމީޔާބީ އަކީ އެއީ އެވެ.

ނުނިމޭ


[1]  صحيح البخاري » كِتَاب الشَّهَادَاتِ » بَاب كَيْفَ يُسْتَحْلَفُ، رقم الحديث: 2495

[2]  المستدرك على الصحيحين، رقم الحديث: 7880

[3]  سنن ابن ماجه » كِتَاب الْأَدَبِ » بَاب فَضْلِ الْحَامِدِينَ، رقم الحديث: 3801

[4]   صحيح مسلم » كِتَاب الذِّكْرِ وَالدُّعَاءِ وَالتَّوْبَةِ وَالِاسْتِغْفَار ... » بَاب اسْتِحْبَابِ حَمْدِ اللَّهِ تَعَالَى بَعْدَ الْأَكْلِ ...، رقم الحديث: 4921

[5]  صحيح مسلم » كِتَاب الْأَقْضِيَةِ » بَاب نَقْضِ الْأَحْكَامِ الْبَاطِلَةِ وَرَدِّ مُحْدَثَاتِ ...

[6]   صحيح البخاري » كِتَاب بَدْءِ الْخَلْقِ » بَاب مَا جَاءَ فِي صِفَةِ الْجَنَّةِ وَأَنَّهَا مَخْلُوقَةٌ ...

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *