ސައުދީ ކޯލިޝަނުން ހޯމަދުވަހު ޔަމަނުގައި ކައިވެނި ޕާޓީއެއް ކުރިއަށްދިޔަ ހިސާބަަކަށްދިން ވައިގެ ދެހަމަލާއެއްގައި 20 މީހުން ޝަހީދުވެއްޖެއެވެ.
ޔަމަނުގެ އުތުރުދެކުނުގައި ޙުޘީންގެ ބާރުގެ ދަށުގައިވާ މިއަވަށަށް ދިން ހަމަލާގައި ގިނައިން ޝަހީދުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. މިހަމަލާގައި 46 ހަމީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު މީގެތެރޭގައި 30 ކުޑަކުދިން ހިމެނެއެވެ.
ޙޫޘީންގެ ވެބްސައިޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިހަމަލާގައި 88 މީހުން ޝަހީދުވެފައިވާއިރު 50 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.
މިހަމަލާއާއި ގުޅިގެން ސައުދީ ކޯލިޝަންގެ ތަރުޖަމާނު ބުނެފައިވަނީ އެހެން ރިޕޯޓުތަކެކޭ އެއްފަދައިން މިހަމަލާގެ ރިޕޯޓުވެސް ތަހުޤީގު ކުރާނެކަމަށެވެ. ޔަމަނުގައި މީގެކުރިންވެސް ސައުދީ ކޯލިޝަނުން ދެމުންގެންދާ ހަމަލާތަކާއި ގުޅޭގޮތުން ބުނެފައިވަނީ އެކޯލިޝަނުން އާއްމު ރައްޔިތުންނަށް ހަމަލާ ނުދޭކަމަށާއި ހަމަލާތައް އަމާޒުކުރަނީ ޙޫޘީ ހަނގުރާމަވެރިންނަށް ކަމަށެވެ.
މިހަމަލާއާއި ގުޅިގެން މީސްމީޑިއާގައި ދަނީ ވީޑިއޯއެއް ފެތުރެމުންނެވެ. މިވީޑިއޯގައި ފެންނަގޮތުން ހަމަލާގައި ސަލާމަތްވި ކުޑަކުއްޖަކު އޭނާގެ މަރުވެފައިވާ ބައްޕަގާތު އިނދެ އެތަނުން ދިއުމަށް ދެކޮޅު ހަދަމުންދެއެވެ.

2014 ވަނަ އަހަރުގެ ސެޕްޓެމްބަރމަހު ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންޢާ ހިފައި ރައީސް މަންސޫރު އަލްހާދީގެ ވެރިކަން ބަޣާވާތަކުން ދުރުކުރިއެވެ. މިއާއެކު ޔަމަނުގެ ރައްޔިތުން އިންތިހާބުކުރި މަންސޫރު އަލްހާދީގެ ސަރުކާރުން ހޫޘީންނާއި ހަނގުރާމަކުރުމަށް ސައުދީ އަރަބިޔާގެ އެހީތެރިކަމަށް އެދުނެވެ. އަދި ސައުދީ އިސްވެ އޮވެ 9 ޤައުމު ހިމެނޭ ކޯލިޝަނެއް އުފައްދާ ހޫޘީންނާއި ހަނގުރާމަފެށިއެވެ.

















ޚިޔާލު