އަނެއްކާވެސް ޢުމްރާގެ މޫސުމެއް އަހަރެމެންނާ ކުރިމަތިވީއެވެ. ރަންމުތްތަކެއްފަދަ ފެހިކަމާއި އުޖާލާކަމުން ފަރުމާކުރެވިފައިވާ މިލޯބި ލޯބި ދީބު ދޫކޮށް ހަނަފަސް ސަހަރާއެއްގައިވާ ރަށަކަށް ޢުމްރާކުރުމަށް ދާއިރު، މިދަތުރަކީ ކާމިޔާބު ދަތުރަކަށް ހެދުމަށް ކޮންމެމީހަކުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. އެގޮތުން ޢުމްރާގެ ދަތުރު ކާމިޔާބުކުރުމަށްޓަކައި ކުރެވިދާނެ ކަންތަކަށް މިލިޔުމުގައި އަލިއަޅުވާލާނަމެވެ.
ނިޔަތް ޚާލިޞް ކުރުން
ހަނދާން ބަހައްޓާށެވެ. އެތައް މަހެއްގެ މުސާރަ ރައްކާކޮށްގެން، އެތައްކަމެއް ޤުރުބާންކޮށްގެން އެއްކުރި ފައިސާގަނޑުން ތިބާ ތިޔަ ނިންމީ ޢުމްރާއެއްކުރާށެވެ. ޢުމްރާގެ އަޅުކަމަކީ ކިހާ މާތް މަތިވެރި އަޅުކަމެއްކަން ހަނދާން ނައްތާ ނުލާށެވެ. މިދަތުރުގެ މަޤްޞަދަކީ ޓޫރިސްޓެއްފަދައިން މައްކާ، މަދީނާ އަދި އެހެން ވެސް ރަށްތަކުގެ އާސާރީ ތަންތަން ބަލާލުން ކަމުގައިވާނަމަ، ނުވަތަ ވިޔަފާރި ވެރިވެރިއެއް ފަދައިން ރަނާއި ރިއްސާއި އެނޫންވެސް ތަކެތި އެކިއެކި ބާޒާރުތަކުން ގަތުން ކަމަށް ހަދައިފިނަމަ، ދަންނާށެވެ. ތިބާގެ ނިޔަތް ވަނީ ފާސިދު ވެފައެވެ. ތަންތަނަށް ޒިޔާރާތް ނުކުރާށެކޭނޫނެވެ. ވިޔަފާރި ނުކުރާށެކޭ ނޫނެވެ. އެހެނަސް ހަނދާން ބަހައްޓާށެވެ. މިފަދަ ދަތުރެއް ޢުމުރުގައި ދެން ލިބޭނެކަމެއް ނޭގެއެވެ. ވީމާ މިދަތުރުގައި އުޚްރަވީގޮތުން ވީހާވެސް ބޮޑު ފައިދާއެއް ލިބިގަނެވޭތޯ ބަލާށެވެ. މަސްޖިދުލް ޙަރާމް އަދި މަސްޖިދުލް ނަބަވީގައި ގިނަވަޤުތު ހޭދަކުރެވޭތޯ ބަލާށެވެ. މަސްޖިދުލް ޙަރާމް ކުރާ އެއްނަމާދު، އެހެން މިސްކިތެއްގައި ކުރާ އެއްލައްކަ ނަމާދާ އެއްވަރުވެގެންވާ ކަމަށާއި މަސްޖިދުލް ނަބަވީގައި ކުރާ އެއްނަމާދު އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދާ އެއްވަރުވެގެންވާކަމަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ ޙަދީޘްކުރައްވާފައެވެ.
ހޯމްވޯކް ހެދުން
މިތާގަ ހޯމްވޯކޭ މިދަންނަވާލީ އަސްލުވެސް ފުރުމުގެ ކުރިން ގޭގަ ކުރަންޖެހޭ މަސައްކަތަށެވެ. މައްކާއާއި މަދީނާއާ ބެހޭ މަޢުލޫމާތު އެއްކުރާށެވެ. ޢުމްރާގެ އަޅުކަން ކުރާނެ ގޮތް އުނގެނެން މަސައްކަތްކުރާށެވެ. ޢުމްރާގެ އަޅުކަމާ ގުޅޭ ފިޤުހީ މައްސަލަތައް ދެނެގަނެ އޭގެ ޖަވާބުތައް ދީނީ ފޮތްތަކުންނާއި ޢިލްމުވެރިންގެ އަރިހުން ލިބިގަންނާށެވެ. ޢުމްރާގެ އަޅުކަމުގެ ބޮޑުބައެއް އެކުލެވިގެން ވަނީ ދުޢާކުރުމުގައެވެ. ވީމާ ޤުރްއާނާއި ސުންނަތުން ވާރިދުވެފައިވާ ދުޢާތައް އޭގެ މާނަޔާއެކު ދަސްކުރުމަށް މަސައްކަތްކުރާށެވެ. ޢުމްރާގެ އަޅުކަން ނިމުމަށްފަހުވެސް ގިނަވަޤުތު އަޅުކަމުގައި ހޭދަކުރުމަށް ތިމާގެ ނަފްސު ހާނުވާށެވެ. ނަމާދުގައި ކިޔާތަކެތި މިކިޔެނީ ރަނގަޅަށްތޯ ބަލައި ޗެކް ކުރާށެވެ. އެތަކެތީގެ މާނަތައް ދަސްކުރާށެވެ. އޭރުން ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ފަސޭހަވާނެއެވެ.
އަޚްލާޤު
އެތައް ބަޔަކާއެކު ޢުމްރާ ކުރާއިރު ނުވަތަ ދަތުރުކޮށް ހަދާއިރު، އިސްލާމީ ރިވެތި އަޚްލާޤުތަކުގައި ހިފަހައްޓާށެވެ. ހިތްހަމަ ނުޖެހޭ ކަންކަން ވަރަށް ގިނައިން ދިމާވާނެއެވެ. ޚާއްސަކޮށް ބައެއް ޤައުމުތަކުގެ މީހުންގެ ކިބައިންނެވެ. މަކަރުހަދައި ވައްކަން ކޮށް ފޭރެން އުޅޭމީހުން ވެސް އުޅޭނެއެވެ. އެފަދަ މީހުންނަށް ވިސްނައިގެން އުޅޭށެވެ. ފައިސާތަކާއި އެހެނިހެންވެސް އަގުބޮޑު ތަކެއްޗަށް ސަމާލުވާށެވެ. އެތައް ބަޔަކު މައްކާއަށް އައިސް އުޅޭއިރު، ބިދުޢަވެރި ޚުރާފީ ކަންތައްތައް ވަރަށް ފެންނާނެއެވެ. އެފަދަ ކަންކަން ކޮޕީ ނުކުރާށެވެ. ޤުރޫޕުގައިވާ ދީނީ ޢިލްމުވެރިންގެ ކިބައިން ކަންކަން ސާފުކުރާށެވެ. ވީހާވެސް ބަސްމަދުކޮށް ތަވާޟުޢުވެރިވާން މަސައްކަތް ކުރާށެވެ. ސިޔާސީ ވާހަކަތަކާއި ޒުވާބުތަކުން އެއްކިބާ ވާށެވެ. އެފަދަ މަޖްލިސް ތަކުގައި ބައިވެރި ނުވާށެވެ. ނެތިމޮށުމާއި ދެބައޮޑުވުމުން މިމާތް އަޅުކަން ކިލަނބުނުކުރާށެވެ.
ޢާއިލާ އާއި ގާތްތިމާގެ މީހުން
ޤައުމުގަ ތިބި އާއިލާގެ މެމްބަރުންނާއި ގާތްތިމާގެ މީހުންގެމަތިން ހަނދާން ނައްތާނުލާށެވެ. ކުރާދުޢާތަކުގައި އެބައިމީހުން ބައިވެރިކުރާށެވެ. ދޭތެރެއަކުން ހުސްވަޤުތުކޮޅެއް ހޯދާލައި އެމީހުންނަށް ގުޅާލާށެވެ. އެމީހުންނަށް ދިނުމަށް ހަދިޔާއެއް ގަނެލުމަކީ ރީތި ސިފައެކެވެ. ނަމަވެސް ހަދިޔާގަނެ، ވިޔަފާރި ކުރުމުގައި ހައްދެއް ގެންގުޅެންވާނެއެވެ. އިސްރާފު ނުކުރާށެވެ.
ތަޢުބާވެ އިސްލާޙުވުން
ވަޒީފާ އާއި ތަޢުލީމުގެ ބިޒީ މާޙައުލު ދޫކޮށް ޢުމްރާއަށް ގޮސް އުޅޭއިރު ވަޤުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ބޭނުންކުރާށެވެ. ﷲގެ ޙަޟްރަތަށް ފާފަ ފުއްސެވުން އެދި ދުޢާކުރުން ގިނަކުރާށެވެ. ތިމާއަށް ކުރެވިފައިވާ ކުށްތަކަށް އެއިލާހުގެ ޙަޟްރަތުގައި އިޢުތިރާފުވެ، ފުރިހަމަ ތަޢުބާއަކުން ތަޢުބާ ވާށެވެ. ހެޔޮ ދިރިއުޅުމެއް ފަށަން އަޒުމް ކަނޑައަޅާށެވެ. ތިބާއަކީ މިޔުޒިކު އަޑުއަހައި، ދުންފަތުގެ އިސްތިޢުމާލު ކޮށް އުޅުނު މީހެއެނަމަ، އެފަދަ ކަންކަމުން ދުރުވުމަށް އަޒުމް ކަނޑައަޅާށެވެ. ﷲއީ ފާފަ ފުއްސަވާ ރަޙްމާން ވަންތަ ރަޙީމް ވަންތަ އިލާހެވެ.
ވެސްލިން
ފަހުކަމަކަށް މިބަލާލަނީ ތަފާތު އެހެނަސް މުހިންމު ކަމަކަށެވެ. ހޫނު ދުވަސްވަރެއްގައި ޢުމްރާ ކުރާނަމަ، ވެސްލިން ނުވަތަ މިފަދަ އެއްޗެއް ގެންގުޅުން ވަރަށް މުހިންމެވެ. ޚާއްސަކޮށް ފިރިހެނުންނަށެވެ. އެއީ އިޙްރާމްހެދުމުގައި ފިރިހެނުން އެތެރެން އެއްޗެއްނުލައި ތިބޭއިރު، ފައިގެ ދެމަސްގަނޑު ޖެހޭ ހިސާބު ފާރުވުން އެއީ ވަރަށް ޢާންމުކޮށް ވާކަމެކެވެ. ފާރުވެއްޖެނަމަ، ތަވާފްކުރުމާއި ސަޢުޔުކުރުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި އެހެންނޫނަސް ހިނގާބިނގާވެ އުޅެން ދަތިވާނެއެވެ. ވެސްލިން އިން އެކަމަށް ފަސޭހައެއް ގެނެސްދޭނެއެވެ. އަދި އޭގެ އިތުރުން ހޫނު ނުވަތަ ފިނީގެސަބަބުން ތުންފަތް ހިކި ފާރުވާނަމަވެސް ވެސްލިން އުނގުޅާލުމުން އެކަމަށް ފަސޭހައެއް ލިބިދާނެއެވެ.

















ޚިޔާލު