ރާއްޖޭގެ ޚަބަރު

ޤުރުއާން މަޖުބޫރުކުރުމާ ބެހޭ ޤަރާރު ފާސްކޮށްފައިވަނީ ޑރ. އަފްރާޝީމް ހުށަހެޅުއްވި މަޤްޞަދާ ޚިލާފަށް : ޢަބްދުލްޢަޒީޒް

ޑރ. އަފްރާޝީމް ރައްޔިތުންގެ މަޖިލީހުގައި : ފޮޓޯ : މަޖިލީސް

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާ ތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖުބޫރު މާއްދާއެއް ކަމުގައި ޤައުމީ މަންހަޖުގައި ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ މީގެ ދެއަހަރު ކުރިން މަޖިލީހަށް ހުށަހެޅުއްވި ޤަރާރު، ޤައުމީ ތަރައްޤީގެ ކޮމިޓީން ފާސްކޮށްފައިވަނީ އަފްރާޝީމް ހުށަހެޅުއްވި މަޤްޞަދާ ޚިލާފަށް ކަމަށް މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޢަބްދުލް ޢަޒީޒް ވިދާޅުވީ އޭނާ މި ޤަރާރަށް ތާޢީދުކުރައްވާ ކަމަށާއި، ނަމަވެސް އަފްރާޝީމް ހުށަހެޅުއްވި މަޤްޞަދާ ޚިލާފަށް ކޮމިޓީން ޤަރާރު ފާސްކުރައްވާފައިވާތީ ހިތާމަކުރައްވާ ކަމަށެވެ. އަފްރާޝީމް ހުށަހަޅުއްވާފައިވަނީ ފަށާ ތަޢުލީމު މަރުހަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުހަލާގައި ޤުރުއާން މަޖުބޫރު މާއްދާއަކަށް ހެދުމަށް ކަމަށްވިޔަސް، ކޮމިޓީން ބަދަލުގެންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީން މި އޮތީ ހަމައެކަނި ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމުގަ. ދެން އެހެން މަރުޙަލާއެއްގައި ޤުރުއާން ކިޔަވައިދޭ ގޮތަކަށެއް ޤަރާރަކު ނެތް. އެއީ ވަރަށް ދެރަކަމެއް. އަސްލުގައި މި ހުށަހަޅުއްވާފައި މި އޮތީ؛ އެ ހުށަހެޅުއްވި މަޤްޞަދުވެސް އަޅުގަނޑަށް އެނގޭ. އެއީ އަޅުގަނޑާ މަޝްވަރާކުރެވިގެން، ވަރަށް ގާތުން މަސައްކަތްކުރެވުނީމަ. އެނގިވަޑައިގަންނަވާނެ ފަދައިން ކީރިތި ޤުރުއާނަކީ އަޅުގަނޑުމެން އެ ދޭއްޗެއްގައި ހިފަހައްޓައިފިނަމަ، އަޅުގަނޑުމެން މަގު ގެއްލިގެންނުދާނެ ކަމަށް ރަސޫލާ އަންގަވާފައިވާ ދޭތިން ކުރެ އެންމެ ފުރަތަމަ އަސާސް. ކީރިތި ޤުރުއާނާ އެކަލޭގެފާނުގެ ސުންނަތަކީ އެ ދޭތީގައި އަޅުގަނޑުމެން ހިފަހައްޓައިގެން ތިބިހާ ހިނދަކު އަޅުގަނޑުމެން މަގު ގެއްލިގެންނުދާނެކަން އަންގަވާފައިވާ ދެ އަސްލު. ދެ މަސްދަރު. އެހެން ކަމަށްވާއިރުގައި އަޅުގަނޑުމެން ޤުރުއާން ކިޔެވުން ހުއްޓާލަންޖެހޭ އެއްވެސް މަރުޙަލާއެއް ނޯންނާނެ" ޢަބްދުލް ޢަޒީޒް ވިދާޅުވި އެވެ.

ޢަބްދުލް ޢަޒީޒް ވިދާޅުވީ ގްރޭޑް ހަތަކާ ހަމައަށް ޤުރުއާން ކިޔަވާފައި، ދެން ޤުރުއާން ކިޔެވުމުގެ ބައި ދޫކޮށްލާފައި ޤުރުއާނުގެ ޢިލްމު އެކަނި ކިޔަވާ ގޮތަށް އޮތުން އެއީ އޭނާ ޤަބޫލުކުރައްވާ ގޮތެއް ނޫން ކަމަށެވެ. އަދި އެ ޤަރާރޫ ފާސްވެގެން އަންނަން ޖެހޭނީ ޑރ. އަފްރާޝީމް ހުށަހެޅުއްވި ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ޙާއްޞަކޮށް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ޤުރުއާން ކިޔެވުން ދޫކޮށްލަންޖެހޭ އެއްވެސް މަރުޙަލާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަށާ ތަޢުލީމުން ފެށިގެން ސާނަވީ ތަޢުލީމުން، މަތީ ސާނަވީ ތަޢުލީމުން، ފެށިގެން އަދި ޔުނިވަރސިޓީ ތަޢުލީމުގައި ވެސް ޤުރުއާން ކިޔަވަންޖެހޭނެ. ސަބަބަކީ އަޅުގަނޑުމެން ދިރިއުޅުމުގެ އެއްބައި ކަމުގައި ޤުރުއާން ހަދަންޖެހޭނެ. ޤުރުއާނުގެ ކޮންމެ އަކުރެއް ކިޔުމަކީ ވެސް އެތައް ސަވާބެއް ލިބޭ ކަމެއް ކަމަށް ވާތީވެ އަޅުގަނޑުމެން އެކަން ދޫކޮށްލެވޭކަށް ނޯންނާނެ. އަނެއްކޮޅުން ޤުރުއާނުގެ ޢިލްމަކީ ވެސް މުހިއްމު އެއްޗެއް. ޤުރުއާނުގެ ޢިލްމުގެ ބައި ސާނަވީ ތަޢުލީމުގައި ހިމަނުއްވާފައިވާތީ އަޅުގަނޑު އުފާކުރަން" ޢަބްދުލް ޢަޒީޒް ވިދާޅުވި އެވެ.

ޢަބްދުލް ޢަޒީޒް ވިދާޅުވީ،މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޤައުމީ މަންހަޖު އަލުން އިޞްލާޙުކުރާއިރު ޤުރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހުރިހާ މަރުޙަލާއެއްގައި ވެސް އޮންނަންޖެހޭނެ ކަމަށް، އެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ސަރުކާރަށް ވެސް ދަންނަވާ ކަމަށެވެ.

ޑރ. އަފްރާޝީމް ޙުށަހެޅުއްވި ޤަރާރަށް ކޮމިޓީން ބަދަލުގެނައުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި، ޤަރާރަށް ވެސް ހިނގާނީ ބިލުގެ އުސޫލު ކަމަށްވާތީ، އެ ހުށަހެޅި މަޤްޞަދާއި އޭގެ ރޫޙަށް ބަދަލު އަންނަ ގޮތަކަށް އިޞްލާޙެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ ޤަރާރާ ގުޅިގެން ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސްކުރެއްވި ގިނަ މެންބަރުން ޖުމްލަ ގޮތެއްގައި މި ޤަރާރަށް ތާޢީދުކޮށް ވާހަކަދެއްކެވި ނަމަވެސް ބައެއް މެންބަރުން ވަނީ މި ޤަރާރާ ދެކޮޅަށް ފާޑުވިދާޅުވެފަ އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ބައެއް މަޤްޞަދުތައް ހާސިލްކުރުމަށްޓަކައި ބައެއް ބޭފުޅުން ކީރިތި ޤުރުއާނޭ ކިޔައިގެން މަޖިލީހުގައި ޕޮލިޓިކްސް ކުޅުއްވަން އުޅުއްވާތީ އޭނާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ޚާއްޞަކޮށް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުއްޠަލިބު ފަދަ ބޭފުޅުން ވާހަކަފުޅުދައްކަވަނީ ވާނުވާ އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަށްޓަކައި އަޅުގަނޑުމެން ދިވެހިރާއްޖޭގައި ޕީއެޗްޑީ ހަދާ ކުއްޖާ ވެސް ޤުރުއާން ހިތުދަސްކުރަންޖެހޭ ގޮތަށް ހެދުން އެއީ އެންމެ ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. މި ބޭފުޅުން މި ވާހަކަފުޅު މި ދައްކަވަނީ ހަމައެކަނި ސިޔާސީ ޕޮއިންޓެއް ހާސިލްކރެއްވުމަށްޓަކައި. ތަރައްޤީގެ ވިސްނުމަކުން މިބޭފުޅުން ވިސްނަވާނަމަ، އަޅުގަނޑުމެން އެއްވެސް ހާލެއްގައި ނުދަންނަވަން ކީރިތި ޤުރުއާން ކިޔަވައިނުދޭށޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަދި ވިދާޅުވީ، މަތީ ސާނަވީ ގްރޭޑްތަކުގައި ދިވެއްސާއި އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތުމަކީ ވެސް އޭނާ ތާޢީދުކުރާ ކަމެއް ނޫން ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ޤައުމީ މަންހަޖަށް މި ގެންނަ އިޞްލާޙަކީ ހެޔޮ ނިޔަތެއްގައި ނުވަތަ އިޞްލާޙުކުރަން ހުށަހަޅާފައިވާ ޤަރާރެއް ކަމަށް އޭނާ ޤަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ޑރ. އަފްރާޝީމް ހުށަހެޅުއްވި މަޤްޞަދު ވަރަށް މާތް ކަމަށާއި، އޭރު ހުށަހަޅުއްވާފައި އޮތީ ރަނގަޅަށް ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ވިދާޅުވީ ޤުރުއާނުގައި ހިފައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ސަލާމަތެއް ނުލިބޭނެ ކަމަށެވެ.

"...ހުށަހެޅުމެއް ހުށަހެޅެންޏާ އަޅުގަނޑު އެދެން، ސާނަވީ ޢިލްމުގެ ބައިގައި އިތުރުވާން ޤުރުއާންގެ ޢިލްމުގެ ބައި. ޤުރުއާން ކިޔެވުން ދޫކޮށްލައިގެންނުވާނެ. އެއީ ފަށާ ކުޑަކުއްޖެއްގެ ހިސާބުން ކީރިތި ޤުރުއާން މަޖުބޫރު މާއްދާއަކަށް އޮވެފައި، ސާނަވީއާ ހިސާބުން މި އޮންނަނީ ކީރިތި ޤުރުއާނުގެ ޢިލްމޭ ބުނެފަ. އެ ހިސާބުން ކީރިތި ޤުރުއާން ކިޔެވުމުގެ ވާހަކަ އެބަ އިސްތިސްނާކުރެވޭ. ނުވަތަ ޗޮއިސްއަކަށް ހެދޭ. އެ ޗޮއިސް އަކަށް ނަހަދައި، ހިމެނިގެން ދިއުމަކީ އަޅުގަނޑު އެދޭ ގޮތް. އަދި ހަމައެއާ އެއްކޮށް ކިޔަވާ ކުދިންނަށް ކީރިތި ޤުރުއާނާއި އޭގެ ތަރުޖަމާ ކިޔަވައިދިނުމަކީ ވަރަށް މުހިއްމު ކަމެއް. އެއީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ މާނަ އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކަށް އެ ކުޑައިރުއްސުރެ ބިންވަޅުނެގުމަކީ ރަނގަޅު ޖީލެއް ބިނާކުރުމުގައި ވަރަށް މުހިއްމު ކަމެއް" ޢަލީ ވަޙީދު ވިދާޅުވި އެވެ.

ޖުލައި 21، 2011 ގައި މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކޮށް އިޞްލާޙްކުރުމަށްޓަކައި ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވިއިރު، މި ޤަރާރާއި ދެކޮޅަށް 7 މެމްބަރަކު ވަނީ ވޯޓް ދީފަ އެވެ. އެ މެމްބަރުންނަކީ ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި، މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަޙްމަދު ދީދީ އާއި، ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް އާއި، ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބް އާއި، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މުޙައްމަދު ރަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރު އެވެ. މިހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީ އަށް ނިޞްބަތްވާ މެމްބަރުންނެވެ.

ޚަބަރާ ގުޅޭ :

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ ޔަޢުމިއްޔާ

ކީރިތި ޤުރުއާން ކިޔަވައިދިނުން މަޖުބޫރު މާއްދާއަކަށް ހެދުމަށް ހުށަހެޅި ޤަރާރަށް 7 މެމްބަރަކު ދެކޮޅު ހަދައިފި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *