ޓެކްސް ނެގުން ހުއްދަވާނީ ވަކި ޝަރުޠުތަކެއްގެ މަތިން ކަމުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީން ފަޠުވާ ނެރެފި އެވެ.
އިސްލާމީ ޝަރީޢަތުގައި، މުސްލިމުންގެ މުދަލުން ޓެކްސް ނެގުމާމެދު ޢިލްމުވެރިންގެ ރައުޔު ހޯދުމަށް އިސްލާމީ ފިޤްހު އެކަޑަމީގެ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ އެކަޑަމީން މި ގޮތަށް ފަތުވާ ނެރެފައިވަނީ މިދިޔަ މަހުގެ 22 ގަ އެވެ.
ފިޤްހު އެކަޑަމީން ބުނެފައިވަނީ، ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މި މައްސަލައާ ގުޅޭގޮތުން އެ އެކަޑަމީގެ މެމްބަރުން ދިރާސާކޮށް، މިއަދުގެ އިސްލާމީ ދުނިޔޭގައި ތިއްބެވި ފުންނާބުއުސް ޢާލިމުންގެ ތަފާތު ރައުޔުތަކަށާއި ފަތުވާތަކާމެދު ބަހުޘްކުރެއްވި ކަމަށާއި، ވަކި ޝަރުޠުތަކެއްގެ މަތިން ޓެކްސް ނެގުން ހުއްދަވާނެ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން، ޢާއްމު ރައްޔިތުންގެ އަތުން ދައުލަތަށް ޓެކްސް ނެގޭނީ އެބައިމީހުންގެ ޟަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި، ޟަރޫރަތް ނިޔާކުރާ މިންވަރެއްގެ ތެރޭގައި ކަމަށާއި، އެއީ ދައުލަތުގެ ބައިތުލް މާލުގައި ފުދޭމިންވަރަށް ފައިސާނެތި، ޓެކްސް ނަގައިގެން މެނުވީ ޚަރަދުތައް ފޫބެއްދޭނެ އެހެން އެއްވެސް ގޮތެއް ނެތުމުންކަމަށް ފިޤްހު އެކަޑަމީން ބަޔާންކުރެ އެވެ. އަދި މިފައިސާ އިންވެސްޓް ކުރުމުގައި އިސްލާމްދީން ހުއްދަކުރާ ދާއިރާގެ ތެރޭގައި ޢަދުލުވެރިކަމާއެކު ޚަރަދުކުރުން ހިމެނިގެންވާ ކަމުގައި ފިޤްހު އެކަޑަމީގެ ފަޠުވާގައި ބަޔާންކޮށްފައިވެ އެވެ.
މި ފަޠުވާގައި ސޮއިކުރައްވާފައިވަނީ ފިޤްހު އެކަޑަމީގެ ރައީސް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދާއި، ނައިބު ރައީސް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފާއި، މެންބަރުން ކަމުގައިވާ އައްޝައިޚް އިބްރާހީމް ރަޝީދު މޫސާ އާއި، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، އައްޝައިޚް ޙަސަން ސަޢީދާއި، ޑރ. އަޙްމަދު ޒިޔާދު ބާޤިރާއި، އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އާއި، އައްޝައިޚާ މަރްޔަމް ޝަބާނާގެ އިތުރުން އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް އެވެ.
ޚަބަރާގުޅޭ ލިންކް :
ޓެކްސް ނެގުމާބެހޭ ގޮތުން ރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީން ނެރުނު ފަޠުވާ
ޚިޔާލު