ސ. މަރަދޫ ރަބީޢުލްޤުލޫބް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން އެ ރަށުގައި ހިންގި "އިސްލާމް ކޯސް 2014" ނިންމުމުގެ ހަފްލާ އަންގާރަ ދުވަހުގެ ރޭ ބާއްވައިފިއެވެ.
މި ކޯހުން އެއްވަނަ ހޯދައިގެން، އަލްޚައިރު ލިލް ހައްޖު ވަލް ޢުމްރާގެ ފަރާތުން ހުށަހެޅި ދެ ޢުމްރާ ދަތުރު ލިބުނީ އެ ރަށު ބިނާ، ޙައްވާ ލުބާނާ އަށެވެ. ދެވަނަ ހޯދައިގެން، ތައިސީރް ލިލް ޙައްޖު ވަލް ޢުމްރާގެ ފަރާތުން ހުށަހެޅި އެއް ޢުމްރާ ދަތުރު ލިބުނީ އެ ރަށު ސްނޯޑްރޮޕް، ޢާއިޝަތު ދީދީ އަށެވެ. ތިން ވަނަ ހޯދައިގެން، މިސްކުލްޚައިރް އިން ހުށަހެޅި ޑިޖިޓަލް ޤުރްއާން ލިބުނީ އެ ރަށު ފިތުރޯނުގެ، މަރްޔަމް މަޖުދާ އަށެވެ. މި ފަރާތްތަކަށް އިނާމް ޙަވާލުކޮށްދެއްވީ ޝައިޚް މުޙައްމަދު ޠައްޔިބު އެވެ.
ފެބްރުއަރީ 02 ން ނޮވެންބަރު 28 ށް ހިންގި މި ކޯހުގައި ކިޔަވައިދީފައި ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ސާނަވީ ގްރޭޑްތަކުގެ އިސްލާމް މާއްދާގައި ހިމެނޭ ބައިތަކެވެ. ކިޔަވައިދެއްވީ ޝައިޚް މުޙައްމަދު ޝަމްޢޫން، ޝައިޚް މުޙައްމަދު އަނީލް، ޝައިޚް މުޙައްމަދު އަފީފް، ޝައިޚް އަޙްމަދު ނާޒިހް އަދި އުސްތާޛް ޢަލީ ޝައުޒޫން އެވެ.
ރަބީޢުލްޤުލޫބް ފައުންޑޭޝަނުން ވަނީ އަންނަ އަހަރު ވެސް މި ކޯސް ހިންގުމަށް ހަމަޖައްސައި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަންނަ އަހަރުގެ ކޯހުންވެސް އެއްވަނައަށްދާ ފަރާތަކަށް ދެ ޢުމްރާ ދަތުރު އަދި ދެވަނަ އަށްދާ ފަރާތަކަށް އެއް ޢުމްރާ ދަތުރު ދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ނިންމާފައެވެ.

















advertisment
ޚިޔާލު