شيخ الإسلام ابن تيمية رحمه الله ވިދާޅުވިއެވެ. ބޯ ބެލުމުގެ ޙުކުމް ހަތަރު ބަޔަކަށް ބެހެއެވެ.
ފުރަތަމަ ގޮތަކީ:
ޙައްޖު ނުވަތަ ޢުމްރާގައި ބޯ ބެލުމެވެ. މިއީ ކީރިތި ޤުރްއާނާއި ސުންނަތާއި އުންމަތުގެ އިޖުމާޢުން ޘާބިތުވެފައިވާ މަޝްރޫޢު ކަމެކެވެ.
ދެވަނަ ގޮތަކީ:
ފަރުވާއަކަށްފަދަ ޙާޖަތަކަށްޓަކައި ބޯބޭލުމެވެ. މިއީވެސް ކީރިތި ޤުރްއާނާއި ސުންނަތާއި އިޖުމާޢުން ޘާބިތުވާ ހުއްދަކަމެކެވެ.
ތިންވަނަ ގޮތަކީ:
އަޅުކަމެއްގެގޮތުން ނުވަތަ މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ނުވަތަ ދީންވެރިކަމުގެ ގޮތުން ނުވަތަ ޒާހިދުކަމުގެ ޞިފައެއްގެ ގޮތުން ޙައްޖު ނުވަތަ ޢުމްރާ ގައި ފިޔަވައި ބޯބޭލުމެވެ. މިއީ ބިދުޢައެކެވެ. މިގޮތުގައި ބޯބޭލުމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އިބްނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. މިފަދަ ކަންކަމަކީ އަހަރުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަންކަމެވެ. އެހެނީ ބައެއް ފަހަރު ބައެއް ކަންކަން އޭގެ ޛާތުގައި އިސްލާމީ ޝަރީޢަތުގައި ހުއްދަކަމަކަށް ނުވަތަ މަކްރޫހަކަމަކަށް ނުވަތަ އެކަމަކަމަކީ މަކްރޫހަކަމެއްތޯ ނުވަތަ ހުއްދަކަމެއްތޯ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ ކަމަކަށްވެސް ވެދާނެއެވެ. އަދި ބައެއްކަންކަމަކީ ޙަރާމްކަމަކަށް ނުވަތަ ޙަރާމްކަމެއްކަމާއިމެދު ޢިލްމުވެރިންގެމެދުގައި ޚިޔާލުތަފާތުވެފައިވާ ކަމަކަށްވެސްވެދާނެއެވެ. ކަންމިހެންހުއްޓައި މީސްތަކުންގެތެރެއިން ޖަމާއަތެއްގެބަޔަކު މިފަދަކަންކަމުގެތެރެއިންކަމެއް އެއީ ރިވެތި މުސްތަޙައްބުކަމެއްކަމުގައި ހަދައެވެ. އަދި އެއީ ދީނީކަމެއްކަމުގައި ހަދައެވެ. އަދި އެއީ މާތް ﷲ އަށް ކުއްތަންވުމުގެ މަގެއްކަމުގައި ބަލައިގަނެއެވެ. އަދި އެކަން ނުކުރާމީހަކަށްވުރެ ކުރާމީހާ އެއީ މާހެޔޮމީހެއްކަމުގައި ދެކެއެވެ.
އެކަން އެއީ އެބަޔަކު މާތް ﷲ އަށް ކުއްތަން ވުމަށް ލާޒިމްކުރާ މަގެއްކަމުގައި ހަދަތެވެ. އަދި ބައެއްމީހުން މިފަދަކަންކަމަކީ ޞާލިޙުންގެ ޝިޢާރެއްކަމުގައި ހަދަތެވެ. މިހެން މިފަދަކަންކަންކުރާނަމަ އެއީ ކުށެކެވެ. އަދި މަގުފުރެދުމެކެވެ. އަދި އެއީ މާތް ﷲ އެކަލާންގެ ދީނުގައި ޙަރާމްކުރައްވާފައިވާ ބިދުޢައެކެވެ. މިގޮތުން ބައެއްމީހުންޢުޛުރަކާއިނުލައި ޙައްޖާއި ޢުމްރާފިޔަވައި ބޯބާލައިއުޅެތެވެ. އަދިވެސް އިތުރަށް ވިދާޅުވިއެވެ. ޢުޛުރަކާއިނުލައި ޙައްޖާއި ޢުމްރާ ފިޔަވައި އެހެންޙާލަތުގައި (އަޅުކަމުގެ ނިޔަތެއްނެތި) ބޯ ބެލުމުގެ ޙުކުމުގައި އިލްމުވެރިން ވަނީ ޚިލާފުވެފައެވެ. ބައެއްބޭކަލުން ވިދަޅުވަނީ އެއީ މަކުރޫހަކަމެއްކަމެވެ. އަނެއްބައި ޢިލްމުވެރިންވިދާޅުވަނީ އެއީ ހުއްދަކަމެއްކަމެވެ. މި ދެ ރިވާޔަތަކީވެސް އަލްއިމާމު އަޙްމަދު ރަޙިމަހުﷲ ގެ ކިބައިން ރިވާވެގެންވާ ދެ ރިވާޔަތެވެ.
ޢުޛުރަކާއި ނުލައި ޙައްޖާއި ޢުމްރާ ފިޔަވާ ބޯބޭލުން އެއީ ދީނުގައި އަންގަވާފައިވާ ކަމެއްނޫންކަމާއި އެއީ މުސްތަޙައްބުވެގެންވާ ކަމެއްނޫންކަމާއި އެއީ މާތް ﷲ ގެ މަގުގައި ކުރެވޭ ކަމެއްނޫންކަމާއި އަދި މުސްލިމުންނަށް އަމުރުވެގެންވާ ޒުހުދުގެ ތެރެއިންވާ ކަމެއް ނޫންކަމާއި ފަޤީރުކަމުގެ ޞިފައެއްގެގޮތުގައި މާތް ﷲ ތަޢުރީފުކުރައްވާފައިވާ ކަމެއްނޫންކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތެވެ.
ކަންމިހެންހުރުމާއެކުވެސް އަޅުވެރި ފަޤީރުންނާ ޞޫފީން އެއީ އެމީހުންގެ ގޮތްކަމުގައި ނުވަތަ އަޅުވެރިކަމާއި ހެޔޮ ރަނގަޅުމީހެއްކަމާއި އެމީހެއްގެ ތައުބާގެ ޢަލާމާތެއްކަމުގައްޔާއި މާތްﷲ ގެ ޙަޟުރަތަށް ކުއްތަންވުމުގެ މަގެއްކަމުގައްޔާއި ފަޤީރުކަމާއި ޞޫފިއްޔަތުގެ ޢަލާމާތެއްކަމުގައި ބޯބެލުން ވަނީ ހަދާފައެވެ. އެފަދަމީހުން ދެކޭގޮތުގައި ބޯނުބާލާމީހަކީ އަޅުވެރިކަމުގައި އުނިމީހެކެވެ. އަދި އެމީހަކީ އެބައިމީހުންގެ އެމާތް މަގުން އެއްކިބާވެގެންވާމީހެކެވެ. އެކަން ކޮށްފިމީހާ އެބަހީ އެމީހުން އެޤަބޫލުކުރާ އުޞޫލުން ބޯ ބާލައިފިމީހާ އެއީ އެމީހުންގެމަގާއި އެމީހުންގެ ގޮތް އިޚްތިޔާރުކޮށްފިމީހެކެވެ.
މިއީ އެންމެހައި މުސްލިމުން އިއްތިފާޤުވާގޮތުގައި މާތް ﷲ ގެމަގުން އެއްކިބާވެގެންވާ މަގުފުރެދުމެވެ. މިކަމަކީ ދީންވެރިކަމުގެ ޢަލާމާތެއް ނުވަތަ ދީންވެރިކަމުގެ ޝިޢާރެއްކަމުގައި ބަލައިގަތުން އެއީ އިސްލާމްދީނުގެކަންކަން އޮޅުވާ ދީނުގެކަންކަން ބަދަލުކުރުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ކިއެއްތަ އެއީ ދީނުން ބޭރުވެގެންދާ މީހުންގެ ( ޚާވާރިޖުންގެ ) ޢަލާމާތަކަށްވުން މާގާތެވެ. އެހެނީ ބޯބާލާމީހާ އަޅުކަމެއްގެ ނިޔަތެއްނެތި ހަމައެކަނި އޭނާގެ ޢާދައެއްގެ ގޮތުން ބޯބާލައިގެން އުޅުން މަކުރޫހަކަމަށް ބެލެވޭ ޙާލަތުގައިވެސް އެއީ އެމީހަކީ ޚަވާރިޖުންގެ ޢަލާމާތް ހުރިމީހެއްކަމުގައި ބެލެވެއެވެ. ފަހެ ޚަވާރިޖުންނަކީ އެބައިމީހުންގެ ނުބައިކަމާއި ބެހޭގޮތުން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އެތައް ޙަދީޘްފުޅުތަކެއް ބަޔާންކުރައްވަފައިވާބައެކެވެ. އަދި ބޯ ބޭލުމަކީ އެބައިމީހުންގެ ޢަލާމާތެއް ނުވަތަ ޝިޢާރެއްކަމުގައި ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ފަރާތުން އެތައްގޮތަކުން އައިސްފައިވެއެވެ.
ވީމާ މިގޮތުން ބޯބޭލުމަކީ ޚަވާރިޖުންގެ ޝިޢާރެއް ނުވަތަ ޢަލާމާތެއްކަމުގައި ވީހިނދު މުސްނަދުގައި ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ "من تشبه بقوم فهو منهم" މީހަކު ބަޔަކާއި އެއްވައްތަރު ވެއްޖެނަމަ އެމީހަކު ވާހުށީ އެބައެއްގެ ތެރެއިން ވާމީހެއްކަމުގައެވެ." މިހެން ހަދީޘްކުރައްވާފައިވާއިރު އެއީ ދީންވެރިކަމުގެ ޝިޢާރަކަށްވުރެ ބޮޑަށް އެކަން ގާތްވެގެންވަނީ ދީންވެރި ނޫންބައެއްގެ ޝިޢާރަކާއެވެ.
މިގޮތުން عمر بن الخطاب رضي الله عنه ގެ ޒަމާނުގައި ކީރިތި ޤުރްއާނުގެ މުތަޝާބިހް އާޔަތްތަކާއިބެހޭގޮތުން ސުވާލުކޮށް މީސްތަކުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް ވާހަދައްކައި އުޅުނު މީހެއްކަމުގައިވާ صبيغ بن عسل التميمي، عمر بن الخطاب رضي الله عنه ގެ އަރިހަށް ގެންނެވިއެވެ. އަދި އޭނާގެ ގައިގާ ޖައްސަވާ އަދަބު ދެއްވެވިއެވެ. މިގޮތުން ޖައްސަވަނިކޮށް އޭނާގެ ބޮލުގައި އަޅާފައި އެއްޗެއް ވެއްޓި ބޯ ކަޝްފުވިއިރު އޭނާގެ ބޯހުރީ ދެފަރާތަށް ބައިކޮށްފައެވެ. ދެން ވިދާޅުވިއެވެ. ކަލޭގެ ބޯބާލާފައި ހުރިނަމަ ކަލޭގެ ބޯ ދުއްވާލީމުހެވެ. އެހެނީ ބޯ ބާލާފައި ހުރިނަމަ އެކަމުން ޢުމަރުގެފާނު އެދަލީލު ކުރައްވަނީ އެއީ އަޞްޙާބު ބޭކަލުން ކާފަރުކޮށް އެޅޭ ޚަވާރިޖުންގެ ތެރެއިންވާ މީހެއްކަމެވެ.
)الاستقامة , أحمد بن عبد الحليم بن تيمية الحراني أبو العباس 257/1)
ހަތަރުވަނަގޮތަކީ :
ޙައްޖު ނުވަތަ ޢުމާރާ ފިޔަވައި ހާޖަތެއްނެތި އަދި ދީންވެރިކަމުގެގޮތުންނޫން އެހެންގޮތަކަށް ބޯބޭލުމެވެ.
މިޙާލަތުގެ ޙުކުމުގައި ޢިލްމުވެރިންގެ ދެރައުޔެއްވެއެވެ. މިދެރައުޔުވެސް ކުރިންއިޝާރާތް ކުރެވުނުފަދައިން އަލް އިމާމު ޢަޙްމަދު ރަޙިމަހުﷲ ގެ ކިބައިން ރިވާވެގެންވެއެވެ.
ފުރަތަމަބަހަކީ އެއީ މަކްރޫހަކަމެއްކަމުގައި ބުނާބަހެވެ. މިއީ އަލް އިމާމު މާލިކް ރަޙިމަހުﷲ އަދި އެހެންވެސް ބައެއްޢިލްމުވެރިންގެ މަޛްހަބެވެ.
ދެވަނަބަހަކީ: އެއީ މިގޮތުންކުރެވޭނަމަ ހުއްދަކަމެއްކަމުގައި ވިދާޅުވިބަހެވެ. މިއީ އަލް އިމާމު އަބޫ ޙަނީފާއާއި އަލްއިމާމުއްޝާފިޢީ ރަޙިމަހުމަﷲ ގެ ރައުޔެވެ. އެހެނީ މާތްނަބިއްޔާ صلى الله عليه وسلم ބޮލުގެ އެއްބައި ބާލާފައިވާ ކުއްޖަކު ފެނިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. " އެއްކޮށް ބާލާށެވެ! ނޫނީ އެއްވެސްތަނެއް ނުބާލާ ބަހައްޓާށެވެ! "
އަނެއްބައިބޭފުޅުންގެ ދަލީލަކީ ބޯ ބޭލުމަކީ ބިދުޢަވެރިންގެ ޝިޢާރެއްކަމުގައިވުމެވެ. އެހެނީ ޚަވާރިޖުން އެމީހުންގެ ޢަލާމާތެއްކަމުގައި ބޯބޭލުން ހަދާފައިވާކަން ޙަދީޘްފުޅުތަކުން ޘާބިތުވެއެވެ.
(مجموع الفتاوى، أحمد بن عبد الحليم ابن تيمية الحراني .116-119/21)
المحقق : أنور الباز - عامر الجزار
الناشر : دار الوفاء
الطبعة : الثالثة ، 1426 هـ / 2005 م

















ޚިޔާލު