ދީނީ ލިޔުންދީން

ޤާރީވެރިންގެ މަސް

ކީރިތިޤުރުއާންނަކީ ދުނިޔޭގައިވާ އެހެން އެއްވެސް ފޮތަކަށް ލިބިފައިނުވާ ޚާއްޞަ ޞިފަތަކެއް ލިބިފައިވާ ފޮތެކެވެ. އޭގެތެރެއިންވެސް އެފޮތަކީ ހަމައެކަނި ﷲތަޢާލާގެ ބަސްފުޅު ހިމެނޭފޮތަކަށްވުމީ އެޤުރުއާނަށް ލިބިގެންވާ އެންމެ ޙާއްޞަ ޞިފައެވެ. އެހެންވެ މުސްލިމުން އަބަދުވެސް އެފޮތަށް އިޙްތިރާމުކޮށް ޤަދަރުކޮށް ޙަޔާތުގައި ތަންފީޒުކުރެއެވެ. ކާފިރަކު އިންސާފުން ސާފު ހިތަކާއިގެން އެފޮތް ކިޔަވާފިނަމަ ހިދާޔަތުގެ އަލި ނޫރު އެމީހެއްގެ ހިތަށް ވަދެއެވެ.

ނަމަވެސް ހިތާމައަކީ މިއަދުގެ މުސްލިމުން ޤުރުއާން ކިޔަވާ އާއްމުކޮށް އުޅޭލެ މަދުކަމުންނެވެ. ޝަރުޢީ ތަޢުލީމު ހާޞިލުކުރާ ބައެއް ދަރިވަރުންވެސް މިއަދުމިވަނީ ޤުރުއާނާއި ޒުހުދުވެރިވެފައެވެ.މީސްތަކުން މިއަދު ޤުރުއާން އާއްމުކޮށް ކިޔަވާ އުޅެނީ ކޮން ވަގުތެއްގައިތޯއެވެ؟ އެއީ ކޮން މަހެއްގައިތޯއެވެ؟

ޖަވާބުދޭ ފިސާރި ފަސޭހަ ސުވާލެއްނޫންތޯއެވެ؟ ޝައްކެއްވެސް ނެތެވެ. އެއީ ރަމަޟާން މަހެވެ. ރޯދަ މަހުގެ ދުވާލާއި ރޭގަނޑު ގިނަ މުސްލިމުން ޤުރުއާން ކިޔަވައެވެ. އަދި އެއީ ކޮންމެ އަހަރަކުވެސް ޤުރުއާންކިޔެވުމަށް ބައެއް މީހުންނަށް ހަމައެކަނި އަވަދިވާ މަހެވެ. ސުވާލަކީ ރަމަޟާން މަހަށް "ޤުރުއާން ކިޔަވާމީހުންގެ މަސް" ނުވަތަ ޤާރީވެރިންގެ މަސް މިނަމުން މުޚާޠަބު ކުރުން މުނާސަބު ނުވޭތޯއެވެ؟

ޖަވާބަކީ އިސްވެދިޔަ ނުކުތާތަކަށް ބަލާއިރު އެއީ ފާޅުކަށް ބޮޑުގޮތެއްގައި ފެންނަށް އޮތް ޙަޤީޤަތެކެވެ. ނަމަވެސް މިއަދު އުއްމަތުން ހަނދާންނެތި މާޒީއަށް ވެފައިވާ ޙަޤީޤާތެއް ފާހަގަކޮށްލާނަމެވެ. އެއީ ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވުނުމަސް ކަމަށްވިޔަސް މިއުއްމަތުގެ އެންމެ ހެޔޮ އެއްޖީލުކަމަށްވާ ތާބިޢީންގެ ބޭކަލުން "ޤާރީވެރިންގެ މަސް" ނުވަތަ ޤުރުއާން ކިޔަވާ މީހުންގެ މަހުގެ ގޮތުގައި ޞިފަކުރައްވާފައިވަނީ ރަމަޟާން މަހެއް ނޫންނެވެ. އެއީ ޙުރުމަތްތެރިކުރައްވާފައިވާ ހަތަރުމަހުންކުރެއް މަހެއްވެސް ނޫންނެވެ. އެއީ ރަބީޢުލް އައްވަލު މަހެއްވެސް ނޫންނެވެ. ދެން އެހެންވީ އިރު ކޮންމަހެއްތޯއެވެ؟

އެއީ ޙުރުމަތްތެރިކުރައްވާފައިވާ ރަޖަބުމަހާއި ބަރަކާތްތާއި ފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މޫސުމީ ރަމަޟާންމަހާއި ދެމެދު ގައި އޮންނަ މައްސަރެވެ. އެއީ މީސްތަކުން ރޯދައަށް ތައްޔާރުވުމަށް ސޭލުތަކުން ތަކެތި ގަނެ ގޯތިގެދޮރާއި ބަދިގެ ރީތިކޮށް ސާފުކުރުމަށް ޣާފިލުވެގެން ތިބޭ މައްސަރެވެ. އެއީ "މާހެފުމުގެ" ނަމުގައި ދެ ޖިންސު މަސްހުނިވެގެން ހީސަމާސާކުރާ ހަފްލާތައް ބާއްވާ މައްސަރެވެ. އެއީ "ރަމާޟާން ކަޕަށް" ޓީމް ޕުރެކްޓިސްފަށާ މައްސަރެވެ. އެއީ ޑްރާމާ މުބާރާތައި ލޯބީގެ ދަރުބާރަށް މީހުން ހޯދުމަށް އިޢުލާނު ޖަހާ މައްސަރެވެ. އާދެ! އެއީ މިހާރު އަޅުގަނޑުމެން އެ މަހުގެ ދުވަސްތައް ހޭދަކުރަމުން މިއަންނަ ހިޖްރީ ކަލަންޑަރުން އަށްވަނަ މަސްކަމަށްވާ ޝަޢުބާނު މަހެވެ.

މިއަދު އަޅުގަނޑުމެންގެ ނަފްސުތައް މަތިން ޣާފިލުވެގެން ތިބެ އެކިޒާތްޒާތަށް ރަމަޟާން މަހަށް "މާއްދީ" ގޮތުން މަރުހަބާކިޔުމަށް އަވަދިނެތި އުޅެމުންދާ އިރު އިސްލާމީ އެންމެ ފަޚްރުވެރި ރަންޒަމާނުގެ ޞަފްޙާތަކުގައި ލިޔެވިފައިވަނީ އެހެން ވާހަކަތަކެވެ. އޭރުގެ ޖީލު ރަމަޟާންމަހާއި ބައްދަލުކުރަނީ ކާބޯތަކެއްޗާއި ފަރުނީޗަރުން ނެތް ނޫނެވެ. ނަމަވެސް "ނަފްސު އިޞްލާޙު" ކުރުމުންނެވެ.ހެޔޮކަންތައްކުރުމުގައި ކުރިއަރައިގެން ގޮހެވެ. މިއަދު ޝަޢުބާން މަހު ބޮޑެތި ވިޔަފާރިތަކުގައި "ސޭލް" އަޅުވާއިރު އިއްޔެ އެބޭކަލުން ޝަޢުބާން މަސް ފެށުމާއި އެކު ވިޔަފާރި ބަންދުކޮށްފައި ތިބެނީ ޤުރުއާން ކިޔެވުމުގައެވެ. އީމާމް އިބްނު ރަޖަބް އަލްޙަންބަލީ –رحمه الله- އެކަލޭގެފާނުގެ " لطائف المعارف" ކިޔުނު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. " ތާބިޢީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަމްރު ބުން ޤައިޝް- –رحمه الله- ޝަޢުބާން މަސް ފެށިއްޖެއްޔާ އެކަލޭގެފާނުގެ ވިޔަފާރި ބަންދުކުރައްވާ ޤުރުއާން ކިޔެވުމަށް ހުސްވެވަޑައިގަންނަވައެވެ." އަދި ތަބިޢީންގެ އެހެން ބޭކަލެއްކަމަށްވާ ސަލަމަތު ބުން ކުހައިލު -–رحمه الله- ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. " ޝަޢުބާންމަހަށް "ޤާރީވެރިންގެ މައްސަރުގެ" ގޮތުގައި ކިޔައި އުޅެތެވެ. "

ލޮބުވެތި މުސްލިމުންނެވެ! ތިބާ ޙަޔާތުގައި ހޭދަކުރާ ކޮންމެ ދުވަހަކު ތިބާއަށް 1440 މިނެޓު ލިބެއެވެ. އެ ގިނަ މިނެޓްތަކުން ތިބާ ކީރިތި ޤުރުއާންނަށް ހުސްކޮށްލީ ކިތައް މިނެޓުތޯއެވެ. ދުވާލަކު އެންމެ 20 މިނެޓު ދިނަސް ޤުރުއާނުން އެއްފޮތް ކިޔާލެވިދާނެއެވެ. ނުވަތަ ފަރުޟުކޮންމެ ނަމާދެއްގެ ކުރިން ނޫނީ ފަހުން ޚަތިމުން 4 ޞަފްޙާ ކިޔާލިޔަސް ދުވާލަކު އެއްފޮތް ކިޔާލެވޭނެއެވެ. ﷲގެ ރަޙްމަތުން 1439 ވަނަ އަހަރުގެ " ޤާރީވެރިންގެ މަހާއި" ތިބާ ތިޔަވަނީ ބައްދަލުކޮށްފައެވެ. ޤުރުއާން އެއީ ކޮންމެ ދުވަހަކު ވަޒީފާ ދިޔުމާއި ކޮފީއަށް އެރުމާއި ވައިބާގައި މެސެޖްކުރުންފަދަ ކަންތައް ކުރާ ބީދައިން ކުރާ "ދުވަހުގެ ޝެޑިއުލުން" ޖާގަ ދެވިފައިވާ ކަމަކަށް ބަދަލުކޮށްލަށް މިއަށްވުރެ ރަނގަޅު އެހެން ފުރުޞަތެއް ތިބާގެ ޙަޔާތުގައި ލިބޭނެތޯއެވެ؟

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *